އަދުގެ ޚާއްސަ

Print

ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލް މުޢީދު ޙަސަން


ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެންމެހައި ޅެންވެރިންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވަމެވެ. އަދި ޢުމަރު ޚައްޔާމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ.


ރުބާޢިއްޔާތަކީ، ހަތަރު ކާފިޔާއިން އެކުލެވިފައިވާ ޅެންބައިތެވެ. ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތުގެ އަޞްލު ކޮޕީއެއް އަޅުގަނޑަށް ލިބުނީ، ތިރީގައިވާ ބައިތުތައް ތަރުޖަމާ ކުރިފަހުންނެވެ. މި ބައިތުތައް، ފާރިސީ ބަހުންނާއި އިނގިރޭސި ބަހުން، ޢަރަބި ބަހަށް ތަރުޖަމާކުރެވުނީ، ރުބާޢިއްޔާތަށް ފާޑުކިއުމަށްޓަކައެވެ. ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތުގެ އަސްލާ ޚިލާފު ގޮތެއް މީގައި އެބަހުއްޓެވެ. އިރާދަކުރެއްވިއްޔާ، ރުބާޢިއްޔާތުގެ އަސްލުގެ ތަރުޖަމާއެއް އެހެން ފަހަރަކުން ގެނެސްދެވޭތޯ ބަލާނަމެވެ.


1.
"ހޭލާ ބަލާށޭ ސާހިބާ ޣާފިލު ކަމުން!
ފަހު އަލްވަދާޢުގެ ވަގުތު އައިސް ޖެހުމުގެ ކުރިން،
ހޯދަން އުފާ މަސްތީ މުދާމުގެ ލައްޒަތުން."
ފަޖުރުގެ ކުރިން މިނިދާ އިވިއްޖޭ ޙާނަތުން.


2.
މުލުހާ ފަތިސް އިޢުލާންކުރަން އަންގައިފިޔޭ:
"ޢުމުރުން ރެއެއް މާޒީގެ ތެރެއަށް ގެއްލިއްޖެޔޭ،
މިދުނިޔެމަތީ އަބަދުގަ އުޅެން ޗާންސެއްނެތޭ،
އާދުވަހަކަށް އާއަލިކަމެއް އަތުވެއްޖެޔޭ."


3.
ނައިރޯޒު ޢީދޭ މީ ނަސީބުގެ ދަނޑިވަޅޭ،
ވައިރޯޅިތައް ހިތް ފިނިވެދާ ޖެހިލައިފިޔޭ.
ޝަބުނަމު ތިކިން މާތައް މިއަދު ފެންބޮއިފިޔޭ،
ހޭލާށެ! އަދު މާ ގަސްގަހުން ފޮޅިލައިފިޔޭ.


4.
މޫސާގެ މާތްއަތްތިލަފުޅުން ބަބުޅާލުމެއް،
ހޭލާށެ! އަދު ބުސްތާން ތެރޭން ފެނިލައިފިޔޭ.
ޢީސާގެ މާތް ނޭވާފުޅެއް ގަސްތަކު ތެރަށް،
ހޭލާށެ! އަދު މާތާޒަގީ ޖެހިލައިފިޔޭ.


5.
ހޭލާ ބަލާށޭ! ގަސްތަކާ އަދި ގޮފިތަކަށް،
އޭގައިއެވާ ބުލްބުލްތަކާ އަދި މާތަކަށް،
ގޮތްޕެއްމަތީ އިނދެ ބުލްބުލެއް ލަވައެކިޔަނީ،
ލޯތްބާއެކީ އޭގައި އެވާ ފިނިފެން މަލަށް.


6.
ފިނިފެންމަލުގެ ޢާޝިޤު ހެނދުނު އަތުވެއްޖެޔޭ،
ގުލްޝަންތެރަށް ވަސްމީރުކަން ފަތުރާލަމުން،
ނަރުގިސްމަލާއި އޯކިޑްމަލަށް ބޮސްދީ ހަދައި،
ވަސްމީރުހައި މާތަކުގަ އަދި ފިރުމާލަމުން.


7.
ސާދާކަމާއެކުގައި ފަތިސް އައުމުން މިއަދު،
ހެދުނުގެ ނަޔާ ޖައްވުގެ ތެރަށް ގޮސްލަން ބަހީނ.
ދޫކޮށް ކުރާ ހުރިހައި މަސައްކަތްތައް މުޅިން،
ރާތަށިތަކާއި ރާގުން އުފާ ހޯދަން ބަހީނ.


8.
ވަސްމީރުވީ މޫސުމް ބަހާރުގެ މީރުކަން،
އަސްތާ! ވަނީ ތުނި ތަށިތަކުންނޭ ހިތްތަކަށް.
އަހުރެންގެ ހިތް ކުޅަޔޭ ހިތާމަ ބަހާރަކަށް،
ތައުބާވެ ހުރެ ދުރުހެލިވެވުނު ރާތަށިތަކަށް.


9.
ޅަޢުމުރު އެއީ ޢުމުރުގެ ބަހާރޭ، ޢާޝިޤާ،
މާޒީވިހައި ދުވަހެއްވިޔޭ މި ނަބީޒުހެން،
މީގައި މި ވާހައި ހިތިކަމާ، ފޮނިކަންވެޔޭ،
ހިތިކަން ހިތަށްދީ ހިތް އުފާކުރި އިޝްޤުހެން.


