އަދުގެ ޚާއްސަ

Print

ޙުކުމްތަކުގެ އަސްލެއް: ހަނދާންނައްތާލައިގެން ނުވާނޭ މުހިއްމު ފިގުހީ 'އުސޫލެއް'ގެ މައްޗަށް އަވަސް ކަޅިއެއް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ފިޤުހު

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މި ވާހަކަ ދައްކަންޖެހޭ މައިގަނޑު ސަބަބަކީ މައްސަލައެއް ނަގައި އެއާ މެދު އެއްޗެއް ބުނާ އިރަށް، އެ ބުނާއެއްޗަކީ، އާންމު މީހުން ދެކޭ ގޮތާ ފުށުއަރާކަމަށްވާ ނަމަ، މައްސަލައިގެ މައްޗަށް ނަޒަރު ހިންގައި ބަލައިލުމެއް ނެތި، މިވެނި އިލްމުވެރިޔަކު ތި މައްސަލައާ ބެހޭ ގޮތުން ބުނަނީ މިވެނި ހެނޭ ބުނެ، މައްސަލައާ މެދު ބަހުސްކުރުމަށް ހުރަސް އަޅާތީ، އިސްލާމީ އުސޫލުތަކުގައި ކަން އޮންނަ ގޮތަކީ މިއީ ނޫންކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. ފިގުހީ ހުރިހާ މައްސަލަތަކަކީ ވެސް ބަހުސްކޮށް، އިސްލާމީ ޝަރުއީ އުސޫލުތަކުގެ އަލީގައި ހައްލު ހޯދަން ޖެހޭނޭ މައްސަލަތަކެވެ. ކޮންމެ އަކަސް މިއަދުގެ ވާހަކައާގެން ކުރިއަށް ދިޔުމުގެ ކުރިން ކަމާ ބެހޭ އެހެން މައްސަލައެއްގެ ވާހަކަދައްކަން ޖެހެއެވެ. މިއަދު ބަޔާންކޮށްދޭން ގަސްދުކުރާ 'އުސޫލީ މައްސަލަ' ސާފުވެދިޔުމަށްޓަކައެވެ.

އެންމެ ފުރަތަމަ މުހިއްމު ބައެއް ލަފްޒުތަކުގެ މަފްހޫމު ނުވަތަ މާނަ ސާފުކޮށްލަދޭން ޖެހެއެވެ. މި ނަންގަންނަން އުޅޭ ލަފްޒުތަކަކީ އޭގައި އިސްތިލާހީ މާނައެއް، ހާދެ، ޚާއްސަ މާނައެއް އެކުލެވޭ ލަފްޒުތަކަކަށްވާތީއެވެ.

ފިގުހޭ ބުނެ މިތާ މި އިޝާރާތްކުރަނީ އިސްލާމީ ހުކުމްތަކުގެ އިލްމަށެވެ. ޝަރުއީ ހިއްސީ މަސްދަރުތައް ކަމުގައިވާ ކީރިތި ގުރުއާނާއި ސައްހަ ސުންނަތް، އިޖުތިހާދާއި ގިޔާސް ފަދަ މާނަކުރުމުގެ ވަސީލީ މަސްދަރުތައް މެދުވެރިކޮށް މާނަކޮށް، ނެރެވޭ މާނަ، މާނަ ސައްހަކުރެވޭ ތަސްހީހީ މަސްދަރު މެދުވެރިކޮށް ހުކުމަތައް ވަކިގޮތަކަށް ކަނޑައަޅައި ބަޔާންކޮށްދޭ އިލްމަށެވެ.

