އަދުގެ ޚާއްސަ

Print

މާބަނޑު މީހެއްގެ އާދޭސް

ޝާޢިއުކުރީ މަލިމް މުޙަންމަދު ދީދީ . ހިމެނޭބަޔަކީ އާދަކާދަ


މަލިން މުޙަންމަދު ދީދީ

އެއްދުވަހަކު   ފަނިފޮދެއް  ގިރައިލައިގެން އައިމާ ވެސް ގޮވިއެއްޗެތި އަހަރެންގެ ކަންފަތުން އެހީމެވެ.   އާނ! ތިޔަ އޮތީ އާ ކުކުޅަކަށް ގާބިހެއް އެޅިފާ. ދެނެއް މިގެއަކު ހަކުރުކޮޅެއް ހުއްޓަކަ ނުދޭނެ. އަނެއް ދުވަހަކު ތަންކޮޅެއް ލަހުން ނިދާ ތެދުވެވުނީމާ، އެދުވަހު ހަތަރުދަމު މައިދައިތަ އައިސް ''ފާތިހާ'' ކިޔަވަނީ އެވެ.  އަނެއްކޮޅުން ޅިޔަންބޭބެ ގޭގައި އުޅެނީވިއްޔާ އަބަދު އޭނާ އިންނަންޖެހެނީ ކޮންމެ ވެސް ކަމަކާ ރުޅި އައިސް ރަތް ވެފައެވެ.  ގޭގައި ނެތީވިއްޔާ މައިދައިތަގެ  ހުރި ނޭއްދާރުކަމުން އިންނާންވާނީ ހިތުގައިޖެހި ލަގޮނޑި ފަޅައިގެންދާވަރުގައެވެ.  ''ތިޔަ ނޫނަސް މީހުންބަލިވެ އިނދޭ، މިވަރުގެ ކަމެއް ނުދެކެން.



                         މާބަނޑު މީހެއްގެ އާދޭސް


މަލިން މުހަންމަދު ދީދީ

(1950ގެ އަހަރުތަކުގެ ލިޔުމެއްކަމަށް ލަފާކުރެވޭ)


އަލްޙަމްދު ލިﷲ!

އަހަރެން މި އިނީ ކިރިތިﷲ އހަރެންނަށް ވަދީޢާ ކުރެއްވި ނުހަނު އަގުހުރި އަމާނަތަށް ރައްކާތެރިވެ، ފުރިހަމަ ރަނގަޅު  ގޮތުގައި ބެލެހެއްޓުމުގެ ޒިންމާދާރީ ބޮލުގައި އަޅައިގެންނެވެ. މި އަމާނަތަށް ރައްކާތެރިވެ ފުރިހަމަ ގޮތެއްގައި ލޮލަށް ދައްކަވާތޯ އަހަންނަށް ވެވޭން އޮތްހާކަމެއް ކުރުމާއި، ލެވެން އޮތްހާ ބާރެއް ލުމަކީ އަހަރެންގެ ވަރަށް މުޤައްދަސް ވާޖިބެކެވެ. އަހަރެން މިއިނީ މުސްތަޤުބަލުގައި ކީރިތިﷲއަށް އަޅުކަން  ކުރާނޭ އާ އިންސާނަކަށް ބަލިވެ އެވެ. އެެއީ  އަހުރެން ނެތް ދުވަހަކު  މިދުނިޔެއަށް ދޫކުރެވޭނޭ އެންމެ އަގުހުރި ޖަވާހިރެވެ. އަހުރެންނަށް ދުޢާކުރާނޭ ޞާލިޙު ދަރިފުޅެވެ. ދުނިޔޭގައި އިންހާ ހިނދަކު އެންމެ ބޮޑު އެހީތެރިޔާޔެވެ.

ފިޠުރަތު  މާބަނޑުމީހާޔަށް އެންމެ ބޮޑަށް ގޮވާ ގޮވުމަކީ ކަނބުލޯ ވިހާދަރި ކަނބުލޯއަށްވުރެ ޞިއްޙަތާއި ޚުލްޤު ހުރިހައި ގޮތަކުން މަތިވެރިކުރުމަށް ގަދައަޅާށެވެ.  ކަންމިހެން ހުރުމުން  އަހަރެންގެ އެންމެބޮޑު އެދުމަކީ ބަނޑުގައި މި އޮތް ދަރިަފުޅު، ހުރިހާ ގޮތަކުން ތަަރައްޤީ ކުރެވޭތޯ ވެވުނު ހާ މަސައްކަތެއް ކުރުމެވެ.  

