Print

މާމުއިން ފަރުވާ ހޯއްދަވާ!

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސިއްޙަތު


ލިއުއްވީ: ޢަބްދުއްދާއިމް އަލްކުޙައިލް
ތަރުޖަމާ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް


އަޅުގަނޑުމެން އެންމެންވެސް މާމުއިގެ ފައިދާއާއި އޭގައި މާތްﷲ ލައްވާފައިވާ ބަލިތައް ފަސޭހަވާނޭ ގަދަފަދަ ޢަޖައިބު ކުރުވަނިވި، ބާރާއި ބެހޭގޮތުން އަޑުއަހާ، ކިޔާ ހަދާފައިވާނޭކަން ކަށަވަރެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކުނޫނީ އޭނާގެ ބައްޔަށްކުރާ ހުރިހާ ފަރުވާއެއް މާމުއިން ކުރާކަށް ނުވިސްނައެވެ.

ސަބަބަކީ، ދުނިޔޭގައިވާ އެހެން ހުރިހާ އެއްޗަކާ ޚިލާފަށް މާމުޔަށް ލިބިފައިވާ ޢަޖާއިބު ކުރުވަނިވި ޝިފާގެ ބާރާ ބެހޭގޮތުން ހުޅަނގުގެ ޢިލްމުވެރިން ހޯއްދަވާފައިވާ ހޯއްދެވުންތައް އަޅުގަނޑުމެނަށް އެނގިފައި ނުވާތީއެވެ.


އެހެންކަމުން މި މައުޟޫޢުގެ ދަށުން އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ހުށަހަޅާލަނީ މާމުއިން ފަރުވާ ހޯދުމާ ބެހޭގޮތުން ޢިލްމުވެރިން ހޯއްދަވާފައިވާ އެންމެފަހުގެ ހޯއްދެވުންތަކުން ބައެއް މަޢުލޫމާތެވެ. އަޅުގަނޑު ވަރަށް އިޚްލާޞްތެރި ކަމާއެކު ތިޔަ ބޭފުޅުންނަށް ދޭ ނަޞޭޙަތަކީ ކިތަންމެ މަދު މިންވަރެއް ނަމަވެސް ގޭގައި ކޮންމެވެސް ވަރަކަށް މާމުއި އަބަދުވެސް ބެހެއްޓެވުމެވެ. ބޭނުން ކުރެއްވުމެވެ. ސަބަބަކީ މިތަނުގައި އަޅުގަނޑު ހުށައަޅާލާ ފައިދާތަކުގެ ބޮޑުކަމުންނެވެ. އެކަމަކު މިތާ ހަނދާން ކޮށްލަންޖެހޭ އެއްކަމަކީ މިޞްރުގެ ޤަދީމީ މީހުން މީގެ ފަސްހާސް އަހަރު ކުރިއްސުރެ، ފާރު ފަސޭހަކުރުމަށް މާމުއި ބޭނުންކޮށްފައި ވާކަމެވެ. އަދި އެމީހުނަށް އޭގައިވާ ޚާއްޞަ ފަރުވާގެ ބައެއް އެނގިފައިވާ ކަމެވެ.

