އަދުގެ ޚާއްސަ

Print

މަގުމަގާއި ތަންތަނަށް ނަންދިނުމުގައި ބަލާނެ ހަމައެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

 

 ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މަގުމަގާއި ތަންތަނަށް ނަން ދިނުމުގެ ތަހުޒީބީ ހަމަޔަކީ، އަދި ސަގާފީ ގޮތުން ފެންނާން އޮތް ހަމައަކީ ވެސް ރަށެއް ނުވަތަ ތަނެއްގެ އިސް ރަށްވެހިންކުރެ އިސްކަން ލިބިފައިވާ ބޭބޭކަލުންނާއި ކަނބަނބަލުންގެ ނުވަތަ ބޭބޭފުޅުންގެ ނަންފުޅުތައް ދިރުވައި ދެމެހެއްޓުމުގެ މައްޗަށް އިސްކަން ދީގެން ކުރާ ކަމެއް ކަމުގައި އެކަން އޮތުމެވެ. މި ދެންނެވިބަހުގެ ހެކިތައް ފުރަމާލެއިން އެހެރީ ފެންނާށެވެ. ގިނަ މަގުތަކާއި މުހިންމު ޢިމާރާތްތަކަށް ދެވިފައިވާ ނަންނަމުން މި ދެންނެވި ހަމަ ރީތިކޮށް ފެންނާން އެބަ ހުއްޓެވެ. އަޅުގަނޑު ބައެއް މިސާލު ވެސް ދަންނަވައިލާނަމެވެ.

މަޖީދީމަގު ޢަބްދުލްމަޖީދު ދީދީ ރަންނަބަޑޭރި ކިލެގެފާނުގެ ނަންފުޅަށް ނިސްބަތް ކުރެވިފައިވެއެވެ. އަމީނީމަގު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅަށް ނިސްބަތް ކުރެވިފައިވެއެވެ. ޝަހީދުޢަލީހިނގުން އަލިރަސްގެފާނުންގެ ނަންފުޅަށް ނިސްބަތް ކުރެވިފައި ވެއެވެ. ކަނބާއައިސާރަނި ހިނގުން ކަނބާޢައިޝާގެ ނަންފުޅަށް ނިސްބަތް ކުރެވިފައިވެއެވެ. ފަރީދީމަގު މުޙައްމަދު ފަރީދުލް އައްވަލްގެ ނަންފުޅަށް ނިސްބަތް ކުރެވިފައި ވެއެވެ. މަދަރުސާ ތަކުގެ ނަންތަކަށް ބަލާއިރު އަމީނިއްޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، ތާޖުއްދީން ސްކޫލް، ދަރުމަވަންތަ ސްކޫލްގެ ނަންތައް ފެނެއެވެ. މިސްކިތްތަކުގެ ނަންތަކަށް ބަލާއިރު، ބިހުރޯޒުކަމަނާ މިސްކިތް، މަސްޖިދުއް ސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ފަދަ ނަންފުޅުތަކުން ނަންދެވިފައި ވާތީ ފެނެއެވެ.

ރަށްރަށުގެ މަގުތަކާއި މުހިންމު ތަންތަނުން މިކަންކަން ފެންނާން ނެތަމަ އޭގެ ސިއްރެއްކަމުގައި ތަހުޒީބީ މީހުންގެ ވިސްނުމަށް ވެރިވާނީ އެބަޔަކީ، މަދަނިއްޔަތާއި ތަމައްދުންގެ ގޮތުންނާއި ކުރިއެރުމެއްގެ ޙަޟާރަތެއް އެބައެއްގެ އިސްވެ ގޮސްފައި ނެތް ކަމުގައެވެ. އެކަމަކު އެހެން އެކަން ވެފައި އެހެރީ އެކަން އެހެން ހުރެގެނެއް ނޫނެވެ. ޢިލްމީ މަޙައްލު ތަކުން ދަރިވަރުންނަށް އެފަދަ ކަންކަން އުނގަންނައިދޭން ޖެހޭކަމުގެ ވިސްނުން ނެތި، ކޮންމެހެން ބޭނުންހިފަންޖެހޭ އަސާސީ މިންވަރު އުނގައިންނައި ދިނުމަށް އިސްކަން ދެވިފައި ވުމުގެ ސަބަބުންނާއި، ތާރީޚާއި ސަޤާފަތާއި އާދަކާދަ ފޯރުކޮށް ދެވިފައި ނުވުމުގެ ސަބަބުންނެވެ.

