www.fanvai.info

Print

ޢަދުލު އިންސާފާއި ޙަސަދަ ވަކިކުރާނީ ކިހިނެއް؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

އަޙްމަދު ސިމާޙު

ސަރުކާރުގެ ނަން މަޝްހޫރު އޮފީހެއްގައި އުޅޭ ރައްޓެއްސަކާ އިހަކަށްދުވަހު ބައްދަލުވިއެވެ. އޭނާ ގާތު އޮފީހުގެ ކަންކަން ކިހިނެއްތޯ އަހައިލީމެވެ. ޖަވާބުގައި އޭނާ ބުނީ، މިހާރު ތިމަންނާމެންނަކީ އެއްވެސް އަގެއް ހުރި ބަޔަކަށް ނުވާ ކަމަށެވެ. ކޮށްދިން މަސައްކަތެއް ވެސް ނެތް ތަނުގައި ބަޔެއްގެ ހަސަދަވެރިކަމުގެ ސަބަބުން މި ތިބީ "އެހެލައިފައި" ކަމަށެވެ.

އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ހަމަ އެ އޮފީހުގައި އުޅޭ އެހެން ރައްޓެއްސަކާ ދިމާވިއެވެ. ހަމަ އެސުވާލު އޭނާޔާ ކޮށްލީމެވެ. ޖަވާބުގައި އޭނާ ބުނީ، އޮފީސް ހިނގަންވީ ގޮތަށް އަދި ހިނގާން ފެށީ ކަމަށެވެ. ކުރީން އުޅުނު އަނިޔާވެރިންނާއި ވަގުން މަސައްކަތުން އެކަހެރިކޮށް ބާކީކޮށް އިންސާފު ޤާއިމުކުރެވިއްޖެ ކަމަށެވެ. 

ހަޤީޤަތުގައި މި މަޢުޟޫއާމެދު ވިސްނައިލާން ފެށުނު ހިސާބަކީ މިއީއެވެ. އެއް ތަނެއްގައި މަސައްކަތްކުރާ ދެ މީހަކު އެއްކަމެއްގައި ދުށް ގޮތް ތަފާތުވީއެވެ. ކަމަކީ އެއް ކަމެކެވެ. އެކަކު ޤަބޫލުކުރަނީ އެއީ ބައެއްގެ ޙަސަދަވެރިކަމުގެ ނަތީޖާ ކަމުގައެވެ. އަނެކަކު ޤަބޫލުކުރަނީ އެއީ އިންސާފު ކަމަށެވެ. ޔަޤީންވާ ކަމަކީ މި ދެ މީހުންގެ ބަސް ތެދުނުވާނެކަމެވެ. ތެދުވާނީ އެ ތަނުން ކޮންމެވެސް އެކެއްގެ ބަސްކަމެވެ.

ޙަސަދައަކީ ކޮބައިހެއްޔެވެ؟ އެއީ އެހެން މީހަކަށް ލިބިފައިވާ އެއްޗެއްގެ ސަބަބުން ނުވަތަ ލިބިފައިވާ ޤާބިލުކަމެއްގެ ސަބަބުން ނުވަތަ ލިބިފައިވާ ނަސީބެއް ނުވަތަ ނިޢުމަތަކާ ގުޅިގެން އަނެކާގެ ހިތުގައި އުފެދޭ އުދާހެއް ނުވަތަ ހިތްހަމަ ނުޖެހުމެއް ނުވަތަ ރުޅިވެރިކަމެކެވެ.