10.
ޢިޝްޤުންނެ އާރޯކަން ހިތަށް ލިއްބައިދެނީ،
ރުކުނެތްކަމަށް ވާތީ އެއީ ޢުމްރުގެ  ޒުވާން!
ޣާފިލުވެފައި ވީނަމަ ތިބާ ޢިޝްޤާމެދަށް،
އަންނާށެ އަދު ހިތަކާ ހިތުން ގުޅި ލޯބިވާން.


11.
ދޫކޮށްލަމާހޭ ލޯބިވުން ނެތްހާ ހިތެއް،
މިސްކިތްތަކާއި އަދި ފައްޅިތައް ވަކިކޮށްނުލައި،
ޢިޝްޤުގެ ފޮތަށް ނަންއެރި ކަތަކު މިޙިމާޔަތުގައި،
ނުބަލާނެ ހޫނާއި ފިންޏަކަށް ހަމަ ގައިމުވެސް.


12.
ރާތައްޓަކާ، ރޮށިފަޅިޔަކާ، އިހު ޅެންފޮތެއް،
އަދި ލޯބިވާޔާ އެކު ވަމޭ ލަވަތައް ކިޔަން،
ގޮތްޕެއްގެ ދަށު ފަޅު ވާދީޔެއްގެ ތެރޭގަވާ،
ދެކެމޭ އެތަން އާރާސްތުވީ ސުވަރުގެ ފަދައިން.


13.
ރަޙުމާއެކީ ދޭށޭ ޒުވާބެއް ދެންމަށަށް،
އަހަރެންމިވާ އެކަހެރިކަމާ ދުރުހެލިކަމަށް،
ޒުލްމެއްނުވާ ފަޅުތަންދެކެމެ ހެޔޮތަން ކަމަށް،
ގަނޑުވަރުތަކަށްވުރެ ހިތްފަސޭހަ ތަނެއް ކަމަށް.


14.
އެދެމޭ ކަތުން ކިބައިން މަށަށް އޯގާވުމަށް،
ހިތްހެޔޮކަމެއް ވަގުތާ ޒަމާނުގަ ނެތްކަމުން،
ވަގުތުގެވި ބަނިޔާދަންކަމީ އަނިޔާކަމުން،
އޭގައިއެލާހައި ނިކަމެތިން އިނދަޖައްސަމުން.


15.
އައުދާނަ ކައިކޯބާޑުވީ ކޮންތާކުހޭ؟
ޖަމްޝީދުއާ އަދި ޒާލުވެސް އަދު ނެތްމެޔޭ،
ވަސްމީރުހައި މާތައް އިހަށް، މިއަދަކުނެތޭ،
ވަގުތާއެކީ އެންމެން ފަނާވެ ހިގައްޖެޔޭ.


16.
ފިނިފެންމަލެއް ބުންޏޭ ނެތޭ ކޯތާފަތެއް،
އަހަރެންގެ ވާފަދައިން ފޮޅޭ ހިނިތުންވަމުން،
ހެޔޮވާނެހޭ؟ ބަރުބާދުކޮށްލަން ވާ މަގޭ،
ތުނި ފިޔަތަކާ އަދި ކަރުގަނޑާ ޒުލްމުގެ އަތުން.


17.
ގޮފިގަނޑު މަތީގައި ލަވަކިޔަން އިނދެފައި އެހިނދު،
އަޑު ރީތި ނަލަ ބުލުބުލް ޖަވާބެއް އިއްވިޔޭ:
"ދުވަހެއް އުފާވެރިކަންމަތީ ވީނަމަ ތިބާ،
އަހަރެއް، ހިތާމަކުރަންޖެހޭ އަންނާނެޔޭ."


18.
ވާއިރު ކުރާގައި އަދު ފޮޅޭ ފިނިފެންމަލެއް،
ކޯތާފަތެއް ފަދައިން ނިވާވެވިފައި ލަދުން،
އުތުރުން ޖެހޭ ވައިރޯޅި ލޯބިން ބޮސްދެނީ،
ތާޒާކަމާ، ޢިއްފަތް މަލުގެ ނިގުޅާލަމުން.


19.
ހިތުގައި މިވާ ހުރިހައި ރިހުން ފިލުވާލަދޭ،
އިތުބާރުހުރި ޝަރުބަތް މިއަދު ދޭށޭ މަށަށް،
މިތުރާ ކުރާ އުންމީދަކަށް ނެތް ކެތްވެވެން،
ނޭނގޭ ކަމުން މާދަން ވެދާނެ ގޮތެއް މަށަށް.


20.
ގޭތައްމަމެންވާ އެޅިފަވީ ހުސްބިންމަތީ،
ހިގަމުން މިދާހައި ރޭދުވާ ދާމަގުމަތީ،
ގޮސްއަންނަހައި ބަޔަކަށް މިވާ މައިދާންމަތީ،
އާސާރުތައް ފުނިޖެހިފަވާ މަސްރަޙުމަތީ.


21.
ޖަމްޝީދު އެޅި ބަބުޅާ ވިދާ ގަނޑުވަރުތަކަށް،
ސިންގާތަކާއި ކުދިސޫފިތައް ވެރިއްޖެޔޭ!
ބެހެރާމުފަދަ އެތަކެއް ޝިކާރަވެރިންތަކެއް،
ތަޚުތާއެކިގަ ޝިކާރަޔަށްވެ ނިމިއްޖެޔޭ!


