އަދުގެ ޚާއްސަ

Print

މަންޒިލްމަޤުޞޫދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން

މި މަޒުމޫނު ބިނާކޮށްފައިވަނީ، ޑރ. ޔޫސުފުލްބަދުރު އިންޞާފުކުރައްވާފައިވާ މައުޟޫޢެއްގެ މައްޗަށެވެ. އެ މައުޟޫޢުގެ ނަމަކީ، "މި ޙަޔާތުގައި ތިބާގެ ލަނޑުދަނޑިއަކީ ކޮބާ؟" މިއެވެ. މަޒުމޫނު ވިދާޅުވާން ފެށުމުގެ ކުރިން، މި ސުއާލަށް، ތިބާ ދެއްވާ ޖަވާބު، ކަރުދާސްކޮޅެއްގައި ނޯޓުކޮށްލެއްވުމަށް އޭނާ ވަރަށް ބޮޑަށް އެދިވަޑައިގެންފައި ވެއެވެ.


ވާހަކަ 1

އެއްދުވަހަކު، ޑރ. ޔޫސުފުލްބަދުރުގެ އަރިހަށް، މުސްކުޅި އަންހެނަކު ދިޔައެވެ. އެކަނބުލޭގެ ޢުމުރަކީ ފަންސާސް އަހަރެވެ. އެކަނބުލޭގެ ފިރިމީހާ އޭރު އޮތީ ހިތުގެ ބައްޔަކަށް ޝިފާ ނުލިބި، މަރަށް ހާޒިރުވެފައެވެ. އެކަނބުލޭގެއަށް ލިބިފައިވި މުއްސަނދިކަން ނެތިދިޔައީ، ފިރިމީހާއަށް ބޭސްފަރުވާ ކުރުމަށްޓަކައި ހޭދަކުރުމުގެ ސަބަބުންނެވެ. އެކަނބުލޭގެ، ޑރ. ޔޫސުފުލްބަދުރުގެ އަރިހުގައި ދެންނެވިއެވެ. "ތިމަންނައަކީ މާތް ﷲ އަށް އީމާންވާ މުސްލިމަކީމެވެ. އެހެން މީހުންގެ ޚިދުމަތުގައި ތިމަންނަގެ ޢުމުރު ހޭދަކުރީމެވެ. ތިމަންނަ ކުށެއް ނުކުރާޙާލު، ތިމަންނައާ މި ހުރިހާ މުޞީބާތްތަކެއް ކުރިމަތިވަނީ ކީއްވެގެންތޯއެވެ؟"


ދެން، ޑރ. ޔޫސުފުލްބަދުރު އޭނާއަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

"މި ޙަޔާތުގައި ތިބާގެ ލަނޑުދަނޑިއާމެދު، ތިބާއަށް އެނގިފައިވަނީ ކުށް މަފުހޫމެކެވެ. އެހެން މީހުންނަށްޓަކައި ތިބާ ދިރިއުޅުނު ވާހަކަ ބުނެފީމު ނޫންހެއްޔެވެ؟ އެއީ ކުށް ވިސްނުމެކެވެ. ޙަޤީޤީ ޝައުޤުވެރިކަމަކާއެކުގައި މެނުވީ، އެއްވެސް މީހަކު، އަނެކުންނަށް ކަމެއް ކޮށްދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ކީއެއްހެއްޔެވެ. ކޮންމެ މީހަކު ވެސް ޝައުޤުވެރިވަނީ، އެމީހެއްގެ އަމިއްލަ ނަފުސަށްޓަކައި ދިރިއުޅުމަށެވެ. އަނެކުންނަށްޓަކައި ކަންތައްތައް ކޮށްދޭކަމަށް ބުނާ މީހުން، އެ މީހުން ބޭނުންހައި ކަމެއް ކުރެއެވެ. ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! ކޮންމެ މީހަކު ވެސް މީރުކާނާ ކާހިތް ވެއެވެ. އަރާމުކޮށް ނިދާހިތް ވެއެވެ. ތަނަވަސްކަމާއެކު ދިރިއުޅޭހިތް ވެއެވެ. އަދި އުފަލާއެކު ވަގުތުތައް ހޭދަކުރާހިތް ވެއެވެ. ތިމާމެންގެ އަމިއްލަ ނަފުސަށްޓަކައި މެނުވީ ދިރިއުޅޭ މީހުންނެއް ނެތެވެ. ތިމާ ދިރިއުޅެނީ އެހެން މީހުންނަށްޓަކައި ކަމަށް ހީކޮށްގެން އުޅޭ މީހުން، ޙަޤީޤަތުގައި އެވަނީ ދޮގުވެރިކަމެއްގެ ތެރޭގައެވެ. ތިބާގެ ޢުމުރު ހޭދަވެގެން ދިޔައީ އެ ދޮގުވެރިކަމުގެ ތެރޭގައެވެ. އެކަމުގެ ސަބަބުން، ތިބާ ތިވަނީ މިއަދު ހިތާމަވެރިވެފައެވެ. ޙަޤީޤަތުގައި ތިބާ ކުރަން ޖެހެނީ ތިބާ ކުރާހިތްވާ ކަންތައްތަކެވެ."