މިކަމަށްޓަކައި އަހަރެން ކުރަންވީ މަސައްކަތަކީ، މި 9 މަސްދުވަހުގެތެރޭގައި އަހަރެންގެ ޚުލްޤު ރިވެތި ކުޅައުމާއި ހިތްހަމަ ޖެއްސުމާއި، އަދި ޞިއްޙަތު ރަނގަޅު ކުރުމެވެ.  ދުނިޔެއަށް އަންނަ  އާ އިންސާނާގެ ޞިއްޙަތާއި ސިކުނޑި ބިނާވެގެންވާނީ އަމާގެ ބަނޑުގައި އޮންނަ ދުވަސްވަރުގައި މީހާ ކަންތައް ބެހެއްޓި ގޮތެއްގެ މައްޗަށެވެ.  މިހެންވެ އަހަރެން މި އެދެނީ މާބަނޑު މީހަކު އުޅެންވީ ރަނގަޅު ގޮތް އުނގެނި ދަސްކޮށްގެން ނަމަވެސް،  ރަނގަޅު  ގޮތުގައި ޚާއްޞަކޮށް މި 9  މަސް ދުވަހުގެ ތެރޭގައި އުޅެވޭތޯ  ގަދައެޅުމެވެ. ޙަޤީޤަތުގައި އަހުރެންނަކީ،  އަލަށް ބަލިވެއިން ކުއްޖެކެވެ. ނަމަވެސް ބޭރުފުށުން ލިބޭންވީ ހުރިހާތަޖުރިބާއެއް އަންނަނަށް ވަނީ ލިބިފައެވެ. އެއީ ބޭބެ  ކުޑަދައިތަ ބަލިވެ އިނީއްސުރެ ވިއެއުމާ ދެމެދު ހިނގިހާކަމެއް އަހަރެން މިއިނީ ލޮލުން ދެކި އަތުން ހިފާފައެވެ.  އެކުޑަ ދައިތަ ފުރަތަމަ  ބަލިވެ އިންކަން ނުވަތަ ނެތްކަން ނޭނގޭ އިރު،  ފުރަތަމަ ގެޔަށް އައިމީހާ ބުނީ'' މި ކޮއްކޮ ބަލައިލީމާ އަހަންނަށް  ހާދަ ގޮތަކަށް ހީވެޔޭ ބަނބުކެއު ކެއީދޯ؟ އާނ!  އަންހެން ކުދީންނަށޭ ތިޔަ ކަހަލަ ކަންތަކާއި ޖެހޭނީ.  ހިތްވަރު ކޮށްލާ  އާނ! ގައިމު ލޮލުގެ ދެނާރު ނޫނީ ނުކެނޑޭ އެންމެ ނާރެއްވެސް ނުހުންނާނެއޭ ބުނޭދޯ'' އެހެން ދައިތަޔަކު އައިސް  ބުނީ '' އިހަށް ދުވަހު އަލަމުދިމުގެ ދޮން ކަމަނަ  ވިހޭ ވާހަކަ އެހީމުތަ؟  އެއީވާ ހޭނ ހާކަމެއް. ކޮންމެ ފަހަރަކު ވޭންވަރު ނެގީމާ ފައިންޖަހާ ޖެހުމުން މާމަ ގޮނޑިންވެސްވައްޓާލާ ދެން ކޮބާ؟  މިހާރު މުޅީން ދެދޮރު އެއްވެއްޖެ! ކާއެއްޗެތި ހުންނަނީ އެނދުމަތީގައި ކަނބުލޮ ކޮންމެ ވެސް ބަސް އަހާތި!  ތިޔަހަރަގެން ބަނޑު ނުކުންނަނީ މަށަށް ތަންދޭށޭ ކިޔާފާ އަހަންނަށް  ހީވަނީ އެންމެ ކުއްޖެއްވެސް ނޫންހެން މިބަނޑުގައި އޮތީ، މި ކަހަލަ ކޮންމެ އަޑެއް އިވޭ  ހިނދަކު ކުޑަ ދައިތަގެ މޫނަށް އަރާ ކުލަވަރުން ހިތަށް ލިބޭ ބިރުވެރިކަން އަހަންނަށްވާ ކިތަންމެ ރަނގަޅަކަށްވެސް އިޙްސާސްކުރެވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟

މާބަނޑު މީހުންގެ  ހިތަށް މި ކަހަލަ ބިރުވެރިކަން ވެއްދުމުން ބަނޑު އޮތް ދަރިއަކަށް ލިބޭނޭ ގެއްލުމަކާއި މައިމީހާ އަށް ކުރާނޭ އަސަރެއް އެމީހުން ނުދަނެއެވެ.  އަނެއް ކޮޅުން  އޭނާގެ މައިދައިތަވެސް އަބަދު ކޮންމެވެސް ކަމަކާ އަޑުލާވަރުން އިންނާންޖެހެނީ ހިތުގައި ޖެހިފައެވެ. އެއްދުވަހަކު   ފަނިފޮދެއް  ގިރައިލައިގެން އައިމާ ވެސް ގޮވިއެއްޗެތި އަހަރެންގެ ކަންފަތުން އެހީމެވެ.   އާނ! ތިޔަ އޮތީ އާ ކުކުޅަކަށް ގާބިހެއް އެޅިފާ. ދެނެއް މިގެއަކު ހަކުރުކޮޅެއް ހުއްޓަކަ ނުދޭނެ. އަނެއް ދުވަހަކު ތަންކޮޅެއް ލަހުން ނިދާ ތެދުވެވުނީމާ، އެދުވަހު ހަތަރުދަމު މައިދައިތަ އައިސް ''ފާތިހާ'' ކިޔަވަނީ އެވެ.  އަނެއްކޮޅުން ޅިޔަންބޭބެ ގޭގައި އުޅެނީވިއްޔާ އަބަދު އޭނާ އިންނަންޖެހެނީ ކޮންމެ ވެސް ކަމަކާ ރުޅި އައިސް ރަތް ވެފައެވެ.  ގޭގައި ނެތީވިއްޔާ މައިދައިތަގެ  ހުރި ނޭއްދާރުކަމުން އިންނާންވާނީ ހިތުގައިޖެހި ލަގޮނޑި ފަޅައިގެންދާވަރުގައެވެ.  އަބަދުވެސް ކޮންމެ ވެސް މަސައްކަތަކުން ވަރުބަލިވެ މާނޭވާ ލެވިފައި ނޫނީ ހިނދުކޮޅަކު ވެސް އިންދާ އެއް ނުފެނެއެވެ. ކުރަންބުނި މަސައްކަތެއް ތަންކޮޅެއް ލަސްވިޔަސް ބުނާ އަޑު އިވެނީ ''ތިޔަ ނޫނަސް މީހުންބަލިވެ އިނދޭ، މިވަރުގެ ކަމެއް ނުދެކެން. ބަލަ އަހަރެން  އެންމެ ހަގުކޮއި ވިހާން ތަނަށް އެރީވެސް ބޯފޮޅިފިހާން ދެނާޅި ހަނޑޫ ފޮޅާފައި ތެދުވެ،  ތިޔަވަރު ތަންކޮޅެއް ބޮޑު''  މިބައި މީހުންނަކަށް  މާބަނޑު މީހުންގެ ހިތުގައި ޖައްސާން ނުވާނޭކަމާއި އަރާމުކުރަންވާނޭކަމާއި ޝަރުބަތު ފަނިބޮއި މޭވާކައި ވައި ޖައްސާން ހިނގާލައި އުޅޭންވާނެކަމެއް ނުވިސްނެ އެވެ.  ޅިޔަން ބޭބެ އަކީވެސް ތަނެއްގައި ހުރި ޅޮސްގަހެކެވެ.