އިސްލާމީ ނަޒަރިއްޔާތުން ބަލާއިރު، ޙަސަދައަކީ ތިމާގެ އަޚާއާ ދެކޮޅަށް ތިމާގެ ސިކުނޑީގައި ހިނގާ އެންމެ ނުރައްކާތެރި އިޙްސާސްތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ބައްޔެކެވެ. އޭގެ ސަބަބުން ތިމާގެ ހިތުން އަނެކާއަށް ނުބައި ގޮތްތަކާއި ހަލާކަށް އެދެވެއެވެ. އަދި އެފަދަ މީހަކަށް ހިތާމައެއް ނުވަތަ ދެރައެއް ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ އެކަމާ އުފާކުރެއެވެ. ޙަސަދައާމެދު އިންޒާރު ކުރައްވައި ނަބިއްޔާ صلى الله عليه وسلم މިސާލު ޖައްސަވާފައިވަނީ އަލިފާނުން ދަރު އަނދައިގެންދާ ފަދައިން ޙަސަދަވެރިޔާގެ ހެޔޮކަންތައްތައް ހަސަދައިގެ ސަބަބުން ނެތިގެންދާ ކަމުގައެވެ. (ރަވާޙް އަބޫދާވޫދު)

ޢަދުލު އިންސާފަކީ ކޮބައިހެއްޔެވެ. ޢަދުލު އިންސާފަކީ އަހަރެމެންނަށް ނިކަން ފަރިތަ ބަހަކަށް ވިޔަސް އެ މަފްޙޫމުގެ މާނައަކީ ކޮބައިތޯ އަހައިފި ނަމަ އެހާ ފަސޭހައިން ޖަވާބެއް ލިބިދާނެ ކަމަކަށް ނުދެކެމެވެ. އެހެންކަމުން މި މަފްޙޫމުގެ މާނައެއް ނެރެދެވޭތޯ ބަލާލާނަމެވެ. 

ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގައިލާއިރުވެސް ޢަދުލު އިންސާފުގެ ވާހަކަ ފެންނާން އޮވެއެވެ. އެ ގޮތުން މީލާދީން 1195 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނާއި މީލާދީން 1196 ވަނައަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނަށް ބަލާއިރު، މީލާދީން 1153 ގައި އޭރުގެ ރަދުން އިސްލާމްވެ، އިސްލާމީ ޝަރީޢަތާއި އޭރުގެ އާދަކާދައަށް ރިޢާޔަތްކޮށް ރާއްޖޭގައި ޙުކުމް ތަންފީޒްކުރިކަން އެނގޭން އޮވެއެވެ. އޭގެ ފަހުން އެކި ގޮތްގޮތަށް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކަންކަން ރާއްޖޭގައި ކުރިއަށް ގޮސް، 2008 އިން ފެށިގެން ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 6 ވަނަ ބާބު ޚާއްސަކޮށްފައިވަނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ވާހަކަތައް ބަޔާންކުރުމަށެވެ. ޤާނޫނު އަސާސީގެ 142 ވަނަ މާއްދާގައި، ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތަށް ކަންތައްތައް ނިންމަންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ ކަމަށް ބާޔަންކޮށްފައިވެއެވެ. މައްސަލައެއް ނިންމުމުގައި ފަނޑިޔާރުން އަމަލުކުރާނީ ޤާނޫނު އަސާސީއާއި ޤާނޫނަށެވެ. ޤާނޫނު އަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ނުވާ ކަމެއްގައި ފަނޑިޔާރުން ރިޢާޔަތް ކުރާނީ އިސްލާމީ ޝަރީއަތަށެވެ.

އިސްލާމީ ނަޒަރިއްޔާތުން ބަލާއިރު، ޢަދުލަށް ޙުކުމް ކުރުމަށާއި ޢަދުލުވެރި ގޮތުގައި ކަންކަން ކުރުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މާތްﷲ އަންގަވާފައިވެއެވެ. އެގޮތުން ބަލާއިރު، ނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާ ނަމަ، ޢަދުލަށް ޙުކުމް ކުރުމަށް މާތްﷲ ވަޙީ ކުރައްވައި އަންގަވައިފައި ވެއެވެ. އަދި ހަމަ އެހެންމެ މީސްތަކުންގެ މެދުގައި ޢަދުލުވެރި ގޮތުގައި ކަންކަން ކުރުމަށް ޝޫރާ ސޫރަތުގެ 15 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

