އަދުގެ ޚާއްސަ

Print

ހަރުފައެއް އާދައިގެ މީ ނޫނޭ ބުނަން ޖެހިފައި އޮތީ

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



 އަލްމަރްޙޫމު ޔޫސުފު މުޙަންމަދުފުޅު

ސޫރައެއް މާރީތި ފެނުމުން ލޯ އަމާޒުވެ ދިޔަގޮތީ
      ސޫރަކޮށްލަން ނުކުޅެދޭ ކަމަކަށް ދުލަށް ވެވިފައި އޮތީ

ދުނިޔަވީ ތާކުން އިހަށް ދެކެފައި ނުވާ މަޚުލޫޤަކަށް،
      ގުނި ޢަދަދު   ނުވެވޭނެ ހޭދައެކޭ އެކުރެވުނު ޚިދުމަތީ

ކުޅިވަރެއް ކަމުގައި ހަދައިގެން އަތުޖެހުނުހާ އެއްޗަކުން،
     ތޮޅެ ސަމާސާ   ކޮށްލުމަށް  ވިސްނާނުލާ ފުންމައިގަތީ

ގަދަ ނިދީގައި އެސޮރު އޮވެފައި ހޭލެވުނު އިރު ރީތިކޮށް،
    ޢަދަދު   ނުވެވޭ   ފަދަ ޚަޒާނާ ވިދަ ވިދާ ވީ ކުރިމަތީ

ހަރުފައެއްކަން ނޭނގި ބޯދިން ވަގުތުގައި ހިނިތުންވެލައި،
    ފަރިލޮލެއް    އަޅަމުން ބަލާލީ   ހާދަ ދަހިވެތި ކަންމަތީ

ދިޔަވަގުތު ރޯނާ ފިލައިގެން މޯޅިޔަށް ދެމިލީގޮތުން،
    ހިޔަނި   ތަކެކޭ   ކުލަކުލައިގައި   ފާޅުވީ ނިތްކުރިމަތީ

ގޮތް މުޅިން ނޭނގޭކަމުން ޙުރުމަތުގެ ލޮލަކުން ބެލުމުގާ
    ގެންގުޅެން    ފެށުނީ   ބަގީޗާއާއި    ގޭގެ ތަޅުންމަތީ

ކަރުއެ ފުއްޕާލާ ފަހަރު ބޯހިއްލުމުން ފެނިލީ އެއީ
    ދަރުމައެއްހާ   ރީތި ގޮތެކޭ      ހާދަހާއޭ     ޒީނަތީ  

އޮޅުވުމުން މުޅި ޢާއިލާޔާ ގޭގެ މާޙައުލަށް ނިކަން
    ކުޅި ސަމާ   ދައްކާލިގޮތް   ނުފިލާ ހިތުން އަބަދަށް އޮތީ

ޙައްޖު ޢީދުގެ ކުލަވަރެއް ފެނިގެއްލިގެން ދިޔައޭ ހިތަށް
    ކޮށްޖަހަން ތައްޔާރުވީ ހިނދުގައި      ސަމާލުވެ ކަށިމަތީ

މެންބަރުންނަށް ޢާއިލާގެ ތެރޭ ދެވުނު މިނިވަންކަމުން،
    ކޮންމެ    ހިތަކަށް އޭގެ ގަދަ ވިހަލީ ގޮތުން މިންޖެއްނެތީ

ލިބުނު ''އިންޖެކްޝަނު''ގެ އަސަރުން ނާރުތައް ދެމިލީގޮތުން،
    ދެބުރިކަށިޖެހި     މޫނުކެނޑި ބިކަ ޙާލުގައި  ޖެހުމޭ އޮތީ

ހަރުދަނާ މޮޅު ތަޖުރިބާކާރުން އެކުރި ތަހުލީލަކުން
    ހަރުފައެއް   އާދައިގެމީ    ނޫނޭ ބުނަން ޖެހިފައި   އޮތީ

ބުއްދިވެރިޔަކު އިސްނަގައި ބަލަ ކޮންކަމެއްހޭ މީގޮވާ
    މުށްގަނޑެއް   ތިލަނެތް ހިފައިގެން،   ހަރުފައޭ އެފަހައިގަތީ

ހާލަތާ މުޅި ދިރިއުޅުން ހީނަރުވެގެން ދާގޮތް ބަލަން،
    ހާލު ހާލުން ފެނި   ޒިޔާރަތް   ކުރުމަކަށް  ނިމުމެއް ނެތީ

ފިތުނައޭ ސިފަވީ ނިދާފައި އޮތް އަރާމުގެ ތަންމަތީ
       އަތުގެ ގޯނާއިން ވިޔަސް،   ހޭލެއްވުމުން ނިދުމެއް ނެތީ
---------------------------------------