ވާހަކަ 2

ޑރ. ޔޫސުފުލްބަދުރުގެ އަރިހަށް ދިޔަ އެހެން އަންހެނެއްގެ ވާހަކައެވެ. އޭނާއަކީ، ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ، ތަޢުލީމީ އަންހެނެކެވެ. ފުރަތަމަ ޑިގުރީ ޙާޞިލުކުރުމަށްފަހު، އޭނާ މީހަކާ އިނެވެ. އޭނާގެ ފިރިމީހާވީ، މިސާލީ ފިރިއެއް ކަމުގައެވެ. އެ ދެ މީހުން އެކުގައި ފަންސަވީސް އަހަރު ދިރިއުޅުނެވެ. އެ ދިގު މުއްދަތު ފާއިތުވެގެން ދިޔައީ، އެ ދެ މީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހިއެވެ.

މިހާރު، އެ އަންހެން މީހާގެ ޢުމުރަކީ، ފަންސާސް ފަސް އަހަރެވެ. މިހާރު، އޭނާގެ ދިރިއުޅުމަކީ ފޫހި ދިރިއުޅުމެއްކަން އޭނާއަށް އިޙުސާސްކުރެވެއެވެ. އޭނާގެ ފިރިމީހާ، ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް ދެއެވެ. އޭނާ އަކީ، އެ އޮފީހުގެ ވެރިއެކެވެ. އަދާކުރަނީ މަތީ މަޤާމެކެވެ. އޭނާ އޮފީހުން ގެއަށް އަންނަނީ ހަވީރުއެވެ. ގެއަށް އައުމަށްފަހު، ކުރާކަމަކީ، ކޮފީ ބުއިމާއި ނިދުމެވެ. ފިރިމީހާގެ ޢަމަލުތައް މިހެން ހުރުމާއެކު، އެ ދެ މީހުންގެ ދިރިއުޅުން ކުރިޔަށްދަނީ، މެޝިނެއް ހިނގާފަދައިން ކަމަށް، އަނބިމީހާއަށް އިޙުސާސްކުރެވެއެވެ. އަދި އެ ދެ މީހުންގެ ޙަޔާތުގައި އޭނާގެ ދައުރަކީ، ޚާދިމެއްގެ ދައުރުކަން އޭނާއަށް އިޙުސާސްކުރެވިއްޖެއެވެ. ފަންސަވީސް އަހަރުގެ އުފާވެރި ދިރިއުޅުމަކަށްފަހު، އަޅަކު ޚިދުމަތްކުރާ ފަދައިން ޚިދުމަތްކުރަން ޖެހިއްޖެކަން އިޙުސާސްކުރެވިއްޖެއެވެ. މިއީ، ކޮންފަދަ ހިތާވެރި މުޞީބާތެއްތޯއެވެ؟



