އަދުގެ ޚާއްސަ

Print

ކުޑަކުދީންގެ ވާހަކަ(10): ވާހަކަ ގިނަ ވަލީދުގެ ބަސް ހުއްޓުނު ގޮތް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ވެލާވަރަކީ ވަރަށް ގިނައިން ވެލާ އަރާ ރަށެކެވެ. އެ ރަށް ލިޔުއްވައިގެން އުޅެނީ ވަންދޫ ވާރުގޭ ވަސީމެވެ. ވަސީމުގެ ފަރާތުން އެރަށް ބަލަހައްޓަނީ ވަންދޫ ވާހަކަ ގިނަ ވަލީދެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ.  ވަންދޫ  ވާހަކަ ގިނަ ވަލީދު ވާރޭތެރޭގައި ވިއްސާރަ ކޯޓެއް ލައިގެން ވެލާވަރަށް ދާންފުރިއެވެ. އޭރު ވިދައި ގުގުރަމުން ދިޔައެވެ. ނަމަވެސް އޭނާއަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ. 

ވަލީދަށް ވެލާވަރަށް ދެވުނު އިރު ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލައިފިއެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބެލީ  ވެލާވަރުގެ ގޮނޑުދޮށުން ރަށްވަށައި  ހިނގައިލުމަށެވެ. ރަށް ވަށައި ބުރެއް ޖެހުމުގެ ބޭނުމަކީ  ވޭތުވެ ދިޔަ ރޭ ވެލާވަރަށް ވެލައެއް އެރިތޯ ބެލުމެވެ. 

ވަލީދު ތަންކޮޅަކަށް ހިނގައިލިތަނާ ވިއްސަކަށް ފޫޓު ދުރުން ފެނުނީ  ބޮޑު ފަސް ފުންޏެކެވެ. އެއީ ވެލާ ބިސްއަޅަން އަރައި ހިނޭ ޖަހާފައިވާ ސަރަޙައްދެއް ކަމަށް ވަލީދު ލަފާކުރިއެވެ. ވަލީދު އެ ހިސާބަށް ގޮސް ބެލިއިރު ވެލާ އެ ރަށަށް އެރި ރޮނގާއި ފޭބި ރޮނގު ފާހަގަވާން އޮތެވެ. 

ވަލީދު ރަށް ވަށައި ހިނގަނިކޮށް ފާޑެއްގެ ވަހެއް ދުވާކަން ފާހަގަ ކުރެވިއްޖެއެވެ. އެ ވަސް އަންނަނީ ވައިމަތި ފަރާތުންނެވެ. އެއީ އެރަށު ގޮމަތުނޑިއޭ ކިޔާ ސަރަހައްދެވެ. ވަލީދު ހަރުކޮށް ހިނގައިފައި ގޮމަތުނޑިއަށް ދިޔައެވެ. އެއީ ކޮން އެއްޗެއްގެ ވަހެއްތޯ ހޯދައި ބެލުމުން ވަލީދަށް ފާގަހަވީ ވެލި ރާޅުފަށުގައި ލައްގައިފައި އޮތް ބޮޑު ގަލެއް ފާޑު އެއްޗެއް އޮތްކަމެވެ.