ޢަދުލު އިންސާފުގެ ނިޒާމަކީ މުޖުތަމަޢު ވަކި ހަމައެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި މީހުން އުޅޭންވީ ގޮތް ނުވަތަ ޙުދޫދު ކަނޑައަޅައި، އެ ޙުދޫދުގެ ތެރޭގައި މީހުން ބޭއިތިއްބުމަށް ބާރު އެޅުމާއެކު ޙުދޫދުން ބޭރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ނިޒާމެވެ. މި ދެންނެވި ޙުދޫދަކީ އިސްލާމީ ޝަރީޢަތާއި، ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައަޅާފައި ހުންނަ ޙުދޫދުތަކެވެ. 

ޢާންމު މާނައިގައި ޢަދުލު އިންސާފަކީ ހަމަހަމަކަން ޤާއިމުކުރުމެވެ. ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ހަމަހަމަކަމާއެކު ކަނޑައެޅިފައި އޮންނަ އުސޫލުން ކަންކަން ނިންނުމަށެވެ. އިންސާފު ޤާއިމުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. ޤާނޫނީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައިދިނުމުގެ ބާރު ދީފައިވަނީ ރާއްޖޭގެ ކޯޓުތަކަށެވެ.

އެނބުރި މަޢުޟޫއަށް ދަމާ ހިނގާށެވެ. ބަޔާންކުރެވުނު މަޢުލޫމާތުގެ އަލީގައި، އިސްވެ ބުނެވުނު ދެމީހުންގެ ވާހަކަތަކަށް ބަލާއިރު އެއީ ޙަސަދަތޯ ނުވަތަ ޢަދުލު އިންސާފުތޯ ބެލުމަށް ބޭނުންކުރެވިދާނެ ޓެސްޓެއް މިތަނުގައި ބަޔާންކޮށްލެވޭތޯ ބަލާނަމަވެ. ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަން އެގޮތަށް ހުރެއްޖެނަމަ ފުރަތަމަ ބައްދަލުވީ މީހާގެ ވާހަކަ ތެދެވެ. އަދި އެ ގޮތަށް އެކަންކަން ނެތްނަމަ ދެވަނައަށް ބައްދަލުވީ މީހާގެ ވާހަކަ ތެދެވެ.

މީހެއްގެ މައްޗަށް އެކި ތުހުމަތުކޮށް އަޑު ފަތުރާއިރު، އެއިން އެއްވެސް ތުހުމަތެއް އެ މީހާގާތު ނުބުނުން:

ޤާނޫނާއި ގަވާއިދާ ޚިލާފު ނުވަތަ އުސޫލާ ޚިލާފު ޢަމަލެއް ކުރި ކަމަކަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، ތުހުމަތު ކުރެވުމާއެކު އެމީހަކަށް އެކަން ބުނެދޭންވާނެއެވެ. ކުރެވޭ ތުހުމަތުން ބަރީޢަވެ، ތިމާއަކީ ނުރަނގަޅު ތުހުމަތެއް ބޮލުގައި އެޅިފައިނެތް ސާފު މީހެއްކަން އަމިއްލަ ނަފުސަށް އެނގުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް މި ގޮތަށް މި ކަން ނުކޮށް، ތުހުމަތު ކުރެވޭ މީހާގެ ކުރިމަތީ އޭނާއަށް ތަޢުރީފު ކުރުމަށްފަހު، އޭނާ ނެތް ތަނުގައި އޭނާގެ ބޮލުގައި ތުހުމަތު އެޅުވުމަކީ އޭގެ ފަހަތުގައި ނުރަނގަޅު ނިޔަތެއް އޮތްކަން ދަލީލުކޮށްދޭނެ ކަމެކެވެ.

ބަޔަކަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމެއް ނުވަތަ ހީއަކީ ކުށެއް ކަމަށް ބަލައިގެން ތުހުމަތު ކުރުން:

ކުރެވޭ ތުހުމަތު ވާންވާނީ ލިޔެވި ޢާންމު ކުރެވިފައިވާ އުސޫލަކާ ނުވަތަ މިންގަނޑަކާ ޚިލާފަށް ކުރި ކަމަކާ ގުޅުވައިގެން ކުރެވޭ ތުހުމަތަކަށް ނުވަތަ ލިޔެވިފައި ނެތަސް އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ކަމަކާ ގުޅުވައިގެން ކުރެވޭ ތުހުމަތަކަށެވެ.  މިއާ ޚިލާފަށް ވަކި މީހެއްގެ ބުއްދިއަށް އެއީ ކުށެއްގެ ގޮތުގައި ޤަބޫލުކުރެވޭ ކަމެއް މީހެއްގެ މައްޗަށް ތުހުމަތު ކުރުމަކީ ވެސް ޢަދުލު އިންސާފުގެ ހަމައެއް ނޫނެވެ.

ތުހުމަތުކޮށް އަޑު ފަތުރާ މައްސަލަ ނުބެލުން:

މީހެއްގެ މައްޗަށް ތުހުމަތުކޮށް އަޑުފަތުރާ މައްސަލަ ކަމާބެހޭ ފަރާތަކަށް ހުށަހަޅައިގެން ނުބެލުމަކީ އެފަދަ ތުހުމަތުގެ އަސާސެއް ނެތްކަން ދަލީލުކޮށްދޭނެ ކަމެކެވެ. މައްސަލަ ބެލިނަމަވެސް، ގޮތެއް ނުނިމި ދިގުލައިގެން ގޮސް އަހަރު ދެއަހަރު ފާއިތުވެގެންދާ ނަމަ، އެއީ ވެސް އެ ތުހުމަތާމެދު ސުވާލު އުފެދޭނެ ކަމެކެވެ. އަދި ނަފްސާނީ ގޮތުން ވެސް އެ މީހަކަށް ތަފާތު މައްސަލަތައް ކުރިމަތިކުރުވާނެ ކަމެކެވެ. ތުހުމަތުކުރެވޭ މައްސަލަ ވީހައި ވެސް އަވަހަށް ނިންމުމަކީ އިންސާފު ޤާއިމުކުރުމަށް އިންތިހާއަށް މުހިންމު ކަމެކެވެ.

ވަކި މީހަކަށް އަމާޒުކޮށް މައްސަލައެއް އުފަންކުރުވަން މަސައްކަތްކުރުން: 

ވަކި މީހަކަށް އަމާޒުކޮށްގެން މައްސަލައެއް އުފަންކުރުވަން މަސައްކަތްކުރުމަކީ ވެސް އެކަމުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭނެ ކަމެކެވެ. މިސާލަކަށް ނިޒާމުގެ މައްސަލަ ހުރިކަން އެނގިތިބެ އެ ކަމަށް ޙައްލެއް ނުހޯދައި، އެ ނިޒާމުގެ ތެރެއިން މަސައްކަތްކުރަން ފުރުސަތުދީ، ނިޒާމު އޮތް ގޮތަށް ބާއްވައިފައި، ވަކި ހިސާބަކުން އެ ނިޒާމުގެ ތެރެއިން ކުރެވިފައިހުރި ކަންކަން ބެލުމަށް ނިންމައި، ވަކި މުއްދަތެއްގައި ހިނގައިފައިވާ ކަންކަން ބެލުމަކީ ވަކި މީހަކަށް އަމާޒުކޮށްގެން ތުހުމަތުތަކެއް އުފަންކުރާން އުޅުން ކަމަށް ބެލެވިދާނެއެވެ. ހަމަ އެހެންމެ، އެތައް ބަޔަކު ކުރާ ކަމެއްގައި ވަކި މީހެއްގެ ނުވަތަ ބަޔެއްގެ މައްސަލައެއް ފާހަގަކުރުމަކީ ވެސް މި ފަދަ ކަމެކެވެ. މި ފަދަ ކަންކަން ދެނެގަތުމުގައި ބޭނުންކުރަންވާނީ "ރީޒަނަބަލް މައިންޑް" ޓެސްޓެވެ.