22.
ކުރިބޯށިތައް އުޑުގައިޖެހުނު ކިއްލާތަކަށް،
ރަސްރަސްކަލުން އެޅިހައި އެއުސް ގަނޑުވަރުތަކަށް،
ނިކަމެތިކަމާ، ފަޅުކަން އައިސް ވެރިވެއްޖެޔޭ،
ދުވަހަކު އަލުން ދިރުމާއި ޙަޔާތް ނުލިބޭ މަގަށް!


23.
ކިތަކެއް ޖަލީސުންހޭ؟ މަމެންނާ އެކު ތިބީ،
އިއްޔެގަ، އުފާ ލިބިލިބި ނަބީޛުގެ ތަށިތަކުން،
މިއަދަކުނެތޭ ފެންނާކަށެއް ހަމަ އެކަކު ވެސް،
ކަށްވަޅުތަކަށް އެންމެން ހިނގައްޖެޔެ މަޑުމަޑުން.


24.
ދޭށޭ މަށަށް ރޫޙީ ޝަރާބުގެ ކޫޒަކުން،
ފެންނަން މަ ވެސް ނުމެވާނެތީ ކަފުނަށް ފަހުން،
ވީމާ، ހިގާށޭ ހޭދަކޮށްލަން ވަގުތުތައް،
އުފަލާ، އަރާމުގެ ދާނުގައި މުޅި ޢާލަމުން.


25.
މަރުގަންނަވަން އެދިގެން މަލާކު ވަޑައިގަތަސް،
ދޫކޮށްނުލާ ބޯށޭ ޝަރާބުގެ ފަހު ތަށިން،
އޭނާޔަކީ ސާޤީއެކޭ ފަހު ކޫޒުދޭ،
ނުލިބޭނެޔޭ ޝަރުބަތް އެޔަށްފަހުގައި ތަށިން.


26.
ޝަރުބަތް ތަށިން ކަށްވަޅު ފެނިއްޖޭ ސާފުކޮށް،
މާލޯބިވެތިވީ ރާގަކަށް ބުންޏޭ މަށަށް:
"އެއްވެސް ބިރެއް މިއަދަކު ނެތޭ ތަށިބޯލުމަށް"
ހޭހުންނައިރު އިވިދާނެބާ މި ނިދާ ހިތަށް!


27.
ހެދުނުގެ ލަޠީފީ ޖައްވުގައި ތައުބާވިޔަސް،
ތަށިތައް ބަހާ ސާޤީއަކީ ރޭގަނޑު ނަދީމް،
އޮއްސާލެވޭ ރާތަށިތަކަށް ގޮސް ގެއްލިފައި،
ރޭގަނޑު ވަމޭ މަސްތުގެ ތެރޭ ބޮއިގެން މުދާމް.


28.
ސާޤީ ނުވާނަމައީ ވުޖޫދުގެ ރީތިކަން،
ފުރިހަމަ ވެދާނެ ގޮތެއްނެތޭ ހަމަކަށަވަރުން،
މި ޙަޔާތުގައި އުފަލެއް ލިބޭނެ މަގެއްނެތޭ،
ޝަރުބަތުގެ މަޖިލިސް ނޫން ތަންތަނުން.


29.
އުރެދެން މަވީ ކާކަށްހެ؟ ނޫނީ ބޯލަނބަން،
ފުރެދެން މަވީ ކޮން އެދުމަކަށްހޭ؟ ހިތްއެދޭ،
ޙައިރާން މަވެއްޖޭ ބުއްދިކޮށްކޮށް މިކަމުގައި،
ރަޙުމަތްފުޅަށް އެދުމަށް މި ޙާލަތު، ހިތްއެދޭ.


30.
އަހަރެންނަކީ މަސްތުގެ ތެރޭ ވާ މީހެކޭ،
ﷲ ދެނެވޮޑިގެންވެޔޭ ރަނގަޅަށް މިކަން،
އަދި ޢާބިދުންގެ ތެރޭން ވެޔޭ އެތަކެއް ބަޔަކު،
ޝަރުބަތުގެ ގަދަ މަސްތުގެ ތެރޭ އަޅުކަންކުރަން.


31.
ޔާރައްބި! އަޅު އެދި ދަންނަވަން ރަޙްމަތްފުޅަށް،
އެއްވެސް ކަމެއް ސިއްރެއް ނުވާތީ ޙަޟްރަތަށް،
މިއަޅާގެ ތަށި ފުރިފައިވަނީ ޝަރުބަތްތަކުން،
އަބަދާ އަބަދު ހައިކޮށްނުލައި އެދެމޭ އެޔަށް.


32.
"ބުއިމެއްކަމަށް ލައްވާށިޔޭ ކައުޘަރު އަޅަށް،
ނޫނީ ވިރުއްވާނދޭވެ އަޅު ނަރަކައިތެރޭ،
ހަމަކަށަވަރުން އިނބަނޫން އިލާހެއްނެތްމެޔޭ."
ސިއްރުން މުނާޖާ ދަންނަވަން ޚަލްވަތުތެރޭ.