އިސްލާމްދީން އައުމާއެކު މާމުއިގެ މުހިންމުކަން ބަޔާންކޮށްދިނެވެ. ކީރިތި ޤުރްއާނުގައި [ޝިފާ] މިބަސް ވާރިދުވެފައިވާ ހަތަރު ފަހަރުގެ ތެރެއިން ތިންފަހަރު މިބަސް ބޭނުން ކުރައްވާފައިވަނީ [ޤުރްއާން] މި ބަހާއެކުއެވެ. އަނެއްފަހަރު ބޭނުން ކުރައްވާފައިވަނީ [އަލްޢަސަލް] ނުވަތަ [މާމުއި] މިބަހާއެކުއެވެ. އެހެންކަމުން މާމުއިގެ މުހިންކަން މިކަމުންވެސް އެނގެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (ނަޙްލު: 69) މާނައީ: [وَأَوْحَى رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ] މާނައީ: [އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ދެއްވާ އެންގެވިއެވެ. ފަރުބަދަތަކުންނާއި ގަސްގަހާ ގެހިންނާއި މީސްތަކުން ހަދައިދޭ ބިނާތަކުން ތަންތަން އެއީ ގެތައްކަމުގައި ބަލައި ހަތާ ހަދައި އުޅޭށެވެ.] މީހަކު ބުނެފާނެ، ކީރިތި ޤުރްއާން ބާވާލެއްވުމުގެ ކުރިންވެސް، ޤަދީމީ ޒަމާނުގެ މީހުނަށް މާމުއިގެ މުހިންމުކަން އެނގިފައިވާއިރު، މިކަމުގައި ކީރިތި ޤުރްއާން މުޢުޖިޒާތަކަށްވީ ކޮންގޮތަކުން ހެއްޔެވެ؟ މީގެ ޖަވާބުގައި ދަންނަވަން އޮތީ ކީރިތި ޤުރްއާން ހުރިހާ ރަނގަޅު ކަންތައްތަކެއްގެ ތެދުކަން ކަށަވަރުކޮށް ދިނެވެ. އަދި ހުރިހާ ރަނގަޅު ނޫން ކަންތައްތައް ދުރުކޮށް އެކަން ރަނގަޅުކޮށްދިނެވެ. އެހެންކަމުން މިކަންތައްތަކަކީ އޭގެ ޒާތުގައި މުޢުޖިޒާތެވެ. މިކަމުގެ ދަލީލަކީ ޢިލްމީގޮތުން އެއީ ދޮގެއްކަން ސާބިތުވާ އެންމެ އާޔަތެއްވެސް ކީރިތި ޤުރްއާނުގައި ވާރިދުވެފައި ނުވުމެވެ. ހަމަ އެގޮތަށް ކީރިތި ޤުރްއާން ބާވާލެއްވުނު ޒަމާނަކީ އެތައްގިނަ ޚުރާފާތްތަކެއް ފެތުރިފައި އޮތް ޒަމާނެއް ކަމުގައިވީއިރު، ކީރިތި ޤުރްއާނަކީ އިންސާނަކު އެކުލަވާލި އެއްޗެއްނަމަ ޤުރްއާން އެޒަމާނުގެ ޚުރާފާތްތަކާ މަސްހުނިވީސްކަން ކަށަވަރެވެ. އެކަމަކު އަޅުގަނޑުމެންނަށް އަބަދުވެސް ފެނިގެންދަނީ ކީރިތި ޤުރްއާނުގައި ޙައްޤު ބަސްނޫނީ އައިސްފައި ނުވާކަމެވެ. އެހެންކަމުން މިއީ ކީރިތި ޤުރްއާނަކީ މާތްﷲގެ ޙަޟްރަތުން އައިސްފައިވާ ޙައްޤު ބަސްފުޅު ތަކެއްކަމުގެ ދަލީލެކެވެ.

ދެން މިބަލާލަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެނަށްޓަކައި ލައްވާފައިވާ މި މާއްދާއާ ބެހޭގޮތުން ހޯދިފައިވާ އާ ހޯދުން ތަކަށެވެ.

ޑޮކްޓަރ މޮލާންގެ ހޯއްދެވުންތަކުން އެނގުނު ގޮތުގައި ހުރިހާ ވައްތަރެއްގެ މާމުއިގައިވެސް ޖަރާސީމު ނައްތާލާ ވަރަށް ބާރުގަދަ މާއްދާއެއް އެކުލެވިގެންވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި މާމުއި ފަދައިން ޖަރާސީމު މަރާލާ އެއްވެސް އެހެން އެއްޗެއް މިދުނިޔެއަކުން ނުފެންނާނެއެވެ. އެހެނީ ކުޅަނދުރުގައި ހުންނަ ޚާއްޞަ އެންޒައިމެއް ބޭނުންކޮށްގެން އޭތި ހައިޑްރޯޖަން ޕަރއޮކްސައިޑް ބޭރުކުރެއެވެ. މި މާއްދާއަކީ ޖަރާސީމު ނައްތާލުމަށް މަޝްހޫރު މާއްދާއެކެވެ.

