އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ ޤާނޫނާ ގުޅޭ ގޮތުން ކުރިން ހާމަނުވާ ހަގީގަތްތަކެއް.

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މީގެ އަހަރުތަކެއް ކުރީން، 2009ގައި، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތިލީ އިރު، އަޅުގަނޑުގެ އުއްމީދުގެ އެންމެ ކުރީގައި އޮތީ އަޅުގަނޑު އެންމެ ބޮޑަށް ޝައުޤު ހުންނަ ދެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި ފެންވަރު ހިފެހެއްޓުމަށްޓަކައި ބޭނުންވާނޭ ޤާނޫނީ ބާރުވެރިކަން ހޯދުމުގެ ނިޔަތެވެ. އެކަމަށް ޓަކައި އެ ދެ ދާއިރާއިން ދެ ޤާނޫނެއް ހަދައި މަޖުލީހުން ފާސްކުރެވޭތޯ ބެލުމެވެ. އަޅުގަނޑުގެ މަޤުޞަދު ޙާޞިލުކުރުމަށް ޓަކައި މީހަކަށް ކުރެވޭނެ އެންމެ ބޮޑަކަށް އަޅުގަނޑު މަސައްކަތްކުރީމެވެ.

އެނގިވަޑައިގަތުން އެކަށީގެންވާ ފަދައިން އަޅުގަނޑުގެ ރަސްމީ ޕްރޮފެޝަނަކީ ކިޔަވައިދިނުމާއި ސްކޫލް ހިންގުމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ތަޢުލީމީ ދާއިރާއެވެ. މެދު ނުކެނޑި 29 އަހަރު ވަންދެން އެ ދާއިރާއަށް އަޅުގަނޑަށް ޚިދުމަތްކުރެވުނީ އެހެންވެގެންނެވެ. އަމިއްލަ ނަފުސަށް އެ ޚިދުމަތުން ހިތްހަމަޖެހުން ލިބުނީތީއެވެ.

ދެން އޮތީ ދިވެހިބަހުގެ ދާއިރާއެވެ. އަދަބީ ދާއިރާއެވެ. ބަހުގެ ދާއިރާއަކީ އަޅުގަނޑުގެ ހޮބީއެވެ. މުނިފޫހިފިލުވުމަށްޓަކައި ވަދެވެނީ އަދަބިއްޔާތުގެ ކޮންމެވެސް މަސައްކަތަކަށެވެ. އެހެންވީމާ ކިރިޔާ ހަނދާން ހުންނަ ހިސާބުން ފެށިގެން އަދި އަދަށް ދާންދެން ވެސް ބަހުގެ ވާހަކަދައްކައި، ބަހަށް ޚިދުމަތްކުރުމަކީ އަޅުގަނޑު މުނިފޫހި ފިލާ ކަމެކެވެ. ބަހާ ބެހޭ ކަމެއްގައި މީހަކު ކޮންމެ ގަޑިއަކު ސުވާލުކުރިޔަސް އަޅުގަނޑު އެކަމުން ރެކި ގަންނާކަށް ނޫޅެމެވެ. މި ފަދަ ކަމެއްގައި އެހީއަކަށް އެދެވިއްޖެ ނަމަ އުފަލާއެކު އިޖާބަދެމެވެ. އެ މަސައްކަތަކީ އަޅުގަނޑު މުނިފޫހިފިލާ މަސައްކަތެކެވެ. ޚާއްޞަކޮށް ބަހާމެދު އަދި ދީނީ އިޖުތިމާޢީ ދާއިރާއިން އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރުތައް ޢިބާރާތަށް ތިލަކުރުމަކީ، އަދި އެ ޚިޔާޅުތައް ހާމަކުރުމަކީ އަޅުގަނޑު އަބަދުވެސް ކުރާކަމެކެވެ.

