އަދުގެ ޚާއްސަ

Print

''ސިންގާ ވަދެއުޅޭ ޖަންގަލި''

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ވާހަކަ


ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން

{ފާރިސްކަރައިގެ ރަސްކަލުންކުރެ މާތްވެގެންވާ ތޫނުފިލި ރަސްކަލަކު އެއް ދުވަހަކު ބާލުޚާނާއެއްގައި ހުންނަވައިފައި، ބައްލަވައިލެއްވި ގޮތަކުން ފެނިވަޑަައިގަތް ޕަރީޒާދެއް ފަދަ އަންހެނަކުގެ ރީތިކަންމައްޗަށް އެ ރަސްގެފާނުންގެ ފުރާނަފުޅަށް ދިޔައީ ގުޑުން އަަރަައިގެންނެވެ.

އަރިހުގައި ހުންނެވި ޚަައްދާމަކަށް ވިދާޅުވިޔޭ.


އެހެރަ ފެންނަ ގެޔަކީ، ކާކުގެ ގެޔެއް ހެއްޔެވެ؟ އެގޭގެ ފެންޑާޔެއް މަތީގައި، ފިނިކުރާން ނުކުމެ ސިހުމަކާނުލައި މުޅި މި ދޭހަށް އަލިއަރުވައިގެން އެހުރީ ކޮންފަދަ ޕަރީޒާދެއް ހެއްޔެވެ؟ }

ސިންގާ ވަދެއުޅޭ އަސަރުތައް ފެންނަަންޏަކާ، އެ ވަލަކު އެތެރެޔަކަށް އެހެން ޖަނަވާރުތައް ވަދެއެއް ނޫޅޭނެއެވެ.

ޙުސައިން ޞަލާޙުއްދީން


ފާރިސްކަރައިގެ ރަސްކަލުންކުރެ މާތްވެގެންވާ ތޫނުފިލި ރަސްކަލަކު އެއް ދުވަހަކު ބާލުޚާނާއެއްގައި ހުންނަވައިފައި، ބައްލަވައިލެއްވި ގޮތަކުން ފެނިވަޑަައިގަތް ޕަރީޒާދެއް ފަދަ އަންހެނަކުގެ ރީތިކަންމައްޗަށް އެ ރަސްގެފާނުންގެ ފުރާނަފުޅަށް ދިޔައީ ގުޑުން އަަރަައިގެންނެވެ. އަރިހުގައި ހުންނެވި ޚަައްދާމަކަށް ވިދާޅުވިޔޭ.

އެހެރަ ފެންނަ ގެޔަކީ، ކާކުގެ ގެޔެއް ހެއްޔެވެ؟ އެގޭގެ ފެންޑާޔެއް މަތީގައި، ފިނިކުރާން ނުކުމެ ސިހުމަކާނުލައި މުޅި މި ދޭހަށް އަލިއަރުވައިގެން އެހުރީ ކޮންފަދަ ޕަރީޒާދެއް ހެއްޔެވެ؟

ޚައްދާމު ދެންނެވިޔޭ. އެއީ މަނިކުފާނުންގެ ވަޒީރުންކުރެ ފީރޯޒުގެ ގަނޑުވަރެވެ. އެމީހަކީ، އޭނާގެ އަނބި ކަނބަލުންނެވެ.
ރަސްގެފާނު: އާނދޮގޭޔޭ. ވިދާޅުވެފައި ބާލުޚާނާ އިން ފައިބައި ވަޑައިގެން ފީރޯޒު ބަލައި ފޮނުއްވައި ގެންނަވައިފައި ވަރަށް ބޮޑު ލަޝްކަރެއްގެ މައްޗަށް ވެރިކުރައްވައިފައި އެވަގުތަށް އެރަސްގެފާނަށް ނުކިޔަމަންތެރި ވެގެން އުޅޭ ބޮޑު ރަށެއް ފަތަޙަ ކުރައްވާން ފޮނުއްވައިފި އެވެ.

