އަދުގެ ޚާއްސަ

Print

އިބިލީހުގެ ހަކުރުތިކި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ޢަބްދުﷲ ޞާދިޤު (ނޢޢވ)

ތެދުތެދަށް ދަންނަވާ ނަމަ، އަޅުގަނޑުމެން އެންމެން ވެސް އިބިލީސްދެކެ ރުޅި އަންނަމުއެވެ. އިބިލީހަށް ނަފުރަތު ކުރަމުއެވެ. އެއީ އެ ސޮރުގެ ކަމަކީ އަޅުގަނޑުމެންގެ މެދުގައި ހުރިހައި ނުބައިކަމެއް އުފެއްދުން ކަމަށް ވާތީއެވެ. ރަނގަޅު މީހުންނަށް މަގު އޮޅުވައިލާތީއެވެ. 

މީގެ ދުވަސްކޮޅެއް ކުރީން ރައްޓެއްސަކު ދެއްކި ވާހަކައެއްގައި ކޮންމެ ވެސް ކަމަކަށް މިސާލުޖަހަމުން އޭނާ ބުންޏެވެ. އެއީ ހަމަ އިބިލީހުގެ ހަކުރު ތިއްކެކޭ އެއްވެސް ތަފާތެއް ހުރި ކަމެއްނޫނެވެ. ދެން އޭނާ ކިޔައިދިނީ، ޒަމާނުއްސުރެ ތުންތުންމަތީން ކިޔެމުން އަންނަ ފުލޯކީ ވާހަކައެކެވެ. އެ ވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. 

އޭނާ ކިޔައިދިނެވެ. އެއީ މީހުނަށް ބައެއް ފަހަރު އިބިލީސް ފެނި އުޅުނު ދުވަސްވަރެވެ. އެ ދުވަސްވަރު މީހަކަށް އެސޮރު ފެނިގެން އޭނާ ބުންޏެވެ. ކަލޯ ތިޔައީ އަހަރުމެންގެ ހުރިހައި ކަމެއް ނުބައިކޮށް ފަސާދަކުރާ މީހެކެވެ. ކަލޯގެ ހުރި ނުބައިކަން ނިކަންބަލައިބަލާށެވެ. 

އެސޮރު ބުންޏެވެ. ތިޔަހެން ނުބުނާށެވެ. ނުބައީ އަހަންނެއް ނޫނެވެ. ހުރިހައި ގޯހެއް ހަދަނީ ހަމަ ކަލޭމެން އަމިއްލައަށެވެ. ދެކެންބޭނުންނަމަ މީގެ މިސާލެއް ދައްކާލަފާނަމެވެ.

ދެން އެސޮރު ދިޔައީ ދިޔާހަކުރު ވިއްކާމީހެއްގެ ފިހާރަދޮށަށެވެ. ދެން ހަކުރު އަޅައިފައި ހުރި ރުނބައިން ތިއްކެއް ނަގައިފައި ހަކުރު ރުނބާ ޖައްސައިފައި ހުރި ބިތުގައި ހަމަ ރުނބަޔާ ދިމާ މަތީގައި އެއިން ކުޑަ ހަކުރު ތިއްކެއް ޖެއްސެވެ. ޖަހައިފައި ބުންޏެވެ. ދެން ވާ ގޮތް ބަލާން ހުންނާށެވެ! އަދި ބަލަމުން ގެންދާށެވެ. އިހަށް މިތާނގައި ހުންނާށެވެ. މިހެން ބުނުމާއެކު އެ ސޮރު ގެއްލިއްޖެއެވެ. 

އޭނާ އެ ތާނގައި ބަލަން ހުއްޓައި ފުރަތަމަ އެ ހަކުރު ތިއްކަށް އަންނަންފެށީ މެއްސެވެ. މެހިތައް އައިތާ މާ ގިނަ އިރެއް ނުވެއެވެ. މެހިތައް ކާން އެ ތަނަށް ހޯނުތައް ބޮނޑިވާން ފަށައިފިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަކުރު ވިއްކާ މީހާ އަވަދިނެތި އުޅެމުން ހަކުރު ރުނބާ އަނގަމަތިން ބަހައްޓައިފައި ދެވުނު ވަގުތު އެ ތަނުން ހޯނެއް ހަކުރު ރުނބަޔަށް ވެއްޓިއްޖެއެވެ.