ކޮންމެއަކަސް 2009 ގައި މާވަށު ދާއިރާގެ މެންބަރުކަމަށް މާތް ﷲގެ ރަޙުމަތްފުޅާއެކު އަޅުގަނޑު އިންތިޚާބުވިއެވެ. އަޅުގަނޑު އަވަސްވެގަތީ، އަޅުގަނޑު އުންމީދުކޮށްފައި އޮތް ގޮތުގެ މަތީން ދިވެހިބަހާ ބެހޭ ބިލާއި ތަޢުލީމުގެ ބިލް ފަރުމާކުރުމަށްޓަކައި މަސައްކަތް ފަށައިގަތުމަށެވެ. މި ދެ ބިލު އަމިއްލައަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ހުށަހެޅީމެވެ. ބަހާބެހޭ ބިލު ފާސްވެސް ވިއެވެ. މި ބިލުގެ ވާހަކަ "ޤައުމީބަހަށް އިސްކަން ދިނުމުގެ ޤާނޫނު ވުޖޫދަށް އައި ގޮތް" މި މައުޟޫޢޫގެ ދަށުގައި ފަތްތޫރައިގައި އަޅުގަނޑު ލިޔެ ބަޔާންކޮށްފައި ވާނެއެވެ. ނަމަވެސް "ތަޢުލީމުގެ ބިލު"، ޤައުމީ ތަރައްޤީއާ ބެހޭ ކޮމިޓީގައި ތިން އަހަރު ވަންދެން އަނބުރައަނބުރައި އޮއްވައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން "މަރުވީ" އެވެ. އެ ބިލު "މަރުވި" ދުވަހަކީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރި ދުވަހެވެ. ނަމަވެސް "ޤައުމީބަހަށް އިސްކަން ދިނުމުގެ ޤާނޫނު" ފާސްވުމުން ލިބުނު އުފާ ވަރަށް މަތިވެރިއެވެ.

"ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެއީ ގިނަ މެންބަރުންނަށް އެހާ ކަމުދާ ކަމަކަށް ނުވިއެވެ. ނަމަވެސް އޭރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު އުވައިލައްވައިފައިވާތީއްޔާއި، "ދިވެހިބަސް" އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޤައުމީ ބަސް ކަމަށް ކަނޑައަޅައިފައި އޮތުމުން މިކަމަށް ކަނޑައެޅިހެން ދެކޮޅުހެއްދެވުން ވީ މެންބަރުންނަށް ވެސް އުނދަގޫފުޅުކަމަކަށެވެ. ފާޅުގައި ދެކޮޅު ހެއްދެވީ އެންމެ ބޭފުޅެކެވެ. އެހެން ބޭފުޅުން ނުސީދާ ގޮތްގޮތަށް އަޅުގަނޑާ ތަފާތު ސުވަލުތައް ކުރިމަތިކުރިއެވެ. މެންބަރުން ވާހަކަފުޅު ދައްކަވައި ޚިޔާލު ފާލުކުރެއްވުމުގެ މަރުޙަލާ ނިމުމުން، ބިލު ހުށަހެޅި މެންބަރުގެ ހައިސިއްޔަތުން އެ ބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ޖަވާބުދާރީވާން ޖެހުނެވެ. އެހެންކަމުން، މި ބިލާ ގުޅިގެން އެކި މެންބަރުން ފާޅުކުރެއްވި ޝުޢޫރުތަކަށް އަޅުގަނޑު ދިން ޖަވަބުތައް ހާމަކޮށްލުމަކީ މި ބިލު ވުޖޫދަށް ގެނައުމުގައި ކުރެވުނު މަސައްކަތް ކޮންމެވެސް ވަރަކަށް ސާފުވާނޭކަމަކަށް ވާތީ ތާރީޚާށް ޓަކައި މި ވާހަކަތައް ފުރޭފުކޮށްލާން ގަސްތުކުރަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މަޖުލީހުގެ ޖަލްސާގައި ކޮންމެ މެންބަރަކު ދައްކާ ކޮންމެ ވާހަކައެއް ރެކޯޑްކުރެވި ފުރޭފުކުރެވިފައި ހުރެއެވެ. އެހެންކަމުން އަޅުގަނޑު ވާހަކަދައްކައި ނިމުމާއެކު އެ ވާހަކަތައް އަޅުގަނޑު ހޯދީމެވެ. މި ހާމަކޮށްލަނީ އެ ދުވަހު އަޅުގަނޑު ދެއްކި ވާހަކަތަކުގެ މުހިއްމު ބައިތައް ޔައުމިއްޔާ ކުރެވިފައިވާ ގޮތަށެވެ. މެންބަރުންގެ ވާހަކަފުޅުއަޑުއަހައި މުހިއްމު ޕޮއިންޓްތައް ނޯޓުކުރެވުނު ގޮތުގެ މައްޗަށް ބަލައިގެން ވަގުތުން ދެއްކުނު ވާޙަކައަކަށް ވާތީ ޢީބާރާތުގެ ކޮރުކަން ހުރެދާނެ ކަމަށްޓަކައި މަޢާފަށް އެދެމެވެ. ނަމަވެސް އަޅުގަނޑު ދެއްކި ވާޙަކަތައް ޔައުމިއްޔާ ކުރެވިފައިވަނީ އަންނަނިވި ގޮތަށެވެ.

