އަދުގެ ޚާއްސަ

Print

އުފެދުމާއި ފަނާވުން

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ތިމާވެށި


ފޮނުވީ: ތިންމީމު

ދިވެހިރާއްޖެއަކީ ތިމާވެށީގެ ގިނަގުނަ މައްސަލަތަކެއް ދިމާވެފައިވާ ރާއްޖެއެކެވެ. ތިމާވެށީގެ ބޮޑެތި ގެއްލުންތައް ރާއްޖެއަށް ދަނީ ލިބެމުންނެވެ. ލިބެމުންދާ ގެއްލުންތަކާމެދު މިއަދު ފިކުރުކުރަން ޖެހިއްޖެއެވެ. ފިކުރުކުރަންވީ ކޮންކަންތަކަކަށްތޯއެވެ. ފިކުރުކުރަންވީ ރާއްޖޭގެ އުފެދުނު ގޮތާމެދުގައެވެ. ރަށްތައް އުފެދޭގޮތާ މެދުގައެވެ. ފަނާވަމުންދާ ގޮތާމެދުގައެވެ. ގިރިވޮޑެމުންދާ ގޮތާ މެދުގައެވެ. ރާއްޖޭގެ ރީތިކަން ދަމަހައްޓާނެ ގޮތަކާމެދުގައެވެ. މާޒީވެދިޔަ ތަނާމެދުގައެވެ. މިއަދުގެ ހާލަތާމެދުގައެވެ. މާދަމާ ކަންތައް ވެގެންދާނެ ގޮތަކާ މެދުގައެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ގޮތަކާމެދުގައެވެ.

ދިވެހިރާއްޖެ އުފެދުނު ގޮތް ދުށް މީހަކު ނެތެވެ. ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގެ ތާރީޚުވެސް ލިޔެވިފައެއް ނެތެވެ. އެ ތާރީޚުވަނީ ފުން އަނދިރީގެ ތެރޭގައެވެ. ނަމަވެސް ރާއްޖެ އުފެދުނީ މިވެނި އެވެނި ގޮތަކަށޭ ކިޔައި ވާހަކަ ދައްކައެވެ. އޭގެތެރެއިން ބައެއް ވާހަކަތަކަކީ ހީގެ މައްޗަށް ދައްކާ ވާހަކަތަކެވެ. ބުރަދަނެއްހުރި ވާހަކަތަކެއް ނޫނެވެ. ހަދާފައިވާ ވާހަކަތަކެކެވެ. އަނެއްބައި ވާހަކަތަކަކީ ހޯދުންތަކުގެ މައްޗަށް ދައްކާ ވާހަކަތަކެކެވެ. ޢިލްމީ ދިރާސާތަކުގެ އަލީގައެވެ. ބިމާބެހޭ ޢިލްމުވެރިންގެ ހޯދުންތަކުގެ އަލީގައެވެ. ޒަމާނީ ސައެންސުގެ އަލީގައެވެ. ޙަޤީޤަތާ އެންމެ ގާތްކުރަނީ ޢިލްމީ ދިރާސާތަކަށް ބުރަވެ ދައްކާ ވާހަކަތަކެވެ. ގަބޫލުކުރަންޖެހެނީ މިފަދަ ވާހަކަތަކެވެ. 

ވޭތުވެދިޔަ ދިގު ތާރީޚުގައި ރާއްޖެއާބެހޭގޮތުން ބޭރުގެ ބައެއް ޢިލްމުވެރިންނާއި ޢިލްމީ އިދާރާތަކުން ދިރާސާތައް ހައްދަވާފައިވެއެވެ. އަދި މިހާރުވެސް ގެންދަވަނީ ހައްދަވަމުންނެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ބިމާބެހޭ މަޢްލޫމާތު އެންމެ ފުރިހަމަގޮތުގައި ހޯދާ ބެލިފައެއް ނެތެވެ. ދިވެހިރާއްޖޭގެ ބިމާބެހޭގޮތުން ކުރެވިފައިވަނީ މަދު ދިރާސާއެކެވެ. ކުރެވިފައިވާ ޢިލްމީ ދިރާސާތަކުން ދައްކަނީ ދިވެހިރާއްޖެއަކީ ގޮވާފައިވާ އަލިފާން ފަރުބަދައެއްގެ މަތީގައި އުފެދިފައިވާ ތަނެއްކަމުގައެވެ. އުފެދިފައިވާ ގޮތަަށް ބަލާއިރު ދިވެހިރާއްޖެއަކީ އަލިފާނާއި މުރަކައިގެ ދަރިއެކޭ ބުނެވިދާނެއެވެ.