33.
ޔާރައްބި! ދެނެވޮޑިގެންނެވިން ނޫންތޯ؟ ކުރިން،
މިއަޅާގެ ހުރިހައި ޢަމަލުތައް ޙާލާ އެކީ،
ކުރިހައި ކަމެއް މިންވަރުވެފައި ވީތީ ކުރީ،
ކައްޓާއި މަހާއި ރޫޙާ ވަނީ ޤަދަރާ އެކީ.


34.
ފަހެ ކީއްވެބާ އާޚިރަތުގައި ކިރިބެލެވެނީ،
ކުރިހައި ކަމެއްގެ ހިސާބުތައް މީޒާނުގައި؟
އަދި ކީއްވެބާ ލިބުމަށްވަނީ ވޭނީ ޢަޛާބު،
ކެތްނުކުރެވޭހައި ވޭންތެރޭ އަލިފާނުގައި؟


35.
މި ޙަޔާތުގައި އަހުރެންގެ ޙާލަތު ވާމަގީ،
ކޯރުގެތެރޭ ދެމެމުން އެދާ ފެންގަނޑުފަދައިން،
ނޫންނަމަ ޖެހޭ ވައިރޯޅިހެން ޖައްވުގެ ތެރޭ،
ހެނދުނާ، ހަވީރާ އަދި އިޢާދަވެދާ ފަދައިން.


36.
ފާއިތުވެ ދިޔަ ދުވަހާ މެދަށް ބެލުމެއްނެތޭ،
އަދި އަތުވެދާނޭ ދުވަހަކަށް ނުމެ ވިސްނަމޭ،
ނިކަމެތިވެފައި ހަށިގަނޑުމަގޭ ވަރުދެރަކަމުން،
މި އަދާމެދަށް ނޫނީ ބަލައި ނުމެ ވިސްނަމޭ.


37.
މިންވަރުވެފައި ވީހައި ކަމެއް ވާނޭ ކަމުން،
ވިސްނާ ބަލާށޭ ދުވަހަކީ މި ދުވަސްކަމަށް،
މާޒީ ތެރަށް ވީ އިއްޔެ ގޮސް މާޒީވެފައި،
އަދި ނޭގެޔޭ ފެންނާނެކަން މާދަން ލޮލަށް.


38.
ގުޅުމެއްނެތޭ ވާތަރިތަކާ އަދި ރާއްސަކާ،
ކުރިއެރި ގޮތާ ވެއްޓުނު ގޮތާ އުއްމަތް އިރަމް.
ހުރިހައި ކަމެއް ހިގަމުން ދަނީ ޤަދަރާ ޤަޟާ،
ގައިވާ ފަދައިން ލިޔެ ނިންމިހެން ލައުޙުގަ ޤަލަމް.


39.
ޅަފުރާގެ އުސްތާޛެއް ކިބައިން އިވުނޭ މަށަށް:
"މިފުރާނައާ ހަށިތައް އައީ ފެންތައް ފަދައިން،
މަރުވެއްޖެނަމައީ ދާހުށީ ވައިރޯޅިހެން،
ޒަމްޒަމް ކަމަށް ވިޔަކަސް ނިވާވާނެޔެ މުޅިން."


40.
މަޖުބޫރުވީތީ ދުންޔަވީ ގޯއްޗަށް އައީ،
މަޖުބޫރު ޙާލަތުގައި ފުރަން ޖެހެޔޭ މަމެން،
ލިބިފައިނެތީތީ އިޚްތިޔާރެއް މިކަމުގައި،
ހިތުގައި ހިގައި ދިޔަކަސް އެދޭ އެދުމެއް އެހެން.


41.
މި ތަނުން ފުރައިގެން ގޮއްސިނަމަ ވާނަމެ އެތާ،
ޒުޙަލުގެ މަތީ އުޑުގައި އެވާ ފަލަކުގެ މަތީ،
ތަރިތަކު މަތީ ވާހެން ޚިޔާލުގެ ތެރޭ،
ހުރިހައި ތުރާލުން މިންޖުވެވި މޮޅު ދާންމަތީ.


42.
މި ޙަޔާތުގައި ނޭގޭ އަރަތްތައް އެގި ވުމަށް،
ހުރިހައި ހަޤީޤަތްތައް އެތާ މޭރުން ވުމަށް.
އަޖަލާ، މަރާ މެނުވީ އެހެން ހުރިހާ ކަމެއް،
މި ދެކަން އެނގޭނެ ގޮތެއް ނެތޭ ފެނިފައި މަށަށް.


43.
ދުނިޔޭގަ ބާހަތްތަރި އަހަރު މާޒީވިއިރު،
ގުލްޝަންތެރޭ ވިޔަކަސް ޢުލޫމުގެ މާފޮޅޭ،
މޭރުންވިހާ ތަކެތިން ބުނާކަށް ނޭގެޔޭ،
މަދު މިންވަރެއް މެނުވީ ހަނދާންކޮށްލާ އުޅޭ.


44.
ވިސްނާ ބަލާއިރު ސާފުކޮށް އެކިކަންކަމަށް،
ކަށަވަރުވަނީ އެއްޗެއް މަށަށް ނޭގޭކަމޭ،
ކުރިމަތިވެދާ އަސްރާރުތައް ގިނަގުނަކަމުން،
ފުރަތަމަ އެއާ މެދުގައި ބަލަންޖެހިދާ ކަމޭ.


