www.fanvai.info

Print

އަލުން މަރުކާކުރުން: މާރުކޭޓުކުރުމުގެ މުހިއްމު އިސްތިރާޖެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވިޔަފާރިމަރުކާ ބަދަލުކުރުމަކީ ނުވަތަ ރީބްރޭންޑިންގއަކީ ވިޔަފާރި ދާއިރާގައި، ކުންފުނީގެ މަޤުބޫލުކަން އިތުރުކުރުމަށް ޓަކައި، ކުންފުނި އިޝްތިހާރުކުރުމަށް ޓަކައި، ކުންފުންޏެއްގެ ތަޞައްވުރު ބަދަލުކުރުމަށްޓަކައި ކުރާ ކަމެކެވެ. އޭރަކު ޤާއިމުވެފައި އޮތް ނަމެއް، ނިޝާނެއް، ބަދަލުކޮށް އާ މަރުކާއަކާއި އާ ނަމެއް ދިނުމަކީ އެ މުދަލެއް ނުވަތަ ކުންފުންޏެއް އަލުން މާރުކޭޓުކުރުމަށްޓަކައި ގެންގުޅޭ މުހިންމު އިޝްތިރާޖެކެވެ. އިޝްތިހާރުކުރުމަށް ޓަކައި ބޭނުންކުރާ ކާމިޔާބު ހުނަރެކެވެ. އެހާމެ މޮޅު އިސްތިރާޖީ އުކުޅެކެވެ. ފަހަރެއްގައި ވެސް މިއީ އޮޅުވައިލުމަށް ޓަކައި ކުރެވޭ ކަމެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އަޅުގަނޑު ދަންނަވާނީ މިއީ ވިޔަފާރި އުކުޅެއް ކަމުގައެވެ.

ރާއްޖޭގައި ވަރަށް މަޝްހޫރުވި ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ޝިޕިންގ ލިމިޓެޑް (އެމްއެސްއެލް)، މޯލްޑިވްސް ޝިޕް މެނޭޖްމެންޓް ސަރވިސަސް ލިމިޓެޑް ފަދަ ނަންނަމަށް ބަދަލުވުމާއި، މޯލްޑިވްސް އެއަރވޭޒް އާއި އެއަރމޯލްޑިވްސް ފަދަ ނަންނަމަކީ ވެސް މި ދެންނެވި އުޞޫލުން ހިނގައި ދިޔަ ކަންކަމެވެ. އާދޭހެވެ! ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި އެޅުނު އިސްތިރާޖީ ފިޔަވަޅުތަކެކެވެ. ރީބްރޭންޑްކުރުމެކެވެ.

ރާއްޖޭގެ މާޙައުލުން ބައެއް އެހެން މިސާލުތައް ދަންވައިލާނަމެވެ. 

އެނގިވަޑައިގަންނަވާނޭ ފަދައިން، ޕިޔޯނުންނާއި މަސައްކަތު މީހުންނާއި ކާތިބުންނަކީ ސަރުކާރުގެ އޮފީސްތަކުގައި ތަންކޮޅެއް ކުރީން ވަރަށް ޢާއްމު މަޤާމުތަކެވެ. އެކަމަކު އެއީ ވަރަށް ޝަރަފުވެރި މަޤާމުތަކެއް ވެސް މެއެވެ. ޕިޔޯނުކަމަކީ ވެސް ލިޔެކިޔާން ދަތުމާއި ދައުލަތުގެ ވެރީންނާ ގުޅޭ އެކިއެކި މަޢުލޫމާތުތައް ފަދަ ކިތަންމެ މަޢުލޫމާތެއް ދަސްކޮށްގެން ނަގާ ސަނަދެއްގެ މައްޗަށް ލިބޭ ވަޒީފާއެކެވެ. އެހެންކަމުން އެ ވަޒީފާއަކީ ވެސް ހަމަ ވަރަށް ގަދަރުވެރި ވަޒީފާއެއް ކަމަށް ދިވެހީން ދުށްޓެވެ. ފަހުންފަހުން އައިސް ޕިޔޯނުކަމުގެ ސަނަދުގެ ބަދަލުގައި އެ ވަޒީފާގެ ޝަރުޠަކީ ގްރޭޑް 5 ނިންމައިފައިވުން ކަމަށް ހަމަޖެހުނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ތަޢުލީމީ ޙާލަތު ކުރިއަރައިގެން އައި އައުމުގައި އެ މަޤާމާ މެދު މީހުން ދެކޭ ގޮތް ބަދަލުވިއެވެ. ނަތީޖާއެއްގެ ގޮތުން ޕީޔޯނުކަމުގެ މަޤާމަށް ނުވަތަ މަސައްކަތު މީހެއްގެ މަޤާމަށް ނުވަތަ ކާތިބުކަމުގެ މަޤާމަށް އިޢުލާނުކުރިޔަސް އެކަމަށް އެދޭން، މީހުން ފަސްޖެހުނެވެ. "މަސައްކަތު މީހެއް"، "ޕިޔޯނެއް"، "ކާތިބެއް" މި ނަންނަމަކީ ބާ ނަންތަކެއްކަމަށް ވީ ތަން ފެނުނެވެ. އެހެންކަމުން މި މަޤާމުތައް ރީބްރޭންޑްކުރެވުނެވެ.

