އަދުގެ ޚާއްސަ

Print

ކަޢުބާ ވަށައިގެން ޠަވާފުކުރުމުގެ ޙިކްމަތް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު/ ބ. ދަރަވަންދޫ

ކީރިތި ޤުރްއާނުގައިވާ ޢިލްމީ މުޢުޖިޒާތްތަކުގެ ވާހަކަތަކަކީ ހުރިހާ މީހުނަށްވެސް ވަރަށް ޢަޖާއިބު ކުރުވަނިވި ވާހަކަތަކެކެވެ. ކީރިތި ޤުރްއާނުގައިވާ ހުރިހާ ޢިލްމީ މުޢުޖިޒާތްތަކުގެ ވާހަކަ ދެއްކުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އެކަމަކު، ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން އަހަރެމެންނަށް ދާދިފަހުން ނޫނީ އެނގިފައިނުވާ ކަންތައްތަކުގެ ވާހަކަ ދައްކާ އެކަންކަން ސާބިތުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. މި ކަންތައްތަކުގެ ސަބަބުން މިޢިލްމީ ޙަޤީޤަތްތައް އުފެއްދެވި ކަލާނގެއީ ކީރިތި ޤުރްއާން ބާއްވާލައްވާ، އިންސާނުންނަށް ރަޙްމަތެއް ކަމުގައި އުއްމިއްޔަ ނަބިއްޔާ محمد صلى الله عليه وسلم ފޮނުއްވި ރަސްކަލާނގެވެ. އަދި ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނު ވަނީ ވަޙީގެ ޒަރީޢާއިން ގުޅިފައެވެ. މި ޢިލްމީ ޙަޤީޤަތްތައް ކީރިތި ޤުރްއާނުގައި ވުމާއި، ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި، މިކައުނުގައި ދަތުރުކުރުމާއި، ބަލާ ވިސްނުމާއި، މިކައުނުގައި މާތްﷲ ލައްވާފައިވާ ހެކިތަކާމެދު ފުންކޮށް ވިސްނުމަށް އަންގަވާފައިވަނީ ހަމައެކަނި ކީރިތި ޤުރްއާނުގައިވާ ޢިލްމީ މުޢުޖިޒާތްތައް ދެނެގަތުމުގެ މަޤްޞަދުގައެއް ނޫނެވެ. އެއީ އެއަށްވުރެ ބޮޑު ޙަޤީޤަތެއް ދެނެގަތުމުގެ މަޤްޞަދުގައެވެ. ހަމަކަށަވަރުން އެއީ މާތްﷲގެ އިލާހުވަންތަކަމާއި، އެއްކައުވަންތަކަން ސާބިތުކޮށްދޭ ވަސީލަތެކެވެ. އަދި އިސްލާމީ ރިސާލަތާއި، ސަލާމަތްތެރިކަމުގެ ރިސާލަތާއި، އިތުރު محمد صلى الله عليه وسلم ގެ ނަބީކަމަށް ހެކިދޭ ހެއްކެކެވެ.

ކީރިތި ޤުރްއާނުގައިވާ ދަލީލު ދެއްކެވުމުގެ ގޮތްތަކާއި ދަލީލުގެ އާޔަތްތަކަކީ މާތްﷲ ހައްދަވާފައިވާ ހުރިހާ ތަކެއްޗަކަށް މިފޮތުގައި އެކަލާނގެ ދައްކަވާފައިވާ މުޢުޖިޒާތެކެވެ. އެއީ ޢަރަބިންނަށާއި ޢަރަބިން ނޫން މީހުނަށެވެ. އެހެންކަމުން މިފޮތުން މުޚާޠަބު ކުރެވެނީ މުޅި އިންސާނީ މުޖްތަމަޢަށެވެ. ﷲއަށް އީމާންވުމަށް ގޮވާލާ އެކަލާނގެ އިސްލާމްވުމަށް އެދޭ، އެކަލާނގެއީ އުޑުތަކާއި ބިންތައް އަދި ހުރިހާ ތަކެއްޗެއް ހެއްދެވި ކަލާނގެކަން އެނގޭ ހެކިތަކެކެވެ. އެކަލާނގެ ބާވާލެއްވި މިފޮތަކީ އޭގައި އިންސާނަކު ގެނެސްފައިވާ އެންމެ އަކުރެއްވެސް ނުހިމެނޭ، މުޅިންވެސް ﷲގެ ބަސްފުޅުތައް ހިމެނޭ ފޮތެކެވެ.



