އަދުގެ ޚާއްސަ

Print

ދިވެހި ޖުމްހޫރިއްޔަތާއި ރައްޔިތުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ތާރީޚް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، (މާޒީ)

މިއަދަކީ ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް ފަންސާސް ދެ އަހަރު ފުރުނީއެވެ. ނަމަވެސް ދުވަހުގެ މުހިއްމުކަން ދިވެހީންގެ ހިތަށް މާ ބޮޑަށް ވަދެފައި ވެޔެކޭ ދެންނެވޭކަށް ނެތެވެ. ދައުލަތުން ބާއްވާ ރަސްމިއްޔާތެއް ނުވަތަ މީޑިއާއިން ފޮނުވާ ޕްރޮގްރާމެއް ފިޔަވައި، އެ ދުވަސް ފާހަގަވާ މާ ޚާއްޞަ ކަމެއް ނުފެނެއެވެ. މި ފަދަ ދުވަސްތަކަށް ޢާއްމުންގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ލިބޭ ކަމަކަށް ދެންނެވޭކަށް ވެސް ނެތެވެ. ކުރީގެ އަހަރުތަކުގައި ބައެއް އިސްކޫލުތަކުން ވެސް ކޮންމެވެސް ވަރަކަށް މި ދުވަސް ފާހަގަކުރޭމެވެ. ނަމަވެސް މި ދުވަސް މުހިއްމުވަނީ ހަގީގަތުގައި ރައްޔިތުންނަށެވެ. ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމުގެ ހުރިހާ ވެސް ލާބައަކާއި މަންފާއެއް އޮތީ ރައްޔިތުންނަށެވެ. ދެ ނިޒާމުގެ ސިފަތަކަށް ބަލާ ނަމައެވެ. ނިޒާމުގެ ފަލްސަފާއަށް ރިޢާޔަތްކުރާނަމައެވެ.