ގޮވާފައިވާ އަލިފާން ފަރުބަދަތަކެއްގެ މަތީގައި އުފެދިފައިވާ ތަނެއްގެ ސިފަ ރާއްޖޭގެ ބޮޑެތި އަތޮޅުތަކުން ފާޅުވެއެވެ. އަތޮޅުތަކުގެ ބައްޓަމުންނެވެ. އަތޮޅުތަކުގައި ރަށްތައް އެތުރިފައިހުރި ގޮތުންނެވެ. ރަށްތައް އުފެދިފައިހުރި ގޮތުންނެވެ. ބިމާބެހޭ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ތިލަދުންމަތި އުފެދިފައިވަނީ އެތަކެއް އަލިފާން ފަރުބަދަތަކެއްގެ މަތީގައެވެ. މިލަދުންމަޑުލު އުފެދިފައިވަނީ އެތަކެއް އަލިފާން ފަރުބަދައިގެ މަތީގައެވެ. ހުވަދުއަތޮޅު އުފެދުނީ ވަރަށްބޮޑު އެއްފަރުބަދައިގެ މަތީގައެވެ. ދުނިޔޭގައި އޮތް މުރަކައިގެ އެންމެބޮޑު އަތޮޅަކީވެސް ހުވަދުއަތޮޅެވެ.

ރާއްޖޭގެ ބިމާބެހޭ ވާހަކަ ދައްކާއިރު ދިރާސާކުރެއްވި ފަރާތްތަކުގެ މަތިން ހަނދާންކޮށްލުމަކީ އެންމެރަނގަޅު ކަމެކެވެ. ރޮބަރޓް މޮރަސްބީއަކީ މީލާދީން 1834 ން 1836 އަށް ރާއްޖެއާބެހޭ ދިރާސާއެއް ކުރެއްވި ބޭފުޅެކެވެ. މޮރަސްބީ ރާއްޖޭގެ ޗާޓެއް ކުރެއްސެވިއެވެ. މީލާދީން 1899 ވަނަ އަހަރު އީސްޓޭންލީ ގާރޑިނަރ ދިރާސާއެއް ކުރެއްވިއެވެ. މީލާދީން 1902 ވަނަ އަހަރު ޕްރޮފިސަރ އޭ.އެގަޒީސްވެސް ދިރާސާއެއް ކުރެއްވިއެވެ. އޭގެފަހުންވެސް ބައެއް ފަރާތްތަކުން މިމަސައްކަތްކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މިސުރުގެ އަލްމަބާޙިޘް ޓީމާއި  ޔުނެސްކޯ ހިމެނެއެވެ. 

ރާއްޖޭގެ ބިމާބެހޭގޮތުން މިހާތަނަށް އެންމެ ފުރިހަމަ ތަޙްލީލެއް ކޮށްފައިވަނީ މީލާދީން 1970 ވަނަ އަހަރުއެވެ. ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ކުރެވުނު ސާރވޭގެ ތެރޭގައެވެ. ތެޔޮ ހޯދުމަށް ތޮރުފި ތޮރުފުމުގައި ނެގުނު ސާމްޕަލްތަކުންނެވެ. މާލެ އަތޮޅުގެ އުތުރު ކަނޑުތަކުގެ ބައެއް ހިސާބުތައް 2100 މީޓަރު ފުނަށް ތޮރުފައިގެން ނެގުނު ސާމްޕަލްތަކުންނެވެ. އެ ސާމްޕަލްތަކުގައި އަލިފާން ފަރުބަދައިގެ ހިލަ ހުއްޓެވެ. ތަޙްލީލުތަކުން ދެއްކީ 53.38 މިލިއަން އަހަރުވެފައިވާ ހިލަކަމުގައެވެ. ޔަގީންކުރެވުނީ 53.38 މިލިއަން އަހަރު ކުރިން ދުނިޔޭގައިހުރި ބާވަތުގެ މުރަކަ ރާއްޖޭގައި ހުރި ކަމެވެ.

ޢިލްމީ ދިރާސާތަކަށް ބިނާކުރައްވައި ބިމާބެހޭ ޢިލްމުވެރިން ރާއްޖެ އުފެދުނު ގޮތް ތަޞައްވުރު ކުރައްވައެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އެންމެފުރަތަ އޮތީ ހަވާއީ މިހާރު އެއޮންނަ ގޮތަށެވެ. އަލިފާން ފަރުބަދަތަކާއި އުސްބިންތަކުން އުފެދިފައިވާ ރަށެއްގެ ގޮތުގައެވެ. އެގޮތަށް އޮތުމަށްފަހު އަލިފާން ފަރުބަދަތައް ގޮވަން ފެށީއެވެ. ރަށް ފަނާވެ ނެތިދިޔައީއެވެ. ގޮވާފައިވާ ފަރުބަދަތައް މަޑުމަޑުން ކަނޑުގެ އަޑިޔަށް ފުންވަމުން ދިޔައީއެވެ. ފުންވަމުން ފުންވަމުންގޮސް ފަރުބަދަތައް ކަނޑުގެ އަޑީގެ އަނދިރިކަމުގެ ތެރެއަށް ދިޔައީއެވެ.