ހުރިހާ މީސްތަކުންނަށް މި މުޢުޖިޒާތްތައް ފާޅުވާން ޖެހޭނެއެވެ. ޢަރަބިންނަށާއި ޢަޖަމީންނަށެވެ. އެ އާޔަތްތަކުގައި ބުނާ އެއްޗެއް ބަޔާންކޮށްދީ ޝަރަޙަކޮށްދީގެނެވެ. ނުވަތަ ކީރިތި ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކޮށްދޭ، ކީރިތި ޤުރްއާނުގައިވާ އާޔަތްތައް ހާމަކޮށް ދީގެންނެވެ. މިގޮތުން ޤުރްއާނަކީ މުޢުޖިޒާތެއްކަން މުސްލިމުންނަށާއި މުސްލިމު ނޫން މީސްތަކުންނަށް އިތުރަށް ހާމަކޮށްދެވިދާނެއެވެ. ސަބަބަކީ ކީރިތި ޤުރްއާނުގައި މުޚާޠަބުކޮށްފައިވަނީ މުޅި އިންސާނިއްޔަތަށެވެ. އެއީ ހުރިހާ ޒަމާނެއްގެ ހުރިހާ ތަނެއްގެ މީސްތަކުންނަށެވެ. ކުރިންވެސް އަހަރެމެންނަށް އެނގިފައިވާނޭ ފަދައިން ކީރިތި ޤުރްއާނުގައިވާ ޢިލްމީ ސިއްރުތައް ކޮންމެ ޒަމާނެއްގައިވެސް ފާޅުވެ ހާމަވަމުންދަނީ އެޒަމާނެއްގެ ޢިލްމުވެރިންނަށް ލިބޭ ޢިލްމު ކުރިއަރާ މިންވަރަކުންނެވެ. އެހެންކަމުން މުސްލިމުންނަށް ކީރިތި ޤުރްއާނުން ވިސްނޭ ބަޔަށް ޢިލްމީ ހޯދުންތަކުގެ ސަބަބުން އާ ބައެއް އިތުރުކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން، ޢިލްމީ ހޯދުންތަކުގެ އަލީގައި އެމީހުންނަށް އެނގޭވަރު އިތުރުވެގެންދެއެވެ.



މި ސިލްސިލާގައި މި ގެނެސްދެނީ ވަރަށްގިނަ ދާއިރާ ތަކެއްގައި ކީރިތި ޤުރްއާނުގައި ބާވާލައްވާފައިވާ އާޔަތްތަކެއްގައިވާ ޢިލްމީ ޙަޤީޤަތްތަކެއް އޭގެ އެތައް ޒަމާނެއްގެ ފަހުން ޢިލްމީގޮތުން އެކަން ސާބިތުކޮށްދީފައިވާ ކަމެވެ.

ޙަޤީޤަތުގައި މިގޮތަށް ކީރިތި ޤުރްއާނުގެ މުޢުޒިޒާތްތައް ފާޅުވުން ދެމިގެންދާ ދިޔުމަކީ އިސްލާމީ ރިސާލަތު އާވެގެންދާ އާވުމެއްފަދަ ކަމެކެވެ. އަދި އަހަރެމެންގެ ރަސޫލާ محمد صلى الله عليه وسلم އަހަރެމެންގެ ތެރޭގައި ހުރިހާ ޒަމާނެއްގައިވެސް ހުންނަވައިގެން މި މާތް ދީނަށް ގޮވާލެއްވުން ފަދަކަމެކެވެ.