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅޭން ފެށީ ވަކި މިވެނި ތާރީޚަކުންކަން ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ނަމަވެސް އެނގޭ ހަގީގަތެއް އެބަ އޮތެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ، ދިވެހީންގެ އަމިއްލަ ވެރިކަމެއް ކުރަމުން އައިކަމެވެ. އެބައިމީހުންގެ މުސްތަޤިއްލު ރަސްކަމެއް ހިންގި ކަމެވެ. ތާރީޚުން ފެންނާން އޮތް އެންމެ ދުރަކަށް ދާއިރު 12 ވަނަ ޤަރުނުގެ ވަރަށް ކުރީން ފެށިގެން ދިވެހިރާއްޖޭގައި ރަސްކަމެއް އޮތެވެ. ގިނަ ފަހަރަށް ވިރާސީ ރަސްކަމެއްގެ ސިފައިގައެވެ. އަނެއްބައި ފަހަރު އިންތިޚާބީ ރަސްކަމެއްގެ ގޮތުގައެވެ. މި ގޮތުގެ މަތީން 1952 ވަނަ އަހަރުގެ ނިޔަލަށް މި ރަސްކަން ދެމި އޮތެވެ. ކޮންމެއަކަސް، އަށް ޤަރުނަށްވުރެ ގިނަ ދުވަހަށް ދެމިގެން އައި ރަސްކަން 1953 ގައި ޖުމްހޫރިއްޔަކަށް ބަދަލުކުރީ މި ސަބަބުތަކާ ހުރެ ކަމެއް ނޭނގެއެވެ. ފެންނާންހުރި ލިޔުންތަކަށް ބަލާއިރު، އެ ގޮތަށް އެ ބަދަލު ގެނައީ ރާއްޖޭގެ އެންމެ މަތީ ވަލީއާ ސުމުއްވުލްއަމީރު މުޙައްމަދު އަމީނަށް އަރުވާންވެގެންނެވެ. މުޙައްމަދު އަމީން ރަސްކަން ބޭނުންފުޅު ނުވީއެވެ. ސަބަބަކީ ރަސްކަލަކީ ޢަމަލީ މަޤާމަކަށްވުރެ ޝަރަފުވެރި މަޤާމަކަށްވުމެވެ. ރަސްކަމުގައި ނަމަ، ރަދުންގެ ނަންފުޅުގައި ސަރުކާރު ހިންގަވާން ޙަވާލުވެވަޑައިގެން ހުންނަވާނީ ބޮޑުވަޒީރެވެ. އަމީނަކީ ވަރަށް ޙަރަކާތްތެރި ޢަމަލީ ބޭފުޅެކެވެ. ޒަމާނީ ވިސްނުންފުޅެއްގެ ވެރި ބޭފުޅެކެވެ. ތަޢުލީމީ ބޭފުޅެކެވެ. ރައްޔިތުން ނުވަތަ ބޮޑުން "ބޭނުންވީ" ރާއްޖޭގެ އެންމެ މަތީ ވެރިކަން މުޙައްމަދު އަމީނާ ޙަވާލުކުރާށެވެ. ވެރިކަމަށް ކިޔާ ނަމެއް އެ މީހުންނަށް މުހިއްމެއް ނޫނެވެ. އަމީންދީދީ ބޭފުންފުޅުވި ނަމަ، ރަސްކަމަށް އިސްވެވަޑައިގެން އަރާމާއި ޢިއްޒަތުގައި ހުންނެވުނީހެވެ. ނަމަވެސް ވިލާތުންނާއި ބޭރު ކަރަކަރައިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަމީނުދީދީގެ ޤައުމީ ތަޞައްވުރެއް އޮތެވެ. ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ރޮނގުތަކުން ރާއްޖެ ކުރިއަށް ގެންދަވާނޭ އަމާޒެއް ހިތްޕުޅުގައި އޮތެވެ. އެހެންކަމުން މުޙައްމަދު އަމީނަށް އެންމެ މަތީ ވެރިކަމުގައި ހުންނަވައިގެން މި ކަންކަން ކުރެއްވެން އޮތީ ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްގެން ކަމަށް ވާތީ، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ފުރޮޅައިލެއްވީއެވެ. މި ކަމުގައި ތަފާތު ޚިޔާލުފުޅުތައް ގެންގުޅުއްވާ ބޭފުޅުން ތިއްބަވައިފާނެއެވެ. ނަމަވެސް ތާރީޚީ ލިޔުންތަކުން އަޅުގަނޑަށް ފެންނާން ހުރީ މި ޙަގީގަތްތަކެވެ.