މިހެން ކަންތައް ހުރުމުގެ ނަތީޖާ އަކަށްވީ، ދުވަސް ފުރެން ވީއިރު ދެފައި ދުޅަވެ، މޫނު ބޯވެ، މުޅީން ތަންމަތި ލާޒިމުވާންޖެހުމެވެ. މިހާލުގައި އޮތް އިރުވެސް ބޭރުން އަންނަމީހުންގެ މަސައްކަތަކީ، ކޮންމެ ވެސް ނުރައްކާ ގޮތެއްގައި މީހަކު ވިހޭ ވާހަކައާއި ދަތިހާލެއްގައި  ވިހޭ މީހެއްގެ ވާހަކަ ކުޑަދައިތަގެ ކައިރީގައި ދެއްކުމެވެ. އެންމެ ފަހުން ކަންދިމާވީ ގޮތަކީ ދުވަސް ނުފުރިގެން އުޅެނިކޮށް ބަނޑުގައި ރިހޭން ފެށީ އެވެ. މިކަމަށް އެއްވެސް ކަމެއް ތައްޔާރު ކޮށް އެތެރެގެ ފޮޅާ ތާހިރު ކޮށެއްވެސް ނުހަދައެވެ.  އަދި ދޮވުން  އެއްކިބާގައި އޮއްވާ މަކުނުވާ ފޮޅާ  ތާހިރު ކޮށްލުމެއްވެސް ނެތެވެ.  ވިހާން ވާ ކޮޓަރިއަކީ، ތަނަވަސް ސާފުވަޔާއި އަލިވަންނަ  އުސްތަނަކަށްވުން ބޭނުންވާކަމުގެ ބަދަލުގައި އެގޭ އެތެރެގެއަކީ، ވަރަށް ކުޑަ އަނދިރި ހާސް ކަންބޮޑު،  ފުރާޅުތިރި ހޫނު ގަދަ ތނެކެވެ.

އެއް ދުވަހަކު މާބޮޑަށް ބަނޑުގައި ރިހެން ފެށީމާ މައިދައިތަ ތަންގަނޑު މީހުނަށް އަންގައިފި އެވެ. އިރުކޮޅަކާއި މީހަކު އައިސް ބަނޑުގައި ފިތާލައި ކައިރިޔަށް ހުއްޓި ވިހެއުމުގެތެރޭގައި އެމީކަށް ޖެހުނު ހާލަކާއި، އަދި އޭނަގެ ހިތްވަރު ގަދަކަން ބަޔާން ކޮށްދެ އެވެ. މި ގޮތަށް މީހުން  އައިސް  އެތެރެގޭތެރެ  ފުރިއްޖެއެވެ. ފޫޅުމާމައެއް ނެތެވެ.  އިރުކޮޅެއް ފަހުން އޮމަދު އެއްތޯ އުކުޅަހު މާމައެއް އައިސް ވަދެ ގޮނޑިޔަށް އަރާފައި ބުނީ، ''ތަންކޮޅެއް ލަސްވީ މަސްކޮޅެއް ކައްކާލީއެވެ.'' މީނާ އައިސް ވަނުމުން އެތެރެގޭގެރެޔަށް  ފެތުރިގެން ދިޔައީ ބަދިގޭ ދުންވަހަކާއި އެކުލެވިގެންވާ ފިއްލެއުވަހެކެވެ.  އެކަކުވެސް ކުޑަދައިތަޔަށްް ފަނިފޮދެއް ޝަރުބަތު ފޮދެއް އަދި މި ނޫން ވެސް އެއްޗެއް ދޭކަށެއް ހަނދާނެއް ނެތެެވެ. ޅިޔަންބޭބެ ބޭރުގައި  ތައްޓަކަށްފަހު ތައްޓެއް ލިޔުއްވައިގެން ގެނެސް އަނގަޔަށް އަޅަ އެވެ. ބުނާ އަޑު އިވެނީ''ބަލަ ތިޔަހެން  ބަސްނާހާ ނޫޅޭށޭ ހުރިހާ ވޭންވަރެއް ތިޔަ ދޫކުރަނީ އަނގައިންނޭ'' ފަހަރި ދައިތަ ބުނެއެވެ. '' މީ ބަލަ ބިރެއްވެސް ނެތް ކުއްޖެއްތަ؟ ތިޔަހެން އުޅޭން  ހަދައިގެން ފުލިދޫގޭ  ހައްވާފުޅަށް ވީކަހަލަ ގޮތެއް ވެސް ވެދާނެޔޭ'' އަނެކަކު ބުނާ އަޑު އިވެއެވެ. މީނާއަކީ  އެއް އިރެއްގައި ވެސް ބަސް އަހާކުއްޖެއް ނޫންކަމުން މިހާލުގައިވެސް ބާސް ނޭހެނީ އެވެ. ކުޑަ ދައިތަވެސް ޖަވާބު ދެއެވެ.'' ބަލަ މަށަށް ވާވަރެއް ކަލޭމެނަށް އެބަ  އެނގޭތަ؟ މަށަށް ވެސް  މިކަމުން ސަލާމަތް ވިއްޔާ ރަނގަޅު ވާނެ ނޫންތަ؟''  ފޫޅުމާމަ ޒާތެއްގެ ބޮނޑިއެއް ބަނދެގެން ފައިދަށުލައިގެން އުޅޭތަން ފެނެއެވެ، އަދި ލޯގަނޑަކަށް ފެނާ ތެލާ އަޅައިގެން ނަގާ އަޅާތަން ވެސް ފެނުނެވެ. އިރުކޮޅަކުން ކުޑަ ދައިތަ ބުނަނީ، ''އައްދޯތް ތިޔަ ބޮނޑިގަނޑު ކާއްތާކާއްތާ މިހާރު މެށިއްޖެ އެވެ.'' ފުރިފާ ހުރިތާކު ބޭރުން ބޮނޑިއެއް ޖައްސާ ބާރު ކުރީމާ ލިބޭނޭ ބަރެއް ނުވިސްނެއެވެ. އަދި ތެލާ ފެނާ އަޅާ ހިކުމުން  މަގުތަނަވަސްވުމުގެ ބަދަލުގައި މަގު ދަތިވާނެ ކަމެއްނު ދަނެ އެވެ.
 