ސްކޫލް ކުދިންނަށް ތަޢުލީމީ ވުޒާރާގެ މުޤައްރަރުގައި އޮންނަ މިންވަރު ރަސްމީ ސިފައިގައި ފޯރުކޮށް ދިނުން ފިޔަވައި އެ ސުކޫލެއް މަދަރުސާއެއް ތަޢުލީމީ މަރުކަޒެއް ހުންނަ ތަށުގެ ނުވަތަ ތަނުގެ ސަޤާފަތާއި ތާރީޚާއި އާދަކާދަ، ކިޔަވައި ދިނުމުގެ ވިސްނުން، ކަންކުރާ ފަރާތްތަކުގެ ވިސްނުމާއި ހޭލުންތެރިކަމުގެ އޮނިގަނޑުގެ ތެރޭގައި ނެތަތީ، އެފަދަ ކަންކަން ވަޅުޖެހިފައި އޮތުމެވެ. ތަޢުލީމީ ދާއިރާގައި އިސްވެ ތިބޭ ބޭފުޅުންގެ ތަޢުލީމީ ކޮލިފިކޭޝަން ފިޔަވައި ތަޖުރިބާގެ އޮނިގަނޑުގެ ތެރެއިން އެފަދަ ކަންކަމަށް އިސްކަން ނުދެވި އޮތުމުގެ ނަތީޖާއިންނެވެ. 

އެ ހަމައިން ކަންކަން ދިރުވަން ބަލާނަމަ ބުރުންޏަކީވެސް އެ ނަންފުޅުތަކެއް ދިރުވައި ނެގެހެއްޓުން އައުލާ އެތައް ނަންފުޅެއް ރަށުގެ އިސް އިސްރަށްވެހިންގެ ތެރޭގައި ހިމެނޭ ރަށެކެވެ. ތަޢުލީމާ ތަމައްދުންގެ އަނދިރި ޒަމާންތަކެއް މާޒީވެފައިވުމުން، ތާރީޚާއި ސަޤާފަތު ދިރުވިފައި ނެތަތީ އެ ނަންފުޅުތައް ނޭނގުމެއްގެ ތެރެއަށް ގޮސް ވަޅުޖެހިފައި ވަނީއެވެ. އެއީ، އެފަދަ އަސަރުތައް ނެތިގެނެއް ނޫނެވެ. އަދި އެފަދަ ކަންތައްތައް ވެސް ނެތިގެނެއް ނޫނެވެ. ވިސްނުން ނުފޯރަނީއެވެ.

ބުރުނީގައި އެ ނަންފުޅުތަކެއް ދިރުވައި ދަމަހައްޓާން އައުލާ ނަންފުޅު ތަކުގެ ތެރޭގައި އަންނަނިވި ނަންފުޅުތައް ހިމެނެއެވެ.

1- ކޯލާޑީ ސައްޔިދު ކަލޭގެފާނު: (ބުރުނީ ރައްވެހިކަމުގައި ދިރިއުޅުއްވި އެންމެ އިސް އެއްފަރާތް): މިކަލޭގެފާނުންގެ ނަންފުޅަކީ، ބޭރުން އައިސް ރަށަށް އަރާ ބޭބޭ ފުޅުންގެ ލޮލުގައި އެ ބޭފުޅެއްގެ ނަންފުޅު އަޅައިގަންނާން ޖެހޭފަދަ މަތިވެރި ބޭކަލެކެވެ. ރަށު އޮފީސް ދޮރުމަތީ އޮންނަ ޢާންމުކޮށް ރަށުގެ އެއްގަމަށް އަރައި ފައިބާ މައިމަގަކަށް ދީފައި އޮތުން އެންމެ އައުލާ އެއް ނަމެވެ.

