އަދުގެ ޚާއްސަ

Print

ފަންވަތް، ލެޓިން އަކުރުން ލިޔެފައިވާ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބްދުލްމުޢީދު ޙަސަން

މައިގަނޑު ގޮތެއްގައި ލެޓިން އަކުރު އުފެދިފައިވަނީ، ޔޫނާނީ އަކުރުންނެވެ. ލެޓިން އަކުރަކީ، މިހާރު ދުނިޔޭގެ ގިނަ ބަސްތަކެއް ލިޔަން ބޭނުންކުރާ އަކުރެކެވެ. ކޮންމެ ބަޔަކު ވެސް އެބަޔެއްގެ ބަސް އެއިން ލިޔެ އުޅެނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މީލާދީ ސަނަތުން ވިހިވަނަ ޤަރުނުގެ ތެރޭގައި، ގިނަ ޤައުމުތަކެއްގެ ބަޔަކު، އެމީހުންގެ އަމިއްލަ ބަސް، ލެޓިން އަކުރުން ލިޔަން ފެށިއެވެ.

ލެޓިން އަކުރު ފުރަތަމަ ބޭނުންކުރި ބަޔަކީ، ރޫމީންނެވެ. އޭގެ އަލިފުބާގައި، 23 އަކުރު ވިއެވެ. އެއީ، A, B, C, D, E, F, G, H, I, K, L, M, N, O, P, Q, R, S, T, V, X, Y, Z މިއެވެ. މީގެ ތެރޭގައި (J, U, W) ނުހިމެނެއެވެ. މިއީ، ފަހުން އިތުރު ކުރެވުނު ތިން އަކުރެކެވެ. ބައެއް ގައުމުތަކުގެ މީހުން މި ނޫން ކިތަންމެ އަކުރެއް އިތުރުކޮށްފައި ވެއެވެ. ބައެއް އަކުރުތައް އިތުރުކޮށްފައިވަނީ، އަޑަށެވެ. ބައެއް އަކުރުތައް އިތުރުކޮށްފައިވަނީ ފިއްޔަށެވެ.

ދިވެހި ބަސް ލެޓިން އަކުރުން ލިއުމަށްޓަކައި ބޭނުންކޮށްފައިވަނީ، އިނގިރޭސި ލެޓިން އަލިފުބާގެ 26 އަކުރެވެ. ނަމަވެސް، ދިވެހި ބަސް އެ އަކުރުން ލިއުނީ، އެ އަކުރުން އިނގިރޭސި ބަސް ލިޔާ ގޮތަކަށް ނޫނެވެ. އެ އަކުރުން ދިވެހި ބަސް ލިއުމަށްޓަކައި ދިވެހި ސަރުކާރުން ޤަޥާޢިދެއް ހެއްދެވިއެވެ. އޭރު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު، އެ ޤަޥާޢިދު ދަސްކުރިއެވެ. އަދި ލެޓިން އަކުރޭ ހަމަ ބުނާއިރަށް، އެޤަޥާޢިދުތައް އެބަޔެއްގެ ހިތަށް ވެރިވެގަނެއެވެ. ނަމަވެސް މިޒަމާނުގެ ގިނަ ކުދިންނަކަށް އެ ޤަޥާޢިދުތަކެއް ނޭގެއެވެ.

ފަންވަތުގެ ޑޮމައިން ނަން، ލިޔެފައިވާ ގޮތް ރަނގަޅު ނޫންކަމަށް ވިދާޅުވަނީ، ދިވެހި ބަސް ލެޓިން އަކުރުން ލިއުމުގެ ޤަޥާޢިދަށް މޮޅު ބޭފުޅުންކަމާމެދަކު ޝައްކެއް ނެތެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތަށް، ފަންވަތް ލިޔެފައިވީނަމަ، އެބޭފުޅުންނަށް ފަސޭހަފުޅުވާނެއެވެ. އެއާއެކު، މިޖީލުގެ ގިނަ ބަޔަކަށް ހިސާބެއްގެ ދަތިކަމެއް ފޯރުން އެކަށީގެންވެއެވެ.