ފަރުބަދަތައް ފުންވަމުން ދިޔައީ މާބާރު މިނެއްގައެއް ނޫނެވެ. މަޑުމަޑުންނެވެ. ފުންވަމުން ދިޔަ ފަރުބަދަތަކުގެ ކުންނުތަކުގައި މުރަކަ އުފެދުނީއެވެ. މުރަކައިގެ ޙަރަކާތްތައް އަވަސްވެ ދިގުވާން ފެށީއެވެ. އެކިސިފަސިފައިގައެވެ. އެކިކުލަކުލައިގައެވެ. އެކިބާވަތްބާވަތަށެވެ. ދިގުވަމުންދިޔަ މުރަކަތައް ހެދިބޮޑުވިއެވެ. ބޯވިއެވެ. ބޯވަމުންގޮސް މުރަކައިގެ ބަގީޗާއަކަށްވިއެވެ. އާރުލާ ބަގީޗާއަކަށް ވެ ހަރުވިއެވެ. އެކަތައިގެ ފާރެއްހެންނެވެ. މުރަކައިގެ ފަރުތައް އުފެދި އާލާވެ ވަރުގަދަވެފައިވަނީ މިކަހަލަ ގޮތަށެވެ.

ޒަމާންތައް ދައުރުވަމުންދެއެވެ. މުރަކައިގެ ބަޗީގާ ފެނުތެރޭގައި ހެދެހެދެމުން ދެއެވެ. ހެދެމުން ހެދެމުންގޮސް ތިލަވިއެވެ. ވަރުގަދަކަމާއެކުގައެވެ. އިރުގެ ހޫނުކަން ލިބެންފެށިއެވެ. ކަނޑުގެ ބިޔަ ރާޅުތައް ޖަހަންފެށިއެވެ. ކުދި ރާޅުތައް ބީހެން ފެށިއެވެ. ޖަހަމުންދާ ބިޔަ ރާޅުތަކާއެކު ދޮންވެލި އަރަން ފެށިއެވެ. ބީހެމުންދާ ކުދި ރާޅުތައް ވެލިގަނޑު އެއްވަރުކޮށް އޮމާންކުރަން ފެށިއެވެ. ދޮންވެލި ފިނޮޅަކަށްވިއެވެ.

ދޮންވެލި ފިނޮޅުގެ ގޮނޑުދޮށަށް ރާޅުޖަހަން ފަށައިފިއެވެ. ޖަހަމުން ދިޔަ ރާޅާއެކު ތަފާތު ބާވަތްބާވަތުގެ އޮތްތައް ފިނޮޅަށް ލައްގަން ފެށިއެވެ. ލެއްގި އޮށްތަކުން ގަސްފަޅަން ފެށިއެވެ. ދޫނިތައް ދިރިއުޅެން ފެށިއެވެ. ބިސްއަޅަން ހާލި ހަދަން ފެށިއެވެ. އެސޮރުމެންވެސް ތަފާތު ކާނާ ގެންނަން ފެށިއެވެ. އޭގެތެރޭގައި ބައެއް ބާވަތުގެ ގަސްގަހުގެ އޮށް ހިމެނެއެވެ. ދޫނިތައް ގެނައި އޮށްތަކަށްވެސް ދިރުން ލިބެން ފެށިއެވެ. ތަފާތު ބާވަތް ބާވަތުގެ ގަސްތައް ފެޅިއެވެ. ގަސްތައް ބޮޑުވަމުން ދިޔައެވެ. އާރޯކަމާއެކުގައެވެ. ތާޒާކަމާއެކުގައެވެ. ހޫނާއި ފިނީގައެވެ. މާސިންގާ ބިޔަ ގަސްތަކަކަށް ވެއްޖެއެވެ. ނަތީޖާއަކަށްވީ ދިވެހިރާއްޖެ ވުޖޫދަށް އައުމެވެ. ދިރިއުޅެން ފަސޭހަ ރަށްތަކެއް ވުޖޫދަށް އައުމެވެ.
 
މިފަލްސަފާއަށް ބާރުލިބޭ ލިޔުންތައް ދަތުރުވެރިން ލިޔުއްވާފައިވެއެވެ. މީލާދީން 1030 ވަނަ އަހަރު އަވަހާރަވި އަލްބީރޫނީއަކީ ރާއްޖެއާބެހޭ ހޯދުންތައް ހޯއްދެވި ބޭފުޅެކެވެ. އޭނާ ލިޔުއްވާފައިވެއެވެ.  [ދީވާ] ގެ ރަށްތައް އުފެދެމުން އަންނަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ފުރަތަމަ ކަނޑުގެ ލޮނުގަނޑުމަތިން ފެންނަނީ ވެލިފަށެކެވެ. މި ވެލިފަށް މަޑުމަޑުން އުފެދެމުން، އުސްވަމުން، އަދި ހުރިހާ ދިމާއަކަށް ފެތުރެމުން އާދެއެވެ. އެންމެފަހުން ވަރުގަދަ ހަރު ވެލިގަނޑަކަށް ވެދެއެވެ.] މީލާދީން 13 ވަނަ ޤަރްނުގައި ރާއްޖެއަށް ވަޑައިގެންނެވި މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ ލިޔުންވަނީ، [ދިވެހިރާއްޖޭގެ ރަށްތައް ހިމެނިފައިވަނީ ދުނިޔޭގެ ޢަޖާއިބުތަކުގެ ތެރެއިންނެވެ.]
 