އޭނާ ވިހިއަހަރު ވަންދެން ރިސާޗްކުރުމަށްފަހު ސާބިތުކޮށްދިން ގޮތުގައި ބަނޑުހަރުވެ، ބޮޑުކަމުދާން އުނދަގޫވާ ބައްޔަށް ފަރުވާކުރުމަށް މާމުޔަށް ވަރަށްގަދަ ބާރެއް ލިބިފައިވެއެވެ. އެއީ އެއްވެސް އިތުރު އަސަރެއް ކުރުމަކާ ނުލައެވެ. ނުވަތަ ސައިޑް އިފެކްޓެއް ނުހުންނާނެއެވެ. އަދިވެސް ވިދާޅުވަނީ: [އަހަރެން ފަރުވާދޭ ދަބަހުގައި ގެންދާ ފަރުވާދޭ ތަކެއްޗަކީ ބެންޑޭޖާއި މާމުއި އެކަންޏެވެ. ޑޮކްޓަރ މޮލާން އެހެން އެއްވެސް އެއްޗެއް ބޭނުންނުކޮށް ހަމައެކަނި މާމުއި ބޭނުންކޮށްގެން ވަރަށްގިނަ ބަލިތަކަށް ފަރުވާދެއެވެ. އޭނާ ވިދާޅުވެއެވެ. [ފިހުމާއި ދޮސްގަތުމަށް ފަރުވާކުރުމުގައި ޢަޖާބުކުރުވަނިވި އަސަރެއް މާމުޔަށް ލިބިފައިވެއެވެ. ފިހޭ ތަންތާނގައި މާމުއި އެޅުމުން ހަންގަނޑު ރަނގަޅުވެ ގެއްލުމެއް ލިބިދާފަދަ ހުރިހާ ބެކްޓީރިޔާތައް މަރާލައެވެ. މީގެ އިތުރުން ފިހުމުގެ އަސަރުވެސް ފުހެލައެވެ. އެހެންކަމުން މާމުއިން ފަރުވާކުރުމުން ފިހުނު ގުނަވަން ފަސޭހަވާއިރު އެގުނަވަނުގައި ފިހުމުގެ އެއްވެސް އަސަރެއް ނުހުންނާއެވެ. ލަކުނުވެސް ނުހުންނާނެއެވެ.]

ވަރަށްގިނަ ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރ ގްލެނީސް ރައުންޑަށް (ކެންސަރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް) މާމުއިން ފެނިވަޑައިގަތީ ވަރަށް ޢަޖައިބު ކުރުވަނިވި ކަމެކެވެ. އޭނާއަށް ފާހަގަކުރެވުނު ގޮތުގައި މާމުއިން ކެންސަރު ބަލީގެ ފަރުވާއަށް ވަރަށް ޢަޖާއިބު ކުރުވަނިވި އަސަރެއް ކުރެއެވެ. އަދި ވިދާޅުވަނީ: [ހަމުގެ ކެންސަރު ރަނގަޅު ކުރުމަށް އަހަރެމެން މާމުއި ބޭނުންކުރަމެވެ. މާމުއި ބޭނުންކޮށްގެން ހަމުގެ ކެންސަރަށް ފަރުވާކުރުމުން މޮޅެތި އެހެން ބޭސްތަކުން ފަސޭހަ ނުކުރެވޭ ކަންތައްތައްވެސް ފަސޭހަ ކުރެވެއެވެ.]

ހަމަމިގޮތަށް ވަރަށްގިނަ ބޭސްތައް ބޭނުންކޮށްގެންވެސް ފަރުވާކުރުމަށް ނުކުޅެދިފައިވާ [އަލްސަރ] ނުވަތަ ފޮޅުކަނޑައިގެން ގޮސްގެން އުފެދޭ ފާރުގަނޑު ފަދަ ތަންތަން މާމުއި ބޭނުންކޮށްގެން ފަސޭހަ ކުރެވެއެވެ. އަދި ޔަޤީން ކުރެވިފައިވާ އެއްކަމަކީ މާމުއިން ފަރުވާހޯދި ހުރިހާ އެންމެންނަށްވެސް، ފަރުވާ ހޯދި ދުވަސްވަރު، އެއްވެސް ކަހަލަ ތަދެއް، އިތުރު އުނދަގުލެއް އިޙްސާސްކުރަން ޖެހިފައި ނުވާކަމާއި، އެދުވަސްވަރަކީ ބާއްޖަވެރި ދުވަސް ތަކެއްގެ ގޮތުގައި ހޭދަކޮށްފައި ވާކަމެވެ.

އެމެރިކާގެ ބައެއް ރިސާޗަރުން ޙައިރާންކުރުވި ބައެއް ވައްތަރުގެ ޖަރާސީމަށް އެއްވެސް ފަރުވާއެއް ނުހޯދުނެވެ. ނަމަވެސް އެމީހުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ މާމުއިން އެންޓިބަޔޮޓިކެއް ހޯދުމަށެވެ. ސަބަބަކީ އެމީހުން ޔަޤީންކުރާ ގޮތުގައި މާމުޔަކީ އެންމެމޮޅު އެންޓިބަޔޮޓިކެވެ.