ފެންނާން ހުރި ހެކިތަކަށް ބަލާއިރު، ދެންނެވޭން އޮތީ ރަސްކަމުގެ އެންމެ ޢާއްމު ސިފައަކީ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށްވުރެ ބޮޑަށް ރައްޔިތުން ވެރީންނަށް ޚިދުމަތްކުރުމުގެ ސިފައެވެ. ރަސްގެފާނުގެ އަރިހަށް މަޤާމުތަކާ ޙަވާލުވާން އަންނަ މީހުން ވެސް އަންނާންޖެހެނީ "ވެދުމަކާއިގެން"ނެވެ. ބޭރުގެ ޢިއްޒަތްތެރިއަކު ރަދުންގެ ފައިވާން ދެކެން އަޔަސް "ވެދުން" ގެންނާންޖެހެއެވެ. މި ޒަމާނުގައި ނަމަ އެ "ވެދުމަށް" ކިޔާނީ އެހެން ނަމެކެވެ. ނަމަވެސް މިއީ މިއަދުގެ މައުޟޫޢާ ގުޅޭ ވާހަކައަކަށް ނުވާތީ ތަފްޞީލކަށް ދާކަށް ނެތީމެވެ. ރަދުންގެ ފަރާތްޕުޅުން ރައްޔިތުންނަށް "އިއްވަވާ" އަމުރުފުޅުތަކުގައި ވެސް ރައްޔިތުންނާ މުޚާޠަބުކުރައްވައިފައި ހުންނަނީ "އަޅުތަކުން"ގެ ގޮތުގައެވެ. ރަސްގެފާނުގެ މަތިވެރިކަމާއި ބާރުވެރިކަން ބަޔާންކުރެއްވުމަށްފަހުގައެވެ. ރައްޔިތުންނަށް އެހެން ގޮތެއް، އެހެން ނިޒާމެއް ފެނިފައެއް ނެތެވެ. ރާއްޖޭގެ ތަޢުލީމީ ޙާލަތު އޮތީ ވަރަށް ދަށުގައެވެ. ރަށެއްގައި ދިރިއުޅޭ ރަށްރަށުގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ ޢަދަދު އަތުގެ އިނގިލިތަކުން ވިޔަކޮށްލެވޭހައި މަދެވެ. ރައްޔިތުން ތިބީ ރަސްކަމަށް ހޭނިފައެވެ. އެއީ އެކަން އޮންނާން ޖެހޭ ގޮތް ކަމަށް ގަބޫލުކޮށްގެންނެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރާއި ޤާދަރު ދެވފައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ، ރައްޔިތުން ބޭނުންވެގެންނެކޭ ދެންނެވޭކަށް ނެތެވެ. ޢަމުދުން ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއް ކަމެއް ވެސް ރައްޔިތުންނަކަށް ނުވެސް އެނގޭ ޙާލުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ އެންމެ އިސްވެރިޔާގެ ގޮތުން ވަލިއްޔުލްއަމްރުކަމާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު 1 ޖަނަވަރީ 1953 ގައި ޙަވާލުވެވަޑައިގަތީ ކުރީން ދެންނެވި ތަޞައްވުރީ ވިސްނުންފުޅާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ކުރީން ދިވެހީންނަށް ނުފެންނަ ކިތަންމެ ކަމެއް، އަވަސްއަވަހަށް ފެންނާން ފަށައިފިއެވެ. އަންހެނުންނަކީ ގޭގައި ތިބެން ޖެހޭ ބަޔެއް ކަމަށް ދުށް މުޖުތަމަޢުގެ އިސް ސަފަށް އަންހެނުން ނެރުއްވާން ފައްޓަވައިފިއެވެ. އަންހެނުނަކީ ފިރިހެނުންނެކޭ އެއް ފަދައިން ތަޢުލީމު ލިބެންޖެހޭ ބަޔެއް ކަމަށް ކަނޑައަޅުއްވައި އެ މީހުން މަދުރަސީ ތަޢުލީމުގެ ތެރެއަށް ނެރުއްވައިފިއެވެ. ރާއްޖޭގައި ބިޑި-ސުއްޓާ ސިނގިރެޓާއި ގުޑުގުޑާއަށް އާދަވެފައި ތިބި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮ ކަމަށް ޓަކައި، ރާއްޖެއަށް ދުންފަތް އެތެރެކުރުން މަނާކުރައްވައިފިއެވެ. ރާއްޖެއަށް އަވަސް ބަދަލުތަކެއް ގެންނަވަން ހިތްޕުޅުގައި އަޅުއްވައިގެން ހުންނެވި ވެރިއެއްގެ ޒަޢާމަތުގައި އެތައް ޤާނޫނުތަކެއް އަވަސްއަވަހަށް ފާސްކުރައްވަން ފައްޓަވައިފިއެވެ. އަދި މި ފަދަ ބަދަލުތަކަށް ހޭނިފައި ނެތް ރައްޔިތުންނަށް މި ކަންކަންވީ ނުރުހެވޭ ތަކުލީފުތަކަށެވެ. ތަޙައްމަލުކުރާން ދަތި އުނދަގޫތަކަކަށެވެ. މި ބަދަލުތަކާ ދިމާވީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއެވެ. ހުރި ތަނަވަސްކަމެއް ބޭނުންކޮށްގެން ވެސް ދަތުރުފަތުކޮށް، ރާއްޖެއަށް ކާޑު އެތެރެކުރެވޭނެ މާޙައުލެއް ނެތް ބިރުވެރި ދުވަސްވަރަކާއެވެ. އެހެންކަމުން ހޭލުންތެރިކަމެއް ނެތް ރައްޔިތުން ދުށީ ނުވަތަ ބަޔަކު ވިސްނައިދިނީ މިއީ ޖުމްހޫރިއްޔަތެއްގެ ސަބަބުން ރައްޔިތުންނަށް ޖެހުނު މުޞީބާތެއް ކަމުގައެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ބަޔަކު މި ފުރުޞަތު ދުށީ ރައްޔިތުން ރުޅިއަރުވައިލައިގެން ވެރިކަމަށް އައުމަށް ފަހިވި ތަނަވަސް މަގެއް ކަމުގައެވެ. ކުރީގެ މިނިވަންކަމާއި އުއްސަކުރު ޒަމާނާއި ތަނަވަސްކަމާއި ޖުމްހޫރިއްޔާ އައިފަހުން ދިމާވި ދަތިތައް އަޅައި ބަލައި ރައްޔިތުން ރަނގަޅަށް ރުޅިއަރުވައިލިއެވެ. އަދި "ވަލިއްޔުލްއަމްރު" މުޙައްމަދު އަމީން ޞިއްޙީ ބޭނުންފުޅަކަށް އޮޅުދޫކަރައަށް ވަޑައިގެން ހުންނަވަނިކޮށް އެންމެ އިތުބާރުކުރެއްވި ބޭފުޅުން އިސްވެ ތިއްބަވައި 1953 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ވެރިކަން ފުރޮޅައިލިއެވެ. ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާއަށް އެންމެ ހަތްމަހާއި ސަތާރަ ދުވަސް ވީތަނާއެވެ. ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް ނުވަތަ ވަލިއްޔުލްއަމްރުގެ ނިމުން ދިވެހި ޤައުމު ދުށީ ލަދުވެތި އަނިޔާތަކަކަށް ފަހުގައެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުވި، ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކޮމިޓީއަކުން ހިންގުމަށް ފަހު، ދިވެހިރާއްޖޭގައި އަލުން ރަސްކަމެއް ޤާއިމުކުރެވުނެވެ. މި ފަހަރު ތަޚުތުގައި ވެޑުވުނީ އަންނަބީލް މުޙައްމަދު ފަރީދުދީދީއެވެ. އެއީ ރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނު ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލު ކީރިތި މަހާރަދުންނެވެ. ރަސްކަމަކަށް އަލުން ރުޖޫއަވިޔަސް ކުރީގެ ރަސްކަންތަކާ ޚިލާފަށް މި ފަހަރު ފެނުނީ ބަރުލަމާނީ ސިފަތަކެކެވެ. ސަރުކާރު ހިންގެވުމުގައި ބޮޑުވަޒީރުގެ ދައުރާއި މިނިވަންކަން ބޮޑުވެފައި އިޚުތިޔާރާއި ބާރު އިތުރުވެފައި ރަސްގެފާނުގެ ދައުރު ހަމައެކަނި ރަމްޒީ އެއްޗަކަށް ބަދަލުވެގެންދިޔަ މަންޒަރެވެ. އެކަމަކު ހުރިހާ ކަމެއް ހިންގުން އޮތީ ރަސްގެފާނުގެ ނަންފުޅުގައެވެ. މި ގޮތަށް ދެ ބޮޑުވަޒީރަކު ސަރުކާރު ހިންގެވިއެވެ. އެއީ ސުމުއްވުމްއަމީރުއިބްރާހިމް ފާމުލަދޭރިކިލެގެފާނާއި ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނެވެ. އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އައްޑޫ ގަން އިނގިރޭސީންނަށް ސަތޭކަ އަހަރަށް ދިނުމަށް ކިލެގެފާނު ނިންމެވި ނިންމެވުމަކާ ގުޅިގެން އުފެދުނު ހައިޖާނުގެ ތެރޭގައެވެ. 