ރާއްޖެ އުފެދުނުއިރު ރާއްޖޭގައި ހުރި ރަށްތަކުގެ އަދަދު އެނގޭކަށް ނެތެވެ. ރާއްޖޭގައި މީހުން އުޅެންފެށިއިރު ހުރި ރަށްތަކުގެ އަދަދެއްވެސް އެނގޭކަށް ނެތެވެ. މީހުން އުޅެން ފެށިފަހުންވެސް ބަލާފައެއް ނެތެވެ. ރަށްތަކަށް އަންނަމުން ދިޔަ ބަދަލެއްވެސް ބަލާފައެއް ނެތެވެ. ނަމަވެސް، މަދު އަދަދެއްގެ ބިދޭސީން ރާއްޖޭގައި ރަށްތައް ހުރި އަދަދު ހިސާބުކުރެއްވިއެވެ. އެކިބޭފުޅުން އެކިދުވަސްވަރު ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި ދެއްވާފައިވާ އަދަދުތަކުގައި ތަފާތު އެބަހުއްޓެވެ. ފަހަރެއްގައި އެއީ ފުރިހަމައަށް ހިސާބު ނުކުރެވޭތީ އައި ތަފާތަކަށްވެސް ވެދާނެއެވެ. ނުވަތަ ހިސާބުކުރެއްވިއިރު ރަށްތައް ހުރިވަރުކަމަށްވެސް ވެދާނެއެވެ. ގިރިވޮޑެމުންދާ ރަށްރަށް އަދަދުކުރާއިރު މިކަހަލަ ތަފާތު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކުރީ ޒަމާނުގައި އެއްވެސް ދިވެއްސަކު ރާއްޖެއާބެހޭ މިފަދަ ދިރާސާއެއް ކުރިކަމެއް އެނގޭކަށް ނެތެވެ. ސަބަބުތައް ބައިވަރެވެ. ތިމާވެށްޓަށް ސަމާލުކަން ދިން ދިވެހިން މަދުކަމެވެ. ހޯދާ ބަލާނެ ދިވެހިން މަދުކަމެވެ. ތާރީޚު ލިޔާ ދިވެހިން މަދުކަމެވެ. ދިވެހި މާލިމީން ލިޔެކިޔުމާ ދުރުވުމެވެ. ދަތުރުގެ ލޮގު ނުލިޔުމެވެ. ކަނޑުމަތީގައި ރެޔާދުވާލު ހޭދަކުރި މަސްވެރިން ދުރު ދަތުރުކުރަން ބޭނުން ނުވުމެވެ. ޖޯގްރަފީގެ ޢިލްމުވެރިން ނެތުމެވެ. ދުނިޔޭގެ ބިމާބެހޭ ފަންނުގެ ދިވެހިން ނެތުމެވެ. ނަމަވެސް، ރާއްޖޭގައި ރަށްތައް ހުރިވަރުކަމަށް ދިވެހިން ގަބޫލުކޮށްގެން ތިބި އަދަދެއްވެސް އޮތެވެ.

ދިވެހިންގެ މެދުގައި ދޫދޫމަތިން ވާރުތަމުން އަންނަނީ ރާއްޖޭގައި ބާރަހާސް ރަށް އޮތްކަމަށެވެ. މިއަދަދަކީ ކުރީ ޒަމާނެއްގައި ކޮންމެވެސް ބަޔަކު ރަށްތައް ހިސާބުކޮށްގެން ނުކުތް ނަތީޖާއަކަށް ވެދާނެއެވެ. ނުވަތަ އަންދާޒާއެއްގެ މައްޗަށް ދެކެވެމުން އަންނަ ވާހަކައަކަށްވެސް ވެދާނެއެވެ. ނުވަތަ ފުލޯކުވާހަކަ އުފައްދާ މީހަކު އުފައްދާފައި އޮތް ވާހަކައަކަށްވެސް ވެދާނެއެވެ. ނުވަތަ ހީއެއްގެ މައްޗަށް ދެކެވެމުންދާ ވާހަކައަކަށްވެސް ވެދާނެއެވެ. ބާރުދޭނެ ތާރީޚީ އެއްވެސް ހެތްކެއް ނެތެވެ. ފަހަރެއްގައި މިއީ ތެދަކަށްވެސް ވެދާނެއެވެ. މިހާރު ސައެންސްވެރިން ދައްކާ ވާހަކަތަކަށް ބަލާއިރު މިއީ ދޮގެކޭ ބުނެވޭކަށްވެސް ނެތެވެ.