ހަމަމިގޮތަށް ތަޖުރިބާކާރުން ޔަޤީންކޮށްދޭ ގޮތުގައި ފާރު ފަސޭހަކުރުމަށާއި ފިހިފައި ހުންނަ ތަންތަން ފަސޭހަކުރުމަށް އަހަރަކު 6 ބިލިޔަން ޑޮލަރު ޚަރަދު ކުރެވެއެވެ. ނަމަވެސް ބޭސްފަރުވާ ކުރުމުގައި މާމުއި ބޭނުން ކުރެވިއްޖެނަމަ މިފައިސާގެ ވަރަށްބޮޑު ބައެއް ސަލާމަތް ކުރެވިދާނެއެވެ. އެހެންކަމުން މާމުޔަކީ ފައިސާ އިޤްތިޞާދު ކޮށްދޭ ވަސީލަތެކެވެ.

ބައެއް ރިސާޗަރުންނަށް ފެނިވަޑައިގަތް ގޮތުގައި މަޢިދާގައި އުފެދޭ އަލްސަރއާއި ހަންޖަރާގައި އުފެދޭ އިންފެކްޝަން ފަސޭހަކުރުމަށް މާމުޔަށް ވަރަށްގަދަ ބާރެއް ލިބިފައިވެއެވެ. އެބައިމީހުނަށް ފެނުނު ގޮތުގައި ޖަރާސީމު ނައްތާލިޔަ ނުދިނުމަށްޓަކައި ވަރަށް ޚާއްޞަގޮތަކަށް ޖަރާސީމުތައް އެތުރި، ޖަމާވެއެވެ. ނަމަވެސް ޢިލްމީ ބަހުސްތަކުން ދައްކާދީފައިވަނީ މާމުއި ބޭނުންކުރުމުން މި ޖަމާވުން ނައްތާލާ ޖަރާސީމުތައް ބައިބައިކޮށްލާ، ބަލިކޮށްލާ ކަމެވެ.

އަދި މިކަމުގެ ސަބަބުން އެޖަރާސީމު ނައްތާލުމަށް ހަށިގަނޑަށް އެހީތެރިވެދޭ ކަމެވެ. އަދި ވަރަށްފަހުން ޢިލްމުވެރިންނަށް ހޯދުނު ގޮތުގައި މާމުއިގައި އޮކްސިޑޭޝަން މަނާކުރާ މާއްދާއެއް އެކުލެވިގެން ވެއެވެ. މިކަމުގެ ސަބަބުން މާމުޔަކީ ކޮލޮސްޓްރޯލަށް ފަރުވާކުރުމަށް ފައިދާހުރި އެއްޗެއް ކަމުގައިވެއެވެ. އެހެންކަމުން ޢިލްމުވެރިން ޢަޖައިބުވަނީ ފަސޭހަކުރަން އުނދަގޫ އެތައް ބައްޔަކަށް ފަރުވާކުރުމަށް މާމުއިގައި ފޮރުވިފައިވާ ގަދަފަދަ ބާރުގެ ސަބަބުންނެވެ. އަދި އެބައިމީހުން ސުވާލު ކުރަމުންދަނީ ޝިފާ މިލިބެނީ ކިހިނެއްތޯއެވެ. ކުއްލިޔަކަށް ކެންސަރު ފަސޭހަކުރުމަށް އަހަރެމެންގެ ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައި މާމުއި ކުރާ ކަމަކީ ކޮބައިބާވައެވެ. އަދި ހަށިގަނޑުގައިވާ ވަރަށްގިނަ ބެކްޓީރިޔާތަކުގެ އުފެދި ބޮޑުވުން ހުއްޓުވާލައެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ހީވާގި ކުރުވައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދޭނޭ އެކަކުވެސް ނުވެއެވެ.
ނަމަވެސް ކީރިތި ޤުރްއާނުގެ އާޔަތްތަކާ މެދު ވިސްނާލުމުން، ޚާއްޞަކޮށް ސޫރަތުއްނަޙްލުގެ 68 އާއި 69 ވަނަ އާޔަތަށް ވިސްނާލުމުން އަޅުގަނޑުމެނަށް ފެނިގެންދަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މާމުޔަށް ޝިފާ ދެނިވި ގަދަފަދަ ބާރެއް ދެއްވާފައި ވާކަމެވެ. އެއީ އެ އާޔަތުގައިވާ [وأوحى] މިކަލިމައެވެ. އާދެ، ކުޅަނދުރަށް މާތްﷲގެ ވަޙީ ބަސްފުޅުން އަންގަވާފައި ވާތީއެވެ. އެހެންކަމުން ކެއުމުގައި ނުވަތަ ބޭސްފަރުވާ ކުރުމުގައިވެސް މާމުއި ބޭނުންކުރާނަމަ މިއާޔަތް ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: [وَأَوْحَى رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ] މާނައީ: [އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ދެއްވާ އެންގެވިއެވެ. ފަރުބަދަތަކުންނާއި ގަސްގަހާ ގެހިންނާއި މީސްތަކުން ހަދައިދޭ ބިނާތަކުން ތަންތަން އެއީ ގެތައްކަމުގައި ބަލައި ހަތާ ހަދައި އުޅޭށެވެ.] [ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ] [ދެން އެއަށްފަހު އެންމެހާ މޭވާތަކުން ކައިބޮއި އުޅޭށެވެ. ފަހެ (ތިބާ ކުޅަނދުރު) ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ދައްކަވާ ފަސޭހަ ކޮށްދެއްވާފައިވާ މަގުތަކުން ހިނގާށެވެ. (މަޤްޞަދަކީ އެތަންތާ ހަތާ ހަދާ މާމެލާމެއްޔާ މޭވާއިން ފޮނިބޮއި އުޅުމުގެ ވިސްނުން އެތަކެއްޗަށް މާތްﷲ ވަނީ ދެއްވާފައެވެ.) އޭގެ ބަނޑުތަކުގެ ތެރެއިން ކުލަތައް ތަފާތުވެގެންވާ ބުއިމެއް ނުކުމެގެން އާދެއެވެ. މީސްތަކުންނަށް ބަލިބަލިން ފަސޭހަވުމެއް އެބުއިމުގައި ވެއެވެ. (އެއީ މާމުޔެވެ.) ފިކުރު ހިންގާ ބަޔަކަށް ހަމަކަށަވަރުން އެކަމުގައިވެސް ހެއްކެއް ވެއެވެ.]