ނާސިރަކީ ވެސް އަމީނުދީދީ ފަދައިން ތަޞައްވުރީ ބޭފުޅެކެވެ. އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ގިނަގުނަ ބަދަލުތައް ރާއްޖެއަށް ގެންނަވަން ނާސިރު ބޭނުންފުޅުވިއެވެ. ރާއްޖޭގެ އިޤުތިޞާދުގައި ވަކިހިއްޕައިލައިފައި އޮތް، އިންޑިއާގެ ވޯރާ ވިޔަފާރިވެރީންގެ ފުށުން ޤައުމު ސަލާމަތްކުރައްވާން އެ މަނިކުފާނު ބޭނުންފުޅުވިއެވެ. އެކި ކަންކަމުގެ ފަންނީ މީހުން އުފައްދަވައިގެން ނޫނީ، ހަރުދަނާ، ފުދުންތެރި އިޤުތިޞާދެއް ނޫފެއްދޭނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. ބަޔަކު ހެދިހާ ގޮތެއް ހެދިގެން އިނގިރޭސީންގެ އުނގުގައި ނިކަމެތިކަމާއެކު އަބަދު އޮންނާކަށް ނަޞިރެއް ބޭނުންފުޅެއް ނުވިއެވެ. ދުނިޔެއަށް ލޯހުޅުވިފައިވާ، ވަކި ބަޔަކަށް ބަރޯސާނުވާ، ތަރައްޤީވެފައިވާ ފުދުންތެރި މިނިވަން ދިވެހިރާއްޖެއަކީ އެ މަނިކުފާނުގެ ޤައުމީ ތަޞައްވުރެކެވެ. އެހެންކަމުން ރަސްކަލެއްގެ ނަންމަތީގައި ވެރިކަންކުރެއްވުމުގެ އެދުންފުޅު ކުޑަވެއްޖެއެވެ. ހުރިހާ ބާރުތަކެއް ލިބިވަޑައިގެން އަމިއްލަ ބާރާއި އިޚުތިޔާރުގައި ވެރިކަން ކުރެއްވުމުގެ އެދުންފުޅު ބޮޑުވެއްޖެއެވެ. މި ކަން ކުރެއްވޭން އޮތީ އެންމެ މަގެކެވެ. އެއީ ރަސްކަން އުވައިލައި ޖުމުހޫރިއްޔަތަކަށް ބަދަލުކުރެއްވުމެވެ. 