ފީރޯޒު ލަޝްކަރާއިގެން ނިކުތްރެއި ރަސްގެފާނު ފީރޯޒުގެ ގެޔަށް ވަޑައިގެން އިރު އޮއްސި އަނދިރިވުމާއި އެކުގައި ދޮރުގައި ޓަކި ދެއްވައިފިއެވެ. ފީރޯޒުގެ އަނބިކަމަނާއީ، ވިސްނުން ގަދަ ތަންދޮރު ދަންނަ މީހަކު ކަމުން ރަސްގެފާނު ޓަކި ދެއްވާ ގޮތްވެސް ދަނެއެވެ. ރަސްގެފާނު މިނޫނަސް އެގެޔަށް ވަޑައިވެސް ގަނެއެވެ.

މި ކަމަނާ އަވަހަށް އައިސް ދޮރު ހުޅުވައިލައިފައި މަސާރީއަކާއި ނިވައިވެ ހުއްޓައި ރަސްގެފާނު ވެދެވަޑައިގެންފިއެވެ.
މި ކަމަނާ: އަނެއްކާ ޚަބަރަކީ ކޮބައިތޯ؟ އަޅުގަނޑުގެ ފިރިކަލުންނަށް ވީކީއްތޯ.
ރަސްގެފާނު ވަޑައިގެން ވަޒީރުގެ ދާންމަތީގައި އިށީނދެވަޑައިގެންފައި: ޚަބަރު ރަނގަޅޭ އޭނާއަކަށް ކަމެއް ނުވެޔޭ. އިރާދަ ކުރެއްވިޔާ ނަޞްރު ލިބިގެން އަންނާނެއެވެ.

މި ކަމަނާ: މަނިކުފާނުންގެ މާތްވެގެންވާ އަލިކަމުން މި ގޭތެރެ އަލިކުރައްވައި އަޅުގަނޑަށް، މިހައި ޢިއްޒަތެއް ދެއްވުމުގެ ސަބަބަކީ، ކޮބައިތޯ ދަންނަވާން ހިތަށް އަރަޔޭ. ޢަފޫ ކުރެއްވުމާއެކު އެންގެވުމުގެ އުފާވެރިކަން ދެއްވާނޭކަމަށް ހީކުރަމެވެ.
ރަސްގެފާނު: އެއީ ހަމަ ހާލު ބަލައިލަން އާދެވުނީއެވެ. ލޮލަށް ފެނުނު ފެނުމަކުން ޖާނަށް ކުޅަ އަސަރަކާހުރެ އިޚްތިޔާރަކާނުލައި އެޅުނު ފިޔަވަޅުތަކެކެވެ. އެއްވެސް އަގެއް ނެތި ގެއްލޭނީ ބާވަޔޭ ހީވެއެވެ.

މިކަމަނާ: ސުބްޙާނަﷲ ޔޭ. މަނިކުފާނުންގެ އެންމެ ފިޔަވަޅުފުޅެެއްގެ އަގު މުޅި މި ގެޔާއި މިގޭގައި ހުރި ތަކެތީގައި ނުވެ އެވެ. އަދި މިހުރިހައި ތަކެއްޗަކީ، އަޅުގަނޑުގެ ޖާނާއެކު މަނިކުފާނުގެ މިލްކު ނޫންތޯއެވެ؟

މިހެން ދެންނެވުމާއެކު، ވަރަށް ފަރި ގޮތަކަށް ހިނގާފައި އައިސް، ރަސްގެފާނު އަރިހުގައި ވަރަށް ރީތި ރަންގިރިޓީ ކޮށްފައި އޮތް ފޮތެއް ބާއްވާފައި ދަންނަވައިފިއެވެ. ނިކަމެތި އަޅުގަނޑަށް، މި ހުރެވުނީ މަނިކުފާނުންގެ އަރިހުގައި އިށީނދެ މަނިކުފާނުންގެ މާތް ހިތްޕުޅަށް އުފާފުޅެއް ލިބިވަޑައިގަންނަވާނޭ ގޮތެއް ދެއްކޭނޭ ފަދަ ސިފަޔެއްގައެއް ނޫނެވެ. ބައިގަޑިޔެއްހާ އިރުން އަޅުގަނޑުގެ ކަންތައް ޞުލްޙަ ކޮށްލައި ނަލަވެލައިގެން އަންނާންދެން، ފޫހިފުޅު ފިލުވައިލެއްވުމަށް، މި ފޮތް ބައްލަވައި ލައްވާށެވެ.
މިހެން ދަންނަވާފައި ބައްތިތައް ބޮޑުކޮށްލަައިފައި. ހިނގާފައި ދިޔަގޮތުން ރަސްގެފާނަށް ހީފުޅުވީ، އުދުހިވަޑައިގެންނެވިއްޖެ ހެންނެވެ. އަވަހަށް މި ފޮތް ނަންގަވައިފައި ބައްލަވައި ލެއްވި އިރު ފުރަތަމަޔަށް ފެނިވަޑައިގަތީ.........(އުރުދޫ ޅެންބައިތެކެވެ)