މާމުއިގައި ވިޓަމިންބީ 1 އެކުލެވިގެންވެއެވެ. އެއީ ނާރުތައް ދުޅަވުމާއި އަތްފައިގެ އިގިލިތައް ބުޅިވުމުން ސަލާމަތްވުމަށް ފައިދާހުރި ވިޓަމިނެކެވެ. އަދި މާމުއިގައި ވިޓަމިންބީ 2 ވެސް ހިމެނެއެވެ. އެއީ އަނގަފާރު އެޅުމާއި ތުންފަތް ކަނޑައިގެން ދިޔުމާއި ލޮލުގެ އިންފެކްޝަނުން ސަލާމަތްވުމަށް ފައިދާހުރި ވިޓަމިނެކެވެ. އަދި ހަމަ މިގޮތަށް ތަފާތު އެތައް މިނަރަލްތަކެއް މާމުއިގައި އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް، ސޯޑިއަމް، ކެލްސިއަމް، މެގްނީސިއަމް، އަޔަން، ކޮޕަރ، ފޮސްފަރަސް، ސަލްފަރ ހިމެނެއެވެ. މި މާއްދާތަކަކީ ބަލިމީހާ ނަފްސާނީގޮތުން ހަމަޖައްސައިދޭ މާއްދާތަކެވެ.

މާމުޔަކީ 2 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް ވަރަށް މުހިންމު އެއްޗެއްކެވެ. އެއީ ލޭމަދުވާ ބަލި [އެނީމިޔާ] އާއި ކެލްސިޔަމާއި ވިޓަމިން ޑީ މަދުވުމުން ދިމާވާ ކަށިފީވާ ބައްޔާއި އިޚްތިޔާރަކާނުލާ ކުޑަކަމުދެވުމާއި މިފަދަ ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ނަމަވެސް ޢާންމުންނާ ޚިލާފަށް ކުޑަކުދިން މާމުއި ބޭނުންކުރަންވާނީ ވަރަށް މަދުންނެވެ. މީގެ އިތުރުން މާމުޔާއެކު މާމުއިގެ އުއް ހަފައިގެން ކުޑަކޮށް ބޭނުންކުރުމަކީ އަރިދަފުހާއި، ކަރުތެރޭގައި ހެދޭ އިންފެކްޝަނާއި ކެއްސުމާއި، ނޭފަތް ހިރުވުމާއި ނޭފަތް ބެދުމުން ސަލާމަތްކޮށްދޭ ކަމެކެވެ. ހަމަ މިގޮތަށް ހަށިގަނޑުގެ މަސްތައް ވަރުބަލިވުމާއި ތަދުއެރުން ފަދަ ކަންކަމުން ސަލާމަތްވުމަށް ފައިދާހުރި އެއްޗެކެވެ. އަދި މޭގަނޑުގެ ބަލިތަކާއި، ކާނާ ވިހަވުންފަދަ ކަންތައްތަކުން ރައްކާތެރިވުމަށް އެހީތެރި ވެދެއެވެ.