ޕިޔޯނުކަމުގެ ބަދަލުގައި އަލުން ތަޢާރަފުކުރެވުނު ނަމަކީ "މެސެންޖަރ"އެވެ. "މަސައްކަތުމީހާ"ގެ ބަދަލުގައި "ޢާމިލު" ނުވަތަ "ސަޕޯޓް ސްޓާފް" ނުވަތަ "އެޓެންޑެންޓް" ފަދަ އެކި ނަންތައް ތަޢާރުފުކުރެވުނެވެ. "ކާތިބު"ގެ ބަދަލުގައި ކޮންމެވެސް "އޮފިސަރ"އެއްގެ ނަމެވެ. އަލުން މަރުކާކުރެވުނީއެވެ. އާދޭހެވެ! ރީބްރޭންޑް ކުރެވުނީއެވެ. ނަތީޖާއެއްގެ ގޮތުން މި މަޤާމުތަކަށް މީހުން ހޯދާން ދިމާވި ދަތިތައް ޙައްލުވިއެވެ.

ކަވާޖެހުމަކީ ވަރަށް ގިނަ ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ޤަދީމީ ޒަމާނުއްސުރެ ދުނިޔޭގައި ބޭނުންކުރަމުން އައި ފަރުވާއެކެވެ. މީލާދީ ސަނަތުގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ވެސް ކަވާޖެހުމަކީ ސީނުކަރައިގައި ކުރަމުން އައި ކަމެކެވެ. ސީނު ކަރައިގެ ކީމިޔާވެރިއެއް ކަމަށްވާ އަދި ހަކީމީ ބޭސްވެރިއެއް ކަމުގައިވާ "ގެހޮންގ" ލިޔުއްވައިފައިވާ ލިޔުމަކުން މި ކަން އެނގެއެވެ. ކަވާޖެހުމަކީ ދިވެހިރާއްޖޭގައި ވެސް ވަރަށް ގަދީމީ ޒަމާނުއްސުރެ ކުރަމުން އައި ކަމެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް މި ފަރުވާ އައީ ކޮން ސަގާފަތެއްގެ ތެރެއިން ކަމެއް އަޅުގަނޑަށް ހޯދިފައެއް ނެތެވެ. (މި ކަމަށް ޓަކައި މަޢާފަށް އެދެމެވެ.) ކަވާޖެހުމަކީ ނަބަވީ ފަރުވާއެއް ވެސް މެއެވެ. ސުންނަތުން ސާބިތުވާ އިތުބާރު ހުރި ފަރުވާއެކެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކަވާޖެހުމަށް ސީނުކަރައިގެ ބަހުން ކިޔައި އުޅެނީ "ބާގޮއުން" (拔罐) އެވެ. ޢަރަބި ބަހުން ކިޔަނީ "އަލްޙިޖާމާ" (الحجامة) އެވެ. ފާރިސީ ބަހުން ކިޔަނީ "ޙިޖާމަތު" (حجامت) އެވެ. އުރުދޫ ބަހުން ކިޔަނީ "ޕަކަޅުނާ" (پکڑنا) އެވެ. ހިންދީ ބަހުން ވަކި ޚާއްޞަ ނަމެއް ކިޔާކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. )ނޯވެޔެކޭ ނުދަންނަވަމެވެ.) އެ މީހުން ކިޔަނީ އިނގިރޭސިބަހުގެ ނުފޫޒުގައި ހަމަ "ކަޕިންގ" އެވެ. މެލޭ ބަހުން ކިޔަނީ "ބްކަމް" (Bekam) އެވެ. ސިންގަޅަ ބަހުން ކިޔަނީ "ކަޕްކިރީމަ" (කප් කිරීම) އެވެ. ތިޔަ ބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން އިނގިރޭސިބަހުން ކިޔަނީ "ކަޕިންގ" (Cupping)  އެވެ. މި ހުރިހާ ބަސްބަހަށް ވިސްނައިލުމުން ވެސް "ކަވާޖެހުން" ނުވަތަ "ކަވާ" މި ލަފުޒާ ކައިރިކުރާ އެއްވެސް ނަމެއް ނެތެވެ. އެހެންވީމާ މި ލަފުޒު ދިވެހިބަހަށް އައީ ކިހިނެއްބާވައެވެ! މިއިން ބަހަކުން ކިޔާ ގޮތާ އެއް ގޮތް ކަމެއް "ކަވާޖެހުން" މި ލަފުޒުގައި ވީ ނަމަ، ދިވެހީންނަށް ކަވާޖެހުން ތަޢާރުފުވީ ކޮން ދިމާއަކުން ކަމަށް ލަފާކުރާން ފަސޭހަވީހެވެ.