ވާހަކަ 3

މިއީ، ޑރ. ޔޫސުފުލްބަދުރުގެ ގާތަށް ދިޔަ ފިރިހެނެއްގެ ވާހަކައެވެ. އެތައް ދުވަހެއް ވަންދެން ބުރަ މަސައްކަތްކޮށްގެން ލިބުނު އާމުދަނީން، ވިޔަފާރިއެއް ފެށްޓި މީހެއްގެ ވާހަކައެވެ. އޭނާ އުފެއްދި، ވިޔަފާރިކުރާ ކުންފުނި ފުޅާވެގެން ގޮސް، އޭނާއަކީ ކާމިޔާބު މަހުޖަނަކަށްވިއެވެ. ނަމަވެސް އޭނާގެ ޢުމުރުން، ފަސްދޮޅަސް ފަސްއަހަރަށް ދިޔައިރު، އޭނާގެ ވިޔަފާރިއާއި މުއްސަނދިކަން ވަނީ، ވީރާނާވެ ނެތިފައެވެ. އޭނާއަށް ލިބުނު ހަމައެކަނި ދަރިފުޅުވެސް ވަނީ މިދުނިޔެ ދޫކޮށް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައެވެ. އަދި އޭނާގެ އަންހެނުންނަށް ވަނީ، ކެންސަރު ޖެހިފައެވެ. ތަނަވަސްކަމާއި އުފަލުގައި ގައިގެ ވަރުހުރި ދުވަސްތައް ހޭދަކުރުމަށްފަހު، މުސްކުޅިވެ ހަށިގަނޑުގެ ބާރު ދެރަވި ދުވަހު، މިޖެހުނު ޙާލެއްތާއެވެ. މިއަދު އޭނާއަށް މި ޖެހުނީ، އަމިއްލައަށް ކައްކައިގެން ކެއުމަށެވެ. އަދި ބަލި އެނދުގައި އޮތް އޭނާގެ އަންހެނުން ބަލަހައްޓަން ޖެހުނީ ވެސް ހަމަ އޭނާއަށެވެ. އޭނާގެ ޙާލަތަކީ، ވަރަށް ވެސް ހިތާމަވެރި ޙާލަތެކެވެ.




ބާއްޖަވެރިކަން

ޑރ. ޔޫސުފުލްބަދުރު ލިއުއްވާފައި ވެއެވެ. ވަރަށް ގިނަ އަބާއްޖަވެރިން، ތިމަންނައާ ބައްދަލުވިއެވެ. އަދި ވަރަށް މަދު ޢަދަދެއްގެ ބާއްޖަވެރިން ވެސް ތިމަންނައާ ބައްދަލުވިއެވެ. ތިމަންނައާ ބައްދަލުވި، އެ އަބާއްޖަވެރިން ވަނީ، މި ޙަޔާތުގައި އެބައިމީހުންގެ ލަނޑުދަނޑިއަކީ ކޮބައިކަން އޮޅުވާލާފައެވެ. އެހެންކަމުން އެބައިމީހުންގެ ޙަޔާތުގެ ނިމުމުގައި އަބާއްޖަވެރިކަމުގެ ސިއްކައިން ސިއްކަ ޖެހުނެވެ.

ދުޅަހެޔޮކަމާއި ބާއްޖަވެރިކަމަށް ޥާޞިލުވެވޭނީ ކިހިނަކުންތޯ ބެއްލެވުމަށްޓަކައި، ތިމަންނަ ވިހި އަހަރު ދިރާސާކުރެއްވީމެވެ. އެއަށްފަހު ތިމަންނައަށް އެނގިވަޑައިގަތީ، ޞިއްޙަތު ނުވަތަ ދުޅަހެޔޮކަމުން މަޙުރޫމްވެއްޖެނަމަ، މި ޙަޔާތުގައި ބާއްޖަވެރިކަމުން މަޙުރޫމްވެދާކަމެވެ. ދުޅަހެޔޮކަމުގެ ތެރޭގައި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ޢާޠިފީ ދުޅަހެޔޮކަމާއި ބުއްދީގެ ދުޅަހެޔޮކަމާއި ރޫޙާނީ ދުޅަހެޔޮކަން ހިމެނެއެވެ. މީހެއްގެ ޞިއްޙަތާއި ދުޅަހެޔޮކަން ފުރިހަމަވާނީ، މިހުރިހައި ކަމެއް ފުރިހަމަވެގެންނެވެ.