ދުނިޔޭގެ ހަތަރު ބިތުގައިވާ އެންމެހާ މުސްލިމުން ނަމާދުކުރުމުގައި މައްކާގައިވާ بيت الله الحرام ނުވަތަ ގެފުޅަށް ކުރިމަތިލައެވެ. އެއީ ދުނިޔޭގެ އުތުރާއި ދެކުނު އަދި އިރާއި ހުޅަގުގައިވާ އެންމެން ދުވާލަކު މަދުވެގެން ފަސްފަހަރު ކުރާ ނަމާދުގައި ކުރިމަތިލާ ފަރާތެވެ. އަދި އެމީހަކަށް ޙައްޖަށް ނުވަތަ ޢުމްރާއަށް ދިޔުމަށް މާތްﷲ ތަނަވަސް ކުރައްވާ މަގުދައްކަވައިފި ކޮންމެ މީހަކަށް އެ ގެފުޅުގެ ވަށައިގެން ކުރެވޭ ޠަވާފުގެ އަޅުކަން ފެންނާނެއެވެ. މިފަދަ ތަނެއް ވަށައިގެން ޠަވާފުކޮށް މިފަދައިން އެއްދިމާއަކަށް ކުރިމަތިލައިގެން އަޅުކަންކުރާ ހަމައެކަނި ދީނަކީ އިސްލާމްދީން ކަމުގައި ވެދާނެއެވެ. މިފަދައިން ޠަވާފުކުރުމުގެ ޙިކްމަތަކީ ކޮބައިކަން ދޭހަކޮށްދޭ ޢިލްމީ ހެއްކެއްވޭތޯ ބަލާލަމާ ހިނގާށެވެ. ފަހެ، މިކައުނުގައިވާ ހުރިހާ އެއްޗެއްވެސް ޠަވާފުކުރެއެވެ. ކުދިކުދި ޒައްރާ ނުވަތަ އެޓޮމުން ފެށިގެން ބޮޑެތި ގެލެކްސީތަށްވެސް ޠަވާފުކުރެއެވެ.

މާތްﷲ މާތްވެގެންވާ މައްކާއަށްގޮސް ޙައްޖާއި ޢުމްރާވުން ފަރްޟުކުރެއްވީ އެތަނުގައި އެކަލާނގެ ލައްވަވާފައިވާ ކަރާމާތެއްގެ ސަބަބުންނެވެ. އެކަރާމާތްތަކުގެ ތެރޭގައި އެތަނަކީ މިބިންމަތީގައިވާ މާތްﷲއަށް އަޅުކަން ކުރެވުނު އެންމެ ފުރަތަމަ ތަން ކަމުގައި ލެއްވުން ހިމެނެއެވެ. މުސްލިމުން ޙައްޖާއި ޢުމްރާގައިވެސް މާތްވެގެންވާ ގެފުޅު ވަށައިގެން ޠަވާފުގެ 7 ބުރު ޖަހަން ޖެހެއެވެ. ހަޖަރުލް އަސްވަދާ ދިމާއިން ފަށައިގެންގޮސް ބުރުޖަހާ ހަޖަރުލް އަސްވަދާ ދިމާއަށް ބުރެއް ނިންމާ ގޮތަށެވެ. މި ޠަވާފު ކުރަން ޖެހޭނީ ގަޑީގެކަށި އެނބުރޭ މިޞްރާބާ އިދިކޮޅަށެވެ. އެއީ މިކައުނުގައިވާ އެންމެކުޑަ ޒައްރާއިން ފެށިގެން އެންމެބޮޑެތި އެއްޗެއްސާ ހަމަޔަށްވެސް އެނބުރޭ ނުވަތަ ޠަވާފުކުރާ މިޞްރާބެވެ. ފަހެ ޒައްރާ ނުވަތަ އެޓޮމްގައިވާ އިލެކްޓްރޯންތައް އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރެނީވެސް އަދި މި އިލެކްޓްރޯންތައް އޭގެ އޯބިޓްގައި ޒައްރާގެ ނިއުކުލިއަސް ވަށައިގެން އެނބުރެނީވެސް ގަޑީގެ ކަށި ހިނގާގޮތާ އިދިކޮޅަށެވެ. ތަފާތު ދިޔާ އެއްޗެހީގެ އެޓޮމްތައް ރާޅުބާނީގެ ގޮތުގައި ދަތުރުކުރަނީވެސް މި މިޞްރާބަށެވެ. ދިރޭ ތަކެތީގެ ސެލްތަކުގައިވާ ދިޔާ ބައިވެސް ވަށްބުރަކަށް ޙަރަކާތް ކުރެއެވެ. ސެލްގައިވާ ބްރޮޓޯ ޕްލާޒަމްވެސް ވަށް ބުރަކަށް ޙަރަކާތްކުރަނީ މި މިޞްރާބަށެވެ. އިރު ވަށައިގެން ދުނިޔެ ދަތުރުކުރުމާއި ދުނިޔެވަށައިގެން ހަނދު ދައުރުކުރަނީވެސް މި މިޞްރާބަށެވެ. މި ސޯލާސިސްޓަމް މީގެ ގެލެކްސީގެ މެދު ވަށައިގެން ދައުރު ކުރަނީވެސް މި މިޞްރާބަށެވެ. އަދި މިގެލެކްސީ ހުރިހާ ގެލެކްސީތަކެއް ޖަމާކުރާ ތަނުގެ މެދު ވަށައިގެން ދައުރުކުރުމާއި އަދި މިހުރިހާ ތަނެއް ޖަމާވާތަން މިކައުނުގެ މަރުކަޒު ވަށައިގެން ދައުރުކުރުމާއި މިހުރިހާ ޙަރަކާތެއްވެސް ހިނގަނީ މާތްވެގެންވާ ކަޢުބާގެ ވަށައިގެން މުސްލިމުން ޠަވާފުކުރާ މިޞްރާބަށެވެ.