ކޯލާޑީ ސައްޔިދު ކަލޭގެފާނަކީ ބުރުނީގައި ކީރިތި ޤުރްއާނާއި ޢަރަބި ބަހާއި ދީނީ ތަޢުލީމާއި ނިޔަމިކަން އުނގަންނަވައި ދެއްވި އުސްތާޒެކެވެ. އޭރު ބުރުންޏަކީ ޢިލްމާއި ތަޢުލީމުގެ މަރުކަޒަކަށް ވެފައި އޮތީ ކޯލާޑީ ސައްޔިދު ކަލޭގެފާނުގެ ސަބަބުންނެވެ. ދިވެހިރާއްޖޭގެ ވަރަށް ގިނަ ވަޒީރުން ކޯލާޑީ ސައްޔިދު ކަލޭގެފާނުގެ ދަރިކޮޅުން އައިސްފައި ވެއެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން ކުރެއްވި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނަކީ ވެސް ކޯލާޑީ ސައްޔިދު ކަލޭގެފާނުގެ ބުރުނީ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. ރާއްޖޭގެ ވެރިކަމުގެ ދާއިރާގައި ހިމެނިފައިވާ އެތައް ބޭކަލުންނެއް ބުރުންޏާއި ގުޅިފައިވަނީ މިކަލޭގެފާނުންގެ ބުރުނީ ދަރިކޮޅާއެވެ.

2- ކަނބާފާނު: ކަނބާފާނު މި ނަން ނިސްބަތް ވަނީ، ބުރުނީ ކަނބާފާނު ނުވަތަ އަލްއަމީރާ އާމިނާ ކަނބާފާނަށެވެ. މިއީ ބުރުނީ ސިއްކަ ތަކުރުފާނުގެ ދަރިކަނބަލުންނެވެ. މި ކަމަނާއަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަނބިކަނބަލުންނެވެ. 18 ވަނަ ޤަރުނުގެ މެދުތެރޭގައި މުޅި ދިވެހިރާއްޖޭގެ ރަނިކަމަނާފާނެވެ. ޢިލްމުވެރި ބޭކަނބަލެކެވެ. ދިވެހި ބޭސްވެރިކަމަށް އަރައި ހުންނެވި ބޭކަނބަލެކެވެ. ރަސްގެފާނުގެ އަނބިކަނބަލުންނަށް ވުމަށް ފަހުގައި ވެސް އާއްމުންނަށް ހިލޭ ބޭސް ކޮށް ދެއްވިއެވެ.

3- ކިލެގެފާނު: މި ނަން ނިސްބަތް ވަނީ އަލްއަމީރާ އާމިނާ ކަނބާފާނު ނުވަތަ ބުރުނީ ކަނބާފާނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނަށެވެ. މި ކިލެގެފާނުގެ ބައްޕާފުޅަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނެވެ. ޣިޔާޘުއްދީނު ޝަހީދުވުމަށް ފަހުގައި ތުއްޕުޅު ކިލެގެފާނަށް ވެސް ނުރައްކާ ބޮޑުވުމުން ޣިޔާޘުއްދީނު ރަދުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ކޮޅަކަށް ފެނުނީ މާލެޔާ ދުރަށް ކިލެގެފާނު ފޮނުއްވުމަށެވެ. މި ގޮތުން ފުވައްމުލަކު ދެމަފިރިޔަކާ ހަވާލުކޮށް އެ ރަށަށް ކިލެގެފާނު ފޮނުއްވިއެވެ. ކިލެގެފާނު ބޮޑުފުޅުވުމުން ދައުލަތުން ކޮލި ލައްވައި، ދެކުނުގެ ތިން އަތޮޅުގެ ހުރިހައި ބާރަކާއި ވެރިކަމަކާއި ވާރެއްގެ މިލްކުވެރިޔަކީ ކިލެގެފާނު ކަމުގައި ހަމަޖެއްސެވިއެވެ. ބުރުނީ ކަނބާފާނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނަކީ މިހާރުގެ ޚާރިޖީ ވަޒީރު ޢަބްދު ﷲ ޝާހިދުއާއި މިހާރުގެ ނައިބު ރައީސް ފައިޞަލް ނަސީމު ފަދަ އިއްޒަތްތެރި އެތައް ބޭފުޅުންނެއްގެ ކާފާފުޅެކެވެ.