ޝަރުއީ ހިއްސީ މަސްދަރުތައް، އާދެ، އެއީ ހުކުމްތައް އޭގެ ނަޒަރީ ސިފައިގައްޔާއި އަދި އަމަލީ ސިފައިގައި ބަޔާން ކުރެވިފައިވަ މަސްދަރުތަކެވެ. ނަޒަރީ ސިފައޭ ބުނަނީ އޭގެ މައްޗަށް އަމަލުނުކުރެވި އޮންނަ ހާލަތައް އިޝާރަތްކުރުމަށެވެ. އަމަލީ އޭ ބުނެ އިޝާރަތްކުރެވެނީ އެހުކުމުތަކަށް އަމަލުކުރެވިފައި އޮންނަ އޮތުމަށެވެ. މިކަން ބަޔާން ކުރެވިފައިވަނީ ކީރިތި ރަސޫލާގެ (ސ) ސުންނަތުގައެވެ. މި ސުންނަތް އެންމެ ފުރަތަމަ އަސްހާބު ބޭކަލުންގެ ދުވަސްވަރު ފެނިގެން ދިޔައެވެ. އަދި، ފަހުން، މިސުންނަތް ތަދުވީނުކުރެވުނެވެ. މާނައަކީ ފޮތް ފޮތުގައި ލިޔެވުނެވެ. ސުންނަތްތައް ފޮތްތަކުގައި ލިޔެވި ތަދުވީނުކުރެވުމުން، އެއަށް ހަދިސްއޭ ކިޔެއެވެ. 

އިޖުތިހާދާއި ގިޔާސަކީ، ކީރިތި ގުރުއާނައި ސުންނަތުގެ ޝަރުއީ ނައްސަުތަކުގެ މައްޗަށް ފިކުރީ ނަޒަރު ހިންގައި އެ ނައްސަުތަކުގެ މާނަ ބަޔާންކުރާ ވަސީލަތެވެ. އެހެންވެ، މި މަސްދަރަށް މާނަކުރުމުގެ ވަސީލަތޭ ކިޔުނީއެވެ. އިޖުމާއުއަކީ ހުކުމެއް ނެރުމަށް ފަހު، އެހުކުމު ހިންގާލުމުގެ ކުރިން އޭގެ ސައްހަކަން ކަނޑައަޅާލުމުގެ ގޮތުން، ކަމާ ބެހޭ ފަރާތުން އެ ހުކުމާ މެދު ބަހުސްކުރުމަށް ފަހު، އެއްބަސް ވެވޭ ގޮތެވެ. އެހެންވެ، އިޖުމާއުއަށް ތަސްހީހީ ނުވަތަ ސައްހަކުރުމުގެ މަސްދަރޭ ކިޔުނީއެވެ. 

މި ނަންގަތް މާނަތަކަކީ އެންމެ އިހުގައި އާދެ، ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރު މި ނަންގަތް ލަފްޒުތަކުގެ މާނައޮތް ގޮތެވެ. އިސްލާމީ ފިގުހު އުފެދި، އެއަށް ފުރިހަމަ ސޫރަލިބި އަދި، ފިގުހީ އުސޫލުތައް ކަނޑައެޅި އެކަމާ ބެހޭ ފޮތްތައް ލިޔެވުމުން، މި ނަންގަތް ލަފްޒުތަކުގެތެރެއިން ގިޔާސުގެ މާނައާއި އިޖުމާއުގެ މާނަ ކޮންމެ ވެސް ވަރަކަށް ބަދަލުވިއެވެ. ގިޔާސްގެ މާނަ އިޖުތިހާދުގެ ތެރެއިން ނެރެވި ވަކިކުރެވި، ގިޔާސްއާއި އަދި އިޖުމާއުއަކީ ވެސް، ޝަރުއީ ހިއްސީ ނުވަތަ މާއްދީ މަސްދަރުތަކަކަށް ވެގެން ދިޔައީއެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވީ ފިގުހު ކުރިއެރުން ހުއްޓިގެން ދިޔުމެވެ. އަދި، މިހާރު މިފެންނަ ގޮތަށް އަމިއްލަ ފިކުރުކުރުމާއި ވިސްނުން ނެތި އިހުގެ އިލްމުވެރިންގެ ވާހަކަތައް ތަކުރާރުކޮށްކިޔައި، ތަގުލީދުކުރުން، އާދެ، ކޮޕީކުރުން ފެށުނީއެވެ. (މީގެ ރެފެރަންސްތައް ބޭނުންފުޅު ބޭފުޅަކަށް ފޯރުކޮށްލަދެވިދާނެއެވެ.) މި މައްސަލަތައް ކިޔަވައި ދިރާސާކުރާ ދަރިވަރުންނަށް، މި އިސްތިލާހުތައް ރަނގަޅަށް ސާފުވެފައި އޮތުން މުހިއްމު ކަމަކަށް ފެންނާތީ މިވާހަކަތައް ކުރުގޮތަކަށް ނަމަވެސް ލިޔެލީއެވެ. 

