އަދުގެ ޚާއްސަ

Print

15 ނޮވެމްބަރ 2020 ވަނަ ދުވަހުގެ "މާހުޅެވި"

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މި ހިނގާ 1442 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 29 (15 ނޮވެމްބަރ 2020) ވަނަ އާދީއްތަ  ދުވަހަކީ، މި އަހަރުގެ ދެވަނަ "މާހުޅެވި" ފާޅުވާ ދުވަހެވެ. ސަބަބަކީ، އެ ދުވަހު ހަނދު ދުނިޔެއާއި ގާތްގަނޑަކަށް 358,458 ކިލޯމީޓަރުގެ ކައިރީގައި ހުއްޓައި އެއްއުއި ވާތީއެވެ. އެއީ، އާ މަހެއް ފެށޭއިރު ދުނިޔެއާއި އެންމެ ކައިރީގައި މި އަހަރު ހަނދު ހުންނަ ދެވަނަ ފަހަރެވެ.

15 ނޮވެމްބަރ 2020 ވަނަ ދުވަހު ހެނދުނު މާލޭ ގަޑިން 10:07 ގައި "ވިރުސިކަ" ރާހީގެ 23 ދަރަޖަ 17 ދަގީގުގައި (ނޮރަ ނަކަތުގައި) "އެއްއުއި" ވުމުން، އުފަންވާ ހުޅެވި ހިމެނެނީ، މި އަހަރު ފައުޅުވާ ދެވަނަ މާހުޅެވި ކަމުގައެވެ.  އެހެންކަމުން މި ޙާލަތުގައި ހަނދުގެ ޢާންމު ޙާލަތަަށްވުރެ ހަނދުގެ އަލިކަން 30 އިންސައްތަ އިތުރުވެފައި ހުޅެވީގެ ސައިޒުވެސް 14 އިންސައްތަ ބޮޑުވާނެއެެވެ.  

އެ ދުވަހު މާލެއަށް އިރު އޮއްސޭ މިޞްރާބު ކަމުގައިވާ "ތީރު އަސްތަމާނު" އަށް، 17:48:36 ގައި އިރު އޮއްސުމުގެ 16 މިނެޓް 48 ސިކުންތުގެ ފަހުން، 18:05:24 ގައި ހަނދު އޮއްސޭންދެން، ހަނދުގެ ތިރީ ކައިރިފަށުން މާހުޅެވި ފާޅުވާނެއެވެ. އެ ދުވަހު އިރު އޮއްސޭ މިޞްރާބަށްވުރެ ކުޑަކުޑަ ތަންކޮޅެއް އުތުރުގައި ހަނދު ހުންނާތީ، ހަނދު ހުންނަ މިޞްރާބުގެ ގޮތުން ހަނދުގެ ހުޅެވި އުތުރަށް އަރިވެފައި ހުންނަ މިންވަރު ފާހަގަ ކުރެވޭ ވަރެއް ނުވާނެއެވެ. ހުޅެވި ފެންނާނީ ރަހަކޮށެވެ. އެހެނީ، ހަނދާ އިރުވެސް ދަތުރު ކުރަމުންދާނީ އެ ވަގުތު ދެކުނަށް ކަމަށް ވެފައި، އެ ވަގުތު އިރު ދެކުނު ޢަރުޟުން 18 ދަރަޖަ 40 ދަގީގުގައި ހުރެފައި، ހަނދު ދެކުނު ޢަރުޟުން 17 ދަރަޖަ 52 ދަގީގުގައި ހުރުމުންނެވެ. ހަނދުގެ ހުޅެވި އުތުރަށް އަރިކޮށް ހުރިކަމަށް ހީކުރެވޭ މިންވަރެއްގައި ހުރިނަމަވެސް، ފެށޭ ރަބީޢުލްއާޚިރު މަހުގެ 3 ވަނަ ރެއިން ފެށިގެން 6 ވަނަ ރޭގެ ނިޔަލަށް ފެންނަ ހަނދުގެ ހުޅެވި މެނުވީ، ވަކި އަތަކަށް ހުޅެވި އަރިކޮށް ހުންނަކަން މި މަހުގެ ކުރީކޮޅުގެ ރޭތަކުގައި ފާހަގަ ނުކުރެވޭނެއެވެ. ނަމަވެސް ބުނެވުނު 4 ރޭގައި ހަނދުގެ ހުޅެވި އަރިވާނީ ދެކުނަށެވެ.

ނޮވެމަބަރ 15 ވަނަ ދުވަހަކީ ހުޅަނގު މޫސުމުގެ 17 ވަނަ ނަކަތް ކަމުގައިވާ "ވިރުސިކަ" ރާހީގެ "ނޮރަ" ނަކަތުން 2 ވަނަ ދުވަސް ކަމުގައިވާތީ، މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން، ހަމަ ލޮލުން ހަނދާއި، ހަނދުގެ ހުޅެވި ފެނުމުގެ ފުރުޞަތު ނުލިބޭނެ ކަމުގައި ވިޔަސް، ހަނދަށް އިރުގެ އަލި އެޅިގެން ހަނދުން ފާޅުވާ ހުޅެތްވާއި ހަނދުވެސް، ޒަމާނީ ވަސީލަތެއްގެ އެހީގައި، ކައިރިން ބަލައި ލެވޭނެއެެވެ.

ދެން މާހުޅެތްވެއް ފެނުމުގެ ފުރުޞަތު އޮންނާނީ 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހާއި، އެ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގައެވެ. 

________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