45.
ތަށިތަށް މަށިން ހަދަމުން އެ ދާއިރު ހީވެޔޭ،
މަށިތައް ރޮމުން އާދޭސް ކުރާހެން ގަދައަޑުން:
"މަށްޓާ، ފެނުން ހެއްދެވުނު މީހާއޭ މަށަށް،
އަނިޔާ ނުކޮށް އޯގާވުމަށް އެދެމޭ ދުލުން."


46.
ތަށިތަށް ހަދާ ޚައްޒާފުއޭ ވެއްޔާއި މަށިން،
އޯގާވުމަށް ބުނަމޭ މޮޑޭއިރު މަށިތަކަށް.
ތިޔައީ އިހަށް ތިބި މީސްތަކުންގެ ބަޔެއްކަމުން،
އަދި ދާނެތީ ނިމިގެން ތިބާ މަށިތަކު ތެރަށް.


47.
ނުބަލާށެ ލިބިވާ ޖާނަކަށް އަދި ފަންނަކަށް،
ކީއްހޭ؟ ބަލާށޭ ވަޢުދުތައް ފުއްދާވަރަށް،
މީހާ ކުރާ ޢަމަލާ، ބަހާ އެއްގޮތް ވުމުން،
ވާޞިލު އެވީ ޚަލްޤުންގެ މަތިވެރި ދަރަޖައަށް.


48.
ޙުއްޖަތްތަކާ ޢިލްމުގަ އަރާ ތިބި ޢާލިމުން،
ކަނު އަނދިރިރޭރޭ ވޮށްތަކެއް ފަދަ ބޭކަލުން،
ނިދިޖެހިލެވޭ ހިނދު ފެންނަހައި ހުވަފެންތަކުން،
ގިނަގުނަ ދަރުސްތައް ދޭނެޔޭ މަގު ދައްކަމުން.


49.
ތެދު މަގު މަމެންނަށް ދެއްކުމަށް ފަހުގައިދަނީ،
ޣާފިލު ކަމާ، އަނދިރީގެ ތެރެއަށް ވަންނަމުން،
ދައްކާ އެދިން ހެޔޮމަގު މަތިން ކައްސާލަމުން،
މަގުފުރެދިގެންގޮސް ދެދުނިޔޭން ގެއްލެނިވަމުން.


50.
އީމާންތެރިން ކަމުގައި ވެގެންތިބި މީހުންނަށް،
އަދި ދީންތަކަސް ފުރަގަސްދެމުން ދިޔަ އެންމެނަށް،
އެންގޭނެޔޭ މަގުފުރެދުމެއްގައި ވީ ކަމަށް،
އަދި ދެ ދުނިޔޭން އެއްވެސް ޘަވާބެއް ނެތްކަމަށް.


51.
ބުއްދިން މަގޭ ދީނާ އެކީގައި ބުއްދިވެސް،
ނެތިގެން ދަނީ ކުޅަހާޔަޤީން ފުނޑުފުނޑުވަމުން،
ދީނެއްނެތޭ މިއަދަކު މަށަށް ކަށަވަރު ވެފައި،
ހާސްވާ ވަގުތު ފަރުވާދެނީ ޝަރުބަތްތަށިން.


52.
ދީނާ އެކީގައި ބުއްދިވެސް ދުކޮށްލަމުން،
އެދެމޭ މަށާ ދެވުމަށް އަލަތު ކައިވެންޏަކުން،
މޭގައި ކަތުން ކަށުލަފިވެދާ މީހާގެ ވާ،
ދޮން ރީތިނަލަ ފަތްމިންޏަކާ ބުސްތާންތަކުން.


53.
ނަންހިގި ފިލޯސަފަރުން، ޙަކީމުން އިއްޔެގައި،
ދަރިމައި ނުވާ ހަރުބަސްތަކުން މުޅިދޭހުގައި،
މިއަދުގަ ވަނީ އެންމެން ސުކޫތަށް ގެނުވިފައި،
މުޅިއަނގަ ފުރެންދެން ވެލިއެޅިފައި ފަސްދާނުގައި.


54.
އައްސޭރިޔަށް ގޮސް ބޮއި އުޅޭށޭ ތާއަބަދު،
އެތަނުގެ ގަހުން ނެރެވޭ ނަސީބުގެ ދިޔަ ފެލައި،
ބޭނުން ހިފާށޭ ޢުމުރަކީ ކުރު އެއްޗެކޭ،
ނަމަނަމަ ހިތަށް ވެރިވިޔަނުދޭށެ އުދާސްހިލައި.


55.
ކިތަކެއް ޤަރުނުހޭ؟ ނިމިދިޔައި މި ބިމުގެ މަތީ،
ނިމިގެން އެދިޔަހައި ޖީލަކާއި ދަރިކޮޅުތަކަށް،
ލިބިފައިވިހައި ބަޠަލުން ތެރޭން އެކަކަށްވިޔަސް،
ގޮން ޖެހުނުހޭ ސީނާއި ނޫނާ، މީމަކަށް.


56.
ފަހެ، ސީނަކީ މަސްތެއްކަމަށް ވާ ރަމްޒެކޭ،
އަދި ނޫނަކީ ފުންނިދި ކަމަށް ވާ ރަމްޒެކޭ،
ހަމައެފަދައިން ވާ މީމަކީ އާހާ އެކީ،
ޙާލަތު ބަދަލުކޮށްލާ މަރަށް އޮތް ރަމްޒެކޭ.