[ނޮޅިވަރަމު ދާއިރާގެ ޢިއްޒަތްތެރި މެންބަރުމުޙައްމަދު ނަޝީދު، ކިތަންމެ ތާފަނާ ގޮތެއްގައި ނަމަވެސް އެންމެ ފުރަތަމަ މި ބިލަށް ތާއީދުކުރެއްވި ކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރުދަންނަވަން. އެ މަނިކުފާނު ވިދާޅުވި ބަހުގެ ޠަބީޢަތަކީ އުފެދުމާއި ނެތި ދިޔުންކަމަށް. އެހެންކަމުން ޤާނޫނަކުން ކުރާނެ ފައިދާއެއް ނެތްކަމަށް. އަޅުގަނޑު ހިތަށް އަރަނީ އުފެދުމާއި މަރުވުމަކީ ބަލިވުމާއި ގަދަވުމަކީ އިންސާނީ ޠަބީޠަތަށްވާއިރު ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި މަސައްކަތްކުރަނީ ކީއްކުރަން ބާއޭ. ބަލިވީމާ ފަރުވާކުރަނީ އަދި ހާލުބޮޑުވީމާ އައިސީޔޫގައި ފަރުވާދެނީ ކީއްކުރަންބާއޭ. ރަށްރަށް އުފެދުމާއި ވޮޑުމާއި ގިރުމަކީ ރަށްރަށުގެ ޠަބީޠަތަށް ވާއިރު، ރަށްތައް ޙިމާޔަތް ކުރުމަށް މަސައްކަތްކުރަނީ ކީއްކުރަންބާއޭ. ސުނާމީ ފަދަ ޤުދުރަތީ މުޞީބާތްތަކަކީ ދުނިޔޭގެ ޠަބީޢަތް ކަމަށް ވާއިރު ސޭފް އައިލެންޑާއި އާރލީ ވޯރނިންގ ސިސްޓަމް ހަދައިގެން އިސްސާނުން މި ކުރަނީ ކީއްބާވައޭ. ވާނެ ގޮތެއް ވާން ދޫކޮށް ނުލަނީ ކީއްވެގެންބާއޭ. އަދި ޑރ. ނޯމް ޗޮމްސްކީ ހެއްދެވި ދިރާސާއެއް އޭނާގެ 'ލެންގުއޭޖް ޑެތު" ކިޔާ ފޮތުގައި އޮތް ވާހަކަ ވެސް އެ ޢިއްޒަތްތެރި މެންބަރު ވިދާޅުވި. އެކަމަކު އެއީ އެ މަނިކުފާނު ހަމަ ނަމެއް ވިދާޅުވާންވެގެން ވިދާޅުވި އެއްޗެއް. އެ ވިދާޅުވާ 'ލޭންގުވިޖް ޑެތު' ލިޔުއްވީ ވެސް ނޯމް ޗޮމްސްކީއެއް ނޫން. 'ލޭންގުއވިޖް ޑެތު'ގެ މުޞައްނިފަކީ ޑޭވިޑް ކްރިސްޓަލް ކިޔާ ބަސްވާރެއް. ރާއްޖޭގެ ލައިބްރަރީތަކުން ވެސް މި ފޮތް ބެއްލެވިދާނެ.