އިރުކޮޅެއްވި އިރު މާމަ ތާއްޔާޖެހޭތަން ފެންނާން  ފަށައިފި އެވެ. ދެން ކުޑަ ދައިތަބުނާ އަޑު އިވެނީ، '' އައްދޯތް ތިޔަ ދިގު ނިޔަފަތިތައް މަގޭ ބަނޑަށް ނުހަރާށޭ. މާމަޔަށް އެނގިފައެއް ނެތޭ މީހުން ވިއްސާން އަންނާންވާނީ ނިޔަފަތި ކަނޑާ ފެންވަރާ ތާހިރުވެގެންކަމެއް''  މާމަ ބުނަނީ ދެން ތިޔަވާހަކަޔެއް ދައްކާނެކަމެއް ނެތް. ތިޔޮތީ އަހަރެމެން  ހަދާނެ ގޮތެއް ހަދާން ލިބިފާ.  ކުޅިމީރު  ތިޔަހަރަ ފެންނަނީ. އަދި ކަން އޮތީ ކުރިޔަށް''

ޅިޔަން ބޭބެ އިރުކޮޅަކާ ވައިފިލާގަހެއް އެހެންޏާ އަހި ގަހެއް ނުވަތަ މަގޫގަހެއް ގެނެސް ސަނދުވާގައި އެލުވައެވެ.
އިރުކޮޅަކުން މާމަ އަޑުގެ ކޮޅަށް  ޝަހާދަތް ކިޔައިގެންފައި ގޮވާލީ – '' މަނިކާ ރޯއްޖާ މިހިރަގެން އަންނަނީ ފުރަގަސް ފަރާތަށޭ.  ތަދެލޯފުޅުންނޭ އަވަހަަށް  ކަކޫ ޖައްސާދޭށޭ ދެން އެންމެންގަނޑު ހޯބޯލަވައިގެންފާ ކުޑަ ދައިތަ ކަކޫ ޖައްސާފާ ބޭއްވުމުން  ފޫޅޫމާމަ ޅިނދުމަތީގައި އޮބާ ތަޅާ ގޮތްތައް ހަދާތަންފެނެ އެވެ.

ދެން ޅިޔަންބޭބެ އައީ މާ މޮޅު މާމަޔަކު ގޮވައިގެންނެވެ.  މި ކަނބުލޭގެފާނު ބަލައިލައިފައިބުނީ'' ނަސީބެއް ނޫންހޭ މަށާ ދިމާވިކަން. މަށަށް ހަދާނޭ ގޮތް ނޭނގިއެއް ނުދާނެ. އަވަހަށް ބޮޑުމަލާފަތެއްގެ މަތިގަނޑު ހޯދާ'' ދެން އެގެނައިމާ އޭގެ މައްޗަށް ދެތިން ފަހަރުއިނދަޖައްސާފާ ބޭއްވިތަނާ ގޮވައިލީ އަނގަޔަށް އަތްބާނާފައި ނިކަން އޯކަރުވާލަބަލާށެވެ. ބަލަ ވޭންވަރު ހުސްވެއްޖެ އެވެ. ވަޔެއް ނެތެވެ.'' މިހެން ބުނުމުން  ބޭރުގޭތެރެއިން އިވުނީ ''ވައިލުއްލި ކުއްލި ސޫރަތް''  ކިޔަވާން ފެށި އަޑެވެ.  