4- ބުރުނީ ސިއްކަ ތަކުރުފާނު: ބުރުނީ ސިއްކަ ތަކުރުފާނަކީ ކޯލާޑީ ސައްޔިދު ކަލޭގެފާނުގެ ދަރިކަލުންނެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަނބިކަނބަލުން އަލްއަމީރާ އާމިނާ ކަނބާފާނު (ބުރުނީ ކަނބާފާނު)ގެ ބައްޕާފުޅެވެ. އޮޑިވެރި ވިޔަފާރިވެރިއެކެވެ. ކޮންމެ އަހަރަކު ދެ މަހު ބުރުނީގެ ރައްޔިތުންނަށް ހިލޭ ކާބޯތަކެތި ބެއްސެވި ދީލަތި ބޭފުޅެކެވެ. ދިވެހިރާއްޖޭގައި އެ  ޒަމާނުގައި ސިއްކަޖެހުމުގެ ހުރިހައި ކަމަކާ ހަވާލުވެ ވަޑައިގެން ހުންނެވީ ބުރުނީ ސިއްކަތަކުރުފާނެވެ. ބުރުނީ މައުލޫދު ހަރުގެ ޣިޔާޘުއްދީނު ރަދުން އަޅުއްވައި ދެއްވުމުގެ ސަބަބަކީ ސިއްކަ ތަކުރުފާނުގެ ބާރުއެޅުއްވުމެވެ. މިއަދު އިޖްތިމާޢީ މަރުކަޒުގެ ގޮތުގައި ވީރާނާ ނުވެ ފެންނާން އެހެރަ ގަދަފަދަ ބިނާގެ ބާނީއަކީ ސިއްކަ ތަކުރުފާނެވެ.  

5- ކުރިނބީ ކަތީބު: ކުރިނބީ ކަތީބަކީ ބުރުނީ ބޮޑުކަތީބަކަމުގައި ގިނަ ދުވަސްތަކެއްގައި ހުންނެވި އިސް އިސްރައްވެއްސެކެވެ. އެނަންފުޅެއްގެ އަސަރު ބުރުނީގައި ފެންނާން ހުރުން އައުލާ ނަންފުޅެކެވެ. 

6-މުދިންގޭ މުޙައްމަދު: މުދިންގޭ މުޙައްމަދަކީ، ބުރުނީ މާ މުދިމުކަމުގައި ޢުމުރުފުޅު ވޭތުކުރެއްވި މާތް ޚުލްޤެއްގެ ވެރި ބޭކަލެކެވެ. ރަށުގެ އިސް އިސްރައްވެއްސެކެވެ. ރަށަށް ތަނަވަސްކަމާއި ބަރަކާތް އެދިލައްވައިގެން މިހާރު އެހެރަ ބުރުނީ ހުކުރުމިސްކިތް ބިންގާ އެލުއްވީ، ވިދިވިދިގެން 40 ދުވަހު އޭނާ ރޯދައަށް ހުންނަވައިފައި އޭނާގެ އަތްޕުޅުން އޭނާގެ މުދިމު ކަމުގައި އޭނާއެވެ. އޭނާގެ ނަންފުޅަކީ އުވިގެން ނުގޮސް ފެންނާން ހުރުން އައުލާ ނަންފުޅެކެވެ. 