މާމުއިން ޝިފާ ހޯދޭ ބައެއް ބަލިތައް

• ނިދިނައުމާއި ނިދި މަދުވުމުގެ ބަލިން ސަލާމަތްވުމަށް ނިދުމުގެ ކުރިން މާމުއި ސަމްސަލެއް ފެންތައްޓެއްގައި ގިރައިގެން ބޯށެވެ. މިކަމާބެހޭގޮތުން ރިސާޗްހެދި މީހުނަށް ފެނުނު ގޮތުގައި މާމުއި ފެނުގައި ގިރައިގެން ބުއިމުން ހަށިގަނޑަށް މަޑުމައިތިރިކަން ލިބެއެވެ.

• ތުންފަތް ފަޅައިގެން ދިޔުން ނުވަތަ ކަނޑައިގެން ދިޔުމާއި، ހަން ރާޅުވުން ފަދަ ކަންކަމަށް ފަރުވާދިނުމަށް ބޭނުން ކުރެވެއެވެ. އެހެންކަމުން މިއީ ހަންގަނޑު ރީތި ކުރުމަށާއި ރަނގަޅު ކުރުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.

• ކޮންމެ ދުވަހަކު މާމުއި ސަމްސަލެއް ބޭނުންކުރުމަކީ، ހާޓް އެޓޭކް ޖެހުމުން ސަލާމަތްކޮށްދޭ ކަމެކެވެ. މިއީ މާމުޔާ ބެހޭގޮތުން އަލަށް ހެދުނު ދިރާސާތަކަށްފަހު ޢިލްމުވެރިން ހާމަކޮށްފައިވާ ކަމެކެވެ. ސަބަބަކީ އެމީހުނަށް ހޯދުނު ގޮތުގައި މާމުޔަކީ ހިތުގެ މަސައްކަތްތައް އިންތިޒާމް ކުރުވާ އެއްޗަކަށް ވުމެވެ.

• ވަރަށް ފަހުގެ ހޯދުމަކުން ޑޮކްޓަރުންނަށް ހޯދުނު ގޮތުގައި ކޮންމެ ދުވަހަކު މާމުއި ސަމްސަލެއް ބޭނުންކުރުމުން އަޅުގަނޑުމެނަށް އެނގޭ ޑޮކްޓަރީ ބޭހަށްވުރެ ފަސޭހައިން ގިނަދުވަހަށް ދެމިގެންދާ ކެއްސުމުން ސަލާމަތްވެއެވެ.

• އެހެން ރިސާޗެއްގައި ހޯދިފައިވާ ގޮތުގައި ކެމިކަލް ބޭސް ބޭނުންކޮށްގެން ނޭވާ ހިއްލުމަށާއި، ފުއްޕާމޭއާއި ނޭވާ ހިނގާ ހޮޅިތަކުގައި އިންފެކްޝަން ހެދުމުން ފަރުވާކުރުމަށް ނުކުޅެދިފައިވާއިރު، މިބަލިތަކަށް ފަރުވާކުރުމަށް، މާމުޔަށް ލިބިފައިވާ ކުޅަދާނަކަން ބޮޑުކަން ސާބިތުވެގެން ދިޔައެވެ.

• ނަފްސާނީގޮތުން ހަމަނުޖެހުމާއި ނާރުތައް ދުޅަވުމާއި ހަށިގަނޑުގެ ތަފާތު ނިޒާމުތަކަށް ދިމާވާ އުނދަގޫތައް ހަމަޖެއްސުމުގައި އެކަންކަން އިންތިޒާމުކޮށް، ނަފްސާނީގޮތުން މީހާ ހަމަޖެއްސުމަށް މާމުޔަށް ލިބިފައިވަނީ ޢަޖާއިބު ކުރުވަނިވި ބާރެކެވެ.

• ހިރުގަނޑު ދުޅަވުމާއި ދަތްތައް ފަނިކެއުމާ ހަލާކުވުމަށް ފަރުވާދިނުމަށް ބަލާއިރު، ތަޖްރިބާތަކުން ހާމަވެފައިވާ ގޮތުގައި މާމުއިން ހިރުގަނޑު އުނގުޅުމުން، ބަލިވެފައިވާ ހިރުގަނޑު ވަރުގަދަކޮށްދެއެވެ. ހިރުގަނޑުގައި ލޭގެ ޙަރަކާތްތައް ހީވާގިކުރުވާ، އަނގައިގެ ތެރޭގައި ހުންނަ ގެއްލުން ދެނިވި ބެކްޓީރިޔާތައް މަރާލައެވެ.

