ދިވެހި އާދަކާދައިން ފަންޑިތަ ބަހުރުވައިގެ ރައިވަރުކޮޅަކާއި ޅެމެއް
ޢަބްދުﷲ ރަޝީދު މ. ލިނެޓް
މި ރައިވަރު ތަކުގައިވަނީ ފަންޑިތައެއް ނޫނެވެ. ނަމަވެސް، އިހުޒަމާހުގައި ފަންޑިތަ ހަދައި އުޅުނު ބާވަތްތަކުގެ މައްޗަށް ރައިވަރުން ފެންނާން ހުރި ރައިވަރުތަކަށް ނަޒަރުކޮށް، އެ އާދަކާދައިގެ ބާވަތްތައް މުނާސަބު ގޮތެއްގައި ރައިވަރުން ފެންނާން ހުރުމުގެ ބޭނުންތެރިކަން ތަޢުލީމީ ދާއިރާގެ ދަރިވަރުންނަށް ބޭނުންވާތީ އެކަމަށް މަގުފަހިކޮށް ދިނުމުގެ ބޭނުމުގައި އަޅުގަނޑު ލިޔުނު 10 ރައިވަރެވެ.
ފެންނާން ހުރި މިބާވަތުގެ ރައިވަރުތައް ހުރީ ދޫދޫމަތީން ނަގުލުވަމުން އައިއިރު ރައިވަރުގެ ހަމައިން ބޭރުވެފައެވެ. ރައިވަރަކީ ހަމައެކަނި ދިވެހީންގެ ޅެންވެތިކަމުގެ އެންމެ މަތިވެރި އަމިއްލަ ވަންތަ ތަރިކަކަމުން، ރައިވަރެއް އޭގެ އެންމެ ރަނގަޅު ހަމައިގައި ނެތްނަމަ، އެ ރައިވަރެއް އަޅުގަނޑުގެ އަތުން ލިޔެ ޢާންމު ކުރުމަކީ އަޅުގަނޑު ނުކުރަން ނިންމާފައިވާ ކަމެކެވެ. އެހެންކަމުން އެފަދަ ރައިވަރު، ކިޔަވާ ކުދިން ކުރެ މިބާވަތުގެ ރައިވަރެއްގެ ބޭނުންޖެހޭ ދަރިވަރުންނަށް ފޯރުކުރުމަށްވުރެ، މިބާވަތުގެ ރައިވަރުކޮޅެއް ހަދާފައި ފޯރުކޮށް ދިނުން އައުލާ ކަމުގައި ދެކެ، މި 10 ރައިވަރު 3 ވާވަތެއްގެ މައްޗަށް އެކުލަވައިލައި ލިޔުނީއެވެ.
އަދި މިބާވަތުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކުގެ ފަސޭހަޔަށްޓަކައި ހަމަ މިބާވަތުން ކޮވިޑު ވަބާޔަށް ނިސްބަތްކޮށް "ދިޔަވަތް ރަނގަޅުއޮޑި ރިޔަލަށް ކެރެންޏާ" ޅެން ކިޔާފައި އޮތް ރާގަށް ކިޔޭގޮތަށް، ބޯދާ އާދަކާދައިގެ މައްޗަށް ބިނާކޮށް އަޅުގަނޑު ހަދާފައިވާ ޅެމެއް ވެސް މިލިޔުމުގައި ހިމަނައިލީމެވެ.
މިލިޔުމުގައިވާ ރައިވަރުތަކާއި ޅެން ބޭނުން ހިފުމުގެ ޙައްޤު ކޮންމެ ދިވެއްސަކަށާއި ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ލިބިގެން ވެއެވެ.
1
އޮޑިމަހާ ނުވަންޏާ
ގޮނޑިވިހަލަފަތު ދިޔަފެލާ
ބޮނޑިވެތިބެ ކިޔަ ބަހުރުވާ
އޮޑިކަފީބުޑު ވެށިއްޔާ
އޮޑިމަހަށަފެނި އަލިވެދާނެ
އޮޑިޔަށަ މަސް ލެފިދާނެ
2
ދަހިއައިން ނުވަންޏާ
އަހިފަތަކު ތައްބަތުޔަދާ
ފަހިމެމަރު ލިޔެފައި ދުޢާ
ފަހިއޮޔަށަ ދަށު ފަށަނުލާ
މަހިފަދަވެ މަސް ތިލަވެދާނެ
ދަހިގޮދައިން ފުރިދާނެ
3
ތިލަ އައިން ނުވަންޏާ
ދިލަފޮށީ ގައި ވައްޟުޙާ
ތިލަޔަކުން ވަޅި ލިޔެމެފާ
ގިލަމަތިން ދަށު އެލިއްޔާ
ބިލަކަޅު މަހާ ގޮދާ ވާނެ
ތިލަވެ ފިސާރި ދަހިވާނެ
4
ރަންނުކީ ނަމަ ގޮމާ
އަންނަދަތު ވީ ތަންޝަހާ
ފަންވަތަކު ލިޔެ ކުށްނުލާ
ވަންނަދޮރު ދަށު ވަޅުއެލާ
ކަންހަމަވެފައި ކުލުނުވާނެ
ރަންނުކިޔައި ނުމެވާނެ
5
ލޯބިވެތިކަން ހިތާ
ކޯޅިޔަށަ މައު ރަނައުރާ
ސޯސަސަނަ ބަނދި ފައިކިޔާ
