ހެޔޮ ޢަމަލު ގިނަކުރާންވީ ސަބަބުތައް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުރަންވީ ހެޔޮ ޢަމަލު އަޅަމެން ނުރައްކާ ފޭކުރާނެންޏާ
ދުރަށް ޝައިޠާނު ފައްސައިލައި އަމާން މަގުގައި ތިބޭނެންޏާ
ވަޔާ ދުނިޔޭގެ އާބުހަވާ ތިމާއަށް ގެންނަ ބަލިބައްޔާ
ޙަޔާތުގެ އެކި މުޞީބާތުން ދަފުޢު ވެވިގެން އުޅޭނެންޏާ
އެދުން ވާނަމަ އަރުތަ ލިބުމަށް ފަލާޙާ ކާމިޔާބާ، އަދި-
ދެދުނިޔޭން ޖާހު މާތް ޝަރަފާ ތިމާ ބޭނުންވެގެން ވަންޏާ
އިމާމުން ޤައުމުގައިވާ މާތް އެހެން ޞާލިޙު އަޅުންގެ ފުށުން
ތިމާއަށް ޙައްޤު ތަޢުރީފާ ޝުކުރު ބޭނުން ތިމާ ވަންޏާ
ޒަމާނުގެ ގޮންޖެހުން ހަފަރާތުގައި ސީދާ އަމާޒުވުމުން
ނަމާ އަބުރާ ސަލާމަތްކޮށް ތިމާ ދިނުމަށް އެދޭނެންޏާ
ޞިރާޠު މަގުން ހިނގާ ހިނދުގައި އެތާ މަޙުޝަރުގެ މައިދާނުން
ބިރާ ސިހުމާ ނުވާހެން ރީތިކޮށް ދިޔުމަށް އެދޭނެންޏާ
ޤިޔާމަތުގައި ތެދޭ އަބަދީ ޙަޔާތުގެ ގޮވަތި ހޯދުމުގައި
ތިމާ ނަފްސުލްމުޠުމައިންނާ ގެ ގޮތުގައި ޖަންނަތަށް ދަންޏާ
__________________________