Print

ފައިސާއަޅާ ގަހުގެ ވާހަކަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހައިލިއެވެ. ދުވަސް ގަނޑެއްކޮށްލައިފައި މާރިނު އަހަރުމެންގެއަށް މިއައީ އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ؟ ދެން އަލިފުޅުބޭ ބުންޏެވެ. މާރިނަކީ ކުޑައިރުގެ އަހަރެންގެ ރައްޓެއްސެއް ނޫން ހެއްޔެވެ؟ އެހެންވެ، ސަލާން ގަލާންކޮށްލައި، ކަލާމުކޮށް ހާލުއަހުވާލު ބަލައިލާން ރައްޓެހިން އަންނާނެ ނޫން ހެއްޔެވެ؟

ހައްވަ ދައިތަ ނުރުހުމުގެ ޗޮކެއް ކަނޑާލާފައި މަލާމާތުގެ ރާގެއްގައި ބުންޏެވެ. ހާލުއަހުވާލު ބަލާލަން ރައްޓެހިން އަންނަނީ ފަސްއަހަރުން އެއް އަހަރު ދޯއެވެ؟ މިދިޔަ އަހަރު، ތަގޭ ބަލިވެ، ދެންމެ ދެންމެ މަރުވެދާނެހެން ހީވެގެން އުޅުނު އިރު، އަދި ރަށު އެންމެން މިގެއަށް ތަގޭ ހާލު ބަލަން އައިރު މާރިނު ކޮބާ ހެއްޔެވެ؟ މާރިނު އުޅުނީ ހަމަ ގަދަފަދަ ކޮށް ހެޔޮހާލުގަ ނޫން ހެއްޔެވެ؟ އެގޭން މިގެއަށް އަންނަން ފަސް މިނިޓަށް ވުރެ ގިނައިރެއް ނުނަގާނެއެވެ. އެދުވަހު ނައިއްސައި މާރިނުގެ މިއަދުގެ ތިއައުމަކީ ރަހުމަތްތެރި ކަމުގެ ޒިޔާރަތެއް ކަމުގައި މަށެއްވާ ގަބޫލެއް ނުކުރާނަމެވެ.

ހައްވަ ދައިތަގެ ވާހަކަ އަޑުއަހާލާފައި އަލިފުޅުބޭ ކުޑަކޮށް ވިސްނާލިއެވެ. އަދި، އިތުރު އެއްޗެއް ބުނުމުގެ ކުރިން، މާޒިގެ ދުވަސްތަކުގެ މަތިން ހަނދާންކޮށްލިއެވެ. އަލިފުޅާ މާރިނަކީ އެއްދުވަސްވެރެއްގެ އެއް އުމުރެއްގެ ދެމީނުންނެވެ. ކުޑައިރުގެ ދެ ރައްޓެހިންނެވެ. އިސްކޫލުގައި ވެސް އުޅުނީ ވަރަށް ގާތްކޮށެވެ. އުޅެބޮޑުވީ އެކުގައެވެ. ހަޔާތުގެ ކަންތައް ނިޔާކުރި ގޮތުން، އަލިފުޅުބޭ އުޅުނީ ރަށުގައި މަހަށްދާށެވެ. ރަށު އިސްކޫލު ނިންމާފައި މާރިނު ދިޔައީ މާލެއަށް އިތުރަށް ކިޔަވާށެވެ. އަދި އެއަށް ފަހު ބޭރަށް ގޮސް ކިޔަވައިގެން މޮޅުވެގެން، އަހަރުތަކެއްކޮށްފައި ރަށަށް އެނބުރިއައެވެ. އަދި، ރަށު އޮފީހުގައި މަސައްކަތް ކުރަން ފެށިއެވެ. އޭރު ރަށު ބޮޑު ކަތީބަކަށް ހުރީ މާރިނު މަންމަ ފަރާތު ތިމާގެ މީހެއް ކަމަށް ވުމުން، ރަށު އޮފީހުން ރަނގަޅު ވަޒީފާއެއް ހޯދުމަކީ މާ އުނދަގޫ ކަމަކަށް މާރިނަކަށް ނުވިއެވެ. ދެން، އޮފީހުގައި މަސައްކަތްކުރަމުން އައިސް، ވަޒީފާގެ ކުރިއެރުން ލިބި، އެންމެ ފަހުން ރަށުގެ ކަތީބުކަން ވެސް ލިބުނެވެ. އަދި، އޮފީހުގައި ސާޅީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، މުސްކުޅިވުމުން، އިސްތިއުފާދީ ވަޒީފާ ދޫކޮށްލީއެވެ. ވަޒީފާއިން ވަކިވިއިރު، މިހާރު، ރަށު އެންމެން ވެސް ކިޔާ ގޮތުންނަމަ، މާރިނުބޭ ހުރީ ވަރަށް ބޮޑު މަހުޖަނަކަށް ވެފައެވެ. މިލިޔަނުން މިލިޔަނުން ރުފިޔާއާއި ޑޮލަރާއި ފައުނު މާރިނުބޭގެ ގޭގައި ބަހައްޓާފައި ހުންނަ ތިޖޫރިއެއްގައި ރައްކާކުރެވިފައި ހުރި ކަމުގެ ވާހަކަ ރަށުތެރޭ އެންމެން ވެސް ދައްކައެވެ.