މި ބައިތުގެ މައްޗަށް ޝަރަޙައެއްގެ ގޮތުން ވަރަށް ގިނަ ވާހަކަތައް އެފޮތުގައި ހުއްޓެވެ. މި ވާހަކަތަކުގެ ތެރޭގައި، وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً މި އާޔަތްވެސް އޮތެވެ.

މިބައިތުގެ ތަރުޖަމާއީ، މުދަލުން ހަމަޔަށް ޒަކާތް ދިނުން މަނަޢަވެއްޖެއްޔާ، އެތަނަކަށް ވާރެއިވެހުން މަދުވާނެއެވެ. ޒިނޭގެ ކަންތައް ހިނގާން ފަށައިފިއްޔާ، އެތަންމިތާނގައި ވަބާގެ ބަލިތައް ފެށިދާނެއެވެ. މިއެވެ.

ރަސްގެފާނު މި ފޮތް ބައްލަވައިލައްވާފައި، ވަރަށް ލަދުފުޅުގަތުމާއިއެކު، މާތް ރަސްކަލާނގެ ކިބަޔަށް، ތެދުނިޔަތުން ތައުބާވެ ވަޑައިގެން އަވަސް އަވަހަށް ނުކުމެވަޑައިގެންފި އެވެ.

ގަތް ލަދުފުޅާއި، ހިތްޕުޅަށް ކުޅަ އަސަރުބޮޑުކަމުން ރަސްގެފާނުން ގެންގުޅުއްވި ކުޑަ ބޮންތިކޮޅެއް އިންެނެވި މަސަންދުގެ ދެބާލީސްކޮޅު ދޭތެރޭގައިވެ ހަނދުމަފުޅު ނެތި ހިނގައްޖެއެވެ.

މި ކަމަނާ އެއަށް ފަހު، އެ މަސަންދަކާއި ގާތެއް ނުވެއެވެ. މިކަން މިހެން ހިނގާފައިވާތާ އަހަރެއްހައި ދުވަހުން ފީރޯޒު އެދުރުވި ހަނގުރާމައަކުން، ނަޞްރު ލިބި އެރަށް ފަތަޙަ ކުރައްވައިގެން ވަރަށް އުފާވެރި ކަމާއެކު ރަށަށް ދުރުވެ ރަސްގެފާނުންގެ ފައިވާންފުޅުދެކެ، ހަވާލުވެގެން ނުކުންނެވި ކަންތައް ރަނގަޅަށް ފުދުނުކަމުގެ އިނާމާއި ތަޝްރީފު ލިބިގެން ގެޔަށް ދުރުވެއްޖެއެވެ.

ގެޔަށް ދުރުވެ އޭނާގެ މަސަންދުގައި ހަމަ އިށީންނަވާފައި ދެކެލެއްވީ ރަސްފާނުންގެ ބޮންތި ކޮޅެވެ. މީނާ އަނބިކަމަނާއަށް ގޮވައިލައިފައި އައުމުން ބުނުއްވައިފިޔޭ. ކަމަނާ އިހަށް ދުވަސްކޮޅަކަށް ކަމަނާގެ ބައްޕާގެ ގަނޑުވަރަށް ވަޑައިގަންނަވާންވީ އެވެ. މިހިރީ ހަނގުރާމައިން ލިބުނު ތަކެއްޗާއި، ހަނގުރާމައިގައި ނަޞްރު ލިބި ފަތަޙަވުމުން ރަސްގެފާނުންގެ ފަރާތްޕުޅުން ލިބުނުތަކެތީގެ ހިސާބެވެ.