ނޮޅިވަރަމު ދާއިރާގެ ޢިއްޒަތްތެރި މެންބަރުމުޙައްމަދު ނަޝީދު، ޔުމްނާ މައުމޫންގެ ލިޔުއްވުމަކާ ޙަވާލާ ދެއްވި އިރު އެ ލިޔުއްވުމުގައި ބަހެއް އުވިދިޔުމަށް މެދުވެރިވާނެ ސަބަބުތަކާއި ނޫވޭނެ ސަބަބުތައް ބަޔާންކުރައްވައިފައި ހުރި ވާހަކއެއް ވިދާޅެއް ނުވޭ. ދިވެހި ބަސް އުވިގެން ނުދާނެ ސަބަބުތައް ވެސް އެބަހުރި. މިސާލަކަށް: ދިވެހިންގެ ތެރޭގައި ތަފާތު ބަސްތައް ނެތުމާއި، ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް ކަމުގައި ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތުމާއި ސަރުކާރުގެ މުޢާމަލާތުތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސްކަމުގައި ވާކަން މިއީ މި ފަދަ ބައެއް ސަބަބުތައް.

މި ފަދަ ޤާނޫނަކުން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމަކީ ދިވެހިބަސް އުވުމަށް ހުރި ސަބަބުތައް މަދުކޮށް އުވުނަ ނުދިނުމަށް ހުރި ސަބަބުތައް ގިނަކުރުން. އިންސާނުން ބަލިވީމާ ބޭސްކުރަނީ ވެސް އެހެންވެގެން. ރަށް ގިރާތީ ތޮށިލަނީވެސް އެހެންވެގެން. އެހެންވީމާ އިންސާނުން ބަލިވީމާ ބޭސްކޮށްގެން ބަލިން ސަލާމަތްކުރެވޭ ނަމަ، މި ބިލަކީ ދިވެހި ބަހަށް ދޭ ފަރުވާއެއް. މި ފަރުވާއިން ހަމަ ގައިމުވެސް ދިވެހިބަހަށް ފަރުވާ ލިބޭނެ.

އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމު ޢަލީ މި ބިލަށް ތާއީދު ކުރައްވައި އިސްލާމްދީނުގައި ބަހަށް ދީފައިވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވައިލައްވައި ދެއްކެވި ޢިލްމީ ވާހަކަފުޅަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަން. ބިލުގެ ނަމަށް ގެންނަވާން މަނިކުފާނު ހުށަހެޅުއްވި ބައި، ޙިމާޔަތްކުރުމުގެ ތެރޭގައި ހިމެނޭނެކަމުގައި ދަންނަވަން.

ދުވާފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ދިވެހިބަހުގެ ބަލާޣާތްތެރިކަން ހާމަކޮށްދެއްވުމަށް ދެއްކެވި އަގުހުރި ވާހަކަފުޅަށާއި ދިވެހިބަސް ޙިމާޔަތްކުރާންޖެހޭ ސަބަބުތަކުގެ މައްޗަށް ދެއްކެވި އަގުހުރި ވާހަކަފުޅަށްޓަކައި ޝުކުރުދަންނަވަން.

ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ވެސް މި ބިލަށް ތާއީދު ކުރައްވައި ދެއްކެވިވާހަކަފުޅަށް ޝުކުރުދަންނަވަމުން ދަންނަވައިލަން އޮތީ، މި ބިލުގެ ބޭނުމަކީ ވެސް ދިވެހިބަހަކީ ހެދި ބޮޑުވެ ތަރައްޤީވާ އެއްޗެއްކަން އެނގޭތީ ބަހުގެ މުއްސަނދިކަން ހިފަހައްޓައި ތަރައްޤީކޮށް ކުރިއެރުވުންކަން. ބަސް ބަދަލުވުމުގެ މާނައަކީ ދާނެހާ ގޮތަކަށް ދާން ދޫކޮށްލުން ކަމަށްނުވާނީ އުޞޫލުތަކާއި ހަމަތައް ހިފައްޓައި ޒަމާނީ ކުރިއެރުން ބަހަށް ގެނައުންކަން.