އަލިފުޅުބޭ ވެސް މިހާރު ހަތްދިހައިގެ އަހަރުތަކަށް އެޅިފައި ހުރިއިރު، މަސްވެރިކަންދޫކޮށްލާފައި ގޭގައި އަންހެނުންނާއެކު އުމުރުގެ އަސުރުގެ ޒަމާނުގެ ދުވަސްތައް ގުނަމުންދަނީއެވެ. މުސްކުޅިންނަށް ސަރުކާރުންދޭ ފައިސާއާއި ދަރިންގެ ވެސް އެހީގައެވެ. މާބޮޑު ތަނަވަސް ކަމެއް ނެތް ނަމަވެސް، ހިތް ހަމަޖެހިގެން ސަލާން ނުޖަހާ އުޅެވޭ ވަރުވެއެވެ. މާރިނުބެއާއި އަލިފުޅުބެއަކީ ކުޑައިރުގެ ރައްޓެހިން ކަމުގައި ވިޔަސް، ބޮޑުވެ މީހުނާ އިނދެ ކުދިން ލިބި، ދިރިއުޅުމެއް ފެށިގެން ދިޔަ ދުވަސްވަރު، ދެމީހުންގެ ދާއިރާ ތަފާތުވުމުން އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ބޭއްވޭ ގޮތެއް ނުވެއެވެ. ރުޅިއަކުންނޭނެވެ. ދާއިރާ ތަފާތުވެފައި، އަދި، ފަހުން، ދެމީހުންގެ އިޖުތިމާހީ ހާލަތާއި މުޖުތަމައީ މަގާމުވެސް ތަފާތުވުމުންނެވެ. މަހުން ފައިބައިގެން އަންނައިރު، އަތިރިމަތިން ފެންނަ ފަހަރެއްގައި ނިތްއަރުވާލުމުގެ އިތުރުން މާބޮޑު ވާހަކައެއް އަލިފުޅުބޭ މާރިނަކާ ނުދައްކައެވެ. އަލިފުޅުބޭމެންގެ ގެއަކީ ވަރަށްވެސް އާދައިގެ ގެއަކަށް ވުމުން އެގެއަކީ، މާރިނު މެންފަދަ ރަށުގެ ވެރިންނާއި ފައިސާވެރިން އާންމުކޮށް ޒިޔާރަތްކޮށް އުޅޭ ގެއަކަށް ވެސް ނުވެއެވެ.

ކޮންމެއަކަސް ހައްވަދައިތަގެ ސުއާލާ މެދު، އަލިފުޅުބޭ ވިސްނައިލިއެވެ. އޭނާ އެބުނީ ދޮގެއް ނޫނެވެ. މި ގެއަކީ މާރިނު އެއް ގޮތަކަށް ވެސް އައިސް އުޅޭ ގެއެއް ނޫނެވެ. އަލިފުޅުބެ ހިތާހިތާ ބުންޏެވެ. އެހެންވެ، ހައްވައަށް ވެސް އެ ބުނި އެއްޗެއް ބުނެވިދާނެތާއެވެ؟ ދެން، ހައްވަދައިތައާ މުޚާތަބުކޮށް އަލިފުޅުބޭ ބުންޏެވެ. އާނއެކެވެ! މާރިނު މިއަދު އައީ ކޮންމެހެން ހާލުއަހުވާލު ބަލައިލައި ކަލާމުކޮށްލާކަށް ނޫނެވެ. ރަށުގެ ހުރިހާގެއަކަށް އެނގެންޖެހޭ މުހިއްމު ވާހަކައެއް އަންގައިދޭށެވެ. އިހަށް ދުވަހު ރަށުގެ ބޯހިމެނުން ކުރިއަށް ގެންދިޔައިރު، ރަށުގެ މުއްސަނދިކަމާއި ތަނަވަސްކަން ހުރީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން، ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަތުގައި ހުރީ ކިހާ ފައިސާއެއްކަން ބުނަން ޖެހުނު ނޫން ހެއްޔެވެ؟ އެހެންވެ، މާރިނު ވެސް އޭނާ އަތުގައި ހުރި ފައިސާގެ ވާހަކައާއި އެ ފައިސާ ގުނައި އަދަދުކޮށް، އެ އަދަދު ބޯހިމެނުމުގެ ފޯމުގައި ލިޔުނެވެ. ވަރަށް ވެސް ތެދުވެރިކަމާއެކު، އޭނަގެ އަތުގައި، ފައިސާގެ ދެތިން ވައްތަރަކުން ސަތޭކަ މިލިޔަން ހުރި ވާހަކަ ލިޔުނެވެ. ރުފިޔާއިންނާއި ޑޮލަރުންނާއި އަދި ފައުނުން ވެސް ސަތޭކަ މިލިޔަން ހުރި ވާހަކަ އޭނާ ހާމަކުރިއެވެ.