ރޯޅިފަހިކޮށް އެއެލުވާ
ލޯބިގެހި ގޮމަ މޮޔަވެދާނެ
ގޯތި ކަތުން ރުހިދާނެ
6
ވަގުފިރި ވިނަމަ ތުރާ
ވަގުތު ނަހުސެއް ބަލާފާ
ތަޤުޟީވަޅަށް ކިޔާފާ
މަގުފިޔަވަޅަށަ ކުޅުގަހާ
ވަގުފިރި ފިލައި ހިނގައިދާނެ
ޢަޤުދުވެ އަނބި އިނދެދާނެ
7
ނީވިގަވެ ތުރާފާ
މީހުން ފުރާނަ ދަންޏާ
ގީބަންގެ ޚައިރު ވަޅުގާ
ލީލާގެ ޚައުފަށަ ކިޔާ
ލީނަމަ މަތީ ޤަބުރު ބޭނެ
ވީހިލި ފައިއޮ ދަރަ ބޭނެ
8
ދަރަހިލޭ ހިނދަކުގާ
ތަރައަލަމް އާ ކައުސަރާ
މަރަނގަކާ އަބު ލިޔެފުރާ
ޙަރަމު މިސްކިތު ވަޅުށެލާ
ބަރަވަލި ކަކުނި ދުރުވެދާނެ
ދަރައޮބި ރަށް ދިލިދާނެ
9
ނާފިއެސް ވިކުއްޖާ
ހާލަތުންނުވި ނަމަނަޖާ
ލާރަސޫތިން ތުންޔައާ
ދާނިތިންފެން ށޭއަޅާ
ރާދައިފުޅުން ނަޖާވާނެ
ލާމަތުގައިސަ ލައްވާނެ
10
ރޯދި ބަރަކަތް އަދާ
ގޯތިގެދޮރާ ރަށްރަށާ
ހޯމަހުކުރެއް ނުމެބަލާ
ސޯޅަސޫރަތް ކިޔަށެވާ
ފޯދިގަސްގަސް ލިބޭ ހުއްޓެ
ރޯދި ތިޔާގި ވާހުއްޓެ
11
މައިމަހެއް ތިލަކުރާ
ހައިވަރަށަ ދަނެ ހުރިއްޔާ
ވައިހިނައޮ ޑީ ކަފި ގަހާ
މައިތުރަދަލީ ލުން ހިނާ
ހައިބަބިޔަ ހެއްމަ ތިލަވާނެ
އައިނުގެ މަސް ދަހިވާނެ
"ކޮވިޑް 19" (ކަޅުވިގަނި)
(ބޯދާ އާދަކާދަ ތަކުން ސިފަކޮށްފައި)
ރާގު: ދިޔަވަތް ރަނގަޅުއޮޑި ރިޔަލަށް ކެރެންޏާ
އިރުހަނދުގެ އަލިކަން ފަރުދާ ވެލާފައި، ބިރުވެރިވި ކަޅު ފޯވަހި ލައިގަތީޔޭ
އިރުވަރު "ނަޙުސު" ވެވި ސުންޕާ ވެލާފައި، ދިރުމަށް ނުރައްކާ ބަލި ފޮށިގަތީޔޭ
މަޝްރިޤުގެ ކަޅު ވިގަނީގެ ހިޔަނިން، ގަސްކަރަ ރަށުގެ ފުސްކޮށް ފެންނަނީޔޭ
ކަސްތޮޅު އެސޮރު އެރި ރަށްރަށު އަޅަންޖެހި، ރަސްރަސްކަލުން ވެސް ބިރުވެތި ވަނީޔޭ
ކަންވެރިންނެއް މަސްދަތްފިޔޮއްސެއް، ފަންވަރު ގެނެސްދޭ ކަބުރެއް ނެތީޔޭ
ފަންވަތަކު ލިޔެލާން ކަމުދާ ޠަލިސްމެއް، ދަންނާނެ އެދުރެއް ރަށްރަށު ނެތީޔޭ
ދަމުހިނގަން އަދު އިސްވާނެ މީހުން، އަމުދުން ނެތޭ ބިރުވެރިވީ މި ފޮއިގައި
ޙަމްލުގެ ބުރުޖު ހަނދު ހުރިތޯ ބަލާކަށް، ޝަމްސުގެ ވަގުތު ދެން ހޯދެން ނެތީޔޭ
ރަތުރުކަކު ބޮންތިން ފަންވަތެއްގައި، މަތުރައި ޢަޞާމޫސާ ކުރުސި ލިޔެފައި
ކަތުރާން ކުޅަނދަކުން ދުން މޮޅު ކަވައިގެން، ހަތުރާ ބަނދިން ރަށް ބެއްދެން ނެތީޔޭ
ރަށްރަށަށް އޮޑި ގޮސްއަންނަ އިރުގައި، ބައްދައި އުޅޭ ރަށް ރޯގާ މޮޅިއްޔާ
ފައްތަރު މަތީނަމަ މޫސުން ބަދަލުވާ، ކައްބަރު އަނާ އޮތް ފޮތް ގެއްލުނީޔޭ
މުޅަދެވީ ބިރު ބޮޑުވެއްޖެ ރޭރޭ، ފުޅަލީގެ ބޭރުން އަޑުފަށް އިވޭތީ
ކުޅަދާނަވީ ތަންދޮރު ދަންނަ އެދުރުން، ހުޅަނގަށް އެނބުރި ޖެހި ފޮށައެއް ނުދަނެޔޭ
ދަރަހިލޭ އިރު ރަށްރަށުގެ ހުރިހައި، ބަރަވަލި ކަކުނި ކިރު އެއްގަމު ދުވާތީ
ޙަރަމުގެ ހަތަރުނަން މަތުރަން ވެލީ ލިޔެ، ދަރަޖާތު ޞަލަވާތް ކިޔަވާ ނެތީޔޭ
____________________