ތޮއްޑު ދާއިރާގެ މެންބަރު ޢަލީ ވަޙީދު އެދިވަޑައިގަތް ކަންކަން އިރާދަކުރެއްވިއްޔާ މި ބިލުން ޙާޞިލުވެގެން ދާނެކަމަށް އުންމީދުކުރަމުން އެ މަނިކުފާނު ދެއްކެވި އަގުހުރި ވާހަކަފުޅުތަކަށްޓަކައި ޝުކުރުދަންނަވަން.

މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ވާހަކަފުޅުގެ އެއްބަޔަށް އަޅުގަނޑު ވެސް ތާއީދުކުރަން. މި ބިލަކީ އާ ކަމެއް ޙާޞިލުކުރަން ހުށަހެޅި އެއްޗެއް ނޫންކަމަށް އަޅުގަނޑު ވެސް އެއްބަސްވަން. އެއީ އަޅުގަނޑު ވެސް ދަންނަވަން އޮތް ވާހަކައެއް. ދިވެހިބަސް ޙިމާޔަތްކޮށް ތަރައްޤީކުރަމުން މިއަދާ ހަމަޔަށް އަޅުގަނޑުމެންގެ ކާބަފައިން ވަނީ ގެނެސްދީފައި. އެހެންވީމާ އަޅުގަނޑުމެން ވެސް ކުރަން މި އުޅޭ ކަމަކީ ބަސް ޙިމާޔަތްކޮށް ކުރިއަރުވަމުން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ވާޞިލުކޮށްދިނުން. އެ ވިދާޅުވިހެން މިއީ އާކަމެއް ނޫން. އެކި ކަހަލަ ބިލްތައް އަޅުގަނޑުމެން މި ހަދަނީ އާކަންތައް ކުރަންތޯ؟ ފަނޑިޔާރުންގެ ބިލެއް މި ހަދަނީ ފަނޑިޔާރުން ނެތީމަތޯ؟ ޝަރީޢަތް ނުކުރާތީތޯ؟ ޑިމޮކްރެސީގެ މި އާ ޖީލުގައި ޤާނޫނަކުން ނޫނީ ކަންކަން ހިންގަން އުނދަގޫވާތީ. ޤާނޫނަކުން ބަހަށް ލިބޭނެ ޙިމާޔަތެއް ފަރުވާއެއް ނެތްކަމަށް ވިދާޅުވުމަކީ ބޭސްފަރުވާ ކޮށްގެން ބަލި މީހުންނަށް ލުއެއް ނުލިބޭނެ ވާހަކަ ވިދާޅުވުންފަދަ ކަމެއް. އަދި ފަރަންސޭސި ބަސް ފަދަ ބޮޑެތި ބިޔަ ބަސްތަކާއި ކުދި ޤައުމުތަކުގެ ބަސްތައް ޙިމާޔަތްކުރުމަށް ޓަކައި ޤާނުތައް ހަދައިގެން ތަންފީޒު ކުރެވުނުކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް އެ ޢިއްޒަތްތެރި މެންބަރު.

ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު މުޙައްމަދު ކަންބޮޑުވެވަޑައިގެންނެވި ތިން މާއްދާއެއް ނެތް ވާހަކައިގެ ޖަވާބުގައި ދަންނަވއިލަން ބޭނުންވަނީ އެއީ ފޮޓޯ ކޮޕީގެ މައްސަލައެކޭ. އަޞްލު ބިލުގައި، އެ ބައިތައް އެބަ އޮތޭ.

މަޑަވެލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނާޒިމު ދިވެހި ބަހުގެ މުއްސަނދިކަން ހާމަކުރެއްވުމަށްޓަކައި ހުވަދޫ ބަހުރުވައިން ވާހަކަފުޅުދެއްކެވިކަމީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބުނު ކަމެއް. ދަންނަވައިލަން ބޭނުންވަނީ ރަދީފުގައި އޮތީ 27 ހާސް ލަފުޒެއް ނޫން. ގާތްގަނޑަކަށް 36 ހާސް ލަފުޒު އެބަ އޮތޭ. އެއީ ބަހުގެ ހުރިހާ ލަފުޒުތަކެއް ނޫން. ހުރިހާ ލަފުޒެއް ރަދީފުނުކުރެވި އޮތީ. އެ މަސައްކަތަށް ވެސް މި ބިލުގެ ސަބަބުން ހަލުވިކަމެއް އަންނާނެ.

އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު މި ބިލް މުއްސަނދިކޮށްދެއްވުމަށް ހުށަހެޅުއްވި ހުރިހާ ޚިޔާލުފުޅުތަކަށް ވެސް އަޅުގަނޑު ތާއީދުކުރާ ވާހަކަ މި ދަންނަވަނީ ތިޔަ ޢިއްޒަތްތެރި ހުރިހާ މެންބަރުން ވެސް މި ބިލް ފުރިހަމަކުރެއްވުމަށް ސަމާލުކަންދެއްވާނެ ކަމަށް އުންމީދުކުރަމުން].]

މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާ ގުޅިގެން އަޅުގަނޑު ދެއްކި މައިގަނޑު ވާހަކަތައް އިސްވެ މި ދަންނަވައިލެވުނީ ހަމަ އަކުރުން އަކުރަށެވެ. ދެން މި ދަންނަވައިލަނީ އޭރު ބަހާ ބެހޭ ގޮތުން އަޅުގަނޑު ހާމަކުރި ބައެއް މަޢުލޫމާތެވެ.

ބަހާބެހޭ ބައެއް މަޢުލޫމާތު

ދުނިޔޭގެ މީހުން މިހާރު ވާހަކަދައްކައި އުޅެނީ (ގާތްގަނޑަކަށް) 6700 ބަހުން 

2.4 ބިލިޔަން މީހން ވާހަކަދައްކަނީ އެންމެ 8 ބަހަކުން

ދުނިޔޭގެ %50 މީހުން ވާހަކަދައްކަނީ އެންމެ 20 ބަހަކުން

% 96 މީހުން ވާހަކަދައްކަނީ %4 ބަހަކުން

ބަހެއް އުވުމުގެ މަރުޙަލާތައް:

1. އަމިއްލަ ބަސް ދަސްކުރާ މީހުން މަދުވުން

2. މަދަރުސާތަކުގައި ބަސް ކިޔަވައިދިނުން ނެތުން/ މަދުވުން

3. އަމިއްލަ ބަސް ފިޔަވައި އެހެން ބަހަކުން އިސްކޫލުތަކުގައި ކިޔަވައިދެމުން ގެންދިޔުން.

4. ބަސް ދަސްކޮށްދޭ ތަންތަން ނެތުން/މަދުވުން

5. ދެބަސް ބޭނުންކޮށްގެން ވާހަކަދައްކާންފެށުން

   -ބޭރުބަހުން ވާހަކަދައްކާން ފަރިތަވުން

   -މައިންބަފައިން ބޭރު ބަހަކުން ދަރިންނާ ވާހަކަދައްކާން ފެށުން

   -ކުދީން ކުދީންނާ ވެސް ބޭރު ބަހަކުން ވާހަކަދައްކާން ފެށުން

   -ހަމަ އެކަނި ވަކި ބަޔަކާ ވާހަކަދައްކަން ވީމާ އަމިއްލަ ބަސް ބޭނުންކުރުން

   -ޒުވާން ޖީލު ބޭރު ބަހުން ވާހަކަދައްކާން ފެށުން

ދިވެހިބަސް އުވިގެން ނުދިޔުމަށް ހުރި ސަބަބުތައް:

ދިވެހިންގެ ތެރޭގައި ތަފާތު ބަސްތައް ނެތުން

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހި ބަސް ކަމުގައި ޤާނޫނުއަސާސީގައި ކަނޑައެޅުން

ސަރުކާރުގެ މުޢާމަލާތުތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސްކަމުގައި ވާކަން

ޝަރުޢީ މުޢާމަލާތުގައި ހަމައެކަނި ދިވެހިބަސް ބޭނުންކުރުން.