އަލިފުޅުބޭގެ ވާހަކަ އަޑުއަހައިފައި ހައްވަދައިތަ ބުންޏެވެ. ދެން މި ގެއަށް އައިސް، ތަގޭ ގާތު އެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޖަވާބުގައި އަލިފުޅު ބުންޏެވެ. އޭނާ އަންނަން ޖެހުނީ މިހެން ވެގެންނެވެ. އޭނާ އަތުގައި ހުރި ފައިސާގެ އަދަދުތައް ބޮޑު ކަމުން، ބޯހިމުނުމުގައި މަސައްކަތް ކުރާ އޮފިޝަލުން ވިދާޅުވީ، ބޯހިމެނުމުގެ މައުލާމާތުތައް އާންމުކުރުމުން، އެހާ ގިނަ ފައިސާއެއް މާރިނު ހޯދި ގޮތަކާ ބެހޭ ގޮތުން، ރަށުގެ މީހުން ފާޑުފާޑުގެ ވާހަކަދައްކަން ފަށައިފާނެކަމެވެ. އެހެންވެ، ބޯހިމެނުމުގެ މައުލޫމާތު އާންމުކުރުމުގެ ކުރީން، ރަށު އެންމެންގެ ބުއްދި ވެސް ގަބޫލުކުރާނޭ ފަދަ ގޮތެއްގައި، މާރިނު އެ ފައިސާ ހޯދީ ކިހިނެއްކަން ރަށުގެ ކޮންމެ ގެއަކަށް ގޮސް ކިޔައި ދޭން ބޯހިމެނުމުގެ މަސައްކަތްކުރި އޮފިޝަލުން މާރިނަށް ލަފާދިނެވެ. އެހެންވެ، މި ގެއަށް ވެސް އައިސް އަހަންނަށް އެ ވާހަކަ ވަރަށް ރަނގަޅަށް ސާފުކޮށް ކިޔައިދިނީއެވެ. އަހަރެންގެ ބުއްދިގަބޫލުކުރާ ގޮތަކަށެވެ. މާރިނުބޭ އެ ގެއަށް އަންނަން ޖެހުނު ގޮތުގެ ހަގީގީ ސަބަބު، ހައްވައަށް އަލިފުޅުބޭ ކިޔައި ދިނެވެ.

އެހެންވެއްޖިއްޔާ މާރިނު އެ ފައިސާ ހޯދީ ކިހިނެއް ހެއްޔެވެ؟ އަހަރެން ގާތު ވެސް އަޅެ ނިކަން ބުނެބަލާށެވެ! އޭރުން އަހަރުމެންގެ ފުތަކަށް ވެސް، ހަލާލު ގޮތުގައި ފަސޭހައިން ފައިސާ ހޯދައި މުއްސަނދިވެވިދާނޭ ގޮތް ކިޔައި ދެވޭނެ ނޫން ހެއްޔެވެ؟ ހައްވަދައިތަ އަލިފުޅުބޭ ގާތު ބުންޏެވެ.

