އިންޒާރުގެ އިޝާރާތެއް
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
= މަޤުތޫލު =
01- ފަސާދައިގެ ފޮއިދަށުވެ މަޞްލަޙަތު ފުނޑިފުނޑި
މިސާހިތު ވެދާނޭ ދިވެހި ގައުމު ކުނޑިކުނޑި
02- ޢަދާވާތްތެރީން، މާތްވި ދީނާ، މި ވަޠަނުގެ،
މަދާއެކު ބަލައި ކޮނެފި ގޮސް އެންމެ އަޑިއަޑި
03- އެމީހުންގެ ނިޔަތާއި އަޞްލާއި މަޤުޞަދު،
ގަމީހާއެކީ އެތެރެއިން ވާނެ ހަޑިހަޑި
ި
04- ދުރާލާ ބަލާނޭ ބިމަށް ވެރިވެގަންނާން!
ކުރާނޭ ކަމާ ސާޢަތާ ރަނގަޅު ގަޑިގަޑި
05- ވަނީ މި އަދު އާސާރުގައި އިހުޒަމާނުގެ،
ޣަނީމާތަކުން ލިބުނު ކަނޑި، ލޮންސި ބަޑިބަޑި
ި
06- އަނދޮޅުކަންމަތީ ގައުމު އޮއްވައި ނިދާފައި،
ޅަނދޮޅު ސިކުނޑިތައް ކޮށްލަނީ އެތިބަ، ބަނޑިބަނޑި
07- ގުޑުންތައް އަރައި، މިފަދަ ޖާދޫގެ ބާރުން،
ބުޑުން ވެއްޓިދޭ އުންމަތުގެ ހަރޮށި މުޑިމުޑި
ި
08- މިހެން ކަންވުމުން ރޫޅި ގައުމީ ޢިމާރާތް
ބެހޭ ޓިނުކޮޅާ ތަނބުތަކާ އޭގެ ދަނޑިދަނޑި
09- މުޅިން ވަކިކުރެވި ހަރުމުދާ، ގެވެހިކަންވާރު،
ވަޅިން ފަޅިކުރެވި މޭޒު ގޮނޑި، އެނދުގެ ފަޑިފަޑި
10- އުދުހި އަންނަހެން ދިވެހި ރުއްރުކުގެ ކޮޅިޔަށް،
އެދުހު އަންނަހުށި އުންމަތަށް ބޭރު މަޑިމަޑި
11- އަލުންގައުމު ''އާރާސްތު ކޮށްދޭނެ ހިތް ހެޔޮ''
ކަލުންނާއި ކަނބަލުން މަސައްކަތުގެ ވަޑިވަޑި
12- އެހައިރުން ބަދަލުވާނެ އަންބާ ފަރިހި ލަވަ،
މިހައި ދުވަހު ކީ، މައިގަނޑާ އޭގެ ކަޑިކަޑި
13- ފަހާލާ ދިވެހިވަންތަ ހުރިހާ އަސަރުތައް
ޖަހާނޭ ބަނދަރު ހުޅަނގު ކިއްސަރުގެ އޮޑިއޮޑި
14- ގެނެސްދޭނެ މިނިވަންކަމުގެ ނަންމަތީގައި
މިނެތް އޭގެ ނެތް ބޮޑެތި ބާޠިލުގެ ބޮނޑިބޮނޑި
15- މި ސާލުން، އަސޭ، އަދި، ޢިރާޤުން އެދައްކާ،
މިސާހިތު ވެދާނޭ ދިވެހި ގައުމު ކުނޑިކުނޑި
-----------------------------------
28 މޭ 2008