ދެން، ޝަރީއަތުގެ މާނައިގެ މައްޗަށް ބަލާލާނަމެވެ. ޝަރީއަތް މި ލަފްޒަކީ ކީރތި ގުރުއާނުގައި ބަޔާން ކުރެވިފައިވާ ހުކުމްތަކަށް ޖުމްލަ ގޮތެއްގައި، އިޝާރަތްކުރުމަށް ބޭނުންކުރާ ލަފްޒެވެ. ކީރިތި ގުރުއާނުގައި މި ސިފައިގައި، އާދެ، 'ޝަރީއަތް' ބޭނުންކުރެވިފައި ވަނީ އެންމެ ފަހަރަކުއެވެ. މި ނަންގަތް ގޮތުގައި، ކިރިތި ގުރުއާނުގައި އެކުލެވޭ ހުކުމްތަކަށް އިޝާރަތްކޮށް އެއީ 'އިލާހީ މަގު' ކަމަށް އިޝާރަތްކުރުމަށެވެ. ދެން ޝިރުއަތް އެއް ފަހަރު ބޭނުންކުރެވިފައި ވެއެވެ. މާނައަކީ އިލާހީ މަގެއް ބަޔާންކޮށް ދިނުމުގެ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. މިސާލަކަށް ތައުރާތަކީ އިލާހީ ޝަރީއަތެއް، މަގެއް ބަޔާންކޮށް ދިނުމުގެ އެއްފަހަރެވެ. އިންޖީލަކީވެސް ހަމަ އެފަދަ ބަޔާންކޮށްދިނުމުގެ އެހެން ފަހަރެކެވެ. ދެން، ޝަރީއަތާ ގުޅޭ ލަފްޒެއް ދެފަހަރު ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. އެއީ ޝަރައަ، ޝަރީއަތެއް، އާދެ، އިލާހީ ތެދުމަގެއް އަލަށް ކަނޑައަޅާލުން، މި މާނައިގައެވެ.

ހިޖުރައިން ދެވަނަ ގަރުނުތެރޭގައި އިސްލާމީ ފިގުހު ފުރިހަމަ ވުމުން، ޝަރީއަތާއި ފިގުހާއި އެއްމާނައެއްގައި ބޭނުންކުރެވެން ފެށިއެވެ. ފިގުހުގައި ބަޔާންކުރެވިފައިވާ ކަންކަމީ ޝަރީއަތްކަމަށް، އާދެ، އިލާހީ ތެދުމަގުކަމަށް ވެގެން ދިޔައެވެ. މިގޮތަކަށް ކަންތައް ވެގެން ދިޔަޔަސް، ހަނދާންކޮށްލަން ޖެހޭ މުހިއްމު ކަމެއް އެބައޮތެވެ. ފިގުހީ މައްސަލަތަކަކީ އެއާ މެދު އަލުން ބަލައި މުރާޖައާ ކުރެވިދާނޭ މައްސަލަތަކެކެވެ. އަދި، އިހުގެ ފިގުހީ ހުކުމެއް، މިއަދުގެ ހާލަތަކަށް ނުފެތޭ ނަމަ، އެ ހުކުމު ބިނާވާ ޝަރުއީ ނައްސު، ޝަރުއީ އުސޫލުތަކުގެ އަލީގައި އަލުން މާނަކުރެވި އާ ހުކުމެއް ނެރެވިދާނެއެވެ. މިފަދައިން ކަންތައްކޮށް ނެރެވޭ ހުކުމަކީ އިސްލާމީ ޝަރިއަތް ބަދަލުކުރުމެއް ނޫނެވެ. ޝަރީއަތެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އަލުން މާނަކުރެވި އާ ފިގުހީ އިލްމެއް ތަރައްގީކުރެވިދާނެއެވެ.