ޢަޖާއިބުކުރުވަނިވި އަނެއްކަމަކީ ދިރޭ ހުރިހާ އެއްޗެއްގެ ހަށިގަނޑުގައި އެކުލެވިގެންވާ ޕްރޮޓީންއަކީ ވަރަށް އުނދަގޫ ގޮތަކަށް އެމައިނޯ އެސިޑުން އުފެދިފައިވާ ބައިތަކަކަށް ވެފައި، އެ ބައިތައް އެކުލެވިގެންވަނީ 5 އެލިމެންޓަކުންނެވެ. އެއީ ކާބަން، ހައިޑްރިޖަން، ނައިޓްރިޖަން، އޮކްސިޖަން އަދި ސަލްފަރ އެވެ. މި އެލިމެންޓްތައް ކާބަންގެ ވަށައިގެން އެތުރިފައި ހުންނަނީ ކަނާތަށް ނުވަތަ ވާތަށެވެ. ޢިލްމުވެރިންނަށް ހޯދުނުގޮތުގައި ދިރުންހުރި ހުރިހާ އެއްޗެއްގެ ހަށިގަޑުގައިވެސް މިއެލިމެންޓްތައް ތަރުތީބު ކުރެވިފައި ހުންނަނީ ވާތަށެވެ. އާދެ، ގެފުޅު ވަށައިގެން ޠަވާފުކުރާ މިޞްރާބަށެވެ. ގަޑީގެކަށި އެނބުރޭ މިޞްރާބާ އިދިކޮޅަށެވެ. ދިރޭ އެއްޗެއް މަރުވެއްޖެނަމަ މި އެމައިނޯ އެސިޑްގެ އެޓޮމްތައް އަލުން ވަކިވަރަކަށް ކަނާތަށް ތަރުތީބު ބަދަލުވާ ކަމީ ޢަޖާއިބު ކުރުވަނިވި ކަމެވެ. މިކަމުގެ ސަބަބުން ޢިލްމުވެރިންނަށް އެ އެއްޗެއް މަރުވީ ކޮންވަގުތެއްގައި ކަން ހޯދެއެވެ. ފަހެ މިކައުނުގައިވާ އެންމެކުޑަ، އެތިން ފެށިގެން އެންމެބޮޑު އެއްޗާ ހަމައަށްވެސް ދައުރުކުރަނީ ގަޑީކަށި ހިނގާ މިޞްރާބާ އިދިކޮޅަށެވެ. އަދި އެއީ ގެފުޅުގެ ވަށައިގެން ޠަވާފުކުރާ މިޞްރާބެވެ. އެހެންކަމުން އަހަރެމެންނަށް އެނގެނީ ގެފުޅު ވަށައިގެން ޠަވާފުކުރުމަކީ މާތްﷲ މިކައުނުގެ އެހެން ތަކެތީގައިވެސް ލައްވާފައިވާ ފަދަ ފިޠްރީ ސުންނަތެއް ކަމެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން މުއުމިނުން މި އިލާހީ ސުންނަތަށް ތަބާވެ އެގޮތަށް ޠަވާފުކުރުމަށް އެކަލާނގެ އިދާރަކުރައްވާފައި ވުމެވެ. މިކައުނުގައިވާ އެހެން ތަކެތިވެސް ޙަރަކާތްކުރާ ފަދައިން ޙަރަކާތް ކުރުމަކީ ކުޅަދާނެވެއްޖެ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ނަމަވެސް ވާޖިބު އަޅުކަމެއް ކަމުގައި ލައްވާފައި ވާކަމެވެ.