ކޮންެމެ އަކަސް ވަރަށް ހަޅޭއްފަޅޭއް ގަދަވެއްޖެ އެވެ. ޅިޔަންބޭބެ އަހިފަތް ކޯޅިއެއް ގެނެސް އަނގަޔަށް ބޭނިތަން ވެސް  ފެނެއެވެ. އެއިރު ކުޑަ ދައިތަ އޮތީ އެމީހަކު ކުރާނޭ ކަމެއް ކުރާން ލިބިފައެވެ. އެތާނގައި ކަން ހުރީ މުސްކުޅިން އެބުނާ ދޮން ތަކުރު އިބްރާހީމު ހަވަރަށް ދެއްވިދުވަހު  އޭނާޔަށް ކަންތައް ހުރިި ގޮތަށެވެ. އޭނާ ވެސް ބަޑިއެއްގެމައްޗަށް އިނދަޖެއްސިއޭ ވާހަކަ ކިޔާތީ އަހަމެވެ.  ކުޑަ ދައިތަވެސް ތިން ފަހަރަށް އިނދަޖެއްސި އެވެ.   މިހާރު ދެން ކުޑަ ދައިތަގެ ހާލުވަރަށް ދެރަ ވެއްޖެ އެވެ. ދެން ރޮއިގެންފައި އާ ފޫޅުމާމަ ގޮވާލީ  ހާސް ވަޅެއްގައި މިހިރީ ދޮޅި  އަޅައިގެންފަޔޭ  މީހަކު އެނދު ތަންދޮށަށް ވަދެފައި ތަޅުވާލާށެވެ. ދެން ބޮޑު ފިރިހެނަކު ތަންދޮށަށް ވަދެ އެނދުގެ ރޯނުތަކުގައި ހިފާ މައްޗަށް ދެތިން ލަކި ވެސް ޖެހިއެވެ.  އެކަކު ގޮވާލި އަޑު އިވުނީ އަވަހަށް ކޮޅައްނަގާށޭ އަނެކަކު ގޮވާލީ ހޯހޯއޭ ކޮޅަށް ނަގައިގެން ނުވާނޭ.

ކޮންމެ އަކަސް، އެ ފަދަ ވަގުތެއްގައި ތަޅުވާ ފޮޅުވާ ހެދުމުން ކުއްޖާޔަށް ލިބޭ ލޮޅުމުން ދުނިޔެއިން  ވަކިވެދާނޭ ކަމަށް ކުޑަ ވެސް ޖެހިލުމެއް ނެތެވެ. އެއިރު އެތެރެގޭތެރޭގައި ވައި ވަރަށް ނުސާފު ވެއްޖެ އެވެ. ދުންބޯވަރުން ދުންބޮއެވެ.  އެ އޮތްކުޑަ ތަންކޮޅުގައި ދޮޅަހަކަށް އަންހެނުން  ތިއްބެވެ. އެކި މީހުން ގައިން  ދުވާވަހާ މި އެއްމެންގެ  ނޭވައިން  ވައިވަނީ ހޫނު ވެފައެވެ.  ރަނގަޅަށްއޮކްސިޖަން ނުލިބޭނޭކަން ގައިމެވެ.  މިކަހަލަ ގޮތެއްގައި އުޅެނިކޮށް ނަސީބަކުން ދެހަށި ދެތަން ކުރައްވައިފިއެވެ.  އެއީ ވިހެއުމެއް ނޫނެވެ. ހުއި ފިލަނޑާ ވިއްސާހެން ފިތައިގެން ނެރުނީއެވެ.  ވިހެއުމާއެކު، މާމަ ގޮވައިލީ އަވަހަށް މަހަށް އަތް އަޅާށޭ ފަހުން ރުއްގަލު ބޭސް ކުރަންވިޔަސް ހެވޭ، ދެން އެކަކުގެ އަތް ކުޑަ ދައިތަގެ ބަނޑުގައި  ހަނި އަރިޔަށް އަޅާ އޮބައި ގަތްތަނާ މަސްވެސް ތުރަ ވެއްޖެއެވެ. ދެން ގޮވާލި އަޑު އިވުނީ އަވަހަށް ކުރަފަތަކާ ރޮއްޖަކާ ގެންނާށޭ. ޅިޔަންބޭބެ ތަނަކުން ގެނައީ   ގޭ އެންމެން އެތަން މިތަން ބާލާން ގެންގުޅޭ ކޮށިކޮށި ކުރަފަތް ގަނޑެކެވެ.

