އަދުގެ ޚާއްސަ

Print

އިރުގެ ދަތުރުނާމާއިން ދުވަހެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ޢަލީ ޚާލިދު، ފިޔާތޮށިވިލާ، ސ.ހިތަދޫ 

 

އަންނަކަމުގެ އިޝާރާތް ދުވަހުގެ 'ގާއިދު' ކޮށްފިޔެ،

     އަންނަކަމުގެ ލިސާންތައް ފަޖުރުންވެސް ފާއްދައިފިޔެ،

          ތަންމަތިން ތެދުވެ ތިބީން، ސަފުތައް ގާއިމުކޮށްފިޔެ،

                   ވަންތަ ކީރިތިރައްބަށް ފަތިހުގެ އަޅުކަން ކޮށްފިޔެ.

ބިމުތިބީން 'ސަރުދާރާ'، ބައްދަލުވާން ހެލިގެންފިޔެ،

     އިމުވުމަށް ބައްދަލުވުން އެދި މެ ދުއާވެސް ކޮށްފިޔެ، 

           ބިމުގެ އަޝްޖާރުތަކާ ވައި، ފެންވެސް ބައިވެރިވިޔެ

                  އިޚުވަތުންނޭ ބުނެ އެންމެންގެ އަތާއަތް ގުޅުވައިފިޔެ.

ގަސްގަހުގެ ގޮފި ހެލެމުން ނަޣުމާތައް އިއްވައިފިޔެ،

     ޝަބްނަމުގެ ގިންދީލުން ގަސްކަރަ ހުޅުދާން ކޮށްފިޔެ،

           ވަސް މަލުގެ، ބާދެސަބާއާ ގުޅިގެން، ފަތުރައިފިޔެ،

                  މަސްތުކުރުވާ އަސަރެއް ފަތިހުގެ ފިނި ގެނުވައިފިޔެ.

އިރުމަތީ ކަނޑުގެ ސަޠަޙް އޭގެ ޝަރާރާ ދީފިޔެ،

      ދިހުމަކާ އެކު  ނަށަމުން ބާނި ވަޔާ ކުޅެލައިފިޔެ،

           މިއުޒިކީ މަހުނަގުލުގެ ޑަޑަނުން ކަނޑު ގުގުމައިފިޔެ،

                   ވިދުކަނީ އަސަރުތަކުން ލޯ ތަރަތަރަ  ޖައްސައިފިޔެ.

ރަތުރަނުގެ ކުލަކުލައިން ޝާހީ އުޑު އުއްތައިފިޔެ،

      ހަނދު ލަދުން ކެތްނުވެގެން މޫނުގެ އަލި ފޮރުވައިފިޔެ،

           ނަތުތަކާ، ހެދިރަނުގައި، އުޑުގެ ވިލާ ނިކުމެއްޖެޔެ،

                   'ވެލްކަމު' ގެ ފަހުނޭވާގައި އެންމެން ފިނި ވެއްޖެޔެ.

އިރު، ފެނުން ތޮޅިލާފާ،  އޭގެ  ޙަރާރާ  ދީފިޔެ، 

      ހިތުގެ އުއްމީދުތަކަށް  އާރޯކަން ގެނުވައިފިޔެ،

           ބިރުތަކާ، ހީ ފިލުވައި، ރޭގެ އަނދިރި ފޭ ކޮށްފިޔެ،

                   ނިޢުމަތުން ފުރިގެންވާ  އާ ދުވަހެއް ނެރެލައިފިޔެ.

ކާރުޚާނާ ކައުނުގެ، ރޯދީގައި އުޅެފެންފިޔެ،

      ވާރެޔާ، ކަނޑު،  ކޯރުން  ދީލަތި  ދިނުމެއް  ދީފިޔެ،

           ބާރުލާފައި  އެންމެން  ޑިއުޓީގައި   އުޅެގެންފިޔެ، 

                   ގާއިދު ގެ  ގާބިލުކަން، ޣާޔަތުގައި  ދައްކައިފިޔެ.

އިރުގެ ގަދަހޫނު ޝުޢާޢުން މުޅި ބިން ދޮންކޮށްފިޔެ،

      ރިހުމަކާ ދިލަވޭނެއް ބިމުގެ ތިބީންނަށް ދީފިޔެ،

           އިރުގެ ހުރި އާރާއި ބާރުގެ ގަދަކަން އަންގައިފިޔެ،

                  ވިސްނުމެއް ހުރި ބަޔަކަށް، އެއްޗެއް ވިސްނައިދީފިޔެ.

ދިން އެ ހޫނުޝުޢޫރުން މިލި އަސަރަށް، ދޫ ދީފިޔެ،

      ފިނިހަވީރަށް ދުވަހުގެ މެންދުރުވެސް ތަންދީފިޔެ،

           ބިންގަނޑާއި އަހުލުވެރިން ފުންނޭވާއެއް ލައިފިޔެ،

                  މިންވަރަށް ރުހި އެންމެން އަޞުރުގެއަޅުކަން ކޮށްފިޔެ.

އިރުއަރައި އޮސްފުހުމުގެ ގޮތްގަނޑު ބަލަ އެއްގޮތްމެޔެ،

      ހިތުތެރޭގައި އެހެނަސް ފޫހިކަމެއް ހަމަ ނޯވެޔެ،

           ފިޠުރަތީ ރީތި އެ ފީތާ  ދެކިލަން  ދާހިތް  ވެޔެ،

                  ހިތުގެ  އުފަލަށް އެ މަނާޒިރު  ޔައުމީ  ބޭނުންވެޔެ.

މަސްތުކުރުވާ އަސަރީ ފިނި ރޯޅިން ފެންވަރަމުން،

      ހިތްތަކަށް މާހައުލުގެ މީރުކަމުން ޛަޥްޤު ދެމުން،

            ކަސްރަތީ ހިނގުމެއްގައި އެންމެން ރަކަރަކަ ޖަހަމުން،

                  'ޤާޢިދަށް'  ކުރިމަތިލައި  ތަޥްދީޢަށް   އެއްވެއްޖެޔެ.

ރޭދުވާ ދައުރުވުމުގެ އެއްބުރު އިރު ނިންމައިފިޔެ،

      ދޭހުގައި ދެން އޮތް ދަތުރުގެ މިޞްރާބު ހިފައިފިޔެ

            ރޭހުގައި ދަތުރު ހަޔާތުގެ އޮތް ގޮތް އަންގައިފިޔެ، 

                   ރޭދުވާ  ހެއްދެވި ރައްބުގެ  ގުދުރަތު  ދައްކައިފިޔެ.  

ދަތުރުގައި އިރު މިކުރާ ސިއްރުތަކެއް ގިނަ ވޭމެޔެ،

     ފިކުރު ހިންގާ ހިތަކަށް ލައްކަ ދަރެސް ލިބިދޭމެޔެ،

           އަތު ނުވާހައި ފުންކަން އެ ދަރެހުގައި ހިމެނޭމެޔެ،

                  މިތުރުނޭ މިކަމާމެދު  ފިކުރު ނުކޮށް  ވާން ނެތްމެޔެ.

             __________________________

އިދާރާ

ވާހަކަ