އަބާއްޖަވެރިކަމުގެ ވައްތަރުތަކުގެ ތެރޭގައި، ފަޤީރުކަމާއި ނާކާމިޔާބުވުމާއި ޢާއިލީ ދެބަސްވުންތަކާއި މަގުމަތީގައި ހިނގާ އެކްސިޑެންޓަކުން އަނިޔާއެއް ލިބުމާއި ކާހިތް ނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ޞިއްޙަތާއި ދުޅަހެޔޮކަމުގައި ދެމިހުންނަން ނޭނގިއްޖެ މީހަކަށް، މި ޙަޔާތުގައި ބާއްޖަވެރިކަން ލިބިގަންނާކަށް ނޭނގޭނެއެވެ. މީހަކު ބުނެފާނެއެވެ. "ޞިއްޙަތު ސަލާމަތުން ހުންނަ ޙާލުގައި ދިރިއުޅޭ އަބާއްޖަވެރިން އެބައުޅެއެވެ." ތެދެކެވެ. ފެންނަ ފެނުމުގައި އެބައިމީހުންގެ ޞިއްޙަތު ސަލާމަތުން ހުންނަހެން ހީވެދާނެއެވެ. ނަމަވެސް އެބައިމީހުންނަކީ، ޙަޤީޤަތުގައި މުޅިން ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ ބަޔެއް ނޫނެވެ. އެބައިމީހުންގެ ކިބައިގައިވާ ޞިއްޙަތަކީ، އެބައިމީހުން މަސައްކަތްކޮށްގެން ލިބިގަތް އެއްޗެއް ނޫނެވެ. އެކަމަކު، އެއީ، އެބައިމީހުންގެ މައިންބަފައިންގެ ކިބައިން ވާރުތަވެފައިވާ އެއްޗެކެވެ.

ޞިއްޙަތަކީ، އަމިއްލަ މަސައްކަތުން ލިބިގަންނަންޖެހޭ އެއްޗެކެވެ. އެކަން ކުރުމަށް ކުޅަދާނަވެއްޖެ މީހަކީ، ދުނިޔެއަށް އަންނަ ތަރައްޤީއާއި ކުރިއެރުންތަކުގެ ހަމަތައް ދެނެގަންނަ މީހާއެވެ. އެހެންކަމުން، ދުނިޔޭގެ ޙަޔާތުގައި ކުރިމަތިވާ އުނދަގޫތަކުގެ މައްޗަށް ގަދަވެގަތުމުގެ ހުށިޔާރުކަން އޭނާގެ ކިބައިގައި ވާނެއެވެ. ބަލިމަޑުކަމަކީ، ޞިއްޙަތުކަމަށް އޭނާ ހަދާލާނެއެވެ. ހިތާމައަކީ، އުފާކަމަށް އޭނާ ބަދަލުކޮށްލާނެއެވެ. ޢަދާވާތްތެރިއަކީ، ގާތް މިތުރެއްކަމަށް އޭނާ ބަލައިގަންނާނެއެވެ. މިނިވަން އިންސާނުންނަކީ، މިގޮތަށް ކަންކުރަން ދަންނަ މީހުންނެވެ. މި ޙަޔާތުގެ ލަނޑުދަނޑިއާއި މަންޒިލްމަޤުޞޫދު ދަންނަ މީހުންނަކީ އެބައިމީހުންނެވެ. މިނިވަން ވުމަށްޓަކައި، ޞިއްޙަތާއި ދުޅަހެޔޮކަން ލިބިގަންނަން ޖެހެއެވެ. ނޫންނަމަ، ދުވަހަކުވެސް މިނިވަނެއް ނުވެވޭނެއެވެ. އުޅެންޖެހޭނީ މުސާރައިގެ އަޅަކަށެވެ. ނުވަތަ މަޤާމުގެ އަޅަކަށެވެ. ނުވަތަ ބޭސްކެއުމުގެ އަޅަކަށެވެ. ނުވަތަ މަޝްހޫރުވުމުގެ އަޅަކަށެވެ.