ބަރަންޏެއް ހޯދާން މައިދައިތަ އެއް ކަންނޭލެއް ހިއްލާލައި، އަނެއް ބާލީހެއްގެ އުރައިގެ ތެރެޔަށް އަތްބާނާ ނުފެނިގެން އުޅެނިކޮށް މިތާހުރި އަންހެނަކު ދުވެގޮސް މެދު ފުޅަށް ދޮށުން ގޮވާ ހަޅޭލަވައިގެން ބަރަންޏެއް ގެނެސްފިއެވެ. މިބުނި ކަހަލަ ކުރަފަތެއް ދޮވެ ސާފު ކުރުމަކާއި ނުލާއެ އޮތް ތުއްތު ކޮއްކޮގެ ފޫޅުކެނޑީމާ ހާދަ އެއްޗެއް ހިތަށް އެރިޔޭ  އޭގައި ކިހާ ނުބައި މައިކްރޫބުތަކާއި، ބަލިބަލީގެ ޖަރާސީމުތައް ހުންނާނެ ބާވައޭ ވަރަށް ހީވެއެވެ.

އުޅެއުޅެފައި ކުއްލިޔަކަށް ފޫޅުވެސް އުތުވައިލައިފި އެވެ.  ކުއްޖާ ރޮއިލުމެއްނެތި ފޫޅުގެ ވިންދު ނުކެނޑެނީސް ފޫޅޫކަނޑާކަށެއްވެސް މިބައިމީހުން ބެލުމެއް ނެތެވެ.  ދެން ހަމަ އެކަކުވެސް އެދެމައިން ކުރެ މީހަކާ  އަޅައިލުމެއް ނެތެވެ. ކޮއްކޮ އުރައިގެން ކިނދުފިލުވާން އުޅުނީވެސް މަގޭ މަންމައެވެ. ދެން އެތެރެގޭގައި އުހެދުނީމާ ވަރުގަދަ ޖަމްޢިއްޔާ އެކެވެ. އެއަށް އަހުރެެން ނަންދެނީ ރޯނު އެދުރުންގެ ޖަމްޢިއްޔާއެވެ. އެގޮތަކީ ނުދަންނަ ހަމަ އެކަކުވެސް ނެތެވެ. ޙަޤީޤަތުގައި  ދަންނަ އެކަކުވެސް ނެތް މެއެވެ.

އެކަކު ބުނި އަޑު އިވުނީ އަހަންނަށް ކުރީންވެސް އެނގެޔޭ މިހާ އިރުކަންވިހާނީ އާ ދަޅަަޔަށް ވިއްޔަ. އަނެކަކު ބުންޏޭ ނޫނެކޭ މަރުގޯހޭ ދަޅައަކަށްނޫނޭ ދިޔަވަރާއޭ ދިމާވީ، މިހާރު އޮންނާނީ ފޫދޭ ދިޔައެވެ. ބިލެތްތަޅާންއިން މުސްކުޅިޔާ ބުންޏެވެ. މިހާރު މާ ނަކަތް ހުންނާނީމެދު ގައެެވެ. އުމުރެއް ދަންމަވާ ލަހައްޓަވައިފިއްޔަކާ މި ދެމަފިރީންނަކަށް ކައިބޮއި  އުޅޭކަށް ދައްޗެއް ނުވާނެއެވެ.

