އަދުގެ ޚާއްސަ

Print

ޤުރުއާނެޓް: ކީރިތި ޤުރުއާން އޮޅުވާލަން ކުރާ މަސައްކަތެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުލްމުޢީދު ޙަސަން

ނޯޓް: މިއީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓްގެ، މުސްލިމުންނަށް މުހިންމު ޚަބަރުތަކުގެ ބައިގައި ޝާއިޢުކުރެވިފައިވާ ލިއުމެކެވެ.

ކީރިތި ޤުރުއާނުގެ މާނަތައް އޮޅުވާލުމުގެ މަޤުޞަދުގައި އިޒުރޭލުގެ ބަޔަކު، ކީރިތި ޤުރުއާނުގެ ތަފުސީރެއް ލިޔެގެން އެބައުޅެއެވެ. އޭގައި ގޮވާލާފައިވަނީ، މުސްލިމުން، ޔަހޫދީންނާ އެއްބައިވުމަށެވެ. އޭގެ ޙަޤީޤަތް، ހާމަކޮށްފައިވާ އެއް ފަރާތަކީ، އިސްލާމް އޮންލައިން ޑޮޓް ނެޓް ވެބްސައިޓެވެ. ތިރީގައި މިވަނީ، އެ ވެބްސައިޓުގައިވާ ލިއުމުން، ތަރުޖަމާކޮށްފައިވާ ބައެއް ބައިތަކެވެ.


"ޤުރުއާނެޓް" ގެ ނަމުގައި އިޒުރޭލުގެ ބައެއް ފަރާތްތަކުން އިޢުލާންކުރި މަޝްރޫޢާމެދު، އިސްލާމީ ޢިލްމުވެރިންނާއި ފިޤުހުވެރިން ދެކޮޅު ހައްދަވައިފިއެވެ. އެ މަޝްރޫޢާމެދު އެބޭކަލުން ދެކެވަޑައިގަންނަވަނީ، އެއީ، ކީރިތި ޤުރުއާން ތަޙުރީފުކޮށްގެން ނެރުމަށްޓަކައި ކުރިން ވެސް ކޮށްފައިވާ ފަދަ މަސައްކަތެއްގެ ތަކުރާރުކުރުމެއް ކަމުގައެވެ.

އިޒުރޭލުގެ ބަޔަކު ކޮށްފައިވާ މި މަސައްކަތް، މުސްލިމުން ވާހަކަދައްކާއުޅޭ ބަސްތަކަށް ތަރުޖަމާކުރުމަށް ހަމަޖެހިފައިވެއެވެ. އެފަދަ ބަސްތަކުގެ ތެރޭގައި ތުރުކީ ބަހާއި ފާރިސީ ބަހާއި އިނގިރޭސި ބަހާއި ފަރަންސޭސި ބަސް ހިމެނެއެވެ. އަދި މި މަސައްކަތަށްޓަކައި ކޮމްޕިއުޓަރ ވިއުގައެއް ޤާއިމުކުރެވޭނެއެވެ.

ޖާމިޢަތުލް އަޒުހަރުގެ ޢުލޫމުލް ޤުރުއާނުގެ އުސްތާޛު، ޑރ. މަނީޢު ޢަބްދުލްޙަލީމް ވިދާޅުވެފައި ވެއެވެ. "އިޒްރޭލާއި އިޒުރޭލުގެ ބާހިސުން، އިސްލާމްދީނަށް ޢަދާވާތްތެރިވާ ކަމީ، އެންމެން ދަންނަ ކަމެކެވެ. އެބައިމީހުންގެ މި މަޝްރޫޢަކީ، އިސްލާމްދީން ފުނޑުފުނޑުކޮށްލުމުގެ މަޤުޞަދުގައި ކުރާ ކަމެކެވެ."

ޑރ. އަޙުމަދުއް ރައިސޫނީ އަކީ، މަޣުރިބު ކަރައިގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފުންނާބު އުސް ފިޤުހުވެރިއެކެވެ. އޭނާގެ ނަޒަރުގައި، އިޒުރޭލުގެ މީހުން ލިޔެގެން އުޅޭ ކީރިތި ޤުރުއާނުގެ ތަފުސީރަކީ، އެއްވެސް ހަރުދަނާ ކަމެއް ހުރި އެއްޗެއް ކަމަކަށް މުސްލިމުން ނުދެކޭނެއެވެ.

އެ ތަފުސީރުގައި ގޮވާލަނީ، ޔަހޫދީން ރުހޭ ގޮތަކަށް މުސްލިމުން ހެއްލި، ޔަހޫދީންނަށް ދީލާލުމަށެވެ. މިކަމާބެހޭ ގޮތުން ޑރ. އަޙުމަދުއް ރައިސޫނީ ވިދާޅުވެފައި ވެއެވެ. "އެބައިމީހުންނާއެކު އެފަދަ ގުޅުމެއް ބޭއްވުމަށް އެއްވެސް މުސްލިމު ޢަރަބި ރައްޔިތަކު ޤަބޫލެއް ނޫނެވެ. ޚާއްޞަކޮށް ޢިލްމުވެރިން އެކަން ޤަބޫލު ނުކުރައްވައެވެ. ވީއިރު، އިޒުރޭލުގެ ބަޔަކު ހެދި އެ ތަފުސީރުގައި ގޮވާލާފައިވާ ކަމަކީ، އެންމެހައި މުސްލިމުން އެއާ ދެކޮޅު ހަދާނެ ކަމެއްކަމުގައި މެނުވީ ނުވާނެއެވެ."