މި ހުރިހައި ތަކެތި މިހުރީ ކަމަނާއަށާއި، ކަމާނާގެ ބައްޕައަށާ މަންމައަށާއި، ކޮއްކޯމެންނަށާއި، މި އެއްމެންނަށް އަޅުގަނޑުގެ ކިބައިންހުރި މި ދަތުރުގެ ހަދިޔާ ވެދުމެވެ. މި ތަކެތި، ގަބޫލުކުރެއްވުން އެދެމެވެ. ދެން މި ކަމަނާ މި ކަމަނާގެ ބައްޕާގެ ގަނޑުވަރަށް، ވަޑައިގެންފިއެވެ. ވަޑައިގަތުމާއިއެކު، މި ކަމަނާގެ ހުރިހައި އެއްޗެތިކޮޅަކާއި، އެތައްގިނަ މުދައުތައް މި ގަނޑުވަރަށް އަތުވެއްޖެއެވެ.

އަށެއްކަ ދުވަހުގެ ތެރޭގައި މިކަމަނާ އެ ފިރިކަލުން ބަލައި ފޮނުއްވައި އުޅުއްވި އެވެ. ފިިރިކަލުން މި ދާ މީހަކު ގާތުގައި އާނ. ހޫނ. މި ކަހަލަ ބަހެއް ބުނުއްވައިފައިމެ ނުދުރުވިއެވެ.

ރަސްގެފާނުންގެ އާއިލާގެ ކަންތައް ހުންނަމަގަކީ، ކޮންމެ ހޯމަ ދުވަހަކު ރަސްގެފާނުންގެ ޚާއްޞަ ދަރުބާރަށް ހުރިހައި ފަނޑިޔާރުން ޙާޟިރުވާނެތެވެ. ދައުލަތުގެ މާތް ބޭފުޅުންނާއި، އަމީރުން، ވަޒީރުންގެ މައްޗަށް ހުރިނަމަ ހުރި ދަޢުވާއެއް އުފުލި އެދުވަހަކީ، އެ ދަރުބާރުގެ ސަރިޔަތްތައް ހިނގާ ދުވަހެވެ. ދެން މި ކަމަނާ މިހާލުކޮޅުގައި އިންނަވާތާ، އަހަރެއްހައި ދުވަސްވުމަށްފަހު، އެއްދުވަހަކު، ރަސްގެފާނުން މި ނަންގަތް ސަރިޔަތުގެ ދަރުބާރުގައި ވަޑައިގެން އިންނަވަނިކޮށް، އެކަމަނާގެ ބޭބެ ފުންމައިގެން ތެދުވެ، އަދަބު އަދާކޮށްފައި ދަންނަވައިފި އެވެ.

އަޅުގަނޑުގެ ދަޢުވާޔެއް މި އިންނެވި ފީރޯޒުގެ މައްޗަށް އޮވެއްޖެ އެވެ. އެދަޢުވާޔަކީ...
އެކަލޭގެފާނުން އަޅުގަނޑުގެ ވަރަށް ރަނގަޅު ބަގީޗާއެއް ކިރިއްޔާއަށް ހިއްޕަވައިގެން ދުވަސްކޮޅަކު ގެންގުޅުއްވާފައި، މިހާރު އެބަގީޗާއާ މެދުގައި އެހީތެރިކަން ކުޑަކުރައްވައިފިއެވެ. ބަލަހައްޓާ މީހަކު ނެތެވެ. ހިކި ގޮފި ކޮށައި ފެންދޭ މީހެއް ނެތެވެ. ދުލެއް ނުމެ ކުރަައްވާމެޔޭ. ނުވެއް ބައްލަވާމެޔޭ.