ދެން އަލިފުޅުބޭ ބުންޏެވެ. މާރިނުގެ ވާހަކައިގެ ޚުލާސާއަކީ އޭނާގެ ނަސީބު ރަނގަޅުވުމެވެ. އޮފީހުގައި މަސައްކަތް ކުރަމުން، ލިބޭ މުސާރައިން ދެކޮޅު ޖެއްސެނީ ހަމަ ކިރިޔާއޭ އޭނާ ބުންޏެވެ. އެހެންވެ، އިތުރު އާމްދަނީ އެއް ހޯދުމުގެ ގޮތުން ކޮންމެ ވެސް ކަމެއް ކުރުމުގެ ފިކުރު މާރިނު ވެސް ކުރި ވާހަކަ ބުންޏެވެ. ނަމަވެސް، އޮފީހުގައި މަސައްކަތްކޮށްފައި ދެން އިތުރު ކަމެއް ކުރާނޭ ވަގުތެއް ނޯންނަކަމަށް ވެސް މާރިނު ބުންޏެވެ. ދެން އެހެން އުޅެނިކޮށް އެއްރެއަކު މާރިނަށް ހުވަފެނެއް ފެނުނީއެވެ. އެ ހުވަފެނުގައި ފަގުޑިއެއް އަޅުއްވައިގެން ހުންނެވި ބޭކަލަކު އިރުޝާދުދެއްވީ ގޭގައި ފައިސާގެ ތިން ގަސް އިންދުމަށެވެ. ރުފިޔާ އަޅާ ގަހަކާއި ޑޮލަރުއަޅާ ގަހަކާއި ފައުނުއަޅާ ގަހެކެވެ. ދެން އެގޮތަށް އޭނާ ކަންތައް ކުރިއެވެ. އަދި މި ތިން ގަސްވީ އަހަރު ދެކޮޅު ވިހާ މީހަކަށް ވުރެ ވެސް ރަނގަޅަށް ދުވާލު ދެކޮޅު މޭވާގަންނަ ތިން ގަހަށެވެ. ދެން، މާރިނު ކޮންމެ ދުވަހަކު ހެނދުނު ތެދުވެފައި ތިން ގަހުން ފައިސާގެ މޭވާ ބިނދެއެވެ. ރުފިޔާއާއި ޑޮލަރާއި ފައުނެވެ. އަދި އޮފީސް ނިންމައިފައި އައިސް، ހަވީރު ވެލުމުން، އަނެއްކާ ވެސް ތިން ގަހުން މޭވާ ބިންނަނީއެވެ. ހަމަ ރުފިޔާއާއި ޑޮލަރާއި ފައުނެވެ. އަހަންނަށް އެ ތަނުން ގަހެއްގެ ފޮޓޯއެއް ވެސް ދެއްކިއެވެ. ދެން، ސަރުކާރުގެ ވަޒީފާއިން އިސްތިއުފާ ދެންދެން، މި ގޮތަށް، ފައިސާގެ އެ ތިންގަހުގައި ފައިސާ އަޅާތީ، ފައިސާ ބިނދެ ފައިސާ އެއްކުރީއެވެ. އަދި، ގެއަށް ތިޖޫރިއެއް ގެނެސް ގަސްތަކުން ލިބުނު ހުރިހާ ފައިސާއެއް ރައްކާކޮށްފައި ބެހެއްޓީއެވެ. މާރިނު ކިޔައި ދިން ގޮތުގައި، ވަރަށް ވެސް އަޖައިބުކުރުވަނިވި ކަމެއް ދިމާވިއެވެ. އޮފީހުގެ ވަޒީފާދޫކޮށްލައިފައި އައި ދުވަހު، ތިން ގަސް ވެސް ހުރީ މިލައި މޯޅިވެފައެވެ. ފަތްތަކާއި ގޮފިތައް ވެސް މުޅީން ހިކި، އަނަރޫފަވެފައެވެ. ދެން އެންމެ ފަހުން، ތިން ގަސް ވެސް މަރުވީއެވެ. ނަމަވެސް، މާރިނު އުފާ ވެސް ކުރިއެވެ. ސަބަބަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި، ފައިސާ ބިނދެ އެއްކުރެވުނީތީއެވެ. އަދި، އޭނާގެ ތިޖޫރީގައި ކޮންމެ ވައްތަރަކުން ސަތޭކަ މިލިޔަން ޖަމާކުރެވުނީތީއެވެ. ދެން، އަހަންނަށް ވެސް ވިސްނުނެވެ. ހައްވަދައިތަ ގާތު އަލިފުޅުބޭ ބުންޏެވެ. މާރިނު މުއްސަނދިވީ ފައިސާގެ މި ގަސްތަކުން ލިބުނު ފައިސާގެ މޭވާއިންތާއެވެ. މާރިނު ކަންތައް އެކުރީ ރަނގަޅަށެވެ. މި ވާހަކަ ރަށު އެންމެނަށް ކިޔައިދިނުމުން މާރިނު މުއްސަނދިވީ ގޮތް އެންމެނަށް ވެސް ސާފުވާނެއެވެ. އަދި، މާރިނު މުއްސަނދިވުމުގައި އެއްވެސް ގޯހެއް ނެތްކަން ވެސް އެންމެން ގަބޫލުކުރާނެއެވެ. މި ކަމާ ބެހޭ ގޮތުން ހައްވަގެ ބަހަކީ ކޮބާ ހެއްޔެވެ؟ އަލިފުޅުބޭ ހައްވަދައިތަ ކުރެން އަހައިލިއެވެ.