ޞިއްޙަތު

ޑރ. ޔޫސުފުލްބަދުރު ލިއުއްވާފައިވާ ގޮތުގައި، އޭނާ ދެނެވަޑައިގަންނަވާ ޞިއްޙަތު، އެހެން މީހުން ދަންނަ ޞިއްޙަތާ ތަފާތެވެ. އޭނާ މާނަކުރައްވާ ގޮތުގައި، ޞިއްޙަތުގެ ތިންކަމެއް ގުޅިފައިވަނީ، ހަށިގަނޑުގެ ގުނަވަނަކާއެވެ. ފަސްކަމެއް ގުޅިފައިވަނީ، ނަފުސާނިއްޔަތާއި ރޫޙާނިއްޔަތާއެވެ. އެކަންކަން، ތާވަލު (1) ގައި އެވަނީ އެވެ.

ތނޙާލަތުޕޮއިންޓް
1އެއްގޮތަކަށްވެސް ވަރުބަލި ނުވުން. އަބަދުވެސް އައު މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރުން.5 ޕޮއިންޓް
2ކާހިތްވޭ. ނަމަވެސް އާދައިގެ ވަރަކަށް ކެއުމުން ފުދޭ.5 ޕޮއިންޓް
3ފުންކޮށް ނިދޭ.ނިދަން އޮށޯންނަތާ ތިން މިނިޓްތެރޭގައި ނިދޭ.ނިދަން އޮށޯތުމަށްފަހު އިރުއިރުކޮޅާ ފާޚާނާއަށް ދާކަށް ނުޖެހޭ.ނިދާފައި އޮންނައިރު، ބިރުވެރި ހުވަފެނެއް ނުފެނޭ، އަދި ނިދީގައި ވާހަކަ ނުދައްކަން.ފަތިސްވުމާއެކު ހޭލަން. ހޭލުމަށްފަހު ތިން މިނިޓްތެރޭގައި މޫނު ދޮންނަން.ހޭލާއިރު އޮންނަނީ، ނިދަން އޮށޯންނައިރު އޮންނަ އަރިއަށް.ހަތަރުގަޑިއިރު ނިދާލުމުން ފުދޭ.5 ޕޮއިންޓް
4ހަނދާން ގަދަ.10 ޕޮއިންޓް
5މަޖާކުރަން. ރުޅިއެއް ނާދޭ.އެހެން މީހުން އުފާވާކަހަލަ ކަންތައްތައް ކުރަން.10 ޕޮއިންޓް
6ކޮންމެ ތަނެއްގައިމެ، ކޮންމެ ކަމެއްމެ، ކުރަންޖެހޭ ގޮތްގޮތަށް ކުރަން.10 ޕޮއިންޓް
7މަރުވެދާނެތީ ބިރުން ނޫޅެން.25 ޕޮއިންޓް
8ތެދުވެރިވަން.30 ޕޮއިންޓް
ތާވަލު (1): މި ތާވަލުގައިވާ ކަންކަމަށް ޕޮއިންޓް ދީގެން، ކޮންމެ މީހަކަށްމެ، އެމީހަކަށް ލިބިފައިވާ ޞިއްޙަތުގެ މިންވަރު ދެނެގަނެވިދާނެއެވެ. އެކަމަކު، މި ތާވަލުން އޮޅުންފިލާނީ، ޑރ. ޔޫސުފުލްބަދުރު މާނަކުރައްވާ ޞިއްޙަތުގެ ދަރަޖައެވެ.



މަރު

ތާވަލު (1) ގައިވާ ހަތްވަނަ ޙާލަތަކީ އެންމެ ބޮޑު ބިރުން މިނިވަންވުމެވެ. މަރުވާނެތީ ބިރުން ނޫޅޭ މީހަކު، ދުނިޔޭގެ އެހެން މުޞީބާތްތަކާމެދު ބިރުހީވެގެން އުޅޭކަށް ނުޖެހޭނެއެވެ. މަރުވަނީ ހަށިގަނޑެވެ. މީހެއްގެ ރޫޙާއި ޒިކުރާއަކީ މަރުވާ އެއްޗެއް ނޫނެވެ. އެހެންވީމާ، ޞިއްޙަތުގެ އަހުލުވެރިޔަކީ، އަބަދުމެ ޞިއްޙީ ރޫޙެއްގައި ދިރިއުޅޭ މީހާއެވެ. ހަމައެކަނި، ހަށިގަނޑުގެ ޞިއްޙަތަކީ، ޞިއްޙަތު ކަމަށް ބަލައިގެން އުޅޭ މީހާއެއް ނޫނެވެ.

