އަދުގެ ޚާއްސަ

Print

''ފަލަސްޠީނަށް ފުދޭވަރެއްގެ ބޮޑު ގެއްލުމެއް''

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމު (2009)
ފޮޓޯ: މޢ ޝަފީޤު


ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް، 22 ދުވަސް ވަންދެން އިޒުރޭލު ހިންގި ޢުދުވާނު ނިމުމަކަށް ގެނެސްފިއެވެ. ފަސްހާހަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްފައެވެ. 400 އަށްވުރެ ގިނަ ކުޑަ ކުދީން މަރާފައެވެ. 4000 އަށްވުރެ ގިނަ ޢިމާރާތް ސުންނާފަތި ކޮށްފައެވެ. 500 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެެއްގެ މާއްދީ ގެއްލުން ރަށުގެ ޢުމްރާނީ ވެއްޓަށްދީފައެވެ.

ހަނގުރާމަ ނިންމުމަށްފަހު އިޒުރޭލުން ބުނީ ފުދޭވަރެއްގެ ކާމިޔާބީއެއް ލިބުނު ކަމަށެވެ. ފަލަސްޠީނަށް ފުދޭވަރެއްގެ ގެއްލުމެއް ލިބުނުކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާކަމަށް ކިޔާތީ އަޑު އިވެއެވެ؟

ފަލަސްޠީނުގެ ރައްޔިތުންގެ ގިލަންތައް ލުއިކުރައްވާށިއެވެ!

ކޮންމެޔަކަސް، މި ޚަބަރާއެކު ހިތަށް އެރިޔެވެ. ހަނގުރާމައެއްގައި ދެބައި މީހުންނަށް ފުދޭވަރު ވުމަކީ ހާދަ ބޮޑު އަރަތެއްތާއެވެ؟

ފުދޭ ވަރަކީ ކޮބައި ތޯއެވެ؟ މިއީ ފިކުރު ހިންގާލުން ރަނގަޅު ސުވާލެކެވެ. އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިންދައިގެން ދިޔައިމާ އެވީ ފުދޭވަރެއްގެ ގެއްލުމެއްތޯއެވެ؟ ހަނގުރާމައެއްގެ ޢަދާވަތްތެރީންގެ ޙަމަލާތަކުގައި އެތައް މުސްލިމުންނެއް ޝަހީދުވުމަކީ ފުދޭވަރަކަށް މީހުން މަރުވުން ތޯއެވެ؟

ޙަޤީޤަތުގައި  ''ފުދުން'' ނުވަތަ ''ފުދޭ'' މި ބަސް ބޭނުން ކުރަންވާނީ ތިމާޔަށް ލާބަ ހުރި ކަމެއްގައެވެ. ތިމާ އެކަމަކަށް އެދިހުރި ކަމެއްގައެވެ. ސަބަބަކީ ފުދުމަކީ ޙާޞިލްވެއްޖެކަން ދޭހަކޮށްދޭ ބުނުމެކެވެ. ތިމާ އެދޭކަމެއް އެދޭ މިންވަރަށް ލިބިގަނެވިއްޖެކަން އަންގަން ބުނާ ބަހެކެވެ. އިމްތިހާނުގައި ފުދޭވަރެއްގެ މާކުހެއް ލިބިދާނެ އެވެ. މަހަކު، =/8000 ރުފިޔާއަށް، އެޕާޓުމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ މީހަކަށް =/18000 ރުފިޔާގެ މުސާރައެއް ލިބޭނަމަ ފުދޭވަރެއްގެ މުސާރައެއްކަމަށް ބުނެވިދާނެއެވެ. ސަބަބަކީ، އޭނާގެ އެހެނިހެން އަސާސީ ބޭނުންތައް ފުއްދައިފައި ނުދަރައި އުޅެވެނީ އެވެ. ފުދިގެން އުޅެވޭތީއެވެ.