މި ހެން މި ކަން ހިނގައިފައި ވަނިކޮށް އެ ފިހާރައިން ހަކުރު ގަނެގެން ގެންދިޔަ މީހެއްގެ ކުޑަ ހަކުރު ބާލިދީ ތެރޭން މަރުވެފައި އޮތް ހޯނެއް ފެނިގެން އޭނާ އެ ހިފައިގެން އެ ފިހާރަދޮށަށް އަތުވެއްޖެއެވެ. މި ކަންކަން ބަލަމުން ގެންދިޔަ ކަލޭގެޔަށް އެ ތަނަށްް އާދެވުނު އިރު އޮތީ އެ މައްސަލަ ޖެހިފައެވެ. ދެފަރާތުން ބަސްމަގު ހޫނުވަމުން ހޫނުވަމުން ގޮސް ގަޔަށް އަތްލާ ހިސާބަށް ކަންތައް ހިގައްޖެއެވެ. ވަރަށް އަވަހަށް ބޮޑު ތަޅައިފޮޅުމަކަށް ބަދަލުވެއްޖެއެވެ. ދެނަކާ ދެނެއް ނެތެވެ! ދެ ފަރާތުން މީހުން އައިސް މާރާމާރީ ހިންގާން ފަށައިފިއެވެ. 

މި ކަލޭގެ ދުރަށް ޖެހި ކުޅިބަލާން ހުއްޓައި ފަހަތުން މީހަކު އައިސް އިޝާރާތެއް ކޮށްލިހެން ހީވެގެން ބަލައިލި އިރު އެއްކަލަ އިބިލީސް މިހިރީ އައިހެވެ. އޭނާ ބުންޏެވެ. ހުރި ނުބައިކަން ބަލާށެވެ. ތިޔަ ކުރި ކަމަކުން އެ ފެށުނީ ބޮޑު ހަނގުރާމައެކެވެ. އެ ސޮރު އެއް މިޔަކަނުން ހީނލައިފައި ބުންޏެވެ. "ތިހެން ނުބުނޭ! ތަޅައިފޮޅުމަކަށް އެ ކަން ބަދަލުކޮށް ބޮޑު ހަނގުރާމައަކަށް އެ ކަން އެހެދީ އެ މީހުން. އެ ކަން ރީތިކޮށް ހައްލުކޮށްލި ނަމަ އެ ވީނުން؟" 

އެބުނީ ތެދެކެވެ. އެހެންނަމަވެސް އިންސާނުންނަކީ އިންސާނުންނެވެ. މި ކަހަލަ ކަމަކަށް ރުޅިނައިހެއް ނުތިބެވޭނެއެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް ފިތުނައަކަށް ވާ ގޮތަށް ކަމެއް ރާވައިގެން ކޮށްފިނަމަ، މި ނަތީޖާ ނުނިކުމެއެއް ނުދާނެއެވެ. ތަންދޮރު ނުބެލުމާއި ރުޅި އިސްވުމަކީ އަދި މި ކަންކަމުގައި އަވަސްއަރައިގަތުމަކީ އިންސާނީ ތަބީއަތެވެ. މި ކަން މިހެން ހިނގާނެއެވެ.

ވާހަކައަކީ، ފުލޯކީ ވާހަކަޔަކަށް ވިޔަސް ވާހަކައިން ލިބިދިން މެސެޖް ރަނގަޅެވެ. މި ފިތުނައިގެ އޮށް އިންދި މީހާ އިންދި މަގުސަދު އޭނާ ހާސިލް ކޮށްފިއެވެ. ދުނިޔޭގައި މި ބާވަތުގެ ގިނަ ކަންތައް ފެށިފައިވާ ގޮތާއި ކުރިޔަށް ދާ ގޮތުން މި ހަޤީގަތް ހާމަވާނެއެވެ.

ވަރަށް ކެތްތެރި ބުއްދިވެރިންނަށް ނޫނީ މި ކަހަލަ މަޅިމަޅީން ސަލާމަތްވެ، ރެކޭކަށް ނޭނގޭނެއެވެ. މަޝްހޫރު ރައިވަރު ވެރިޔެއް ކަމަށްވާ ނައިބުތުއްތު ވިދާޅުވެފައިވާ ފަދައިން "ހިތުގެ ސާބިތުކަން ނުގެއްލި ކެތްތެރިވާން އެނގުނު އަޅަކަށް އެއީ، ކިތަންމެ ދެރަމީހެއް ކަމުގައިވިޔަސް އެއްވެސް ކަމެއް ބޮޑުވެގެންނެއް ނުދާނެއެވެ." އެކަމަކު މައްސަލައަކީ އެންމެންނަކީ އެ ވަރުގެ މީހުންނެއް ނުވާ ކަމެވެ. އެހެންކަމުން އެފަދަ ކަންކަމާ ގުޅިގެން ދުނިޔޭގައި ބޮޑެތި ފިތުނަތައް އުފެދި ހުޅުފަޅައިގެންދަނީއެވެ.

___________________________

އިދާރާ

ވާހަކަ