މިތާނގައި ބިލެތް ތަޅައިގެން ދުފުމާ ދެގުޑުގުޑާއިން ދުންބުއިން އެކުލެވިފައިވެއެވެ. ޅިޔަންބޭބެ ވެސް އިތުރަށް އެއްފާނޫޒު ހުޅުގަނޑު ބޮޑުކޮށް ބަހައްޓައިގެން ގެނެސް ބަހައްޓައިފިއެވެ. ދެން އެކަކު އައިސް ކުޑަދައިތަގެ އަތުގައި އަތްލާފައި ބަލަ ނިދަނީތަ އަހުރެމެންނަކާ ވާހަކަ ދައްކާލުމެއްވެސް ނެތްތަ؟  އަނެެކަކު ޖަވާބު ދެނީ ދެން ކޮންވާހަކައެއް ދައްކާންވީ. 9 މަސް ދުވަހުގެ ކުރީގެ ސިއްރުވެސް މިފާޅުވީ ވިއްޔަދޯ! މި ހެން އެކި މީހުން އެކިޒާތުގެ ވާހަކަ ބުނެ  ވާހަކަ ދައްކާލެއް ގިނަކަމުން ލޯމަރާލެވޭވަރުވެސް ވިޔަކަ ނުދެއެވެ. ދެން ކޮންމެ ޔަކަސް ވިހެއުމުގެ މަސައްކަތުން ލިބުނު ކެކުޅުމުގެ ވަރުބަލި ފިލުވާން ނިދިއަކަ ވެސް ނުދިނެވެ.  މި ވަގުތަކީ އަރާމު ކުރުމަށް މަޑުއަލީގައި ބާއްވާ ނިންދާންވީ ވަގުތެއްކަމެއް އެމީހުން ނުދަނެއެވެ.  މިތާނގައި ދައްކާ ވާހަކަތަކަށް ފިކުރު ކުރުމާ އަޑުތައް އެހުމުގެ މަސައްކަތް އެތެރެފުށުގެ ގުނަވަންތަކަށް ލިބޭނޭކަމަށް އެމީހުން ނުދަނެއެވެ.

ދެން މާމަ އަވަހަށް ގޮވާލީ ކަލޭނޭ އަވަހަށް ދެން އެކޮޅު ކޮޅުން ނަގާދޭށޭ، ދެން މިހުރިހާ އަންހެނުންގެ ތެރޭގައި ވެސް މި ކަންތައް  ކުރެވޭ ފަދަ މީހަކު ހުރިކަމަކަށް ނުވިއެވެ.  ބޭރު ގޭތެރެއިން ބޮޑުފިރިހެނަކު މޫނު ބައްދައިގެން މިތަނަށް ވައްދާ އެކޮޅުކޮޅުން ނަގައިގެން ބަނޑުހާނާ ގޮތްތައް ހަދައިފިއެވެ. މީހަމަ އެއްގޮތަކަށް ވެސް ހެލިފެލިވުމެއް ނެތި އޮންނާންވީވަގުތެއްކަމަކަށް ވިސްނުމެއް ނެތެކެވެ. އެރޭ އެތާނގައި ކަންހުރި ގޮތް ސިފަކޮށްދޭކަށް އަހަންނަކަށް ކުޅަދާނަ އެއް ނޫނެވެ. ސިނަމާގެ ފިލްމަކަށް ނެގިކަމުގައިވިޔަސް ލިބިގަނެވޭނީ އެތާނގައި ހުރި  ޙަރަކާތްތަކާ  އަޑުތަކެވެ. ހަމަައިމުވެސް ދުވާފައި ހުރި މުޑުދާރު ކޫސަނި ވަހެއް ނުގެނެވޭނެއެވެ. ފިނިފެންމާގޭ އަލްފާޟިލާ ވަރުދާ،  ކުޑަދައިތަ ދެކި ވަޑައިގަންވާން ވަޑައިގެންނެވިއިރު ތުރުކުރައްވާފައި އެވާ ޝަމްމު ނަސީމު ސެންޓުގެ ވަސްވީ އެރޭ ދެރަވާށެވެ. އެކުޑަ ކުޑަ ލޯބި ލޯބި ކޮއްކޮ 18ގަޑި އިރުތެރޭ މިދުނިޔެ ދޫކޮށްފިއެވެ.

މި ހުރިހާކަމެއް ދެންމެއަކުވީކަމެއްހެން ހަނދާން އެބަހުއްޓެވެ. އާ ބިއްލޫރިގަނޑެއްގައި އަލިމަސް ކަށްޓަކުން އެޅިރޮނގެއްހެން ބިންވަޅު ނެގިފައެވެ. މިހެން ކަމުން އަހުރެންގެ އާދޭހަކީ ކުޑަދައިތަޔާމެދު ކަން ހިނގި ގޮތަށް އަހަރެންގެ ވިހޭގޭ ތެރޭގެ ކަންތައް ނުވޭތޯ ގަދަ އަޅާ  ދިނުމެވެ. އެދޭގޮތަކީ (ދޮންތުއްކަލާގެ) ''މަންމަ އަކަށްވުން'' މި ނަންކިޔާފޮތް ބަލައިގެން އޭގައި އެހެރަގޮތަށްކަންތައް  ކޮށްދިނުމެވެ.

އިދާރާ

ވާހަކަ