Print

ބުއްދިވެރި، ހެއްވާ ހާޒިރު ޖަވާބެއް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ވާހަކަ


ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން (1933)


ބަހުލޫލުލް މަޖުނޫނަކީ ޢިރާޤުގެ ބަޣުދާދުގައި އުޅުނު ސިކުނޑި އުނި މީހެކެވެ. ބުއްދި ހަމަ ނުޖެހޭ ސޭކެކެވެ. މަޝްހޫރު މޮޔަޔެކެވެ. އޭނާ ދުނިޔޭގައި އުޅުނީ ޚަލީފާ ހާރޫނު ރަޝީދުގެ ޒަމާނުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން، ހަމަ ނުޖެހޭ މީހުންނޭ ކިޔާ ވަރަށް ގިނަ މީހުންނަކީ، އާދަޔާ ޚިލާފު ހާޒިރު ޖަވާބު ދޭބަޔެކެވެ. ބުއްދި ފުރިހަމަ މީހުންނަށް ވުރެ ބުއްދިވެރި ބަސް ބައެއް ފަހަރަށް އެފަދަ މީހުން ހަމަ ކުއްލި ގޮތެއްގައި ބުނެ އުޅެއެވެ.

ޚަލީފާ ހާރޫނުގެ ދަރުބާރުގައި އިސްވެ ދެންވެވުނު މޮޔަ ބަހުލޫލު ސަވާރުވެގެން އުޅުނު ސަވާރީގެ ނަން އިވުނަސް މީހަކު ހީނހީނ ހަލާކުވެދާނެއެވެ. އެކަން އެއްކިބާގައި ބާއްވަވައިފައި އޭނާ ދެއްކި ވާހަކަތަކާއި، އެރުވި ހާޒިރު ޖަވާބެއްގެ އާދަޔާ ޚިލާފުކަން ފަޟީލަތުއްޝަައިޚު ޙުސައިން ޞަލާޙުއްދީނު (ރަޙިމަަހުﷲ) ގެ ''ވާހަކައެއް'' މި ލިޔުމުން އޮޅުން ފިލުއްވައި ލައްވާށެވެ!


ވާހަކައެއް


ޙުސައިން ޞަލާޙުއްދީން (1933)

ޚަލީފާ ހާރޫނު ރަޝީދު ރަސްކަމަށް އިސްވެވަޑައިގެން ބޮޑު ދަރުބާރު ކުރެއްވި ދުވަހު އެދަރުބާރު ތެރެއަށް، ބަހުލޫލުލް މަޖޫނު މަށަން ދައްޗެއްގެ މައްޗަށް ސަވާރުވެގެން ދުވެފައި އައިސްވަދެ ސަލާމްކޮށްލައިފައި އަނބުރައިލުމުން ރަސްގެފާނު ވިދާޅުވިޔޭ ބަލަގަ އޭތް އެތް ކަލޭގެފާނޫވޭ. ނަސޭހަތެއްވެސް ނެތްތޯއެވެ. ބަހުލޫލު ދެންނެވިއޭ. ނޫން ނޫން އޭ ހާރޫނާ އެވެ. ޤިޔާމަތް ދުވަސް އައިސްގެން މާތް ރަސްކަލާނގެ އިހަށް ހެއްދެވިހައި މީހުންނާއި، ފަހުން ހައްދަވާނޭހައި މީސްތައް އެއްބިމަކަށް އެއްކުރައްވައިގެން ހިސާބު ބައްލަވައި އުޅުއްވާއިރުން ގެންދަވާނީ ހުސް ފަގީރުންނޭ ނޫނެވެ.


އެންމެ ކުރީބައިގައި ގެންދަވާ އެއްބަޔަކީ ރަސް ރަސްކަލުންނާއި ވެރީންނެވެ. އެގެންދަވާފައި ވަޙީކުރައްވާނެޔޭ. ތިމަން ސުވާމީންގެ ބިންގަނޑާއި ދުނިޔެ ތިޔަބައި މީހުންނަށް ތަމްކީނު ކުރައްވައި އަޅުތަކުން ކިޔަމަންތެރި ކުރައްވައި ދެއްވީ، އެ އަޅުތަކުން ތިމަންސުވާމީންގެ ކިބަޔަށް ކިޔަމަންތެރި ކުރައްވައި، ތެދުމަގުގައި އުޅުމަށް ކަންފަސޭހަކޮށް، އަނިޔާވެރީން ކުރާ އަނިޔާ މަނާކޮށް ޢަދުލު އިންސާފު ޤާއިމުކޮށް ދުނިޔެ ފަސޭހަ ކުޅައުމަށެވެ. އުސްވެގެންވާ ތަޚުތުތަކަށް އަރައިގެން މީހުންތައް ކޮށިކޮށް ފުނިފުންޏަށް މުދައުތައް ޖަހައިހެދުމަކަށެއް ނޫނެވެ.

ތިޔަބައިމީހުން ފަހެ ކުޅައީ ކިޔެއްހެއްޔެވެ. އެއިރު ނަރަކަ އޮންނާނީ ކުރިމަތީގައެވެ. ޒަބާނީ މަލާއިކަތުން ތިއްބަވާނީ ތައްޔާރީގައެވެ. އެބަސްފުޅަށް މަނިކުފާނުންގެ ޒުވާބުފުޅަކާއި ސަލާމަތްވެގެންދާނޭ ތަނަކާއި ތައްޔާރު ކުރައްވާށެވެ. އެމަޖިލިސަށް ކޮންމެ ވެރިޔަކުމެ ގެންދެވޭނީ ދެ އަތް ފުއްކަނދުރާޔާއި އެކުގައި ކަސްތަޅު އަޅައިގެންނެވެ. ދޫކޮށްލެވޭނީ އެމީހާގެ ހުރި ޢަދުލުވެރިކަމަކާއި، ދޭ ޒުވާބަކުންނެވެ.


މިހެން ދެންނެވީމާ ރަސްގެފާނުގެ ލޯފުޅުން ކަރުނަފުޅު ހިނގައިފި އެވެ. މިތަނުން މީހަކު ބުނެފިއޭ މި ފަދަ ދަރުބާރުގައި ވެސް ރަސްގެފާނަށް އުދާސްކަން ދެއްވައި ހިތާމަފުޅު ޖައްސަވަނީ ތޯއެވެ. ބަހުލޫލު ގޮަވައިލިޔޭ. އޭ ހުރި ހިތާމައެއްގެ ބޮޑުކަމާޔޭ އެ ދުވަހުން ކަސްތޮޅު މޮހާނޭ މީހާ މިހިރަ ފެންނަނީތާޔޭ ރަސްގެފާނުން ފުންމައިގެން ތެދުވެވަޑައިގެން: ބަހުލޫލުގެ އަތުގައި ބޮސްދެއްވާން އުޅުއްވަނިކޮށް ދުވެރައްކައުވެއްޖެ އެވެ. އހ. ބި އިޚްތިޞާރު.
----------------------------------

ޙުސައިން ޞަލާޙުއްދީން(2007). ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް(1).ވާހަކައެއް (ޞ.34).ނޮވެލްޓީ ޕްރެސް،މާލެ.
ނޯޓު: މި ލިޔުމުގެ އަސްލު ޝާއިޢު ކުރައްވާފައިވަނީ 8 ޖުލައި 1933ގައި ނިކުތް ''އަލްއިޞްލާޙު'' މަޖައްލާގަ އެވެ.




ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