• ދަރިން ނުލިބުމުގެ މައްސަލައަށް ބަލާއިރު، ބައެއް ތަޖްރިބާތަކުން ހާމަކޮށްދީފައިވާ ގޮތުގައި ދަރިން ނުލިބުމުގެ ބައްޔަށް ފަރުވާކުރުމަށް މާމުޔަށް ވަރަށް މުހިންމު ދައުރެއް ލިބިފައިވެއެވެ.

• އެއްވެސް އެއްޗަކަށް އެލަރޖިކް ވެފައިވާނަމަ، މާމުއި ފަނިތަށްޓަކަށް، ޚުޝޫޢަތްތެރި ކަމާއެކު ވިސްނައިގެން އަޑު އިވޭވަރަށް ޤުރްއާން ކިޔަވާ އެފަނި ބޯށެވެ. ދުވަސްކޮޅެއް ފަހުން، ގާތްގަނޑަކަށް 3 މަސްވަރުވާން ވާއިރަށް، ޑޮކްޓަރީ ފަރުވާއިން ފަސޭހަނުވި އެލަރޖިކްވުން މާތްﷲގެ އިޒުނަފުޅާއެކު ވަރަށްބޮޑަށް ކުޑަވަމުން ދާނެއެވެ.

ކީރިތި ޤުރްއާނާއި ސުންނަތުގައިވާ މުޢުޖިޒާތް

ޞަޙީޙުލްބުޚާރީއާއި މުސްލިމުގައި ވެއެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވިއެވެ. رسول الله صلى الله عليه وسلم ގެ އަރިހަށް ފިރިހެނަކު އައިސް ދެންނެވިއެވެ. ތިމަންނާގެ އަޚްގެ ބަނޑުދިޔާވެ، ބޭރަށް ހިންގަން ފަށައިފިއެވެ. އެހިނދު رسول الله صلى الله عليه وسلم އޭނާއަށް ޙަދީޘް ކުރެއްވިއެވެ. އޭނާއަށް މާމުއި ބޯންދޭށެވެ. ދެން އޭނާ، އޭނާގެ އަޚަށް މާމުއި ބޯން ދިނުމަށްފަހު އެނބުރި އައިސް ދެންނެވިއެވެ. ތިމަން އޭނާއަށް މާމުއި ބޯންދީފީމެވެ. އެކަމަކު ބަނޑުދިޔާވުން އިތުރުވުން ފިޔަވާ އެހެންކަމެއް ނުވެއެވެ. އެހިނދު محمد صلى الله عليه وسلم އޭނާއަށް ޙަދީޘްކުރެއްވީ އަނެއްކާވެސް މާމުއި ބޯން ދިނުމަށެވެ. މިގޮތަށް 3 ފަހަރު ކަންތައް ކުރުމަށްފަހު ހަތަރުވަނަ ފަހަރު އޭނާ އައުމުންވެސް އެކަލޭގެފާނު ޙަދީޘްކުރެއްވީ އޭނާގެ އަޚަށް މާމުއި ބޯން ދިނުމަށެވެ. އެހިނދު އޭނާ ދެންނެވިއެވެ. އަޅުގަނޑު އޭނާއަށް މާމުއި ބޯންދީފީމެވެ. ނަމަވެސް ބަނޑުދިޔާވުން ފިޔަވާ އިތުރުކަމެއް ނުވެއެވެ. އެހިނދު ރަސޫލާ محمد صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މާތްﷲގެ ބަސްފުޅަކީ އެންމެ ތެދު ބަސްފުޅެވެ. އަދި [ކަލޭގެ އަޚާގެ ބަނޑު ދޮގު ބުނެފިއެވެ.] ދެން އޭނާގެ އަޚާއަށް މާމުއި ބޯންދިނުމުން އެބަލިން އޭނާ ސަލާމަތް ވެއްޖެއެވެ. މި ޙަދީޘްފުޅުން ކަށަވަރުކޮށްދެނީ ޙަޖަމްކުރުމުގެ ބަލިތަކަށް ފަރުވާކުރުމަށް، މާމުއިގެ ފައިދާއެވެ.