މިހާރަކަށް އައިސް ކަވާޖެހުމަށް "ޙިޖާމާޖެހުން" ކިޔާ އަޑު އިވެއެވެ. ނަމަވެސް ޢަބަބި ބަހުން އޮންނަ "الحجامة" މި މަޞްދަރަށް ދިވެހިބަހުން ކިޔަނީ "ކަވާޖެހުން" މިހެންނެވެ. ވީމާ ޙިޖާމާ ޖެހުމޭ ބުނީމާ އެ ބުނެވެނީ "ކަވާޖެހުން ޖެހުން" ނޫންތޯއެވެ! މާ ކުރީއްސުރެ ދިވެހިބަހުގައި އޮތް ލަފުޒެއް ދޫކޮށް އެހެން ލަފުޒެއް މި ބޭނުންކުރާނީ ކީއްވެބާވައެވެ. މި ފަރުވާގެ އެންމެ ކުރީގެ ތާރީޚު ގުޅިފައިވަނީ ސީނު ކަރަޔާ ކަމަށް ވާއިރު އެ މީހުން ކިޔާ ނަން "ބާގޮއުން" (拔罐) ނުކިޔަނީ ކީއްވެބާވައެވެ! ނުވަތަ އެންމެން އެންމެ ގަޔާވާ އިނގިރޭސިބަހުން ކިޔާ ގޮތަށް "ކަޕިންގ" (Cupping)  ނުކިޔަނީ ކީއްވެބާވައެވެ. ދިވެހިބަހުގައި މިވެނި ލަފުޒަކަށް ލަފުޒެއް ނޯވެޔޭ ކިޔައި އެތައް ބަޔަކު ޝަކުވާ ކުރާ އިރު، އެންމެ އިހު ޒަމާނުއްސުރެ، ދިވެހިބަހުގައި ހުންނަ ލަފުޒުތައް ދޫކޮށް، ބޭރު ލަފުޒެއް ބޭނުންކޮށްފައި ދިވެހިބަހުގައި މިވެނި ލަފުޒަކަކަށް ކިޔާނެ ލަފުޒެއް ނެތޭ ކިޔައި ޝަކުވާ ކުރަނީ ކީއްވެބާވައެވެ! ތެދުފުޅެކެވެ. ކަވާޖެހުމަކީ ނަބަވީ ފަރުވާއެއް ކަމަށް ވިޔަސް، "ކަވާޖެހުން" މިއީ "މުސްކުޅި" ނަމެއް ކަމުގައިވާތީ "ޙިޖާމާޖެހުން" މި ނަމުގައި ރިބްރޭންޑްކޮށްލެވުނީއެވެ. ނަން ޒަމާނީ ކޮށްލެވުނީއެވެ. ނަތީޖާއެއްގެ ގޮތުން (އެހެން ނަމެއްގައި) މިއަދު އެއީ ވަރަށް "ހިނގާ" ފަރުވާއެއްކަމަށް ވެއްޖެއެވެ.

ފަންޑިތަހެދުމަކީ ވެސް ދިވެހި ސަގާފަތުގައި އޮތް ކަމެކެވެ. ފަންޑިތަ ހަދާން ދިވެހީން ފަށައިގެން އެ ކަން ކުރިއަށް ގެންދިޔައީ އިސްލާމީ އުޞޫލުގެ މަތީންނެވެ. "ޝަމްސުލްމަޢާރިފުލްކުބްރާ" ފަދަ މުޢުތަބަރު ފޮތްފޮތުން ނަޤުލުކޮށްގެންނެވެ. ނަމަވެސް ދިވެހި ރައިވަރު "ބެރެކި"ވީ ފަދައިން "ފަންޑިތަހެދުން ވެސް އެއް ޖީލުން އަނެއް ޖީލަށް ނަޤުލުވެގެން އައި އައުމުގައި އެ ކަން ޖާހިލުންގެ އަތްމައްޗަށް އަރައި، އޭގެ އަޞްލު ގެއްލި ސިހުރާއި ހާހޫރައިގެ ތެރެއަށް ވަދެ ސިހުރަށް އެކަން ބަދަލުވިއެވެ. ސިހުރު ހާހޫރައާ މަސްހުނިވީއެވެ. ނަތީޖާއެއްގެ ގޮތުން އެއީ އަދުގެ ތައުލީމީ ޖީލުން ބަލައިގަންނަ ކަމަކަށް ނުވިއެވެ. މި ޒަމާނަށް އައި އިރު، ޢިލްމުވެރީން ގިނަވެ، ހުއްދަ މަގުން އެ ކަން ކުރާން ބަޔަކު މަސައްކަތްކުރިޔަސް އެއީ އެ ނަމުގައި މިއަދުގެ ޖީލުން ބަލައިގަންނަ ކަމަކަށް ނުވިއެވެ. އެހެންކަމުން "ރުޤުޔާކުރުމުގެ" ނަމަށް "ފަންޑިތަހެދުން" ބަދަލުކޮށްލެވުނެވެ. އާދޭހެވެ! ރިބްރޭންޑްކޮށްލެވުނެވެ. ކަމަކީ ހަމަ އެއް ކަމެކެވެ. ތަފާތުވީ ނަމެވެ. އިސްލާމީ އުޞޫލުން އެކަން ކުރުމާއި ނުކުރުމަކީ ނަމާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ އެކަން ކުރާ މީހަކާއި އެ ކަން ކުރާ ގޮތާ ގުޅިފައި އޮންނަ ކަމެކެވެ.