އިންޓަރނެޓްގައިވާ ހުރިހާ ދިވެހި ވެބްސައިޓެއްގެ ޑޮމައިން ނަން ލިޔެފައިވަނީ، ދިވެހި ބަސް ލެޓިން އަކުރުން ލިއުމުގެ ޤަޥާއިދާ އެއްގޮތަކަށް ނޫނެވެ. މިސާލަކަށް ކުއްލިއްޔާގެ ވެބްސައިޓްގެ ނަން ލިޔެފައިވަނީ، kulliyya މިހެންނެވެ. ދިވެހި ބަސް ލެޓިން އަކުރުން ލިއުމުގެ ޤަޥާޢިދާ އެއްގޮތަށް ކިޔާނަމަ، މި ލަފުޒު ކިޔޭނީ، "ކުއްލިއްޔަ" މިހެންނެވެ. އަދި އަޅުގަނޑުގެ އަމިއްލަ ވެބްސައިޓް އާކިފެހިޗަރ ގެ ނަން ލިޔެފައިވަނީ، archifehiture މިހެންނެވެ. ދިވެހި ބަސް ލެޓިން އަކުރުން ލިއުމުގެ ޤަޥާޢިދާ އެއްގޮތަށް ކިޔާނަމަ، މި ކިޔޭނީ، "އަރޗިފެހިޓުރެ" މިހެންނެވެ. މިއީ، ހަމައެކަނި، ދިވެހި ބަހުން ހަދާފައިވާ ދެތިން ވެބްސައިޓެއްގައި ކަން އޮތްގޮތް ނޫންކަން، އިންޓަރނެޓަށް ނަޒަރު ހިންގާލުމުން އެނގެއެވެ.

ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ވެބްސައިޓްގެ ޑޮމައިން ނަން ކަނޑައޅާއިރު، ބަލާ ކަންތައްތަކެއް ހުރެއެވެ. ވިސްނާ ވިސްނުންތަކެއް ހުރެއެވެ. ޑޮމައިން ނަން ލިޔާއިރު، ބަލަން އޮތް ހަމައެކަނި ޤަޥާޢިދަކީ، ދިވެހި ބަސް ލެޓިން އަކުރުން ލިއުމުގެ ޤަޥާޢިދެއް ނޫނެވެ. އިންޓަރނެޓްގައި ލިޔެވޭ ލިއުންތަކާއި ލިޔާ ގޮތާއި، ތިމާމެންގެ އަމިއްލަވަންތަކަމާއި ތިމާމެންގެ ވެބްސައިޓްގެ ޑޮމައިން ނަން، އެހެން ބަޔަކު ބޭނުންކުރަން އޮންނަ ފުރުޞަތު، އޭގެ ތެރޭގައި ހިމެނެއެވެ.

ކޮންމެއަކަސް، ފަންވަތުގެ ޑޮމައިން ނަން ލިޔެފައިވާ ގޮތާމެދު، ޚިޔާލު ހުށަހެޅުއްވި ބޭފުޅުންނަށް އިޚުލާޞްތެރި ޝުކުރު ދަންނަވަން ޖެހެއެވެ. އެ ބޭފުޅުން، ޚިޔާލުފުޅުތައް ބިނާކުރައްވާފައިވަނީ، ތަރަހައެއްގެ މަތީގައެވެ. އެއީ، ބިނާކުރަނިވި ޚިޔާލުފުޅުތަކެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ހެޔޮލަފާ ބޭފުޅުން އެފަދަ ޚިޔާލުފުޅުތައް އަބަދުވެސް ގެންގުޅުއްވައެވެ. އެބޭފުޅުންގެ މަޢުރިފާއާއި ދެނެވަޑައިގަންނަވާ މިންވަރާއި ޤަބޫލުފުޅުކުރައްވާ ކަންތައްތަކުގެ އިމުގެތެރޭގައެވެ. މަޢުރިފާ އިތުރުވިވަރަކަށް އެ އިމުގެ ސަރަޙައްދު ފުޅާވަމުން ދެއެވެ.

މި މަޒުމޫނުލިޔެ، މުޅިން ނުނިމެނީސް، ތަންކޮޅެއް ކުރިން މުދިންކަން ކުރެއްވި ބޭފުޅަކު އަޅުގަނޑާ ދިމާވެ، އޭނާއާ ބެހޭ ބައެއް ކަންތައްތައް އެނގުނެވެ. އެއް ޤިރާއަތަށްވުރެ ގިނަ ޤިރާއަތް އޭނާ ދެނެވަޑައިގަންނަވައެވެ. އޭނާ، ރާއްޖެތެރޭގެ މިސްކިތެއްގެ މުދިންކަން ކުރެއްވިއިރު، އެއްރެއަކު، ރޭގަނޑުގެ ނަމާދެއްގައި، އަލްޙަމްދު ކިޔަވާވިދާޅުވެލެއްވުނީ، އެހެން ޤިރާއަތަކަށެވެ. މިކަންވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އަތޮޅުވެރިން އޭނާއާ ބެހޭ ގޮތުން، ދައުލަތުގެ ކަމާބެހޭ ފަރާތަށް ފޮނުއްވި ސިޓީގައިވަނީ އޭނާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. ކޮންމެއަކަސް، އޭނާގެ މައްސަލަ ބެއްލެވީ، ޖީލުގެ އުސްތާޛު، ފަޟީލަތުއް ޝައިޚުލް އުސްތާޛުލް މަރްޙޫމް، މުޙައްމަދު ޖަމީލެވެ. މައްސަލަ ބެއްލެވުމަށްފަހު، މާލޭގެ ބޮޑު މިސްކިތެއްގެ މުދިންކަން، އެމަނިކުފާނު އޭނާއަށް ދެއްވިއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