57.
އުޑުތައް އެއީ ޢަދަދެއް ނުވާފަދަ އެއްޗެކޭ،
ހަތެކޭ ނުވަތަ ހީކޮށްފިނަމަ އަށެކޭ އެއީ،
އުޑުގައި ނެތޭ ކުށް ހީތަކަށް ހަމަ ޖާގައެއް،
އަދި ޔޯލަވާހަކަ ވާތަނެއް ނޫނޭ އެއީ.


58.
ސާބިތުކުރަން ކުޅަދާނައެއް ނުވުމުން ހިލައި،
ބުއްދިން ކަލާނގެ ޠަބީޢަޠާ އަދި ޒާތުފުޅު،
ޔާރައްބި ތެދުމަގު ދެއްކެވުންއެދި ދަންނަވަން،
އިބަ މަޢުރިފާ ވާނޭފަދައިން، ނިކަމެތި މިއަޅު.


59.
ބޭސޯޚު ވެއްޖޭ ތައްބަޔަކު ޙައިރާނެވެގެން،
ޢުލަމާއުނާ އަދި ޖާހިލުން އެއްސަފު މަތީ،
އިނބަޔާމެދަށް ވިސްނާ ފިކުރު ކޮށްކޮށްހަދައި،
ތިޔަ ޒާތުފުޅު އެނގުމަށް އަދައި، ނޭގުންމަތީ.


60.
އިބަ ނޫންއެހެން އެއްވެސް ފަރާތެއް ހަމަނެތޭ،
އެނގިފައި މޮޅަށް ތިޔަ ޒާތުފުޅު ހަމަކަށަވަރުން،
ހަމަހަމަ ވެދާ އެއްޗެއް ނެތޭ އިބަޔާ އެކީ،
ހީކޮށްލުމަށް ނަމަވެސް، ޤިޔާސުގެ ތިލަފަތުން.


61.
ޝައްކެއްނެތޭ ވޮޑިގެންވުމާ މެދުގައި ވެވެން،
މުޅި ކައުނުގައި ވާހައި ތަކެތި ހެއްދެވި ކަމުން،
އާޔަތްތަކެއް ފަދައިން އިޝާރާތް ކޮށްހަދާ،
އެއްކައުކަމަށް، ޒީނަތްވެފައިވި ނިޝާންތަކުން.


62.
އިބަ ނޫން އެހެން އެއްވެސް ފަރާތެއް ޢިޝްޤުގައި،
މި އަޅާގެ ހިތް ނޭދޭނެޔޭ ލޯބިން ގުޅެން،
ދެ ލޮލުން އޮހޭ ހިނދު ތިކިތަކެއް ކަރުނުން ފެވޭ،
ދުށުމަށް ލޮލެއް ނޭދޭނެޔޭ ލޯތްބެއް އެހެން.


63.
ވަކިކޮށްލެވޭ ތިތްކެއް ކަނޑުން، ނިމިދާހުށީ،
ދުވަހަކު ކޮޅުންނަމަވެސް ކަނޑަށްކަން ހަމަޔަޤީން.
ޔާރައްބި! ވާދުރުމިން މަމެންމެދުގައި ނުހަނު،
ގާތްވެއްޖެކަން، ވިސްނާބަލާ އިރުގައި ޔަޤީން.


64.
ލާހޫތުއިލާހީ ސިއްރު އެނގި ވޭތޯ ސުއާލު-
ކުރުމުން އަލިފު ކަމުގައި ބުނީމެ ޖަވާބުގައި،
ބުންޏޭ ނަފުސު: ފުދެޔޭ އަލިފު އޭގައިވުމުން،
އެއްކައުކަމާއި އަސްރާރުތައް ގިނަ ހިމެނިފައި.


65.
ނަފުސާ މުޚާޠަބުކޮށް އެހީމޭ ވާތަނެއް،
މިންވަރުފުޅާ އަދި ނަރަކަޔާ، ވާ އުޑުތަކާ،
ބުންޏޭ ނަފުސު: " އަސްރާރުތައް ވެޔެ ނަފުސުގައި،
މިންވަރު ފުޅާ އަދި ނަރަކަޔާ، ސުވަރުގެތަކާ."


66.
"ސުވަރުގެކަމަށް ވެދެޔޭ އުފާވާ ހިނދުކޮޅެއް،
އަދި ނަރަކަޔަށް ވެދެޔޭ ދެތިން ވިންދެއް ހިތުން،
ޙާލާ މެދަށް ރުހިތިބެ މިތާ އުޅުމޭ އައީ،
ފާލަށް ހިތަށް މޭރުންވެދާ އިލްހާމަކުން."


67.
"އާހާއިއެކީ ޚައްޔާމުއަށް ބުނަމޭ މިއަދު،
ހަށިތައް މިއީ ޖެހިފައިވި ފޭލިގެތައް ކަމަށް،
ނަފުސާ، ފުރާނަ ޙަޔާތުގައި ވަދެ ދިރި އުޅެން،
މަރުގެންނެވޭ ހިނދު ދާއިމަށް ދޫކޮށްލުމަށް."