ދިވެހިބަސް އުވިގެން ދިޔަ ނުދިނުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް:

1. ބަހުގެ ތެރޭގައި ގޯސްކޮށް ބޭނުންކުރެވޭ ލަފުޒުތަކާއި ބޭރު ބަހުގެ ނުފޫޒު ފެތުރޭ ދާއިރާތައް ދެނެގަނެ،         އެކަމަށް ހެދެން އޮތް ބޭހަކީ ދެވޭނެ ފަރުވާއަކީ ކޮބައިތޯ ބަލައި ދެނެގަނެ ފިޔަވަޅުއެޅުން.

2. މިހާރަށްވުރެ ފުރިހަމަޔަށް ބަހުގެ ގަވާއިދު ލިޔެ، މީހުންނަށް ފަސޭހައިން އެނގޭނޭ ގޮތަށް ތައްޔާރުކުރުން

3. ބޭރު ބަސްބަހުގެ ޢިލްމީ އަދި އަދަބީ ފޮތްތައް މިހާރަށްވުރެ ގިނައިން ދިވެހިބަހަށް ތަރުޖަމާކުރުން

4. ދިވެހިބަހުން ޢިލްމީ ފޮތްތަކާއި އަދަބީ ފޮތްތައް ލިޔުން

5. ދިވެހިބަހުން މޮޅަށް ވާހަކަދައްކާ، މަޤްބޫލު ވާހަކަދެއްކުންތެރީން އުފެއްދުން

6. މިހާރަށްވުރެ ބޮޑަށް ޓެކްނޯލޮޖީ ދިވެހިބަހާ ރައްޓެހިކުރުވުން

7. އިސްކޫލުތަކުގައި ދިވެހިބަސް ކިޔަވައިދިނުން ހަރުދަނާކޮށް ރަނގަޅުކުރުން

   -ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހިބަހަށް ކުޅަދާނަ މޮޅު ހުނަރުވެރި ބަޔަކަށް ހެދުން

  -ކިޔަވައިދޭ ފޮތްތަކާއި ޝާއިޢުކުރެވޭ ހުރިހާ އެއްޗަކީ ކުށެއް ނެތް ރަނގަޅު ދިވެހިބަހުން ލިޔެފައި ހުންނަ ތަކެތިކަމުގައި ހެދުން

   -ޝާއިޢުކުރެވޭ ފޮތާއި ނޫސް މަޖައްލާތަކުގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުން

8. މީގެ އިތުރަށް މި ދަންނަވާ ޤަބޫލުކުރުންތައް މުޖުތަމަޢުގައި އަށަގެންނެވުން:

   -ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ ރުކުނެއްކަމަށާއި ދިވެހިވަންތަ ޝަޚުޞިއްޔަތުގެ ބައެއް ކަމަށް ބެލުން

   -އެއީ ދިވެހިންގެ ސަގާފަތާއި އާދަކާދަޔާ ގުޅިފައިވާ އޭގެ އެންމެ މުހިންމު އެއް ބައިކަމަށް ޤަބޫލުކުރުން

   -ދިވެހިބަސް ވެސް ރަނގަޅަށް މޮޅަށް އެނގޭނީ އެބަސް ވެސް ރަނގަޅަށް މޮޅަށް ދަސްކޮށްގެންކަން ގަބޫލުކުރުން

  -ދިވެހިބަހަށް ވެސް ޒަމާނާއެކު ބަދަލުތައް އަންނާނޭކަމާއި ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިޔާން ޖެހޭނޭކަމަށް ޤަބޫލުކުރުން

   -ދިވެހިބަހުން ވާހަކަދެއްކުމަކީ ފަޚުރެއް ކަމަށް ދުށުން.

   -ރީތި ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ލަދުވެތިކަމެއްކަމަށް ގަބޫލުކުރުން.

________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