7- މޫސުބޭ (ކުރިނބީ މޫސަ): މޫސުބޭ އަކީ، ބުރުނީ މުދިމުކަން ކުރެއްވި އިސް ބޭކަލެކެވެ. މަސްވެރރިކަމުގެ ކިޔެވެލި ކިޔެވުމުގައި މަޝްހޫރު ބޭކަލެކެވެ. ތ.އަތޮޅާއި ދ.އަތޮޅާއި މ.އަލޮޅުގެ ރަށްރަށުގައި މަސްވެރިކަމު ކިޔެވުމަށް ކެނޑިނޭޅި ދަތުރުކުރެއްވި ބޭކަލެކެވެ. ރަށުގެ އިސް އިސްރަށްވެއްސެކެވެ. އެދުރުގެއާއި ހުކުރުމިސްކިތާ ދެމެދުގައި އޮންނަ މަގަށް އޭނާގެ ނަމަށް ޚާއްޞަކޮށްލުން ފަދަ ކަމަކުން އޭނާގެ ނަންފުޅު ދެމެހެއްޓުން އައުލާއެވެ.

8- މުދިމް އިސްމާލުބޭ: މުދިމް އިސްމާލުބޭ އަކީ، އައްޑޫ މީދޫން ޢަރަބިކަލާމާއި ފިޤްހު ޢިލްމު އެންމެ ރަނގަޅަށް އުނގެނި ވަޑައިގެން ހުންނެވި، ބުރުނީގައި ދިރިއުޅުއްވި ހަމައެކަނި އެއް ޢިލްމުވެރިޔާއެވެ. ބުރުނީގައި އަަދާކުރެއްވި އިސް މަޤާމަކީ ބުރުނީ މާ މުދިމުކަމެވެ. މުދިމް އިސްމާލުބޭ އަކީ، ބުރުނީގެ އިސް އިސްރައްވެއްސެކެވެ. މިހާރު ބުރުނީގައި އޮތް ޖަންބުމަގަކީ އިސްމާލުބޭ އަމިއްލަ އަތްޕުޅުން ރުއްގަސް ކަނޑުއްވައި ބިޔަ ބުޑުތައް ނަންގަވައިގެން ކެނޑުއްވި މައި މަގެކެވެ. ބުރުނީގައި މިހާރު ތިއްބެވި ދޮށީ މީހުންނީ އެކަމުގެ ހެކިވެރީންނެވެ. ކަންމަތީގޭ ހުޅަނގު ކަންމަތީން ފެށިގެން ކަންމަތީގެ އާއި ފެންފިޔާޒުގޭ ކުރިމަތީން އިރަށް އޮންނަ މަގުގެ ނަން އޭނާގެ ނަންފުޅާއި ގުޅުވުން އައުލާއެވެ. 

9- މުދައްރިސް އާދަމްބޭ: މުދައްރިސް އާދަމްބޭ އަކީ އޭނާގެ ޒަމާނުގައި ދީނީ ޢިލްމާއި ޤުރުއާނާއި ލިޔަންކިޔުމާއި ޙިސާބު ޒަމާނަށް ފެތޭ މިންވަރަށް ބުރުނީގައި މަދަރުސާއެއްގެ ގޮތުގައި ތަނެއް އުފައްދަވައި  ތަޢުލީމު ބުރުނީގައި ދެއްވަން ފެއްޓެވި އިސް އިސްރައްވެއްސެކެވެ. ދިލާސާގެ އާއި ވަލުއާގެ އާއި ދެމެދުން ބާ އޮފީސް ދޮރުމަތީ އޮންނަ މަގުގެ ނަން އޭނާގެ ނަންފުޅާ ގުޅުވުން އައުލާއެވެ.

10- އައްޔުދޮންބެ: އައްޔު ދޮންބޭއަކީ، ރަށުގެ ބޮޑުކަތީބުކަމުގައި ދިގު މުއްދަތެއް ވޭތުކުރެއްވި ނަންފުޅު ދިރުވުން އައުލާ އިސް އިސްރައްވެއްސެކެވެ. ފިނިފެންމާގެއާއި ސުވޭހުގެ އާއި ދެމެދު ރޭނިގޭ އަތިރިން އޮންނަ މަގަށް އޭނާގެ ނަންފުޅުން ނަމެއް ދިނުން އައުލާއެވެ.