އުސޫލެކޭ ބުނެ މިތާ އިޝާރަތް މިކުރަނީ ފގިުހީ 'ގާއިދާ' އަކަށެވެ. އިނގިރޭސި ބަހުން މިއަށް ކިޔަނީ 'މެކްސިމް' މިހެންނެވެ. ގާއިދާގެ ލަފްޒީ މާނައަކީ ބިންގަލެވެ. ނުވަތަ ވަތެވެ. އެހެން އެއްޗެއް އޭގެ މައްޗަށް ބިނާވާ އެއްޗެކެވެ. މިސާލަކަށް އިމާރާތަކާއި އެ އިމާރާތުގެ ބިންގާއެވެ. ޕިއްޒާ ރޮށްޓަކާއި އޭގެ ވަތެވެ. މިއިން ކޮންމެ އެއްޗެކާއި އޭގެ އަސާސު އޮންނަނީ ވަކި ނުކުރެވޭ ގޮތަށް ލާ މެހިފައެވެ. 

ހުކުމްތައް ނެރެ ކަނޑައަޅާލަން އުސޫލުތަކާއީ ގާއިދާތައް ހަމަޖެހުނެވެ. މީގެ ބޭނުމަކީ މައުޟޫއީ ސިފައެއްގައި ނައްސުތައް މާނަކޮށް އެންމެ ސައްހަކަން ބޮޑު ގޮތެއްގައި ހުކުމްތައް އިސްތިންބާތުކޮށް ނެރުމެވެ. މިގޮތުން ކަނޑައެޅިފައި އޮންނަ މުހިއްމު އުސޫލުތަކަކާއި ގާއިދާތަކެއް އޮވެއެވެ. މިއަދު، މީގެ ތެރެއިން ފިގުހީ މުހިއްމު ގާއިދާއެއްގެ މައްޗަށް ބަލާލަން ގަސްދުކުރަމެވެ. މިއަދު ބަލާލަން ގަސްދުކުރާ ފިގުހީ ގާއިދާއަކީ މިއެވެ. الحكم على الشيء فرع عن تصوره. ކަމެއްގެ މައްޗަށް ހުކުމެއް ކަނޑައެޅޭނީ އެ ކަމެއްގެ ސޫރަ، އެބަހީ، އެކަން އޮތް ގޮތް ހިތަށް ރަނގަޅަށް ފުރިހަމައަށް ނެގި، އެނގިގެންނެވެ. 

މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ސިޔާގު ނުވަތަ ކޮންޓެކެސްޓް، އެކަމާ ބެހޭ ކަންތައްތައް، މިހުރިހާ ކަމެއް ރަނގަޅަށް އެނގިގެންނެވެ. މިސާލެއް ލިޔެލާނަމެވެ. އުސްމާނުގެފާނުގެ ޚިލާފަތު ފެށިގެންއައިއިރު، އެންމެ ފުރަތަމަ އެކަލޭގެފާނު ބައްލަވަން ޖެހިވަޑައިގަތް މައްސަލައަކީ އުބައިދުﷲ ބިން އުމަރު ހުރްމުޒާނު ގަތުލުކުރި މައްސަލައެވެ. މީހަކު މެރުމުގެ ޝަރުއީ ނަޒަރީ ނުވަތަ މިސާލީ ހުކުމަކީ ގާތިލު މެރުމެވެ. މި މައްސަލަ އަސްހާބު ބޭކަލުންގެ ތެރޭގައި ބަހުސްކުރެވުނެވެ. ބައެއް އަސްހާބު ބޭކަލުން، ހަމައެކަނި، ޝަރީއަތުގެ ނަޒަރީ ހުކުމުގެ ލަފްޒަށް ިރިއާޔަތްކުރައްވައި ހުކުމަކީ އުބައިދުﷲ މެރުން ކަމުގައި ކަނޑައެޅުއްވިއެވެ. އަނެއްބައި އަސްހާބު ބޭކަލުން ނިންމެވީ މިއީ 'ގަތުލު އަމްދެއް'ނޫންކަމެވެ. މާނައަކީ ކުރިއްސުރެ އޭނާ މަރަން ގަސްދުކޮށް ކުރިއްސުރެ ރާވައިގެން މަރާލި މަރާލުމެއް ނޫންކަމެވެ. ނަމަވެސް، އުބައިދުﷲގެ ބައްޕާފުޅު އުމަރު އަވަހާރަކޮށްލެވި، އެ އިޖުރާމީ އަމަލުގައި ހުރުމުޒާނުވެސް ބައިވެރިވީކަމަށް ނިންމަވައި، ޖަޒުބާތީ ހާލަތެއްގެ ތެރޭގައި ހުންނަވައި، ކުރެއްވި ކަމެއްގެ ގޮތުގައެވެ. އެހެންވެ، އުބައިދުﷲގެ މައްޗަށް މަރުގެ ހުކުމު ކަނޑަނޭޅޭނޭ ކަމެވެ. ދެން، އަސްހާބު ބޭކަލުންްގެ މެދުގައި މައްސަލަ ބަހުސްކުރެއްވުމަށް ފަހު، އިޖުމާއުން، އެއްބަހީ އެންމެންގެ އެއްބަސްވުމަކުން، ނިމުނީ އުބައިދުﷲ ނުމެރުމަށެވެ. އަދި، މަރުގެ ދިޔަ، މަގްތޫލުގެ ވާރިސުންނަށް ދިނުމަށެވެ. މި މައްސަލައިން، ޝަރީއަތުގެ ނައްސުތައް، އިޖުތިހާދުގެ އަލީގައި މާނަކުރެވި، އަދި، އެ ގޮތުން ނެރެވޭ މާނަ، އިޖުމާއުގެ އަލީގައި ތަސްހީހުކުރެވި، އެއަށް އަމަލުކުރެވޭ ގޮތް ފެނިގެންދެއެވެ.

ދެންމެ މިނަންގަތް ގާއިދާ ނުވަތަ އުސޫލު - ކަމެއްގެ މައްޗަށް ހުކުމެއް ނެރެވޭނީ އެކަން ރަނގަޅަށް އެނގިގެންނޭ - މިކަމުގެ އަލީގައި މިއަދު އަޅުގަނޑުމެންނާ ކުރިމަތިވާ މައްސަލަތަކާ މެދު ވިސްނާލައްވާށެވެ. އެ މައްސަލަތަކަކީ އަދުގެ އިޖުތިމާއީ ނުވަތަ އިގުތިސާދީ ނުވަތަ އަދުގެ ދިރިއުޅުމުގެ މައްސަލަތަކާ ގުޅޭ ކަންކަމަށްވާ ނަމަ، އެކަންކަމާ ދޭތެރޭ ގޮތެއް ކިޔުމުގެކުރިން، އެކަންކަމުގެ ތަސައްވުރު ހިތަށް ނަގަން ޖެހެއެވެ. މިކަން ނުކުރެވޭ މީހަކަށް، މައްސަލައަކާ ބެހޭ ޝަރުއީ ނުވަތަ ފިގުހީ ހުކުމެއް ނެރެން އެނގިދާނެ ހެއްޔެވެ؟ އަދުގެ މުޖުތަމައުގެ ހާލަތްތައް، މީގެ އެތައް އެތައް ގަރުނެއްކުރިން އުޅުއްވި ބޭކަލުންގެ ހިއްޕުޅުތަކަށް ސޫރަކުރެވިފައި އޮވެދާނެ ހެއްޔެވެ؟ އެބޭކަލުންގެ މުޖުތަމައީ ހުކުމްތައް ބިނާވެފައި އޮންނާނީ އެއިރުގެ މުޖުތަމައު އޮތް ގޮތުގެ މައްޗަށް ބިނާވެގެންނެވެ. އެ ހުކުމުވާނީ ޝައްކެއް ނެތް ގޮތުގައި އޭރުގެ އެންމެ ރަނގަޅު ހުކުމަށެވެ. ނަމަވެސް އެފަދަ ހުކުމެއް، ސޫރި ސިފައެއްގައި މިހާރުގެ ކަންކަމާ ނުގުޅި ހިނގައިދާނެއެވެ. މިފަދަ ހުކުމްތައް އަލުން މާނަކޮށް، މިހާރުގެ ހާލަތަށް ހުކުމުތައް ފެއްތުމަކީ އަދުގެ އިލްމުވެރިންގެ ކަމެކެވެ. ޝަރުއީ ނައްސުތައް އުސޫލީ ގަވާއިދުތަކާއި ގާއިދާތަކުގެ އަލިތަކުގެ އެހީގައި އަލުން މާނަކުރަން ޖެހޭ ހާލަތެއްގައި މާނަކޮށްގެންނެވެ. 

