އަދުގެ ޚާއްސަ

Print

އީޕީއެސް ސްކޫލް އަލުން ވުޖޫދަށް އަންނަކަމުގެ އުފާވެރި ޚަބަރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އެހެނިހެން

 

އަދަބީ މުރާސިލު

ކުރީގެ މަޝްހޫރު އިސްކޫލެއްކަމުގައިވާ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް ސްކޫލް) އުފެއްދިތާ ފަންސާސް އަހަރުފުރުނު އިރު، އެ އިސްކޫލު ވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލަ ސްކޫލް ވުޖޫދަށް އައުމާއެކު މަޑުމަޑުން ހިނދިފައެވެ. އެ ސްކޫލްގެ ނަން ކުޑަކޮށް އިވުމަށް ފަހު އެ ސްކޫލްގެ ނަން ރަސްމީ ގޮތުން އަޑެއް ނީވެއެވެ. ނަމަވެސް އެއީ ދިވެހި އަގުހުރި އެތައް ދަރީންނެއް ބިނާކުރި ޚިދުމަތްތެރި ސްކޫލެވެ. ރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދޭންފެށި އަމިއްލަ ފުރަތަމަ އިސްކޫލެވެ. 

އެއީ ދިގު ކިޔޫއެއްގައި ތިބެގެން ނާޞިރިއްޔާ މޮންޓެސޫރީން ޖާގަލިބި، މަޖީދިއްޔާ ނުވަތަ އަމީނިއްޔާއަށް ދާނޭ ފުރުޞަތު ލިބޭ މަދު ދަރިވަރަކަށް ނޫނީ ރަސްމީ ޒަމާނީ ތަޢުލީމު ލިބުމުގެ ފުރުޞަތު ބަންދުވެފައި އޮތް ދުވަސްވަރެވެ. މި ކަމަށް ޙައްލެއް ހޯއްދަވައިދެއްވައި އާދައިގެ ނިކަމެތި ކުދީންނަށް ޒަމާނީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނީ އިންގލިޝް ޕްރެޕް ސްކުލްގެ ނަމުގައި 1968 ގައި ވުޖޫދަށް އައި އަމިއްލަ ސްކޫލެވެ. އެހެންކަމުން، އެ ސްކޫލްގެ ނަން ވުޖޫދުން ފޮހެވުމަކީ މި ހިޔާވެހިކަމުގެ ދަށުން ތަޢުލީމުގެ ނިޢުމަތް ލިބުނު ދަރިވަރުންގެ ހިތަށް ކުޅަދާނަ ކަމެއް ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އީޕީއެސްގެ ނަން ދިރުވައި އާލާކުރުމަށް ޓަކައި އެ އިސްކޫލަށް ނިސްބަތްވާ ދަރިވަރުންކޮޅެއް ވަނީ އިސްނަގައިފައެވެ. ސްކޫލް އުފެއްދިތާ 50 އަހަރު ފުރުމާ ދިމާކޮށެވެ.

މި ދެންނެވި ޙަރަކާތުގެ ތެރެއިން އީޕީއެސް ފައުންޑޭޝަނެއް ވުޖޫދަށް ގެނައެވެ. އަދި ތަފާތު ޢިލްމީ ޙަރަކާތްތައް ހިންގާން ފަށައިގަތެވެ. މިއަދަކީ މި ދެންނެވި ޙަރަކާތުގެ ތެރެއިން ތާރީޚީ ނަންބަރެއް ފުރިހަމަ ކުރެވުނު ދުވަހެކެވެ. އާދޭހެވެ! އިންގްލިޝް ޕްރެޕް ސްކޫލް (ފަހުން އިންގްލިޝް ޕްރެޕޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް)، އެންމެ މަޝްހޫރު ނަމުންނަމަ، އީޕީއެސް ވުޖޫދަށް އައިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މަޖައްލާއެއް ނެރެ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ. "އީޕީއެސް ހަނދާން" މި މަޖައްލާގެ ފުރަތަމަ ޢަދަދު ސްޓެލްކޯ މާލަމުގައި މިއަދު ހެނދުނު 9:30 ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ނެރެދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް ފައިޞަލް ނަސީމެވެ. މަޖައްލާގެ މި ޢަދަދުގައި އީޕީއެސްގެ ކުރީގެ ދަރިވަރުންގެ ތެރެއިން މަޝްހޫރު ލިޔުންތެރީންނާއި ޢީލްމީ ބޭފުޅުންގެ ލިޔުންތައް ހިމެނުއްވައިފައިވެއެވެ. މަޖައްލާގެ މި ޢަދަދުގައި ހިމަނުއްވައިފައިވާ ލިޔުންތައް ވަނީ ތިންބަޔަކަށް ބައްސަވައިލައްވައިފައި ވެއެވެ. އެއީ އީޕެސްގެ ތާރީޚާއި ސަގާފަތް ދިރުވައިދިނުމާއި ޢިލްމީ ލިޔުންތަކާއި އިޖުތިމާޢީ ލިޔުންތަކެވެ.