ނުފޫޒުގަދަ ބޮޑުވަޒީރު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. މި މައްސަލައާ މެދު، މަޖިލީހުގައި ބަހުސްކުރައްވައި، ރާއްޖޭގައި އޮންނާން ފެނިވަޑައިގަންނަވަނީ ޖުމްހޫރިއްޔަތެއްކަމަށް 15 ނޮވެމްބަރ 1967ގައި އެ މަޖިލީހުން ފާސްކުރެއްވިއެވެ. 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބޮޑުވަޒީރު ބޭނުންފުޅުވީ ރައްޔިތުންގެ ޚިޔާލާއެކު ނިޒާމު ބަދަލުކުރައްވާށެވެ. އެހެންނަމަވެސް ފުރަތަމަ ޖުމްހޫރިއްޔަތާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުރުހުންތެރިކަން އޭރު ވެސް ކުޑައެއް ނުވެއެވެ. އެހެންކަމުން އެ ކަން ކުރެއްވުމަކީ މާ ފަސޭހަފުޅުކަމަކަށް ނުވާނެކަން ވެސް ނާޞިރަށް އެނގިވަޑައިގަނެއެވެ. އެހެނީ ނާޞިރަކީ ފުރަތަމަ ޖުމުހޫރިއްޔަތު ނާކާމިޔާބުކޮށްލެއްވުމުގެ ވެސް ފުރިހަމަ ބައިވެރިއެކެވެ. 