ކުރެވޭ ތުހުމަތުގެ ސައްޙަކަން ބެލުމަކާ ނުލައި ފިޔަވަޅު އެޅުން:

ކުރެވޭ ތުހުމަތު އެ މީހަކަށް ބުނެނުދީ އަދި އެ ތުހުމަތުގެ ތެދުދޮގު ނުބަލައި، ކަމާބެހޭ ފަރާތަކަށް އެ ފަދަ މައްސަލައެއް ހުށަނާޅައި، ތުހުމަތުން ބަރީޢަވުމުގެ ފުރުސަތު އެ މީހަކަށް ނުދީ، ހަމައެކަނި ހީވާ ހީވުމެއްގެ މައްޗަށް ނުވަތަ އިވޭ އަޑެއްގެ މައްޗަށް ބިނާކޮށް، ނުވަތަ އެހެން ބައެއްގެ ނުފޫޒާހެދި، އިދާރީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ވިޔަސް އެ މީހަކާމެދު އެއްވެސް ފިޔަވަޅެއް އެޅުމަކީ އިންސާފުގެ މަގުން އެއްކިބާވެފައިވާކަން ދަލީލުކޮށްދޭނެ އެންމެ ބޮޑު އެއް ކަންތަކެވެ. 

އިދާރީ ފިޔަވަޅު އެޅުމަކީ ވެސް ވަރަށް ގިނަ ފަހަރަށް އޭގެ ނާޖާއިޒް ފައިދާ ނަގާ ކަމެކެވެ. މިސާލަކަށް، ވަޒީފާއެއްގައި އުޅޭ ނަމަ، އެއްވެސް ހިލަމެއް ނެތި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި، ޙަވާލުކޮށްފައި ހުންނަ ޒިންމާތައް އަތުލުމާއި،  ޒިންމާއެއް ޙަވާލުނުކޮށް ބެހެއްޓުމާއި، މި ނޫނަސް އެ މީހަކު "އެހެލައިފިކަން" އެހެން މީހުންނަށް އެންގުމުގެ ގޮތުން އެތައް ކަމެއް ކުރެވިދާނެއެވެ. ނިވާފަތްގަނޑަކަށް ބޭނުންކުރާނީ އިޚުތިޔާރާއި ޢަމަލުކުރާ އުސޫލެވެ. މާނައަކީ އެ ފަދަ ކޮންމެ ކަމެއް ކޮށްފައި ވެސް އެއީ އިދާރީ ފިޔަވަޅެއް ނޫން ކަމަށާއި، އެއީ އޮންނަ އުސޫލުގެ ތެރެއިން ނުވަތަ ލިބިފައިވާ އިޚްތިޔާރެއްގެ ތެރެއިން ކަންކަން ހަރުދަނާކުރާން ކުރި ކަމެއް ކަމަށް ބުނެވިދާނެއެވެ. 

ހަގީގަތުގައި މި ޙާލަތުގައިވެސް "ރީޒަނަބަލް މައިންޑް" ޓެސްޓު ބޭނުންކޮށްފިނަމަ، އޭގެ މަގުސަދު ވަރަށް ރަނގަޅަށް ސާފުވާނެއެވެ. އެއީ ޙަސަދަވެރިކަމެއްގެ ނަތީޖާތޯ ނުވަތަ ކަންކަން ހަރުދަނާކުރަން އެޅި ހަރުދަނާ ފިޔަވަޅެއްތޯ ދެނެގަނެވޭނެއެވެ. 

__________________________

www.fanvai.info