އެއީ ކުރިން އެ ތަނުގައި އޮންނަ ގަލަކަށް ނުވާތީ ވަލީދަށް ވިސްނައިލެވުނެވެ. ވަލީދު އަވަހަށް ގޮސް އެ ގަލުގައި އަތްލައި ވަސްބަލައި ހެދިއެވެ. އަދި އެއީ މާވަހަރަކަށް ވެދާނެކަމަށް އޭނާއަށް ހީވިއެވެ.  އެހެންވެ ފުށުނގުގައި ޖަހާފައިވާ އެންދެރި މުށްލީ ފީރުވަޅި ބޭނުންކޮށްގެން އެއިން ކުޑަ އެތިކޮޅެއް ނައްޓާލައި ވާތުގެ ބޮޑުވާ އިނިގިލިން ނަގައި ވަސްބަލައިލިއެވެ. އަދި އުނަގަނޑުގައި އަޅައިފައިވާ ސޯރުފޮތިކޮޅުގައި އައްސައިފައި އޮތް މަޑިސީލައިން ނެގި، ކުޑަކުޑަ ކޮތަޅަކަށް އެ މާވަހަރުކޮޅު ލިއެވެ. އެއަށްފަހު ވެލަވަރު ނުކާވަރުގެ އެ ބޮޑު މާވަހަރު ދެވެލިފަށަށް އަރުވާފައި،  ހޭޅިގައި ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު ވަޅުގަނޑުގެ ވެލިގަނޑު ފޮރުވޭ ވަރަށް ވަށައިގެން މަގޫފަތް ޖަހާފައި އެ މާވަހަރުގެ ވެލި ފިލުވައިގެން ގެންގޮސް ވަޅުގަނޑަށް ލައި ރީތިކޮށް ފަސްލިއެވެ. އަދި އެއަށްފަހު، އެއީ ކޮނެފައިވާ ތަނެއްކަން ނޭނގޭނޭ މިންވަރަށް ވެލިގަނޑުމައްޗަށް ހިކި ފަތްތައް ފަތުލައިލިއެވެ. މި ހުރިހާ ކަމެއް ކޮށް ނިންމައިލި އިރު ވަލީދު ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.  

ވަލީދު  ވަރުބަލި ފިލުވައިލާން ވެސް މަޑުކޮށް ނުލައި ވީއުފަލުން އެނބުރި ވަންދުއަށް ގޮސް ވާރުގެއަށް ދިޔައިރު ވަސީމް އޮތީ ބޮޑު އުނދޯލީގައި ވާހަކައެއް ކިޔާށެވެ! ވަލީދުހަމަ ފެނުމާއެކު އޭނާގެ މޫނުމަތީން ފެނުނު އުފާވެރި ކަމުގެ ކުލަވަރު ފެނިފައި ވެލާވަރު ވަރުވާއަށް ލިޔުއްވައިގެން އުޅޭ ވަސީމަށް އެއްޗެކޭ ހީވެއްޖެއެވެ. މާ ބޮޑަށް އުފާވެފައި ތިޔަހުރީ ކީއްވެތޯ  ވަސީމު އަހައިލުމުން  ވެސް ވާހަކަ ގިނަ ވަލީދު އަނގަޔަކުން ނުބުންޏެވެ. ވަލީދު އޭނާގެ ވާތުގެ ބޮޑުވާއިނގިލީގެ ވަސް ވަސީމަށް ދައްކައިލިއެވެ.

ވަލީދު ތިޔަ އައީ މާވަހަރެއް ހޮވައިފައި ދޯއޭ ވަސީމް ވަގުތުން ބުނެލިއެވެ. ވަލީދު އެ ކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ކިހާ ވަރެއްގެ މާވަރަހަތޯ އެހުމުން  މީހަކަށް އިވިދާނެތީ  އިޝާރާތު ބަހުން  ވަލީދު ބުނީ ވިއްސަކަށް ކިލޯވަރު ވާނެ ކަމަށެވެ!

އެހިނދު ވަސީމް ވަގުތުން ޝުކުރުގެ ސަޖިދައެއް ކުރުމަށްފަހު ވާހަކަ ގިނަނުކޮށް އަވަހަށް ދަމާބަހީއޭ ބުނެ ވަލީދު ގޮވައިގެން  ވެލާވަރަށް ދާން ނުކުމެއްޖެއެވެ. އެދުވަހަށް ފަހުން ވަލީދަކަށް  ވާހަކައެއް ނުދެއްކެއެވެ.

________________________________

އިދާރާ

އެނގޭތަ؟

ވާހަކަ