ކަން މިހެން އޮއްވައި ފަލަސްޠީނަށް ލިބޭ ގެއްލުމެއްގެ ވާހަކަ ބުނާއިރު، ފުދޭވަރަކަށް ގެއްލުން ލިބުނުކަމަށް ބުނަން ރަނގަޅީ އިޒުރޭލު މީހުން ނޫންތޯއެވެ؟ އެމީހުން އެ ހަމަލާ އެދެނީ ވަކި މަޤުޞަދެއް ޙާޞިލުކުރާށެވެ. ވަކި ބޭނުންތަކެއް  ފުއްދާށެވެ. އެ ބޭނުމަކީ އެ ހަމަލާދެވުނު ތަނެއްގައި ތިބިި 700 މީހުން މަރާލުން ކަމަށްވެދާނެއެވެ. މަރުވީ 600 މީހުން ކަމަށް ވިޔަސް އެއީ އެމީހުންނަށް ފުދޭ ވަރެއް ދޮގެއްތޯއެވެ؟  އެކަމަކު އަޅުގަނޑުމެންނަށް އެގޮތް ކަމުދޭތޯއެވެ؟

ކޮންމެޔަކަސް، ފުދޭވަރަކަށް ބޮލުގައި ރިހުން، ފުދޭވަރަކަށް ހުންއައުން، ފުދޭވަރަކަށް ތަދުވުން މީން ކޮންމެ ޖުމުލައެއްގައި ''ފުދޭވަރަކަށް'' ގެނެވިފައި އެވަނީ، ތިމާ ތިމާޔަށް ވުން ނޭދޭ ކަމަކާ ގުޅުވައިގެންނެވެ.  ނުރުހެވޭ  ކަމަކާ ގުޅުވައިގެން ފުދޭވަރު ގެނައުމަކީ އޭން ގަސްތުކުރާ މާނަ ދޭހަ ވާނެ ކަމެއް ނޫނެވެ. އޭން ނިކުންނާނީ މުޅިން ނުބައި މާނައެކެވެ. ހެއްވާ މާނައެކެވެ.  އެކްސިޑެންޓުގައި ހާނީއްކަ ވިމީހާ ކަކުލު ހުޅުން ފައި ބުރިކޮށްލީމާ، ފުދޭވަރަކަށް ފައި ބުރިކޮށްލައިފިއޭ ބުނި ނަމަ އޭގެ މާނައަކީ، ކަކުލަށްވުރެ ތިރިން، ނުވަތަ ކުޑަ ހުޅުން ބުރިކޮށްލި ނަމަ އެކަމާ އޭނާ ހިތާމަ ކުރީހެވެ. ސަބަބަކީ ފުދޭވަރު ނުވާތީއެވެ. އެހެންކަމަށް ވާނަމަ ފުދޭވަރަކީ މާކަޅުވާމަސްގަނޑުގެ ބުޑުން އުކުޅުވަޅާ ހަމައިން، ބުރިކޮށްލުންކަމަށްވެސް ވެދާނެ ތޯއްޗެކެވެ؟ 

ކަންް މިހެން އޮތް އިރު، ދޭދޭ ރަޙްމަތެރިކަމުގެ ވާހަކަތަކާއި، ލިޔެކިޔުންތަކާއި އެހެނިހެން ހާލަތްތަކުގައިވެސް ބަސް ބޭނުން ކުރާއިރު، މި ނުކުތާޔަށް  ވިސްނާވަޑައިގަތުން މުހިންމެވެ.  ''ފުދޭވަރު''  ތިޔަ ބޭނުންފުޅު ކުރެއްވޭ ކުށްގޮތް  އިޞްލާޙު ނުކުރައްވައިފިނަމަ ފަލަސްޠީނަށް ލިބުނުވަރުގެ ގެއްލުންތައް ތިބާގެ ވާހަކަތަކުގެ ޖުމުލަތަކަށް ލިބިފައި ހުއްޓަތީ ދެކެވަޑައިގަންނަވާނޫއެވެ.

އެހެންކަމުން  ދަންނަވާލަމެވެ.  ވާހަކަ ދެއްކުމާއި ލިޔެކިޔުމަށް ޖުމުލަތަރުބީރު ކުރައްވާއިރު،  ''ފުދޭވަރަކަށް'' މި ބަސް، ބޭނުން ފުޅު ކުރައްވަންވީ ހަމަ ގޮތާއި، ބައެެއް ބޭފުޅުންނަށް ބޭނުންފުޅު ކުރެއްވޭ ނަމަ ގޮތުގެ މައްޗަށް ފުދޭވަރަކަށް ވާހަކަ ދެއްކިއްޖެ ކަމަށް ހީކޮށް ނިންމާލަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