11- ކަތީބު ކަލޭފާނު: ކަތީބުކަލޭފާނަކީ ބުރުނީ ބޮޑުކަތީބުކަން ގިނަ ދުވަސްތަކެއްގައި އަދާކުރެއްވި ޚިދުމަތްތެރިއެކެވެ. ވެރިކަމުގައި ޢުމުރުފުޅުގެ ދުވަސްތައް ވޭތިކުރެއްވި އިސް އިސްރައްވެއްސެކެވެ. ކަރަންކާގެއާއި ނޫރާނީގެއާއި ދެމެދު އޮންނަ މަގުގެ ނަން އޭނާގެ ނަންފުޅާއި ގުޅުވުން އައުލާއެވެ.

12- ނައިބުކަލޭފާނު: ނައިބުކަލޭފާނަކީ ބުރުނީ ނާއިބުކަމުގައި ޢުމުރުފުޅުގެ ދުވަސްތަކެއް ވޭތުކުރެއްވި އިސް އިސްރައްވެއްސެކެވެ. އޭނާގެ ނަންފުޅު އުވިގެން ނުގޮސް ދެމިހުރުން އައުލާ ނަންފުޅެކެވެ. ނިވައިދޮށޫގޭ ދޮށުގޭ ހުޅަނގު ކަންކަމަތިން ފެށިގެން މިރުސްގޭ އިރުމަތީ ކަނާއި ދެމެދުގެ މަގު އޭނާގެ ނަންފުޅާ ގުޅުވުން އައުލާއެވެ. 

13- ރާމިޒު ކަތީބު: ރާމިޒުކަތީބަކީ ބުރުނީ އިސް މުދިމުކަމާއި ކުޑަކަތީބުކަމާއި ބޮޑުކަތީބުކަމާއި އިމާމުކަން ކުރެއްވި، މުޅި ޢުމުރުފުޅު ބުރުންޏަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނެވި ހިތްޕުޅާއި ޚުލްޤުފުޅު ހެޔޮ ސަމާސާ މިޒާޖުގެ ވެރި ޚިދުމަތްތެރި ބޭފުޅެކެވެ. ކިޔަވައި ދެއްވުމުގެ ދައުރު ވެސް އަދާކުރެއްވި އިސް އިސްރައްވެއްސެކެވެ. ބުރުނީ ޣާޒީމަގުގެ އުތުރުފަޅިން ވެޔޮގެއާއި ހުދުހުދާގޭ އިރުމަތީ އޮތް މަގުގެ ނަން އޭނާގެ ނަންފުޅާއި ގުޅުވުން އައުލާ މެއެވެ. 

14- މާވަޑި ދޮންމުޙައްމަދުބޭ: މާވަޑި ދޮންމުޙައްމަދުބޭއަކީ، ބުރުނީ ރައްތިޔުންނަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ހިތްޕުޅުހެޔޮ މާތް ޚުލްޤެއްގެ ވެރި ނަމޫނާ ބޭކަލެކެވެ. މިހާރު އެހެރަ މައުލޫދު ހަރުގެ ވީރާނާ ވެފައި ވަނިކޮށް އެތަން އާރާސްތު ކުރާނެ ޓިނާއި ކަލުޑިބެރިތަކަކީ، ބުރުނީ ރައްތިތުންނަށް މާވަޑި ދޮންމުޙައްމަދުބޭ ކުރެއްވި ވަރަށް ވެސް މަތިވެރި ދީލަތިފުޅު ހަދިޔާއެކެވެ. އެއީ، އެ ޒަމާނުގައި ވަރަށް ގިނަ ފައިސާގެ އަގު ހުރި ތަކެއްޗެވެ. އޭނާގެ ނަންފުޅަކީ ވެސް ބުރުނިން އުވިނުގޮސް ފެންނާން ހުރުން އައުލާ ނަންފުޅެކެވެ. ޣާޒީމަގުގެ ދެކުނުފަޅިޔަށް ހަނދުވަރީގޭ ހުޅަނުން ދެކުނަށް އޮންނަ މަގު އޭނާގެ ނަންފުޅާ ގުޅުވުން އައުލާއެވެ.  