ފީރޯޒު: އެބަގީޗާއަކީ، އަޅުގަނޑު ވަރަށް ބޭނުން ބަގީޗާއެއްކަމުން އަދި ދޫކުރާން ނުކެރި ހުންނަނީޔޭ. އެކަމަކު އެބަގީޗާގެ ތެރެއިން ސިންގާ ވަދެއުޅޭ އަސަރެއް ފެނިފައި ގަތްބިރަކުން، މިވަގުތަށް ވަނީ ތިޔަ ބުނުއްވާފަދައިން ވެފައެވެ.

ރަސްގެފާނު ކުޑަކޮށް ބާލީސްކޮޅަށް ލެނގިވަޑައިގެން އޮންނަވައިފައި، ތެދުވެ ވަޑައިގެން ވިދާޅުވެއްޖެއެވެ. ތިޔަކަން ހިނގިގޮތް އަހުރެން ދެނެހުރީމެވެ. ކަލޭގެފާނުންގެ ތިޔަ ބަގީޗާއަށްވުރެ ރައްކައުތެރިކަންބޮޑު ބަގީޗާއެއް ދުނިޔޭގައިވެސްވާނީ ވަރަށް މަދުންނެވެ. ތިޔަ ބުނާ ސިންގާޔަށް ވެގެން ދިޔަ ގޮތަކުން އެބަގީޗާގެ ތެރެޔަށް އެއްފަހަރަކު ވަންމެޔޭ. އެއަށްފަހަކު ނުވަދެޔޭ. އެތަނުން ދިމާވީ ރައްކައުތެރި ކަމުގެ ގޮތްތައް މޮޅުކަމުން އެސިންގާ މުޅިން ބަގީޗާ ބަގީޗާތަކަށް ވަނުން ވެސް ހުއްޓީޔޭ ބުނާތީ އެހީމެވެ. ކަލޭގެފާނުންގެ ބަގީޗާގައި މާތް ރަސްކަލާގެ ކަލާގެފާނަށް ބަރަކާތް ލައްވާނެތޭ.

މި އަށްފަހު،، ފީރޯޒުގެ އަނބިކަމަނާ ފީރޯޒުގެ ގަނޑުވަރަށް ވަޑައިގެން ކަންތައް ހަމަޖެހިއްޖެއެވެ. ރަނގަޅު އިންސާނުންގެ ތެރޭގައި ކަންތައް ހިނގާގޮތްތަކީ، މިހިރީއެވެ.

-ނިމުނީ-

ނޯޓް: 01 – މި ވާހަކައިގެ އަސްލާ އަޅައިބަލާއިރު، އަސްލު ލިޔުއްވުމުގައި ހިމެނޭ ފާރިސީ ޖުމުލަޔަކާއި، އުރުދޫބަހުން ލިޔުއްވާފައި އޮތް ޅެންބައިތު މި ލިޔުމުގައި ހިމެނިފައެއް ނޯންނާނެއެވެ.

02 – މި ލިޔުމުގައި އޮތް ކީރިތި ޤުރުއާނުގެ އާޔަތަކީ، ސޫރަތުލް އިސްރާގެ 32ވަނަ އާޔަތެވެ. މި އާޔަތުގެ މާނައިގައި ވަނީ، ޒިނޭގެ ހުތުރުކަމާއި ނުބައިކަމާހުރެ އެ ހަޑިހުތުރު ޢަމަލާ ކައިރި ވެސް ނުވުމަށް ކީރިތި ﷲ ގޮވާލެއްވި ގޮވާލެއްވުމެވެ.

03 – މިއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައި އޮތް ކުދި އަށާވީސް ވާހަކަ މި ފޮތުން ނަކަލު ކޮށްފައި އޮތް ވާހަކަ އެކެވެ. ފަހުގެ ތާރީޚެއްގައި ފަސޭހަ ޗާޕު ޚާނާއިން އަލުން ނެރުއްވި މި ފޮތުގެ އާ ޗާޕުގައި، ޗާޕު ކުރެވުނު ތާރީޚެއް، އެފޮތަށް ވާހަކަތައް ގެނެވުނު މަޞްދަރެއް އެނގޭކަށް ނެތެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