ރާއްޖޭގެ ރަށްތަކުގެ އަދަދާބެހޭގޮތުން ބިދޭސީން ލިޔެފައިވާ ލިޔުންތައްވެސް މަދެވެ. މަދު ލިޔުންތަކުގެ ތެރެއިން ސީނުކަރައިގެ ލިޔުންތެރިންގެ ލިޔުންތައް ފާހަގަކޮށްލެއެވެ. ޢީސާގެފާނުގެ 500 އަހަރު ކުރިން ލިޔެފައިވާ ސީނުކަރައިގެ ތާރީޚު ފޮތެއް އެބައޮތެވެ. އެފޮތުގައި އިންޑިޔާ ކަނޑުގައި [ތްރީތައުޒަންޑް ވީކް ވޯޓަރސް“ އޮތްކަމަށް ލިޔެފައި އޮވެއެވެ. އެއީ ދިވެހިރާއްޖެ ކަމުގައި ތާރީޚީ ޢިލްމުވެރިން ބައްލަވައެވެ. ތާރީޚު ޢިލްމުވެރިން މިގޮތަށް ބައްލަވަނީ، ސީނުކަރައިގެ މީހުންނަކީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން އިންޑިޔާ ކަނޑުގައި ދަތުރުކުރި ބަޔަކަށްވާތީއެވެ. އޭގެފަހުން މީލާދީން 1422 ވަނަ އަހަރު ސީނުކަރައިގެ ދަތުރުވެރިން އިންޑިޔާކަނޑުގައި ދިރާސާއެއް ކުރިއެވެ. އެ ދިރާސާއަށްފަހުވެސް ލިޔެފައި އޮތީ ރާއްޖެ އޮތްތަނުގައި ތިންހާސް ލިޔު އޮތްކަމުގައެވެ. އާދެ، ތިންހާސް ރަށް އޮތްކަމުގައެވެ. ރަށްތައް ސިފަކޮށްފައި އޮތީ ކުދި ހަނި ރަށްތަކެއްގެ ގޮތުގައެވެ.

ޢަރަބި ސައްޔާޙުންވެސް ރާއްޖޭގެ ރަށްތަކުގެ އަދަދު ބަޔާންކުރައްވާފައިވެއެވެ. މީލާދީން 9 ވަނަ ޤަރްނުގައި އުޅުއްވި ސުލައިމާނު ލިޔުއްވާފައިވެއެވެ. [ސީ އޮފް ހާރކެންޑް] މިނަން ކިޔާ ކަނޑުގައި ގާތްގަނޑަކަށް  1900 ރަށް އޮތެވެ. އަދި އެއް ރަށާއި އަނެއް ރަށާ ދެމެދުގައި ދޭއް ނުވަތަ ތިނެއް ނުވަތަ ހަތަރު ފަރްސަޚު ހުރެއެވެ.] މީލާދީން 916 ވަނަ އަހަރު ސިލޯނަށް ދަތުރެއް ކުރެއްވި އަލްމަސްޢޫދީގެ ނަމުން މަޝްހޫރު އަބުލްޙަސަނުގެ ފަށްފުތްތަކުގައި ވަނީ [ސީ އޮފް ހާރކެންޑާ]އި [ސީ އޮފް ލަރ] އާ ދެމެދު މުޅިން ވަކިވާގޮތަށް ރަށްތަކެއް ހުރިކަމުގައެވެ. ރަށްތައް ހުރި އަދަދުކަމުގައި ބަޔާންކޮށްފައި އޮތީ 2000 ނުވަތަ އެއަށްވުރެ ބަރާބަރަށް ބުނާނަމަ 1900 ރަށް ކަމުގައެވެ. މީލާދީން 973 ވަނަ އަހަރު އުފަންވެވަޑައިގަތް އަލްބީރޫނީ ރާއްޖޭގައި ވޮޑިގިރާ 1900 ރަށް އޮތްކަމަށް ލިޔުއްވައެވެ. މީލާދީން 13 ވަނަ ޤަރްނުގައި ރާއްޖެއަށް ވަޑައިގެންހުންނެވި މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ، ގާތްގަނޑަކަށް 2000 ޖަޒީރާ ރާއްޖޭގައި އޮތްކަމަށް ލިޔުއްވައެވެ.

މީލާދީން 19 ވަނަ ޤަރްނުގައި ލިޔެފައިވާ ލިޔުންތަކަށް ބަލާއިރު ރާއްޖޭގައި އޮތީ 1100 ނުވަތަ 1200 ރަށެވެ. [ދިވެހިތާރީޚަށް އައު އަލިކަމެއް] މިފޮތުގައިވަނީ 1109 ރަށް ރާއްޖޭގައި އޮތް ކަމުގައެވެ. ނަމަވެސް، މިހާރުގެ ރަސްމީ ހިސާބުތަކުގައިވަނީ ރާއްޖޭގައި 1190 ރަށް އޮތްކަމަށެވެ. އަދި ނިމިގެންދިޔަ ޤަރުނުގައި ރާއްޖޭގެ ރަށްތަކަށް ބޮޑެތި ބަދަލުތައް އައެވެ. ތިމާވެށްޓަށް އައި ބަދަލުތަކުން ބައެއް ރަށްރަށް އުފަންވިއެވެ. ބައެއް ރަށްރަށް ނެތިގެންދިޔައެވެ. ބައެއް ރަށްރަށް ދެބުރިވިއެވެ. ކައިރީގައި އޮތް ދެރަށް ގުޅި އެއްފަސްވިއެވެ. ބިން ހިއްކައިގެން ކައިރީގައި ހުރި ރަށްރަށް ގުޅާލެވުނެވެ. މި ޙަރަކާތްތަކުގެ ސަބަބުން އެކިދުވަސްވަރު އެކިއެކި ބޭނުމުގައި ނެގެމުންދާ ހިސާބުތަކުގައި ތަފާތު އެބަހުއްޓެވެ.

