އަދުގެ ޚާއްސަ

Print

ތެދުވެރިކަމުގެ މުހިންމުކަން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދީން

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

"ތެދު"ގެ މާނައަކީ ޙައްޤެވެ. ރަނގަޅެވެ. ކަތިކަމެއް ގުދުކަމެއް ނެތުމެވެ. ސީދާވުމެވެ. ބާޠިލުގެ އިދިކޮޅެވެ. ދޮގުގެ އިދިކޮޅެވެ. ތެދުވެރިކަމަކީ އޮޅުވައިނުލުމެވެ. މަކަރު ނެހެދުމެވެ. އިޚުލާޞްތެރިކަމެވެ. ވަފާތެރިކަމެވެ. މި ހުރިހައި މާނަތަކެއް މި ލަފުޒުގައި ހިމެނިފައިވެއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ވެސް ވަރަށް ބޮޑަށް ގުޅި، ލައިމެހިފައިވާ ދެ ސިފައެވެ. އަޚުލާޤުގެ އެންމެ މަތިވެރި ދެ ސިފައަކީ ވެސް މިއީއެވެ. ނަޒާހާތްތެރިކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ ވެސް މި ދެ ސިފައެވެ. އިންސާނާގެ ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާ ކަމުގެ ޢަލާމާތެވެ. މިއީ އަޚުލާޤުގެ ފުރިހަމަކަން (މަކާރިމުލްއަޚުލާޤު)ގެ އެންމެ މަތީ ދަރަޖައެވެ.

މިއީ މާތް ﷲ ސުބްޙާނަހޫ ވަތަޢަލާ އެކަލާނގެ ޒާތުފުޅަށް އެ ސިފަ ލާޒިމުކުރައްވައިފައިވާ ސިފައެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَعْدَ اللّهِ حَقًّا وَمَنْ أَصْدَقُ مِنَ اللّهِ قِيلاً." ("اللَّه، وعد ކުރައްވައިފައި ވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّهއަށް ވުރެ، ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟") (1)

ތެދުވެރިކަމަކީ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ވަރަށް ޚާއްޞަ ސިފަފުޅެކެވެ. ތެދުވެރީންނަކީ ތަޤުވާވެރިކަމުގެ ސިފައެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ." وَالَّذِي جَاء بِالصِّدْقِ وَصَدَّقَ بِهِ أُوْلَئِكَ هُمُ الْمُتَّقُونَ." ("ތެދާއިގެން އަންނަ މީހާއާއި އަދި އެތެދު قبولކުރާ މީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ تقوىވެރިންނެވެ.") (2)   

އަދި ހަމަ މި ފަދައިން ތެދުވެރިކަމަކީ ރަސޫލު ﷲ ﷺ ގެ އަޞްޙާބު ބޭކަލުންގެ ސިފަފުޅެއްކަމުގައި ވެސް ވަނީ އަންގަވައިފައި ވެއެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. " مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُم مَّن قَضَى نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلًا" ("ﷲ އަށް އެއުރެން ޢަހްދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެން ދިޔަ ބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކު ވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް) އެއްވެސް ކަހަލަ ބަދަލެއް ނުގެނެތެވެ.") (3)

ތެދުވެރި އަދި ތެދުވެރީންނާއެކުގައި ވުމަށް ވެސް މާތް ﷲ ﷻ ވަނީ އެންމެހާ މުޢުމިނުންނަށް، އަމުރު ކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. " يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَكُونُواْ مَعَ الصَّادِقِينَ" ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!") (4)  

ތެދުވެރިކަމުގެ މަންފާއަކީ މުޖުތަމަޢުގައި ވެސް އޭގެ ނަތީޖާ ފެންނާނެ ވަރަށް މުހިންމު ސިފައެކެވެ. އެ ފަދަ މީހުންނަށް މީހުން އިތުބާރުކުރާނެއެވެ. މީހުން ޤަދަރުކުރާނެއެވެ. ތެދުވެރިކަމުގެ ހަގީގީ ފައިދާއާއި ލާބަ ވަރަށް މަތިވެރި ގޮތެއްގައި އާޚިރަތް ދުވަހުން ލިބޭނެއެވެ. އެ ތެދުވެރިކަމުން ހަގީގީ މަންފާއެއް ލިބޭނީ ވެސް އެ ދުވަހުންނެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ." قَالَ اللّهُ هَذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ." ("ﷲ ވަޙީކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުއްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމި ތިބޭ ގޮތުގައެވެ. ﷲ، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެން ވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.") (5) 

ކައު ރަސޫލާގެ ސުންނަތުގައި ވެސް ތެދުވެރިކަމަށް ދެއްވައިފައިވާ އިސްކަން ވަރަށް ބޮޑެވެ. މި ކަމާ ގުޅޭ ގޮތުން ކައު ސާހިބާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައިވެއެވެ. "عن مُعَاوِيَة بْن أَبِي سُفْيَان قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَيْكُمْ بِالصِّدْقِ فَإِنَّهُ يَهْدِي إِلَى الْبِرِّ وَهُمَا فِي الْجَنَّةِ وَإِيَّاكُمْ وَالْكَذِبَ فَإِنَّهُ يَهْدِي إِلَى الْفُجُورِ وَهُمَا فِي النَّار" ("އަބޫސުފްޔާނުގެ ފުތް މުއާވިޔަތުގެފާނުގެ އަރިހުން ވާރިދުވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ތެދުވެރީންގެ ތެރެއިން ވާހުށިކަމެވެ! ފަހެ ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. އެ ދެ މީހުންވަނީ ސުވަރުގޭގައެވެ. އަދި ތިޔަބައިމީހުން ދޮގުހެދުމުން ދުރުވެ ރައްކާތެރިވާހުށިކަމެވެ! ހަމަ ކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ފާޖިރުކަމަށެވެ. އެ ދެމީހުން ވެސް ވަނީ ނަރަކައިގައެވެ.") (6)