"މުސްލިމުން އެ ތަފުސީރު ޤަބޫލު ނުކުރާނެ، ދެވަނަ ސަބަބެއް ވެސް ވެއެވެ. ތަފުސީރު ފޮތްތަކާއި ޤުރުއާނާ ބެހޭގޮތުން ކޮށްފައިވާ ދިރާސާތަކުގައިވަނީ، ކީރިތި ޤުރުއާނުގައިވާ ހުރިހައި ކަންކަމެއްގެ މައްޗަށް ބަލައި ނަޒަރު ހިންގާފައެވެ. ކީރިތި ޤުރުއާން ޝަރަޙަކޮށް އޭގެ ތަފުސީރު ލިޔަންވާނީ، އެކަމަށް ޤާބިލު ޢިލްމުވެރިންނެވެ."

ޑެންމާކްގެ އިސްލާމިކް އެސޯސިއޭޝަންގެ ރައީސް، ޑރ. މުޙައްމަދު ފުއާދު ވިދާޅުވެފައިވެއެވެ. "އިޒުރޭލުގެ ބަޔަކު ކޮށްގެން އުޅޭ މިކަމަކީ، އިސްލާމްދީނާ ކުރާ ހަނގުރާމައެއް ކަމުގައި ނޫނީ ނުވާ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އުސްލޫބުގެ ގޮތުން މެނުވީ މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ވަނީ، ޢަސްކަރީ ހަނގުރާމައާއި ސަގާފީ ހަނގުރާމައާއި ކީރިތި ޤުރުއާން ތަޙުރީފު ކުރުމުގެ ހަނގުރާމަތައް ކޮށްފައެވެ."

ޑރ. މުޙައްމަދު ފުއާދު ސުއާލުކުރައްވާފައިވެއެވެ. "އިސްލާމް ދީން ޙިމާޔަތްކޮށް، އިސްލާމީ ތަޢުލީމު ފެތުރުމަށް، އިޒުރޭލުގެ ޞަހުޔޫނީން ފަރުވާތެރިވީ ކޮންއިރަކުތޯއެވެ؟ އެބައިމީހުންނަކީ، އިސްލާމީ ދުނިޔެއާ، ހުޅަނގުގެ ޤައުމުތަކުގެ މެދުގައި ހަރުދަނާ ގުޅުމެއް އުފެއްދުމަށޭ ކިޔާފައި މިކަހަލަ ކަމެއް ހެޔޮނިޔަތުގައި ދުވަހަކު ވެސް ކުރާނެ ބަޔެއް ނޫނެވެ."

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޞަހުޔޫނީންގެ މި ޢަމަލަކީ، އިސްލާމްދީނާ ދުރަށް މުސްލިމުން ގެންދިއުމަށާއި، އިސްލާމްދީނުގެ އަލި ސޫރަ، ހުޅަނގުގެ މީހުންގެ ކުރިމަތީގައި އަނދިރިމަށް ކުރާ މަސައްކަތެކެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ. "މީގެ ކުރިން ވެސް، އެބައިމީހުން ވަނީ، ކީރިތި ޤުރުއާނުގެ އާޔަތްތައް ބަދަލުކޮށްގެން ލިޔެ، އެ ޗާޕުކޮށްގެން އެފްރިކާގެ ޤައުމުތަކުގައި ބެހުމަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ބައެއް އެފްރިކާގެ ބައްރަށް ވާސިލުވިއެވެ. ނަމަވެސް އޭގެ ތެރެއިން ބޮޑުބަޔެއް ވަނީ، ގެންދިޔަ މަގުމަތީގައި ކަނޑަށް ޣަރަޤުވެފައެވެ." ދުޝްމަނުންގެ މިފަދަ ނުރައްކާތެރި ރޭވުންތައް ރާވަމުންދާއިރު، އެކަން މުސްލިމުންނަށް އަންގައި ހޭލުންތެރިކުރަން ޖެހޭނެ ކަމަށް، ޑރ. މުޙައްމަދު ފުއާދު ވިދާޅުވެފައިވެއެވެ.

މަތީގައި އެވަނީ، އިސްލާމް އޮންލައިން ޑޮޓް ނެޓް ވެބްސައިޓުގައިވާ ލިއުމުން ތަރުޖަމާކޮށްފައިވާ މިންވަރެވެ. އެއަށްފަހު، ޤުރުއާނެޓަށްވަދެ، އޭގައި ވަނީ ކީކޭތޯ ބަލާލީމެވެ. ކީރިތި ޤުރުއާނުގެ ނަފުސާނީ ތަފުސީރުގެ ނަމުގައި، އޭގައި ލިޔެފައިވާ ލިއުންތައް އެކިސިފަސިފައިގައި ގޮވާލަނީ، މުސްލިމުން، ޔަހޫދީންނާ އެއްބައިވުމަށެވެ. އޭގެ ޚުލާޞާއަކީ މިއީއެވެ. މާތްވެގެންވާ އިސްލާމްދީނަކީ، ޢަދާޥާތްތެރިވުމަށް ގޮވާލާ ދީނެއް ނޫނެވެ. ނަމަވެސް، މުސްލިމުންނާ ދެކޮޅަށް ބަޔަކު ހަނގުރާމަ ކުރާއިރު، އަމިއްލަ ނަފުސުގެ ދިފާޢުގައި ތެދުވުމަށް އިސްލާމްދީނުގައި ވަނީ މަގުދައްކަވާފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