މިއީ މިކައުނާއި ކައުނުގައިވާ ހުރިހާ ތަކެއްޗާއި އަދި އިންސާނުންވެސް އެގޮތެއްގައި ލައްވާފައިވާ މާތްﷲގެ ސުންނަތެވެ. ފަހެ ކޮންމެ އެޓޮމެއްގައިވެސް އިލެކްޓްރޯންތައް ދައުރުކުރަނީ އެއް ނިއުކުލިއަސްއެއް ވަށައިގެންނެވެ. ހަމަ އެގޮތަށް ހުރިހާ އިންސާނުންވެސް ޠަވާފުކުރަނީ އެއްގެފުޅެއް ވަށައިގެނެވެ. މިދެތަނުގައިވެސް ހުރިހާ އެއްޗެއް ދައުރުކުރަނީ ހަމައެކަނި އެކައްޗެއް ވަށައިގެނެވެ. މިކަމުގައިވެސް ސިއްރުތަކެއް ވާނެކަން ކަށަވަރެވެ.

އަހަރެމެންނަށް އެނގިފައިވާ ގޮތުގައި މިކައުނުގައިވާ ކޮންމެކުޑަ އެއްޗެއްވެސް ދައުރުކުރަނީ އެއަށްވުރެ ބޮޑުއެއްޗެއް ވަށައިގެނެވެ. ފަހެ އިލެކްޓްރޯން ދައުރުކުރަނީ ނިއުކުލިއަސް ވަށައިގެނެވެ. އިލެކްޓްރޯނަށްވުރެ ނިއުކުލިއަސް ބޮޑުވާނެއެވެ. އިރުވަށައިގެން ބިން ދައުރުކުރާއިރު އިރު ބިމަށްވުރެ ބޮޑެވެ. އަދި މިސޯލާސިސްޓަމް މިގެލެކްސީގެ މެދު ވަށައިގެން ދައުރުކުރާއިރު ސޯލާ ސިސްޓަމަށްވުރެ ގެލެކްސީ އެތައް މިލިޔަން ގުނައެއް ބޮޑެވެ. އަދި މިގެލެކްސީ، ހުރިހާ ގެލެކްސީއެއް ޖަމާކުރާ ބައިގެ މެދު ވަށައިގެން ދައުރުކުރާއިރު އެބައި މިގެލެކްސީއަށްވުރެ އެތައް މިލިޔަން ގުނައެއް ބޮޑެވެ. މިހުރިހާ އެއްޗެއްވެސް ދައުރުކުރާނީ އެކައްޗެއް ވަށައިގެނެވެ. މިއިންވެސް ދޭހަކޮށްދެނީ ﷲގެ އެއްކައުވަންތަކަމާއި ހުރިހާ އެއްޗެއް އެކަލާނގެއަށް އަޅުކަންކުރަން ޖެހޭކަމެވެ. ހަމަމިއާއެކު ފާހަގަކުރެވޭ އަނެއްކަމަކީ މިކައުނުގައިވާ ކޮންމެ އެއްޗެއްގެވެސް ޖޯޑެއް ވާކަމެވެ. ޕްލަސްއާއި މައިނަސް، ފާޅުވާ އެއްޗެއްސާއި ފާޅުނުވާ އެއްޗެހި، އަންހެން އެއްޗެއްސާއި ފިރިހެން އެއްޗެއްސެވެ. ނަމަވެސް މިކަނުގައިވާ ވަޙްދާނިއްޔަތު ދައްކުވާދެނީ މިކައުނުގައިވާ ހަމައެކަނި އިލާހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމެވެ. އަދި އެކަލާނގެ ފިޔަވާ އެއްވެސް އިލާހަކު ނުވާކަމާއި އިލާހުވަންތަ ކަމުގެ ސިފައަކީ އެކަލާނގެއަށް ޚާއްޞަ ސިފައެއްކަމެވެ. لاإله إلاالله محمد رسول الله



މީގެ މާނައަކީ މީހުންނާ، ޒައްރާތަކާ، އިލެކްޓްރޯންތަކާއި މިހުރިހާ ތަކެއްޗެއްވެސް އެކައްޗެއް ވަށައިގެން އެނބުރޭކަމެވެ. އަދި އެތަށް މިލިޔަން ގެލެކްސީއެއް ދައުރުކުރަނީ މާތްﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭގޭ އެއްޗެއް ވަށައިގެންނެވެ.
 

އިދާރާ

ވާހަކަ