ރައްޔިތުންގެ ވިސްނުން ބަދަލުކުރެއްވުމަށް ޓަކައި ވިސްނުންފުޅު ތޫނު ނާޞިރު ބޭނުންފުޅުކުރެއްވީ ނަފްސާނީ އުކުޅެކެވެ. ފެންނަ ނުފެންނަ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ބޭނުންފުޅުކުރެއްވީ ދެ ބާވަތެއްގެ ލޯގޯއެކެވެ. ރަސްކަމާ ދިމާގައި ވަނީ ތަރިއެކެވެ. ޖުމްހޫރިއްޔަތާ ދިމާގައި ދިވެހި ރުކެކެވެ. ނިޒާމީ (ފެންނަ ނުފެންނަ) ވޯޓުގައި ކެންޕޭނުކުރެއްވުމެއްނެތި ރައްޔިތުންގެ ހިތްތަކަށް ވައްދަވައިދެއްވީ ތަރިއަކީ އިންސާނުންންނަށް އަތްނުލެވޭހާ މަތީގައި ހުންނަ އެއްޗެއް ކަމާއި ދިވެހި ރުކަކީ ދިވެހިންގެ ދުވަހީ ބޭނުންތަކުގެ ބައިވެރިއެއްކަމެވެ. އެހެންކަމުން ގިނަ ދިވެހީން ފާހަގަލީ ރުކާދިމާގައެވެ. ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. މި ގޮތުގެ މަތީން ރައްޔިތުންގެ ވަރަށް މަތީ އަޣުލަބިއްޔަތަކުން ޖުމްހޫރިއްޔަކަށް ލިބުމުނު ރުހުމާއި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި އިބްރާހިމް ނާޞިރު ހުންނަވަން ފެނޭތޯ ނެގުނު ފެންނަ-ނުފެންނަ ވޯޓުގައި ނާޞިރަށް ލިބިވަޑައިގަތް ބޮޑު ތާއީދާއެކު ދެވަނަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ކުރެއްވީ 11 ނޮވެމްބަރު 1968 ގައެވެ. އާދޭހެވެ! 1954 މާރޗް 7 ގައި އިޢުލާނުކުރެވުނު ރަސްކަން ސާދަ އަހަރާއި އަށް މަހާއި ހަތަރު ދުވަހަށް ފަހު އުވި ދިޔައީއެވެ. މިއީ ދެވަނަ ޖުމުހޫރިއްޔަތުގެ ފެށުމެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުން މި އަންނީ ޖުމްހޫރީ ނިޒާމުގެ ވެރިކަމެވެ. 