15- ދޮންހިޔަލަ: ދޮންހިޔަލަ އަކީ، އޭނާގެ ސަބަބުން ބުރުނީގެ ނަން ދިރިގެން އަންނަ އަދި ބުރުނީގެ ނަން އެންމެންގެ މެދުގައި މަޝްހޫރުވެފައިވުން ގުޅިފައިވާ "ބުރުނީކަމަނާ"އެވެ. ބޯޅަދަނޑުގެ އިރުމަތީގައި ރަށުގެ ހުރަހަށް އޮންނަ ހުރަސްމަގަށް އޭނާގެ ނަމުން ނަންދޭން އައުލާ ނަމެކެވެ. އެމަގު އޮންނަނީ އޭނާގެ އަސަރުތައް ބުރުނީގައި އޮންނަ ސަރަޙައްދުގެ ތެރޭގައެވެ.

ރަށްރަށުގެ އިސްރަށްވެހީން ކުރެ ޤަދަރުވެރި ޚިދުމަތްތެރީންގެ ނަންފުޅުތަކަކީ، ރަށްރަށުން އުވިގެން ގޮސްގެންވާނޭ ނަންފުޅުތަކެއް ނޫނެވެ. ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އާލާވެ ދިރި އޮތުމުގެ އެންމެ ވަރުގަދަ އަޞްލަކީ، އެ ބައެއްގެ އަބްޠާލުންނާއި ކާބަފައިންކުރެ އިސް ޚިދުމަތްތެރީންގެ ޒިކުރާ އެ ބައެއްގެ މެދުގައި ދިރި ދެމި އޮތުމެވެ.

ރަށްރަށުގެ މަދަރުސާތަކާއި ސުކޫލު ތަކުގައި ކިޔަވާ ކުދިންނަށް މިފަދަ ކަންކަން ބަޔާންކޮށްދިނުމަކީ ނުކޮށް ދޫކޮށްލެވިގެންވާނޭ ކަންކަމެއް ނޫންކަން ފާހަގަކުރަމެވެ.

މި ލިޔުން ލިޔުމާއި މި ލިޔުން މި ފަދައިން ލިޔާން ހިތަށް އެރި ސަބަބަކީ، ބުރުނީ މަގުތަކަށް ނަން ދިނުމުގައި އިސްކަން ދޭން ޖެހޭފަދަ ނަންފުޅުތަކެއް މައްޗަށް ޚިޔާލެއް ހޯއްދެވުމުގެ ބޭނުން ފުޅުގައި ބުރުނީ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު އެދިވަޑައިގަތުމުންނެވެ.

އެ ހިނދު އަޅުގަނޑަށް ފެނުނީ މި މަޢުޟޫގައި އެންމެނަށް ވެސް ފައިދާ ކުރާނޭ ފިކުރީ ވިސްނުމަކުން ލިޔުމެއް ލިޔެ ޢާންމު ކުރާ އުޞޫލަކުން މި ކަން ކުރުމުގެ ފައިދާ ބޮޑުވާނެ ކަމުގައެވެ. މި ލިޔުމުން ލިޔުމުގައި ކޯލާޑީ ސައްޔިދު ކިލެގެފާނާއި ކަނބާފާނާއި ސިއްކަ ތަކުރުފާނާއި ކިލެގެފާނުންގެ މަޢުލޫމާތު ހޯދައިފައިވަނީ އަޅުގަނޑުގެ އުސްތާޛެއް ކަމުގައިވާ އުސްތާޛު ޢިޔާޒު ޖާދުﷲ ނަސީމުގެ އަރިހުންނެވެ.

_____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