އަދި ވެސް ޙަދީޘްކުރައްވައިފައި ވެއެވެ. "عَنْ أَبِي هُرَيْرَةَ قالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَايُؤْمِنُ الْعَبْدُ الْإِيمَانَ كُلَّهُ حَتَّى يَتْرُكَ الْكَذِبَ فِي الْمُزَاح وَالْمِرَاءَ وَإِنْ كَانَ صَادِقًا" ("رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ. މުއުމިނު އަޅަކު ސަމާސާއަށް ނަމަވެސް ދޮގު ހަދާކަމުގައި ވާނަމަ، އަދި ޒުވާބުކުރާހިނދު ވެސް ތެދުވެރި ނުވާކަމުގައިވާ ނަމަ، އޭނާ އީމާންވީކަމުގައި ނުވާ ހުއްޓެވެ.") (7)

ޞަޙީޙުއް ތިރްމިޛީގައި ވާ ޙަދީޘެއްގައިވެއެވެ. "عَنْ أَبِي هُرَيْرَةَ قَالَ قَالُوا يَا رَسُولَ اللَّهِ إِنَّكَ تُدَاعِبُنَا قَالَ صلى الله عليه وسلم إِنِّي لَا أَقُولُ إِلَّا حَقًّا ("ކަލޭގެފާނު ތިމަން ބޭކަލުންނާ ސަމާސާކުރައްވަމުއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނު (ސަމާސާއަކަށް ނަމަވެސް) ޙައްޤު ތެދު ބަސްފުޅެއް ނޫނީ ޙަދީޘެއް ނުކުރައްވަމުއެވެ.") (8)

ތެދުވެރިކަމުގެ އިދިކޮޅަކީ ދޮގުވެރިކަމެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. ޞަޙީޙު ބުޚާރީއާއި ޞަޙީޙު މުސްލިމުގައިވާ (މުއްތަފަޤުންޢަލައިހި) ޙަދީޘެއްގައިވެއެވެ. عنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ عَلَامَاتِ الْمُنَافِقِ ثَلَاثَةٌ وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ ("މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ.  މުނާ ފިޤުންގެ ޢަލާމާތް ތިނެކެވެ. އެ މީހުން ނަމާދުކޮށް ރޯދަހިފައި އަދި މުސްލިމެއްކަމުގައި ބުނިކަމުގައި ވިޔަސް ވެހެވެ. (އެއީ) އޭނާ ވާހަކަ ދައްކާ ނަމަ ދޮގު ހަދައެވެ. ޥަޢުދެއް ކޮށްފި ނަމަ (އެ ވަޢުދަކާ) ޚިލާފުވެއެވެ. އަމާނާތެއް ޙަވާލު ކުރެވިއްޖެ ނަމަ (އެ އަމާނާތަކަށް) ޚިޔާނާތްތެރިވެއެވެ.")(9)

ކައު އިތުރު ރަސޫލާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ބޮޑަށް މި އުންމަތަށް ބާރު އެޅުއްވި ، އަޚުލާޤުގެ އެންމެ މަތިވެރި ދެ ކަމަކީ  ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. އިތުރު އެކަލޭގެފާނުގެ ސިޔަރަތުން މިކަން ވަރަށް ސާފުކޮށް ފެންނާން އެބަ ހުއްޓެވެ. އެހެންކަމުން ދެދުނިޔޭގެ ކާމިޔާބައި ފަލާޙު ހޯދާން އެދޭ ކޮންމެ މީހަކު ވެސް ތެދުވެރިކަމުގެ ސިފައިން ސިފަ ލިބިގަތުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ، މި ދުނިޔޭގައި އޭނާ ވާނީ ބޭޒާރުވެ ފަޟީޙަތްވެގެންނެވެ. އަދި ޤިޔާމާތްދުވަހުން އޭނާ ވާނީ ބަނގުރޫޓުވެ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައި ވެއެވެ.

_________________________

(1) (سورةالنساء:122).

(2) (سورةالزمر:33)

(3) (سورةالأحزاب:23)

(4) (سورةالتوبة:119) 

(5) (سورةالمائدة:119)

(6) المعجم الكبير للطبراني 894،المحدث الألباني خلاصة حكم المحدث صحيح لغيره في صحيح الترغيب 2934

(7) (مسند أحمد بن حنبل 8566، المحدث الألباني خلاصة حكم المحدث صحيح لغيره في صحيح الترغيب 2939)

(8) (صحيح البخاري كتاب الإيمان باب علامة المنافق 33،  صحيح مسلم كتاب الإيمان باب بيان خصال المنافق 59)

(9) (سننالترمذي كتابالبر والصلة عن رسول الله صلىالله عليه وسلم باب ماجاء فيالمزاح،  المحدث الألباني خلاصة حكم المحدث صحيح في صحيح الترمذي

ހަމަމިގަލަމުން

އިދާރާ

ވާހަކަ