މަޖައްލާ ނެރުމާއި ވެބްސައިޓް އިފްތިތާޙުކުރުމަށް ޓަކައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ އީޕީއެސްއަކީ 26 ހާހަށްވުރެ ގިނަ ދަރިވަރުންތަކެއް ހެޔޮގޮތުގައި ބައްޓަންކުރެއްވި ސްކޫލެއްކަމަށް ވާތީ، އެއީ ހަނދާން ނައްތައިލައިގެންވާނެ ނަމެއް ނޫންކަމަށެވެ. އީޕީއެސްއިން ތަޢުލީމީ ޚިދުމަތް ފޯރުކޮށް ނުދިން ނަމަ ހަމަގައިމު ވެސް އެ މަނިކުފާނު މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ނުހުންނެވީސް ކަމަސް ވެސް ވިދާޅުވިއެވެ. މި ފަދަ ސަބަބުތައް ހުރުމާއެކު އީޕީއެސްގެ ނަމުގައި އަލުން ސްކޫލެއް ޙަރަކާތްތެރިވާތަން ދެކެވަޑައިގަތުމަކީ އެ މަނިކުފާނުގެ އުންމީދެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި އީޕީއެސް ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އިޕީއެސް ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙުމަދު ހަމްޒާއެވެ. ވެބަސައިޓް އިފްތިތާޙުކުރެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން، ހަމްޒާ ވިދާޅުވީ އިޕީއެސް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. މި ކަމުގެ ކަރުދާހުގެ މަސައްކަތް އަންނަ އަހަރު ޖޫންމަގުގެ ނިޔަލަށް ނިންމުމަށް ޓަކައި މަސައްކަތްކުރައްވަމުން ގެންދވާނ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމްޒާގެ ވާހަކަފުޅުގައި، އީޕީއެސްގައި ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށާއި ޕްރިންސިޕަލުންނަށާއި ފައުންޑަރ މެންބަރުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

އީޕީއެސް ސްކޫލަކީ 1968 ވަނަ އަހަރު ޖޫންމަހު ބޮޑުފެންވަޅުގޭގައި އެގޭ މުޙައްމަދު މުޞްޠަފާ ޙުސައިނާއި އަޙުމަދު މުޖުތަމާއާއި އެ ބޭފުޅުންގެ ބައެއް އެކުވެރީންނާއެކު ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން އުފެއްދި މަދަރުސާއެކެވެ. މިއީ ރާއްޖޭގައި އިނގިރޭސި މީޑީއަމަށް ކިޔަވައިދެން ފުރަތަމަ އުފެއްދި އަމިއްލަ ސްކޫލެވެ. މާފަންނުއާގޭގައްޔާއި (މިހާރު ޢަރަބިއްޔާ ސްކޫލް ގެ އިމާރާތްހުރި ތާނގައި ހުރި) މއ. ޗާނދަނީގެއާއި މިއަދު ބިލަބޮން ހައި ސްކޫލް ހިންގާ ޢިމާރާތުގައި ވެސް މި ސްކޫލް ވަރަށް ގިނަ ދުވަސްވަންދެން ވަނީ ހިންގައިފައެވެ.

އެ ސްކޫލްގައި ފުރަތަމަ ކިޔަވައިދެއްވައިފައިވަނީ ވެސް ސްކޫލްގެ ފައުޑަރ މެންބަރުން ޓީޗަރުންގެ ގޮތުގައި ވެސް ތިއްބަވައިގެން ޓީޗަރުން އިތުރުކުރައްވަމުން ފުޅާކުރައްވަމުންނެވެ. މި އަދު ދައުލަތުގެ އިސް ވަރަށް ގިނަ މަޤާމުތަކުގައި އެ ސްކޫލް އުފެއްދި ދަރިވަރުން ޚިދުމަތްކުރަމުން އެބަގެންދެއެވެ. މުޖުތަމަޢުގެ ވަރަށް އުހުގައި އެ ސްކޫލްގެ ވަރަށް ގިނަ ދަރިވަރުން އެބަ ތިއްބެވެ.

___________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