މިއަދު ދުނިޔޭގައި އޮތް، މިނިވަން، ސިޔާދަތީ، އިސްތިޤުލާލީ 206 ޤައުމެއްގެ ތެރެއިން 159 ޤައުމެއްގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޖުމްހޫރިއްޔާ (ރިޕަބްލިކް) ބޭނުންކުރެއެވެ. ތަފާތު ވައްތަރުތަކުގެ ޖުމްހޫރިއްޔާތަކެވެ. ނަމަވެސް މީގެ ތަފްޞީލަކަށް ނުގޮސް ޖުމުހޫރިއްޔަތުގެ މާނައާއި ޖުމުހޫރިއްޔަތުން ޙާޞިލުކުރާން ބޭނުންވާ ކަންކަމުގެ މައްޗަށް ބަލައިލުން މުހިންމެވެ. ޢަރަބިބަހުން ޖުމްހޫރުގެ މާނައަކީ ގިނަ މީހުންނެވެ. ދިވެހި ބަސްފޮތުގައި ވާ ގޮތުން "ޖުމުހޫރިއްޔާ"ގެ މާނައަކީ ޖުމުހޫރީ ވެރިކަމެވެ. އިނގިރޭސިބަހުން "ޖުމުހޫރިއްޔާ"އަށް ކިޔަނީ "ރިޕަބްލިކް"އެވެ. ލެޓިންބަހުގެ "ރެސް ޕަބްލިކާ"އިން ގެނެވިފައިވާ މި ލަފުޒުން ދޭހަވަނީ "ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ"، ނުވަތަ "ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރާ" ފަދަ މާނަތަކެކެވެ. އެހެންވީމާ ޖުމުހޫރިއްޔަތުގެ އެންމެ ސާދާ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ޤައުމަކީ ވެރިކަންކުރާ ވެރީންގެ މިލްކެއްކަމަށް ނުބަލާ ވެރިކަމެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރެވުނީ "ރައްޔިތުންގެ ވޯޓުން" ކަމަށް ފެންނަން އޮތަސް އެ ބަދަލުގެނެވުނީ، ތަޞައްވުރީ ދެ ޤާއިދެއްގެ، ދެ އިސްވާރެއްގެ ޤައުމީ ތަރައްޤީގެ ވިސްނުންފުޅެއް އޮވެގެންނެވެ. ފުރަތަމަ ޖުމްހޫރިއްޔަތާއި ދެ ވަނަ ޖުމްހޫރިއްޔަތުގައި ވެސް މެއެވެ.

ދެވަނަ ޖުމްހޫރިއްޔަތު ބައި ޤަރުނު ފަހަނަޅައި ޤަރުނަކާ ދިމާއަށް މިޞްރާބު ހިފައިފައި ވާއިރު، ތަފާތު ފެންވަރުގެ ތަފާތު ސިޔާސަތުގެ ތަފާތު ވިސްނުންފުޅުގެ ހަ ބޭފުޅެއްގެ ރިޔާސަތު އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމުއެވެ. މި ކުރަނީއެވެ. އެއީ ދިހަ އަހަރު ރައީސްކަންކުރެއްވި، އަދި ކުރީން ދިހަ އަހަރު ބޮޑުވަޒީރުކަން ކުރައްވައިފައިވާ އިބްރާހީމް ނާޞިރާއި ތިރީސް އަހަރު ރައީސްކަންކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމާއި ތިންއަހަރެއްހާ ދުވަހު ރައީސްކަންކުރެއްވި މުޙައްމަދު ނަޝީދާއި ދެ އަހަރެއްހާ ދުވަހު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ފަސް އަހަރު ދުވަހު ރައީސްކަންކުރެއްވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިހާރު ރައީސްކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ބޭފުޅުންގެ ތަފާތު ސިޔާސަތުތަކަށް އިންސާފުކުރައްވާނީ ދިވެހި ރައްޔިތުންނެވެ. އެކަމަށް އިންސާފުކުރުމަކީ މިއަދު އަޅުގަނޑުގެ މައުޟޫޢަކަށް ނަހަދާނަމެވެ.

އިންތިޚާބާ ހަމައަށް ދާއިރު، ދިއްކޮށްލާ "ހަދިޔާ"ގެ މަސްތުގައި ވޯޓު ވިއްކައިލުމަށްފަހު، އޭގެ ގެއްލުންތައް ތަޙައްމަލުކުރާން ޖެހުމުން ޝަކުވާކުރުމަކީ މައްސަލައެކެވެ. ވޯޓު ވިއްކާ މީހަކަށް އެ ޙައްޤެއް ނެތެވެ. އޭނާ ބޭނުންވީ އެ ވަގުތު ލިބޭ ފައިސާ އެވެ. އެ ހޯދުމަށްފަހު އޭނާގެ ވޯޓު ވިއްކައިލީއެވެ. ވީމާ ފައިސާކޮޅު ލިބިފައިވާނަމަ އޭނާއަށް އަގު ލިބުނީއެވެ. އިތުރު ޙައްޤަކަށް ވަކާލާތު ކުރުމަކީ އޭނާގެ ޙައްޤެއް ނޫނެވެ. މި ފަދަ ޢަމަލުތައް ހިނގާނަމަ، އެއީ ރައްޔިތުން ހެޔޮވެރިކަމެއް ރަނގަޅު ޖުމްހޫިރއްޔަތެއް ގެންނާން ހުރަސްއަޅަނީއެވެ.