އަލްފަޖުރު ސޫރަތުގައި ވެއެވެ. (يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ -27- ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً -28- فَادْخُلِي فِي عِبَادِي -29- وَادْخُلِي جَنَّتِي -30-) الفجر: ٢٧ - ٣٠  މާނައީ، "އޭ، ހިތްހަމަޖެހިގެންވާ ފުރާނައާއެވެ! ރުހިގެން ހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް އެނބުރި ދާށެވެ. ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ!"

ހިތްހަމަޖެހިގެންވާ ޙާލުގައި، މަސައްކަތްކުރަން އެނގިއްޖެނަމަ، މާތްﷲގެ ވާގިފުޅާއެކު، ދާއިމީ ބާއްޖަވެރިކަން ޙާޞިލުކުރެވޭނެއެވެ.



ތެދުވެރިކަން

ތާވަލު (1) ގައިވާ، އަށްވަނަ ޙާލަތަކީ، ތެދުވެރިވުމެވެ. އެކުމާފާނު އެމެރިކާނާގައި ވަނީ، ތެދުވެރިކަމަކީ، ބާއްޖަވެރިކަން ފަދައިން ފުރިހަމައަށް ލިބިނުގަނެވޭނެ ކަމެއް ކަމަށެވެ. އިރުމަތީގެ ފަލްސަފާތަކުގައި ވަނީ، މި ކައުނުގެ އަސާސަކީ ތެދުވެރިކަން ކަމަށެވެ. ދުންޔަވީ ދިރިއުޅުމާއި ރޫޙާނިއްޔަތުގެ އަޞްލު އުޞޫލަކީ އެއީ ކަމަށެވެ. އަދި، މާތްﷲ ޚަލްޤުކުރައްވާފައިވާ މިކައުނު ތަރަހައަކީ ވެސް އެއީ ކަމަށެވެ.

މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلاَ تَطْغَوْا إِنَّهُ بِمَا تَعْمَلُونَ بَصِيرٌ) هود: ١١٢  މާނައީ، "ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާފައިވާ ފަދައިން، ކަލޭފެފާނުންގެ އަރިހުގައި އީމާންވެ، ތައުބާވެގެން ތިބި މީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނައަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

ޢަމަލީ ގޮތުން، ތެދުވެރިކަން ޝަރަޙަކުރާއިރު، އޭގައި ހިމެނެނީ އަންނަނިވި މާނަތަކެވެ.