މިއިން ފާހަގަކޮށްލަން ބޭނުންވާ މުހިއްމު ދެކަމެއް އެބައޮތެވެ. ޝަރުއީ ހުކުމްތައް ނެރުމަކީ ބޮޑު މަސައްކަތެއްކަމެވެ. ކަލަންޑަރުގައި ލިޔެލާފަ އޮންނަ އާޔަތެއް ނުވަތަ ހަދީސެއް ކިޔާލާފައި ނުވަތަ އިހުގެ އިލްމުވެރިޔަކު ވިދާޅުވަނީ މިހެންނޭ ބުނެފައި އިސްލާމީ ގޮތަކީ މިޔޭ ބުނުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެ ހިނގައިދާނޭ ކަމެވެ. ޚާއްސަ ގޮތެއްގައި މުޖުތަމައީ ހުކުމްތައް ނެރުމުގައި މައްސަލައާ ބެހޭ ހުރިހާ ނައްސުތަކަށް ބަލާލަން ޖެހެއެވެ. އަދި، މާނަކުރުމުގެ އުސޫލުތަކާއި ގަވާއިދުތަކަށް ވެސް ރިއާޔަތްކޮށް، ޝަރީއަތުގެ މަގުސަދަުތަކަށް ބަލައި، މަގުސަދުގައި އަހައްމިއްޔަތުކަން ދެވިފައ އޮތި ސޫރައަށްތޯ ނޫނީ އުސޫލަކަށްތޯ ބަލައި، މިހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން މެނުވީ ހުކުތައް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެ ހިނގައިދާނެއެވެ. ޝަރީއަތުގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނަމަ، މިކަންވެސް ރަނގަޅަށް ކިޔެވުން މުހިއްމެވެ. ތިމާ ވަކި ކަހަލަ ގޮތަކަށް ހެދުން އެޅައި، ގުރުއާނާއި ހަދީސްގެ ނައްސުތައް އެކަހެރި ގޮތެއްގައި، އޭގެ ސިޔާގާއި މަގުސަދުތަކަށް ނުބަލައި، ވާހަކަދެއްކުމުން، އޭނާއަކީ އިސްލާމީ ގޮތް ބަޔާންކޮށްދޭ މީހަކަށް ނުވާނެއެވެ. ޑަކްޓަރުގެ ހުން ބަލާ ކަށިގަނޑެއް އަޅައި، ދެތިން ބޭހެއްގެ ނަން ދަސްކޮށްގެން ބޭސްކުރަން ނިކުންނަ މީހަކު ޑޮކްޓަރަކަށްވެސް ނުވާފަދައިންނެވެ.

________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