ކޮންމެއަކަސް ޒަމާންވީ ރަސްކަމުން ޖުމުހޫރިއްޔަތަކަށް ފުރޮޅައިލައި، ވެރީންގެ ވެރިކަމަކުން ރައްޔިތުންގެ ވެރިކަމަކަށް ބަދަލުވެ، ބައި ޤަރުނަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ރައްޔިތުންނަށް ލިބުނު ކުރިއެރުމާއި ޙާޞިލުވި އުއްމީދުތަކުގެ މައްޗަށް ވާހަކަދެއްކުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. ރާއްޖެއާ އެއް ދުވަސްވަރެއްގައި މިނިވަންކަން އިޢުލާންކުރި، ރާއްޖެއަށްވުރެ ވަސީލަތްތައް މަދު ސިންގަޕޫރު ކުރިއަރައިގެން އައި ގޮތާއި ރާއްޖެ މި ޙާލަތުގައި އޮންނާން ޖެހުނީ ކީއްވެގެން ކަމާމެދު އަޅުގަނޑު ބަހުސްކުރާކަށް ނެތީމެވެ. އެ ކަމަށް އިންސާފުކުރައްވާނީ ތިޔަ ޢިއްޒަތްތެރި ރައްޔިތުންނެވެ. ޖުމްހޫރިއްޔަތުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ، ވޯޓު ގަނެވިއްކުމާއި ރިޝްވަތުގެ ނުބައި ބަލީން ރައްޔިތުން ސަލާމަތްވެ، އަމާނާތްތެރިކަމާއެކު ﷲ އަށްޓަކައި، އެންމެ ރަނގަޅު އެންމެ ޤާބިލު އެންމެ އަމާނާތްތެރި ކެންޑިޑޭޓުންނަށް ވޯޓުލާން ރައްޔިތުންނަށް ދަސްވި ދުވަހަކުންނެވެ. އެއީ ރިޔާސީ އިންތިޚާބުގައި ކަމަށް ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަމަށް ވިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ކަމަށް ވިޔަސްވެހެވެ. އެހެން ނޫންނަމަ، ދިގު ކިޔޫގައި ތިބެގެން ވޯޓުކަރުދާސްކޮޅުގައި ފާހަގައެއްލައި ވޯޓުފޮއްޓަށް ވޯޓު ވައްޓައިލުން ފިޔަވައި އިތުރު ޙައްޤެއް ރައްޔިތަކަށް ނުލިބޭނެއެވެ.  

ރައްޔިތުން ލިބިގަތް ރައްޔިތުންގެ ވެރިކަމުގެ ފުރިހަމަ ލާބައާއި މަންފާ ދިވެހިންނަށް ލިބުމަކީ އަޅުގަނޑުމެންގެ އަބަދުގެ އުންމީދެވެ. ކޮންމެ މީހަކީ ވެސް އެހެން މީހެއްގެ ސިނކުޑީން ވިސްނާ މީހެއްކަމުގައި ނުވެ، އަޅުގަނޑުމެން އެންމެންނަކީ ޤައުމީ ވިސްނުމެއްގައި އެ މީހެއްގެ އަމިއްލަ ސިނުޑީން ވިސްނާ ބަޔެއްކަމުގައި ވުމަކީ އަޅުގަނޑުގެ އެދުމެވެ. މި ކަންކަމާމެދު ވިސްނައި، ދިވެހީންނަކީ، ތަޖުރިބާއިން ޢިބްރާތް ޙާޞިލުކުރާ ބަޔެއްކަމަށް ވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ. 

_____________________________

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