www.fanvai.info

Print

އިރުއޮއްސުނީ އެވެ.

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ޢަޤީދާ

 

އިސްމާޢީލް ޢަލީ، ކަނދޮޅުދޫ

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާ ވީއެވެ. ހުޅަނގު ފަރާތު އުދަރެސް އޮރެންޖު ކުލައިން ޖަރީ ކުރަމުންނެވެ. އިރު އޮއްސޭ މަންޒަރު ބަލާލުމަށް އައިސް ތިބި މީހުނަނަށް އުފާވެރި ހިތްހަމަ ޖެހުން ގެނެސްދޭ ރީތި މަންޒަރެއް ދައްކަމުންނެވެ. އިރުކޮޅަކުން ކަނުއަނދިރިކަން މުޅިތަނަށް ފެތުރިގެންދާނެވެ.

އިރު އޮއްސޭ މަންޒަރުން އުފާވެރިކަމެއް ހިތުގައި ހިނގައިލިނަމަވެސް ދުވަސް ފާއިތުވެ ދިޔުމުން ހިތުގައި މޮޅިވެރިކަމުގެ ސާލުފަތުރައިލައެވެ. މުޅި ދުވަހު ކުރި އުންމީދު ޙާސިލް ނުވުމުން އެ ކަމުގެ ދެރައާއި ހިތާމަ، ހިތުގައި ހިނގައެވެ.

އިންސާނީ ޙަޔާތުން މުހިންމު ވަގުތުކޮޅެއް ފާއިތުވެގެން ދާއިރު، ވިސްނައިލަންޖެހޭ ކަންތައްތަކެއް ވެއެވެ. ތިބާގެ ޙަޔާތުގެ މުހިންމުވަގުތުތަކުގެ ތެރެއިން ވަރަށް މުހިންމު ވަގުތުކޮޅެއް ފާއިތުވެ ދިޔައީއެވެ. ދެން ބާކީ އޮންނާނީ ކިތައް ދުވަސްކަން އެނގޭނީ ކާކަށްހެއްޔެވެ؟

މަރަކީ ކޮންމެ މީހެއްގެ ވެސް އެންމެ ގާތުގައިވާއެއްޗެވެ. އިންސާނާ އަބަދުމެ ހުންނަންވާނީ މި ކަމަށް ތައްޔާރު ވެގެންނެވެ. ކޮންމެ ވަގުތަކު ވެސް ތިބާގެ ޙަޔާތުގެ ބައްތި ނިވިވދާނެއެވެ. ރޭގަނޑުގެ ކަނު އަނދިރިން ސަލާމަތް ވުމަށްޓަކައި އިންސާނުން އީޖާދު ކޮށްފައިވާ އެކައްޗަކީ ފުޅިބައްތިއެވެ. ބައްތި ކަނިވުމުން ތެޔޮފޮދެއް އަޅައިލުމުން އޭގެއަލިކަން ވަކިހިސާބަކަށް ފެތުރިގެންދެއެވެ. އަދި އެއްކޮށް ބައްތިނިވުނު ކަމުގައިވިޔަސް އެބައްތި އަލުން ދިއްލިދާނެއެވެ. ނަމަވެސް ތިބާގެ ޙަޔާތުގެ ބައްތި ނިވުމުން ދެނެއް އާ ޙަޔާތެއް މި ދުނިޔެއަކުން ނުލިބޭނެއެވެ.

ދުނިޔެވީ ޙަޔާތުގައި އިރުގެ އަލިކަން ފޯރާ ކޮންމެ ދުވަހަކީ، ވަރަށް މުހިންމުދުވަހެކެވެ. ނުހަނު ބުރަކޮށް މަސއްކަތް ކުރާންޖެހޭނެ ދުވަހެކެވެ. ފަހުދުވަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. ދުނިޔެވީ ޙަޔާތުގައި މިވާ މަދު ދުވަސްކޮޅު ހެޔޮގޮތިގައި ހޭދަ ކުރުމުގެ ގޮތުންވެސްމެއެވެ. ތިބާގެ ވާޖިބުތަކެއް އެބަހުއްޓެވެ. ތިބާ ހެއްދެވި ޚާލިޤުވަންތަ ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ޓަކައި، ހީވާގި ކަމާއި މުރާލިކަމާއެކު މަސއްކަތް ކުރާންވާނެއެވެ. މި ކަމަށްޓަކައި ތިބާއަކީ ޢިލްމު ލިބިގެންވާ މީހަކަށް ވާންޖެހޭނެއެވެ. ފުރިހަމަ ސިއްހަތެއް ލިބިފައިވާ ހަށިގަނޑުގައި ބާރުހުރި މީހަކަށްވާން މަސައްކަތްކުރާންވާނެއެވެ. ޙަޔާތުގެ މުހިންމު ދަތުރުގައި ބައިވެރިވާ  ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއަކީ ވަރަށް މުހިންމުމީހެކެވެ. ދަރިން ހޯދައި އެ ކުދިން ތަރުބިއްޔަތުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ޙަޤީޤީ ފޮނިކަމާއި މީރުކަން ވަނީ ފަހުދުވަހަށްޓަކައި އިންދުނު ގަހުން ލިބުނު ގޮވާމުގައެވެ. މި ގޮވާމުގެ އަސަރު ދާއިމަށް ދެމިގެންދާނެއެވެ. އެ ލިބޭ އަރާމާއި އުފާ، ބަޔާންނެއް ނުކުރެވޭނެއެވެ. އެ އުފާލިބިއްޖެ މީހަކީ ނަސީބުވެރިއެކެވެ. އިރުގެ އަލިކަން ނެތް ދުވަހު އަލިކަން ލިބޭނޭ މީހެކެވެ.

_________________________________

 

www.fanvai.info