19 ވަނަ ޤަރްނުގެ ތެރޭގައި މިރޮނގުން ބައެއް ދިވެހިންވެސް ޚިދްމަތް ކޮށްފައިވެއެވެ. އެންމެ ބޮޑު ޚިދްމަތެއް ކުރެއްވީ އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ލުޠްފީއެވެ. އާދެ، ރާއްޖޭގެ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާއެވެ. އޭނާވަނީ މުޅި ރާއްޖޭގައި ދަތުރުކުރައްވައި ރަށްރަށް އުފެދޭގޮތާއި ނެތެމުންދާ ގޮތް ބައްލަވާފައެވެ. ވޮޑިގިރަމުންދާ ގޮތް ބައްލަވާފައެވެ. އެކި ދުވަސްވަރަށް އައި ބަދަލުތައް ބައްލަވާފައެވެ. އިހުގެ ލިޔުންތައް ދިރާސާކުރައްވާފައެވެ. ދޫދޫމަތިން ދެކެވެމުން އަންނަ ވާހަކަތަކާ ފެންނަންހުރި ހެކިތަކާ އެއްވެސް ގުޅުމެއް އޮތްތޯ ބައްލަވާފައެވެ. ޙަޤީޤަތް ހޯއްދެވުމަށް ތަޙްޤީޤުކުރައްވާފައެވެ. ކުރިން ފެންނަން އޮތް މިހާރު ނެތް 130 އަށްވުރެ ގިނަ ރަށް އޭނާވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރަށްތައް ގިރިވޮޑެނީ ވަކި މިވެނި ސަބަބަކާހުރެ ކަމަށް ދަންނަވަން ދައްޗެވެ. އުފަންވަނީ މިވެނި ސަބަބަކާހުރެ ކަމަށް ދަންނަވަން ދައްޗެވެ. ނެތިގެންދާ ސަބަބެއްވެސް ދަންނަވަން ދައްޗެވެ. ފުރިހަމަ ދިރާސާއެއް ކުރެވިފައި ނެތުމާއެކުގައެވެ. އެނގޭކަމަކީ ބައެއް ރަށްރަށް ގިރިވޮޑޭ ކަމެވެ. އަނެއްބައި ރަށްރަށް ގިރައިގެން ދާކަމެވެ. ނެތިގެންދާ ކަމެވެ. އަނެއްބައި ރަށްރަށް އުފަންވާ ކަމެވެ. އަލަށް އުފެދޭ ކަމެވެ. ލަފާކުރެވޭ ގޮތްތަކެއްވެސް ވެއެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ވެލިގާ ނަގައިގެން ގެދޮރުގެ މަސައްކަތްކުރަމުން އައި ބައެކެވެ. އާދަޔާ ޚިލާފަށް އެއްތަނަކުން ގާނެގުމުގެ ސަބަބުންވެސް ރަށެއް ގިރާފާނެއެވެ. އެއްދިމާލަކުން ވެލިނެގުމުގެންވެސް ރަށެއް ގިރާފާނެއެވެ. މޫސުމާއި އޮއިވަރަށް އަންނަ ބަދަލަކުންވެސް ރަށެއް ގިރާފާނެއެވެ. ނުވަތަ ރަށެއް އުފަންވެދާނެއެވެ. ކަނޑުގެ ލޮނުގަނޑު އުސްވުމުންވެސް ގިރާފާނެއެވެ.

ރަށްރަށުގެ ފަޅާއި ވިލުތައްވެސް ޒަމާނާއެކު ތިލަވަމުން ގޮސްފައިވެއެވެ. މިކަން ދިމާވަނީ މުރަކައާއި ގާތައް ހެދުމުންނެވެ. ރަށްރަށުން ގިރައިގެންދާ ވެލިތައް އެތަންތާނގައި ހަރުލުމުންނެވެ. ފަޅުފަޅުގައި މޫދު ހުއި ފަޅައި ހެދުމުން އެހުއިތަކުގައި ވެލި ހަރުލުމުންނެވެ. މިފަދަ ކަންކަމަށް މޮރެސްބީގެ ޓީމުން އިޝާރާތްކޮށްފައިވެއެވެ. މޮރެސްބީ ރާއްޖޭގެ ޗާޓު ކުރެހި ދުވަސްވަރު ފުންކޮށް ހުރި ފަޅުތަކާއި ވިލުތައް މިހާރު އޮތީ މެދުދިޔަވަރުގައި ނުވަދެވޭވަރަށް ތިލަވެފައެވެ. މިފަދަ ތަންތަން ރާއްޖޭގައި ވަރަށް ގިނައިން އެބަހުއްޓެވެ. ހުވަދުއަތޮޅުން ވިލިނގިލި، މާމެންދޫ، ދާންދޫ، ގެމަނަފުށީގެ ފަޅުތެރެއަށް ވަނީ މިބަދަލު އައިސްފައެވެ. ގައްދޫ، ވާދޫ، ފަރެސް، މާތޮޑާ، ހޯނޑެއްދޫ، މަޑަވެލި، ތިނަދޫގެ ފަޅަށްވެސް މިބަދަލު އައިސްފައިވެއެވެ. މިރަށްރަށުގެ ފަޅުތައް 80 އަހަރާއި 130 އަހަރުގެ ތެރޭގައި ދަތިވާވަރަށް ތިލަވާނެކަމަށް މޮރަސްބީގެ ޓީމުން ލަފާކޮށްފައިވެއެވެ. މިއަދު އެކަންވަނީ ޙަޤީޤަތަކަށްވެފައެވެ.