މި ޅެމާމެދު:

ޅެންވެރިޔާ މި ދައްކަވަނީ ޙަޤީޤަތުގައިވެސް ހަރުފައެއްގެ ވާހަކަ ބާވައެވެ؟ ހަރުފައެއް ހިފައިގެން ގެޔަށް ގެންގޮސް ގޭގައި ގެންގުޅެނިކޮށް ލިބުނު ދެރައެއްގެ ވާހަކަ ބާވައެވެ؟

ނޫނެކެވެ! މި ޅެމުގެ އެެންމެ ފަހު ބައިތަށް ވިސްނަވާށެވެ! މި ޅެމުން ތަސްވީރު ކޮށްދެނީ ފިތުނަ އެވެ. ފިތުނައިގެ ނުބައިކަމެވެ. ޅެންވެރިޔާ ގަސްތު ކުރައްވާގޮތުގައި ފިތުނަ އެއީ ނިދައިފައި އޮންނަ ވިހަ ހަރުފައެއް ފަދަ އެއްޗެކެވެ. އެއާ ކުޅޭ ހޭލައްވައިލައިފިއްޔާ ދެން އެޔަކުން ސަލާމަތެއް ނުވެވޭނެއެވެ.

ކުރެވޭ ކުޑަކުޑަ ކަމަކުންވެސް ހަމަނުޖެހުމެއް އުފެދިއްޖެނަމަ ދެން އެކަން ފޫބައްދަން ނުވަތަ އެކަން ފިލުވައިލަން ކުރާ މަސައްކަތް ގިނަ ފަހަރަށް ވެފައި އޮންނަނީ އެއްވެސް ނަތީޖާއެއް ނުނިކުންނަ ހުސް މަސައްކަތަކަށެވެ. ސަބަބަކީ، ބޭރުފުށަށް އެކަން ހައްލުވިހެން ހީވިޔަސް ހިތުގައި އުފެދުނު އުދާސްތަކާއި ޒަޚުމުތައް ފިލުވައިނުލެވޭތީއެވެ. ނަތީޖާއަކީ ދޭދެތެރެ ދޭތެރޭން އެ ކަން އާލާވުމެވެ. އަލަށް ހިނގާ ބައެއް ހާދިސާތަކާ ގުޅިގެން ހަނދާން އާވުމުގެ ތެރޭންވެސް އެކަން އެހެން ވެދާނެއެވެ. ދޭތެރެ ދޭތެރޭން އެ ނުބައި އުފެދިގަންނާނެއެވެ.

ކޮންމެޔަކަސް އެހެން ކަމުން ފިތުނައެއް އުފެއްދުމަަށްފަހު، އެކަން ނައްތާލަން ކުރެވޭ މަސައްކަތް ޅެންވެރިޔާ އެއްފަދަ ކުރައްވަނީ ޖަންގައްޔަކުން ގެޔަށް ހަރުފައެއް ގެނެސް، އޭގެ ވިހަ އެންމެންނަށް ފޯރުމުން، އެ ހަރުފަ މަރާލަން ބޭނުން ކުރެވޭ ތިލަ ނެތް ވަޅީ މުއްގަނޑަކާއެވެ. އާދެ ތިލަ ނެތް ވަޅީ މުއްގަނޑަކާއި ވަޒަން ނެތް ފިސްތޯލަޔަކާއި އެއްވަރު ނޫންތޯއެވެ.

އޭރު އެކަކު އަނެކަކުދެކެ ރުޅި އައިސް މުޅި މުޖުތަމަޢު އޮންނާނީ ފަސާދަވެ ''ޚަރާބު'' ވެފައެވެ.

ފަންވަތުގައި މި ޅެން ހިމަނާލި މައިގަނޑު އެއްބޭނުމަކީ، މި ޅެމުގެ ޚިޔާލު މުއްސަނދިކަމާއި، ސިފަކޮށްދެއްވުމާއި، ހާދިސާ ވަށައިޖައްސައި ދެއްވުން ފުރިހަމަ ކަމުންނެވެ. މާނަ ފުނަސް، ފަސޭހައިން ދޭހަވާ ކަހަލަ ގޮތަކަށް ބަސްމަގު އަތުރުއްވާފައިވާލެއް ފުރިހަމަ ކަމުންނެވެ. އަލަށް ޅެމުގެ ދާއިރާޔަށް ވަންނަ ކުދީންނަށާއި، މި ދާއިރާޔަށް ޝައުޤު ހުންނަ ބޭފުޅުންނަށް ފުރިހަމަ ނަމޫނާޔަކަށް ފުދޭނެކަމަށް ފެންނާތީއެވެ.

- އާދަމް ނަޞީރު އިބްރާހީމް -

އިދާރާ

އެނގޭތަ؟

ވާހަކަ