އަދުގެ ޚާއްސަ

Print

އައިބައިފިއްޔާއި އާބާފިލީގެ އޮޅުން ކުޑަކުރުމަށް ޓަކައި ބޭނުންކުރެވިދާނެ އުކުޅެއް.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ އިހުގެ ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު) ލިޔުއްވި "ތާނަ ލިޔުމުގެ ގަވާޢިދު"ގައި އައިބައިފިއްޔާ ބެހޭ ގޮތުން އެ ކަލޭގެފާނު ލިޔުއްވައިފައިވަނީ "މި ދެ ފިލި ނުއޮޅުވައި ލިޔޭނީ ވެސް ކިޔޭނީ ވެސް ދިވެހިބަހުގެ نحوُ ދެނެގެންވާ މީހަކަށެވެ. نحوُ އެއީ ކޮންމެ ބަހެއް ވެސް މޮށި އުޅުމުގެ އަޞްލުތަކާއި قواعدތައް ދެނެގަތުމުގެ ގޮތްތަކަށް عربބަހުން ކިޔާ ނަމެކެވެ. އަދި މި ނޫން އެހެންވެސް އެތައް މަޢުނައެއް އެ لفظގައި ވޭމެޔޭ.." މި ފަދައިންނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިބަހުން ލިޔެ ކިޔައި ހަދާންޖެހެނީ ކޮންމެހެން ބަހުގެ ޢިލްމުވެރީންނެއް ނޫނެވެ. ބަސްވާރުންނެއް ނޫނެވެ. ކޮންމެ ދިވެއްސަކަށް ބަސްވާރަކަށް ވެސް ނުވެވޭނެއެވެ. އެއީ ވެސް ވަކި ދާއިރާއެކެވެ. ބަހަވީ  ނުވިޔަސް، ބަސްވާރެއް ކަމުގައި ނުވިޔަސް، ދިވެހިބަހުގެ އަހުލުވެރީންނަކީ އެ ބަހުން މުޢާމަލާތުކުރާންޖެހޭނޭ މީހުންނެވެ. ދިވެހިބަހުން މުޢާމަލާތު ކުރާން ޖެހޭ ކޮންމެ މީހަކަށް ދިވެހިބަހުގެ "نحوُ ނުވަތަ ބަސް މޮށި އުޅުމުގެ އަޞްލުތަކާއި قواعدތައް" (ބަހަވީ ޢިލްމު ނުވަތަ ލިންގުވިސްޓިކްސް) ފުރިހަމައަށް އެނގުމެއް ލާޒިމެއް ވެސް ނޫނެވެ. އެހެންނަމަވެސް ދިވެހިބަހުގެ ހަމަތަކާ އެއް ގޮތަށް ޢާއްމު މުޢާމަލާތުގައި ލިޔެކިޔުމާއި ވާހަކަދެއްކުމުގައި ބަސް ބޭނުންކުރާން އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވީމާ، ބަހަވީ ޢީލްމުވެރިއަކަށް ނުވެ، އައިބައިފިއްޔާއި އާބާފިލި އޮޅުވައިނުލައި ބޭނުންކުރާން އެނގޭނެ ކޮންމެވެސް ގޮތެއް "އުކުޅެއް" އޮންނާންވާނެތާއެވެ. މި މައުޟޫޢުގައި އަޅުގަނޑު މި މަސައްކަތްކޮށްލަނީ އެ ކަމަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯއެވެ.

އައިބައިފިއްޔާއި އާބާފިލި އޮޅުވައި ނުލުމަށްޓަކައި އަންނަނިވި ނުކުތާތަކަށް ސަމާލުކަން ދެއްވުން ވަރަށް މުހިއްމެވެ. މި އުކުޅުތަކަށް ސަމާލުކަން ދެއްވައިފި ނަމަ، އާބާފިއްޔާއި އައިބައިފިލި އޮޅުވައިނުލައި ބޭނުންކުރުމަކީ ދާދި ފަސޭހަކަމެކެވެ.