ދުނިޔޭގެ ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ރާއްޖޭގެ ރަށްތަކަށްވެސް ދަނީ ކުރަމުންނެވެ. ރަށްތައް ދަނީ ގިރަމުންނެވެ. ރަށްތައް ހުރި އަދަދު ދަނީ މަދުވަމުންނެވެ. ބައެއް ރަށްރަށް ދަނީ ބުރިބުރި ވަމުންނެވެ. ތިންހަތަރު ބުރިއަށެވެ. އަނެއްބައި ރަށްރަށް ދަނީ އެއްފަސްގަނޑަކަށް ވަމުންނެވެ. އަނެއްބައި ރަށްރަށް ދަނީ ގިރައި ފުންވަމުންނެވެ. ބައެއް ރަށްރަށް ހުރި ތަނުގައި މިހާރު ހުރީ ފުންތިލައެވެ. ކުރިން ހއ.އުލިގަމާއި ކުޑަކުދޫއަކީ ދެރަށެވެ. އެކަމަކު މިހާރު އެއީ އެއްރަށެކެވެ. އައްޑުއަތޮޅު ހުޅުމީދޫއަކީ ކުރިން ދެރަށެވެ. މިހާރު އެއީ އެއްފަސްގަނޑެކެވެ. ނ.އަތޮޅު އެއްދުއްޕަރާއި އެއަތޮޅު ކެނދިކުޅުދޫވަނީ ބުރިބުރިވެފައެވެ. ހުވަދުއަތޮޅުގެ މައިރަށް ކޭހުވަދޫ އޮތްތަނުގައި މިހާރު އޮތީ ފުންތިލައެކެވެ. އެ އަތޮޅުގެ ނަން ނިސްބަތްވަނީވެސް މިރަށަށެވެ. މިކަހަލަ ކިތަންމެ މިސާލެއް ފެންނަން އެބަހުއްޓެވެ.

19 ވަނަ ޤަރްނުގެ ތެރޭގައި ގިރާފައިވާ ރަށްތައް ގިނައެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ރަށްރަށް ވެއެވެ. ނ. ކުރެދިވަރަކީ އޭގެތެރެއިން އެއްރަށެވެ. އެރަށް ގިރަން ފެށުމުން އެރަށު މީހުން ބަދަލުވީ ނ.ބޮމަސްދޫ އަށެވެ. މިހާރު ޞިނާއީ ރަށެއްގެ ގޮތުގައި ސަރުކާރުން ހިއްކައި ތަރައްޤީކުރަމުންދާ ގުޅިފަޅަކީވެސް މިފަދަ ތަނެކެވެ. މީހުން ވަރުވާއަށް ލިޔުއްވައިގެން އުޅުނު ފަޅުރަށެކެވެ. ރަށް ގިރައިގެންގޮސް ފަޅަކަށްވީއެވެ. އަނެއް ރަށަކީ ފ.ހިމިތީއެވެ. މަޝްހޫރު ތުއްތު ސާހަބް ނުވަތަ މަޝްހޫރު ހިސާބު ޢިލްމުވެރިޔާ އަލްފާޟިލް ޢަބްދުﷲ އިސްމާޢީލުގެ އުފަން ރަށެވެ. 