އެހެން މިސާލެކެވެ! ސޫދުކެއުމަކީ ވަރަށް ބޮޑު ޙަރާމްކަމެކެވެ. އެ ނަން ނުވަތަ ޢަރަބިބަހުން ކިޔާ ރިބާގެ ނަން އަޑުއިވުމުން މުސްލިމުންގެ ހިތަށް ވެރިވާނީ ވަރަށް ނައްސި ޝުޢޫރެކެވެ. އެހެންކަމުން އެ ނަން ވެސް ވަނީ ރިބްރޭންޑްކޮށްލެވިފައެވެ. މިހާރު ރިބާއެއް ނޯވޭޔޯލައެވެ. މިހާރު އެއީ "އިންޓަރެސްޓެވެ." "ރިޝްވަތު" ވެސް "ސަޔަކަށް" ނުވަތަ "ހަދިޔާއަކަށް" ރީބްރޭންޑް ކޮށްލެވުނު ފަދައިންނެވެ. ނަމަވެސް ނަން ބަދަލުކުރިޔަސް އޭގެ އަޞްލު ބަދަލު ނުވާނެކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އެކަމުގެ ޙުމުމް ވެސް ދެމި އޮންނާނެކަން ވެސް ދަންނާންޖެހޭނެއެވެ.

"ކައްކާ" ނުވަތަ "ބޮޑުކައްކާ"އަކީ ކިތަންމެ މުހިއްމު މަޤާމެއްކަމުގައި ވިޔަސް ރައިވަރު "ބެރެކި" ވީ ފަދައިން ކޮންމެވެސް ސަބަބަކާހުރެ، އެއީ "ބެރެކި" މަޤާމެއް ކަމުގައި ދިވެހީންނަށް އިޙުސާސްކުރެވެންފެށިއެވެ. އެހެންވެ އެ ނަން ބަދަލުކޮށްލެވުނީ، ނޫން ރިބްރޭންޑްކޮށްލެވުނީ، މާ ބޮޑަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކާ އެއްޗެހި ތައްޔާރުކުރާ މީހާ އަށް އިނގިރޭސި ބަހުން ކިޔަނީ "ކުކް" (cook) އެވެ. އެހެންވެ ފަރަންސޭސިބަހަށް ޖެހިލައި އެއީ "ޝެފް" (chef) ގެ ގޮތުގައި ރީބްރޭންޑްކޮށްލެވުނީއެވެ. މިއަދު އެއީ އިނގިރޭސި ރަދީފުން ވެސް ޖާގަ ހޯދައިފައިވާ ލަފުޒެކެވެ. މާނައަކީ "އިސް ކައްކާ" އެވެ.

އިސްވެ ދެންނެވުނު މިސާލުތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ ވިޔަފާރިތަކާއި ކުންފުނިތައް ރިބްރޭންޑް ކުރާ ފަދައިން މަޤާމުތަކާއި ޢަމަލުތައް ވެސް ރިބްރޭންޑްކުރެވޭ ކަމެކެވެ. މިއީ އެ ކަމެއް، އެ ނަމެއް، މީހުންގެ މެދުގައި މަޤުބޫލުކުރުމަށްޓަކައި އަޅާ މުހިއްމު އިސްތިރާޖީ ފިޔަވަޅެއްކަމެވެ. ވިޔަފާރީގެ ހުނަރުވެރި އުކުޅެއް ކަމެވެ. އާދޭހެވެ! އިޝްތިހާރުކުރުމުގެ މޮޅު ހުނަރެކެވެ. މަކަރެކޭ ދަންނަވާކަށް ބޭނުމެއް ނޫނެވެ. އެއީ މޮޅު އުކުޅެއް ނޫންތޯއެވެ!

________________________________

www.fanvai.info