68.
ކައުނުގެ ޙަޤީޤަތް ޚާލިޤަށް ނޫނީ ނެތޭ،
އެނގިފައި މޮޅަށް އެއްވެސް އިރެއްގައި ސާފުކޮށް.
ފެނިގެއްލިދާ މަންޒަރު ތެރޭގައި ތިއްބަކަސް،
ވިސްނާނުލާ ވާށޭ ތަބާ މިންވަރުފުޅަށް.


69.
ވިސްނާ، ބަލާއިރުގައި މަމެންނީ ކައުނުގައި،
ބުރުހޭ ސަމާވީ ބިޔަ ޚިޔާލީ މާކަނޑުން،
ކުލަޖެހި ފެވުނު ކުދިކުދި ހިޔަނި ތަކެކޭ މިތާ،
ޚާލިޤުގެ ވާ މަތިވެރި ޚިޔާލާތުގެ ތެރޭން.


70.
އެކިއެކި އަރަތްތައް ދޭހަވޭތޯ ދިޔަދުވަހު،
އުދުހެން މަޖާޒީ މާނަތަކުގެ ފަޒާތެރަށް،
މަށަކާ ދިމާނުވިޔޭ އެތާ ހަމަ އެކަކުވެސް،
އެނގުމުގެ މަޤާމުގެ ފަލަކުގައި ބައްދަލުވުމަށް.


71.
ހުރިހައި މަޖާޒީ މާނަތައް ދޫކޮށްލަމުން،
ދެކެމާ ހިގާށޭ ވާ ޙަޤީޤަތްތައް މިތާ.
މިންވަރުފުޅުން ޒީނަތްވެގެން ކުލަޖެހިފައިވާ،
ކުޅިތައް ކަމަށް މެނުވީ މަމެން ނުވެޔޭ މިތާ.


72.
މި ދުނިޔެ ވެޔޭ ކުޑަ ރާޒުވާ ގޮނޑިއެއް ކަމަށް،
ގޭތަށް ވެޔޭ ކުޅިތައް ލެވޭ ގޮޅިތައް ކަމަށް،
މީހުން ވެޔޭ އަދި ހިންގުވޭ ކުޅިތައްކަމަށް،
މި ދުނިޔެ ވެޔޭ ނިންމާލެވޭ ގޭމެއްކަމަށް.


73.
މި ޙަޔާތް ވަނީ ޖޫކާނީ ފަދައިންކަން ޔަޤީން،
ޙާޞިލު ވަނީ ފަހެ، ކޮންކަމެއް މަ އެދޭ ފަދައިން،
ކުރިމަތި ވަނީ ހީވެސް ނުވާ އެތަކެއް ކަމެއް،
ޚަލްޤުންވަނީ ދުއްވާ ލެވޭ އަސްތައް ފަދައިން.


74.
މިންވަރު ވެފައި އޮތްގޮތް މަތިން ދާއިރު ކުޅުން،
މަންޒަރު ބަލަންތިބެފައި އުފާވިޔަކަސް ކަތުން،
އިރުއިރު ކޮޅާ ވިހެލާ ބޮނޑިން ނެތެމުން ދަނީ،
އެތަކެއް ބަޔަކު ކުޅިވަރު ކުޅޭ މަސްރަޙުތަކުން.


75.
ދޫކޮށްލަމާހޭ ޖިސްމުތައް ރޫޙާއެކީ،
އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ވުމަށް،
ދެނެވޮޑިވުމުން ދާނޭ މަގާ، ނިމިދާނެ ގޮތް،
މި ޙަޔާތް ވުޖޫދަށް ނާންނަނީސް ވެސް މާމޮޅަށް.


76.
ހުރިހައި ކަމެއްވީ ލައުޙުގައި ނިމި ލިޔެވިފައި،
ވާނޭ ކަމާއި ވީކަން ވަނީ މިންވަރު ވެފައި،
މާޒީ އަކީ ފޮޅުވަތްތަކެއް ލައުޙުގެ މަތިން،
އަޒަލުއްސުރެން ތަރުތީބުކޮށް ވާ ރޭވިފައި.


77.
ކުރިމަތިވެދާހައި މޮޅު ނަސީބާ، ބަދު ނަސީބު،
ޣައިބުގެ ތެރޭ ތައްޔާރު ވެއްޖޭ މާކުރިން،
ސިއްރެއް ޙިޖާބުން ކަޝްފުވިޔަކަސް އަދިވެޔޭ،
އަސްރާރުތައް ހީވެސް ތިބާ ނުކުރާ ފަދައިން.


78.
ވިމާ، ތިބާ ދޫކޮށް ނުލާށޭ ފުރުޞަތެއް،
ބޭނުންހިފެން އޮއްވާ ނުކޮށް ބޭނުން އެއިން،
ދަންނާށެ ފަހު ވަގުތު އައިސް ކުރިމަތިންވުމުން،
ނުލިބޭނެޔޭ ކުޑަހިނދުކޮޅެއް ނަމަވެސް އަލުން.


79.
މީ ޤާފިލާތަކެކޭ ހިގައިދާ މަގުމަތީ،
އަސްވާރުނަށް ވާ އެއްޗެކޭ ދާ ވަގުތަކީ،
ބޭނުން ހިފާށޭ ވާ މި ކުރު ފާލަންމަތީ،
ކުޑަ ހިނދުކޮޅެއް ކަމުގައި ވެޔޭ މި ޙަޔާތަކީ.


