އަދުގެ ޚާއްސަ

Print

ބެންޖަމިން ފްރޭންކްލިން

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެނގޭތަ


ޝަމްސުލް ފަލާޙް


ބެންޖަމިން ފްރޭންކްލިން އަކީ، އެތައް ހުނަރެއްގެވެރިއެކެވެ. ބެންޖަމިންއަކީ، މަޝްހޫރު ސައިންޓިސްޓެކެވެ. ދެވަނައެއްނުވާ ފަލްސަފާވެރިއެކެވެ. ކުޅަދާނަ ޑިޕްލޮމެޓެކެވެ. އިންސާނުންގެ ދިރިއުޅުން ފަސޭހަކުރުމަށްޓަކައި އީޖާދުކުރުންތައް އީޖާދުކުރުމަށްޓަކައި، ބެންޖަމިންވަނީ، ސައިންޓިފިކް އެތައް ތަޙްލީލުތަކެއް ކޮށް، އެތައް އީޖާދުތަކެއް ކޮށްފައެވެ.
މިގޮތުން، 1752 ގައި، މަޑި (އޮނު ނުވަތަ އިލޮށިން މައިގަނޑެއް ހަދައި އޭގައި ކަރުދާސް ތަތްކޮށް، ވަޔަށް އެއްލުމަށް ހަދާ އެއްޗެއް.) އެއް ބޭނުންކޮއްގެން ކުރި ތަޙްލީލެއްގައި، އުޑުމަތީގައިވާ ވިލާއިން ކަރަންޓް އުފައްދާކަން ބެންޖަމިން ހޯދިއެވެ.
ބެންޖަމިންވަނީ، ލައިޓްނިންގ ކޮންޑަކްޓަރ (ހޮނުދަގަނޑު) އީޖާދުކޮށްފައެވެ. މީގެ ސަބަބުން، އިމާރާތްތަކަށް ހޮނުއެޅިނަމަވެސް، އެ އަޅާ ހޮނު، ބިމަށް ބާލާފައިވާ ދަގަނޑެއް މެދުވެރިކޮށް (އާރތްކޮށްގެން) ބިމަށް ބާލައިދެއެވެ. އަދި، ކޮޓަރިފަދަ ތަންތަން ހޫނުކުރުމަށްޓަކައި އީޖާދުކުރި، "ސްޓޯވް ހީޓަރ" އަކީވެސް، ބެންޖަމިންގެ އުފެއްދުންތަކުގެ ތެރޭން ފާހަގަކޮއްލެވޭ އުފެއްދުމެކެވެ. އަދި "ބައި-ފޯކަލް ލެންސް" އުފެއްދުމުގައި ބެންޖަމިންވަނީ އިސް ރޯލެއް އަދާކޮއްފައެވެ.

ބެންޖަމިން ފްރޭންކްލިންގ އުފަންވެފައިވަނީ، އެމެރިކާގެ ބޮސްޓަންގައި 17 ޖެނުއަރީ 1706 ގައި ވިޔަވާރިވެރި ޢާއިލާއަކަށެވެ. ޙަޔާތުގެ ކުރީކޮޅު ބެންޖަމިން ބެލެވިފައިވަނީ، ރަނގަޅު ލިޔުންތެރިއެއްކަމަށާއި ފަލްސަފާވެރިއެއްކަމަށެވެ. ބުނެވޭގޮތުގައި އޭނާއަކީ އަމިއްލައަށް ކިޔެވި މީހެކެވެ. ޒުވާނެއްގެ ގޮތުގައި އޭނާވަނީ، އަމިއްލަ ނޫހެއްކަމަށްވާ "ޕެންސިލްވޭނިއާ ގެޒެޓް" ކިޔާ ނޫހެއް ނެރެފައެވެ. މިނޫސްވެފައިވަނީ، އެދުވަސްވަރު ޕެންސިލްވޭނިއާ ސްޓޭޓްގެ ސިޔާސީ މަޞްރަޙްގައި ނުފޫޒުގަދަ ނޫހެއްކަމުގައެވެ. އެމެރިކާގެ ޤާނޫނު އަސާސީ ޑްރާފްޓްކުރުމުގެ މަސައްކަތުގައިވެސް، ބެންޖަމިންވަނީ ބައިވެރިވެފައެވެ. އަދި ރޯޔަލް ސޮސައިޓީގެ މެންބަރެއްގެ ގޮތުގައިވެސް ބެންޖަމިންވަނީ އިންތިޚާބުކުރެވިފައެވެ.

ބެންޖަމިން ފްރޭންކްލިންގެ ޑިޕްލޮމެޓިކް މަސައްކަތްތަކަކީވެސް ފާހަގަކޮއްލެވޭ މަސައްކަތްތަކެކެވެ. މިގޮތުން ބަލާއިރު، އެމެރިކާގެ ސަރުކާރުންވަނީ، އިނގިރޭސިވިލާތަށާއި ފަރަންސޭސި ވިލާތަށްވެސް ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ބެންޖަމިން ފޮނުވާފައެވެ. ބެންޖަމިން ފްރޭންކްލިން ނިޔާވެފައިވަނީ، 17 އޭޕްރީލް 1790 ގައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