  • ފުރަތަމަ ކަމަކީ އަބަފިއްޔެއްގެ ފަހަތަށް އަލިފު އިބިފިއްޔެއް އިތުރުކުރުމުން އުފެދޭ އައިބައިފިއްޔަކީ އެއީ ވަކިވަކި ދެފިލި  ނޫންކަމާއި އެއީ ދެ އަޑުގުޅިގެން އުފެދޭ ވަކި ފިއްޔެއްކަން ހިތުގެ އަޑިން ގަބޫލުކުރުމެވެ. މި ފިލި ކިޔަނީ އަޅުގަނޑުމެން "ސައި" ކިޔާ ގޮތަށެވެ. "ވައި" ވެސް ކިޔާ ގޮތަށެވެ.
  • ދެވަނަ ކަމަކީ، އައިބައިފިލި ޖަހާންޖެހޭ ހަމަތަކުގެ މަތީން ކިތަންމެ ގިނަ އައިބައިލިއްޔެއް ވިދިވިދިގެން ލިޔާންޖެހުނަސް ކިޔާން ޖެހުނަސް އެއިން ބައެއް ފިލި އުނިކޮށް އާބަފިއްޔަށް ބަދަލުކުރާންޖެހޭ ހަމައެއް ނޯންނާނޭ ކަން ގަބޫލުކުރުމެވެ. ދިވެހިބަހުން "މައިދައިތަ" ވެސް ކިޔާ ކަމެވެ. "މާދައިތަ" ނުވަތަ "މައިދާތަ"އެއް ނުކިޔާ ކަމެވެ.
  • ތިންވަނަ ކަމަކީ، ކަންކުރި ފަރާތަކީ އެކަކު ނުވަތަ އެއް ފަރާތެއް ކަމަށް ވެފައި އެ މީހަކު ނުވަތަ އެ ފަރާތަކުން ކުރާ އެތައް ކަމެއް އެއްކަން އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި އެ ހުރިހާ ކަމެއްގެ ފަހު އަކުރުގައި ޖަހާންޖެހޭނީ އައިބައިފިލިކަމާއި އާބާފިލި ނޫންކަން ގަބޫލުކުރުމެވެ.
  • ހަތަރު ވަނަ ނުކުތާއަކީ ކަމެއްގެ ކުރިއަށް އޮންނަ ކަމެއްގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ އެ ކަން ބަދަލުވެގެންދާނީ ނަމަކަށެވެ. ނަމެއްގެ ކުރީގައި އޮންނަ ކަމުގެ ފަހު އަކުރުގައި އާބާފިލި ޖަހައިފި ނަމަ، އެ ކަން ބަދަލުވާނީ އެ ނަމަށް ސިފަ ގެނެސްދޭ ނަންއިތުރަކަށެވެ. މިސާލަކަށް: "ނަގޫރޯޅިއެއް އަރާ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ." މި ޢިބާރާތުގައި ދަށު ރޮނގު ދަމައިފައި އެވާ ރާގައި އާބާފިލި ޖެހީމާ އެ ބަދަލުވީ ނަން އިތުރަކަށެވެ. އޭރުން އެ ބުނެވެނީ އެ ރަށަކީ ނަގޫރޯޅިއެއް އަރާ ރަށެއް ކަމެވެ. ގެއްލުންވީ ކީއްވެގެންކަމެއް ދޭހައެއް ނުވެއެވެ. ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުމެއްގެ ވާހަކަ ބަޔާންކުރާނަމަ، އެ އަކުރުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. މި ފަދަ ކިތަންމެ މިސާލެއް މި ފޮތުގައި އިސްވެ ހިނގައްޖެއެވެ.
  • ފަސްވަނައަށް ފާގަހަކޮށްލާން ބޭނުމީ ވަރަށް ސާދާ ހަމައެކެވެ. އެ އަކުރެއްގައި ޖަހާންޖެހޭނީ އާބާފިއްޔެއްތޯ ނުވަތަ އައިބައިފިއްޔޭތޯ ޝައްކު އުފެދިއްޖެ ނަމަ، ފަހަތައް "ގެން" އިތުރުކޮށްލައިގެން އެ އަންނަ ބަދަލު ފާހަކަކުރެވިދާނެއެވެ. މި ސާލަކަށް: "ނަގޫރޯޅިއެއް އަރާ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ." މި ޢިބާރާތުގައި އޮންނާންޖެހޭނީ "އަރާ" ތޯ ނުވަތަ "އަރައި"ތޯ ޔަގީންކޮށްލުމަށްޓަކައި އެ ލަފުޒުގެ ފަހަތަށް "ގެން" އިތުރުކޮށްލައްވައިފައި ޗެކުކޮށްލައްވާށެވެ! "އަރާގެން" މިއީ އަޅުގަނޑުމެން ލިޔެކިޔައި އުޅޭ ގޮތެއް ނޫނެވެ. އަޅުގަނޑުމެން ލިޔެކިޔައި އުޅެނީ "އަރައިގެން" މިހެންނެވެ. އެހެންވީމާ އެތާނގައި އޮންނާނީ އައިބައިފިއްޔެއްކަން ސާފުވީއެވެ. "އަރާ" ނޫންކަމާއި "އަރައި"ކަން ސާފުވީއެވެ. އާދޭހެވެ! އެ ޖުމުލަ އޮންނާންވީ "ނަގޫރޯޅިއެއް އަރައި ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ." މިހެންކަން ޔަގީންވީއެވެ.

_________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