"މާރިނު އެކިޔައި ދިނީ ހަމަ ހަމަބުއްދި ގަބޫލުކުރާ ވާހަކައެކެވެ." ހައްވަ ދައިތަ ބުންޏެވެ. [މޮޔައެއް ނޫނީ މިފަދަ ހަމަޖެހޭ ވާހަކައަކަށް އިންކާރެއް ނުކުރާނެއެވެ. އަހަރެން އެންމެ އުފާކުރަނީ އަހަރުމެންގެ ރަށުގައި އަހަރުމެންގެ ތެރޭގައި މޮޔައިން ނޫޅޭތީއެވެ. އަހަރުމެން އެންމެންނަކީ ވެސް ހަމަ، ސަލާމަތުގެ ސިކުނޑިތަކެއް ލިބިފައިވާ ބަޔަކަށްވާތީއެވެ. އިއްޔެ އަހަރުމެންގެ ސިކުނޑިތަކަށް، ނުވަދިހަ މިލިޔަންއަކީ ފައްސަތޭކަ މިލިޔަނަށް ވުރެ ބޮޑު އަދަދެއްކަން ވިސްނުނެވެ. ކުރީ ދުވަހު، އަޅުވެތިކަމަކީ މިނިވަންކަން ކަމުގައި ވެސް އަހަރުމެންނަށް ގަބޫލުކުރެވުނެވެ. މި ކަންކަމީ ސާފު ސީދާ ތެދުކަމާމެދު، ކުޑަވެސް ޝައްކުކުރުމަކާ ނުލައި، އަހަރުމެންގެ ސިކުނޑިތައް މި ކަންކަން ބަލައިގަނެ ތެދުކުރިއެވެ. އެހެންވީމާ، ދުވާލު ދެއިރަށް ފައިސާގަންނަ ގަސް ގަސް ހެދޭނޭކަން ވެސް މިއަދު އަހަރުމެންނަށް ގަބޫލުކުރަން ދަތިވާނީ ކީއްވެ ހެއްޔެވެ. އަހަރުމެންގެ ސިކުނޑީގެ ތަނަވަސްކަމާއެވެ! އަހަރުމެންގެ ހަކީމުވެރި ވެރިޔާ އެވިދާޅުވީ ހަމަ ހައްގު ތެދުފުޅެކެވެ. އަހަރުމެން މި ތިބީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ ހަމަ އެއް ސަފުގައެވެ. އަހަރެން ބުނާނީ އަހަރުމެން މިތިބީ އެފަދަ ގައުމުތަކުގެ މީހުންނަށް ވުރެ ވެސް އެއްދަރަޖަ މަތީގައި ކަމެވެ. އެ މީހުންނާ ޚިލާފަށް، އަހަރުމެންގެ ސިކުނޑިތަކަށް، އާދައިގެ އިންސާނުންގެ ހަމަ ބުއްދި ގަބޫލު ނުކުރާނޭ ކަންތައްތައް ގަބޫލުކުރުމުގެ ގާބިލުކަމާއި ތަނަވަސްކަން ލިބިފައެވެއެވެ. އެހެންވީމާ އަހަރުމެންނަކީ އާދައިގެ މީހުންނެއް ނޫނެވެ! އެއަށްވުރެ މޮޅު ބަޔެކެވެ. މި ކަމުގެ ހުރިހާ މޮޅެއް ހައްގުވަނީ އަހަރުމެން ކައިއުޅޭ ހުސްބުޅީގައި ގަންނަ މަސްކަމަށް ވެސް ވެދާނެއެވެ! ޝުކުރުގެ ކޮޅެއް ވެސް ނެތެވެ!] ހައްވަދައިތަ ދެކޭ ގޮތް ބުނެ އޭނާ ވާހަކަކޮޅު ނިންމައިލިއެވެ.

__________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