ތަޖްރިބާތަކުން ސާބިތުވެފައިވާ ގޮތުގައި މާމުޔަކީ ތަފާތު ވައްތަރުގެ ޖަރާސީމު މަރާލާ އެއްޗެކެވެ. ޚާއްޞަކޮށް ޙަޖަމްކުރުމުގެ ނިޒާމަށް ބަލިޖައްސާ ޖަރާސީމް މަރާލާ އެއްޗެކެވެ. އެހެންކަމުން ބޭރަށް ހިންގުމަށް ފަރުވާކުރުމަށް މާމުޔަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ހަމަމިގޮތަށް މަޢިދާގެ [އަލްސަރ] ނުވަތަ ފާރަށް ފަރުވާކޮށް ވަރަށް ކުރު މުއްދަތެއްގައި އެފާރު ފަސޭހަކުރުމަށް އެހީތެރި ވެދެއެވެ. ހަނދާން ކުރަންޖެހޭ އަނެއްކަމަކީ މާމުޔަކީ ބަނޑުހަރުވުން ނުވަތަ ބޮޑުކަމުދާން އުނދަގޫވާ ބައްޔަށްވެސް ފަރުވާއެއްކަމެވެ. އެހެންކަމުން މާމުޔަކީ މި ދެބައްޔަށްވެސް ފަރުވާއެކެވެ. ސަބަބަކީ ވަރަށް ފަސޭހަކަމާއެކު ގޮހޮރުގެ ޙަރަކާތްތައް އިންތިޒާމުކޮށް، މާމުޔަށް މާތްﷲ ދެއްވާފައިވާ [މަޢުލޫމާތު] ގެ އެހީގައި ގޮހޮރުގެ ސެލްތަކަށް އަސަރު ކުރުވާތީއެވެ.

ނިންމާލަމުން ހަނދާން ކޮށްލަންޖެހެނީ رسول الله صلى الله عليه وسلم ގެ ބަސްފުޅެކެވެ. ابن عباس رضى الله عنهما ގެ ކިބައިން ރިވާވެގެން ވެއެވެ. [ޝިފާ ލިބުންވަނީ ތިން ކަމެއްގައެވެ. ކަވާ ޖެހުމާއި، މާމުއި ބުއިމާއި، ދޮން ދަގަނޑު ޖެއްސުމެވެ. މީގެ ތެރެއިން ދޮންދަގަނޑު ޖެއްސުމަކީ ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުންގެ މައްޗަށް ނަހީކުރެއްވިގެންވާ ކަމެކެވެ.] (ރަވާހުލްބުޚާރީ) އަދި ابن مسعود رضى الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުން މައްޗަށް ދެ ޝިފާއެއް ވެއެވެ. މާމުޔާއި ޤުރްއާނެވެ.] (رواه ابن ماجه فى سننه) އަދި މީގެ އިތުރަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު ހަނދާން ނައްތާލައިގެން ނުވާނެއެވެ. [ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ] (ނަޙްލު: 69)

ލޮބުވެތި އަޚުންނޭވެ! އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދޭ ނަޞޭޙަތަކީ ކީރިތި ޤުރްއާނާއި މާމުއިން ޝިފާ ހޯދުމަށް އެނބުރި ގަތުމަށެވެ. މިއީ އަހަރެމެންގެ މަތިވެރި ނަބިއްޔާ محمد صلى الله عليه وسلم ދެއްވާފައިވާ ނަޞޭޙަތެވެ. އޭރުން އަޅުގަނޑުމެނަށް ޝިފާލިބުމުގެ ސަބަބުތަކުގައި ހިފުނީއެވެ. އަޅުގަނޑުގެ ތަޖުރިބާއިންވެސް އެނގިގެން ދިޔައީ މާމުއި ސަރުބަތު ތައްޓެއް ނުވަތަ ފެންތަށްޓަކަށް މާމުއި ސަމްސަލެއް އަޅާ ގިރުމަށްފަހު އެއަށް 7 ފަހަރު ސޫރަތުލް ފާތިޙާ، 7 ފަހަރު (فيه شفاءٌ للناس) ކިޔެވުމަށްފަހު ބުއިމުން، މާތްﷲގެ އިޒްނަފުޅާއެކު ކީރިތި ޤުރްއާނުގެ ބަރަކާތުން އެއިންކުރާ އަސަރު ރަނގަޅުވެ، އެއިން ޝިފާ ލިބުމުގެ ކުޅަދާނަކަން އިތުރުވެގެން ދާނެއެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާނީ ހުސްޠާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