80.
ނިމިދާ އިމާ ހަމަޔަށް ޢުމުރު ފޯރައްޖެޔޭ،
ޚައްޔާމު ވީ ފޭލިގެ އެކީ ބާވެއްޖެޔޭ،
މަންޒިލްތެރޭ ވާ ރޫޙު ބޭރަށް ނުކުތުމާ،
އަބަދަށް ވަދާޢު ކިޔަންޖެހުން ގާތްވެއްޖެޔޭ!


81.
ޖޯޝާ، ޒުވާންކަން ނެތިހިގައްޖޭ ދާއިމަށް،
ކުރު ރޭތަކެއް ކަމުގައި ވިޔޭ މޫސުމް ބަހާރު.
މި ގޮތަށް މިކަން ވާނޭ ކަމަށް ކަށަވަރުވި ނަމަ،
ޤުރުބާން ކުރީމެ، ޒުވާންކަމާއި ޖޯޝާ އެހާރު.


82.
ދަހަނާޔަކުން އައްޑަނަޔަކުން މަތައެއް ނުވޭ،
ތީރެއް އަޖަލުޖެހުމުން އައިސް ރޫޙަށް ހެރޭ،
މި ދުނިޔެ މިއީ ނެތިގެން ފަނާވާ މަންޒިލެއް،
މި ކަމަށް ނެތޭ އެއްވެސް ދަވާއެއް ބޭސް ތެރޭ.


83.
މީހާ ކުރާ ހެޔޮ ކަން މެނޫން އެއްވެސްކަމެއް-
ގައި ހަމަ ނެތޭ މަންފާތަކެއް އަޖަލަށް ފަހުން،
ވީމާ، ކުރާށޭ ހެޔޮ ކަމެއް އަޖަލުގެ ކުރިން،
ޖާނުގަ ވަރެއް ހުއްޓާ ޒުވާނާ ހެޔޮ ހިތުން.


84.
ހިތުގައި މި ވާ ރިހުމަށް ދަވާއެއް ނުލިބެނީސް،
މި ތަނުން ފުރައިގެން ދާން ޖެހިއްޖޭ އަދު މަށަށް،
އެއްވެސް ކަމެއް ހަމަ ސާފުކޮށް އެނގުމުގެ ކުރިން،
ފާއިތުވެގެން ޢުމުރާ، ޙަޔާތް މާޒީ ތެރަށް.


85.
ހެއްދެވި ދުވަހު ޚަލްގުން ވުޖޫދަށް ގެންނަވައި،
ހުރި ނަމަ އިލާހުގެ ޙަޟްރަތަށް ކުއްތަންވެގެން،
ފޮހެލެއްވުމަށް އެދި ދެންނެވީމޭ ނަން މަގޭ،
މި ވުޖޫދުގައި ލައްވާނެހައި ޚަލްޤުން ތެރޭން.


86.
އޭ ލޯބިވާއޭ! އަދު ކުރާނެ ކަމެއް ނެތޭ،
މީ އޮތް ގޮތޭ މިންވަރުވެފައި ލައުޙުގެ މަތީ،
ވީ ނަމަ މިއީ މިންވަރު ކުރާ ޙާކިމު ކަމަށް،
އެންމެން އުޅޭނީ އަދު އުފާވެރިކަން މަތީ.


87.
މުނި ފޫހި ފިލުވާދިން މަގޭ މިތުރަށް ބުނަން،
ފަހު ވަގުތަކަށް، ހިނގަމުން މިދާ ހިނދުކޮޅު ވިޔަސް،
އިހުގައި އުޅުނު އެކުވެރިޔެކޭ ހީކޮށްލަމުން،
އެދެމޭ ހަނދާން ކޮށްލާއުޅެން، ފެންނަން ނެތަސް.


88.
މަރުވެއްޖެ ނަމަ އެދެމޭ ރަޙީޤުން ހިނެވުމާ،
މޭބިސްކަދުރު ފަތުލައި ނަފުސު ކޮށްފައި ކަފުން،
ރާ ވެލުގެ މޫ ފައިބާ ބިމެއްގައި ވަޅުލުމާ،
ރާ ތަށި ތަކުން ފަސްގަނޑު އެކީ ތެތްކޮށްދިނުން.


89.
ރާ ވެލުގެ ނަލަ ފަތްމިނި ކަމަށްވާ ކަރުނައިން،
ރޯށޭ ހަނދާންވާއިރު، ތިބާ ޒިކުރާ މަގޭ،
ޝަރުބަތް ހިފައިގެން ގޮސް ރަޙީޤުގެ ތަށިތަކުން،
އޮއްސާށެ ތަށިތަށް ހުއްޓިހުރެ ޤަބުރަށްމަގޭ.


90.
ރާ ތަށިތަކުން ފެންދޭށެ ވިނަޔާއި ގަސްތަކަށް،
ޤަބުރުގެ މަތީ ހެދިފޯދެމުންދާ މަޑުމަޑުން،
ފަހެ، ވާނެޔޭ މާގަސްތަކަށް ކަށިތައްމަގޭ!
ފެންނާނެ ޙާލަތަކީ މަށޭ އޭރުން ތަނުން!!!


ތަމާމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