1. މާތް ﷲ ގެ ޙަޟްރަތަށް ޙަމްދު ދަންނަވައި ޝުކުރު އަދާކުރުން.
2. އެއްވެސް ކަމަކާމެދު އެއްވެސް ޙާލެއްގައި ކަންބޮޑުނުވުމާއި ނުޅި ނައުން.
3. މާތް ﷲ ގެ ޙަޟްރަތަށް އީމާންވެ، އެކަލާނގެ ރަޙުމަތާމެދު ނާއުންމީދު ނުވުން.
4. މީހަކު، ތިމާއަށް ހެޔޮކަމެއް ކޮށްދީފިނަމަ، އެވާހަކަ ދައްކައި، އެކަން ކޮށްދިން މީހަކަށް ތާރީފުކުރުން މަތީ ދެމިހުރުން.
5. ތިމާގެ އަމިއްލަ ނަފުސު ޙިމާޔަތްކުރުމަށްޓަކައި ވެސް ދޮގު ނުހެދުން.
6. ސާފުކަމާއި ސާދާކަމާއި ތެދުވެރިކަމުގެ މަތީ ދެމިހުރުން.
7. "ހިތްހަމަ ނުޖެހޭ މީހަކާ ދުވަހަކުވެސް ބައްދަލު ނުކުރަން." މިހެން ބުނަންކެރޭ ދަރަޖައަށް އެހެން މީހުންދެކެ ލޯބިވުން.
8. އެހެން މީހުންނާމެދު ކުށްހީތައް ނުކުރުން.
9. އެހެން މީހުންނަށްޓަކައި މިވެނި އެވެނި ކަމެއް ކޮށްދިނީމޭ ބުނެ ވާހަކަ ނުދެއްކުން (ކަލަ ނުގޮވުން).
10. އާދައިގެ ކަންތައްތަކުން ހިތްހަމަޖައްސާލައިގެން ހުރުން.
11. ދީލަތިކަމާއެކު، ތިމާގެ އަތުން، އެހެން މީހުންނަށް ދިނުން.
12. ޤައުމިއްޔަތާއި ހަމުގެ ކުލައާއި މަޒުހަބާއި ދީނަށް ބެލުމެއްނެތި، އެހެން މީހުންނާ މުޢާމަލާތްކުރުން.
13. މި ޙަޔާތުގައި ދިރިއުޅުމަކީ ބޮޑު ކަމެއް ކަމާއި، މި ކަން ކުރުމަކީ، ހަމަ ކޮންމެ މީހަކަށްމެ، ކުރެވޭ ވަރުގެ ކަމެއްކަން ދެނެގަތުން. މިކަން ދެނެގަތުމަކީ ޢަދުލުވެރިކަމެވެ. ޢަދުލުވެރިވެއްޖެ މީހަކަށް މާތް ﷲ ގެ ރިޢާޔަތްތެރިކަން އެކަލާނގެ ދެއްވައެވެ. އެކަލާނގެ ރިޢާޔަތްތެރިކަން ދެއްވައިފި މީހަކަށް، އެމީހެއްގެ ކިބައިގައިވާ ރޫޙާނީ ބާރުގެ ބޭނުން ހިފޭނެއެވެ. ނަމަވެސް، މި ޙަޔާތުގައި ދިރިއުޅުމަކީ ބޮޑުކަމެއް ކަމާއި، މިކަމަކީ ހަމަ ކޮންމެ މީހަކަށްމެ ކުރެވޭ ވަރުގެ ކަމެއްކަން ހަނދާން ނައްތާލައިފި މީހަކަށް، އެއްވެސް އެއްޗަކުން ކުރާނެ ފައިދާއެއް ނެތެވެ. އެފަދަ މީހަކަށް ބޭސްފަރުވާ ކުރުން ވެސް ވާނީ މުދަލާއި ވަގުތު ނަގާލުން ކަމުގައެވެ.
14. ޢަދާލަތުގެ އެންމެ ފަހު މަރުޙަލާއަކީ މި ޙަޔާތް ނޫންކަން ދަންނާށެވެ! ފުރިހަމަ ޢަދާލަތާއި ފުރިހަމަ ބާއްޖަވެރިކަން އޮތީ، އާޚިރަތުގައެވެ. މާތް ﷲ ގެ ޙަޟުރަތުގައެވެ.



ޚުލާޞާ

މި މޭރުމުން، ޑރ. ޔޫސުފުލްބަދުރު އިންޞާފުކުރައްވާފައިވާ މައުޟޫޢަށް ނަޒަރު ހިންގާލާއިރު، މިޙަޔާތުގައި ޙާޞިލުކުރަންވީ ލަނޑުދަނޑި ނުވަތަ މަންޒިލްމަޤުޞޫދު އެބަފެނެއެވެ. އެ މަންޒިލްމަޤުޞޫދަށް ޥާޞިލުވުމަށްޓަކައި ދަތުރުކުރަންވީ ރާސްތާއާއި މިޞްރާބު ވެސް ފެންނަން އެބައޮތެވެ. އޭނާގެ މަޒުމޫނު ނިންމަވާލައްވާފައިވަނީ، މަޒުމޫނު ވިދާޅުވާ އެންމެހައި ބޭފުޅުންނަށް، ޞިއްޙަތާއި ދުޅަހެޔޮކަމާއި ބާއްޖަވެރިކަން އެދިވަޑައިގަންނަވަމުންނެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