ރަށްރަށް އުފެދެމުން ނެތެމުންދާއިރު ފަޅުފަޅަށްވެސް ބަދަލު އާދެއެވެ. ވިލުތަކަށްވެސް ބަދަލު އާދެއެވެ. ތިލަތަކަށްވެސް ބަދަލު އާދެއެވެ. މިފަދަ ކޮންމެ ތަނަކީވެސް ރާއްޖެއަށް ވަރަށް މުހިންމު ތަންތަނެވެ. އެތަންތަން ހިމާޔަތްކުރަންޖެހެއެވެ. ރައްކާތެރިކުރަން ޖެެހެއެވެ. އެތަންތާނގެ ރީތިކަމުގެ ފައިދާ ހޯދުމަށެވެ. ރާއްޖެ މަޝްހޫރުވެފައިވަނީ ހުދު ގޮނޑުދޮށްތަކާއި ފެހިވިލުތަކާއި ނޫކަނޑުތަކުގެ ރާއްޖެއެއްގެ ގޮތުގައެވެ. އިންޑިޔާކަނޑުގައިވާ މުތީތަކުގެ ހާރުގެގޮތުގައެވެ. އިންޑިޔާ ކަނޑު ޒީނަތްތެރިކުރާ ފެހިކުލައިގެ ފީރޯޒުތަކުގެ ގޮތުގައެވެ. ނިއުދިއްލީގެ އެންމެބޮޑު ޕަބްލިޝަރ ވިދާޅުވިއެވެ. ދުނިޔޭގެ ވަރަށްގިނަ ތަންތަނަށް ޒިޔާރަތްކޮށްފީމެވެ. އިންޑިޔާ ކަނޑުގައިވާ ޖަޒީރާތަކަށްވެސް ޒިޔާރަތްކޮށްފީމެވެ. ރާއްޖެއާ ވައްތަރު ވަރަށްގިނަ ތަންތަނަށް ޒިޔާރަތްކޮށްފީމެވެ. ނަމަވެސް ރާއްޖެފަދަ ރީތި އެހެން ތަނެއް ދުނިޔޭގެ އެހެންތާކުން ނުދެކެމެވެ. އެންމެ ޙައިރާންވީ ފެހިކުލައިގެ މޫދު ފެނިފައެވެ. އާދެ، ރާއްޖޭގެ ރީތި ހިތްގައިމު ވިލުތައް ފެންނާތީއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ އަޑިއަކީވެސް އަޖާއިބެއްފަދަ ރީތި ތަނެކެވެ. ކަނޑުގެ އަޑީގައި މިހާރު އެވާ ޚާއްޞަ އަޖާއިބުތައް ފެންނަ ފީނުންތެރިންނަށް އެފެންނަނީ ލިޔެފައި ނުވާ ތާރީޚުގެ ތެރެއިން ބައެކެވެ. އޭގެ މަތީ ފަށަލައެވެ. އެފެންނަނީ ފަރުބަދަތަކުގެ ވާދީތަކެވެ. އެއް ޒަމާނެއްގައި ފެންމަތިން ފެނުނު ބޮޑެތި ފަރުބަދަތަކެވެ. އެފަރުބަދަތައް އެވަނީ މިއަދު ހިމޭންކަމާއެކު އަނދިރީގައި ނިދާފައެވެ. މީގެ އެތައް އަހަރެއްކުރިން އަލިފާނުގެ ހޫނުން ވިރުވާލާފައެވެ. ހޫނުން ވިރުވާލި ފަރުބަދަތަކާއި ވާދީތަކުގައި އެވަނީ މުރަކައިގެ ބަގީޗާތައް ހެދިފައެވެ. ބަގީޗާތަކުގައި ތަފާތު ކުލަކުލައިގެ މާތައް ފަރިވެ ފޮޅިފައެވެ. ބަގީޗާތަކުން ކާނާ ހޯދަމުންދާ މަހެވެ. ކުލަކުލައިގެ މަހެވެ. ވައްތަރު ވައްތަރުގެ މަހެވެ.

ރާއްޖެއަކީ ބަލާ ފޫހިނުވާފަދަ ރީތި ތަނެކެވެ. ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. ނަމޫނާއެކެވެ. ރީތިކަމުގެ މިސާލެކެވެ. ރާއްޖޭގެ ރަށްރަށުގެ ހުދުކުލައިގެ ގޮނޑުދޮށްތަކުގެ ސާފުކަމާއި ރީތިކަން ފަތުރުވެރިން މޮޔަކުރުވައެވެ. ނޫކަނޑުތަކާއި ވިލުތައްވެސް އެފަދައެވެ. އެއްފަހަރަށްވުރެ ގިނަފަހަރު ފީނިޔަސް ހިތްހަމަޖެހުމެއް ފީނުންތެރިންނަކަށް ނެތެވެ. ޙައިރާންވެއެވެ. އަންތަރީސްވެއެވެ. ހިތާމައަކީ ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރު މިތަންތަނަށް ކުރާތީއެވެ. މިތަންތަން ހަލާކުވާތީއެވެ. ވީރާނާވާތީއެވެ. އެކަމާދޭތެރޭގައި ވިސްނަންޖެހިއްޖެއެވެ. ފިޔަވަޅުއަޅަން ޖެހިއްޖެއެވެ. ސަލާމަތްކުރެވޭނެ ގޮތެއް އޮތްތޯ ބަލަންޖެހިއްޖެއެވެ.

ރާއްޖޭގެ ރަށްތަކާބެހޭގޮތުން ހޯދުންތައް ހޯއްދެވި ޢިލްމުވެރިން ރަށްރަށުގެ އަދަދު ބަޔާންކުރައްވާފައިވަނީ އެކި މިންވަރަށެވެ. އެކި އަދަދަށެވެ. ނަމަވެސް، ސީނުކަރައިގެ ލިޔުންތެރިން ދީފައިވާ އަދަދަށްވުރެ ޢަރަބި ސައްޔާޙުންގެ އަދަދުތައް މަދެވެ. ޢަރަބި ސައްޔާޙުންގެ އަދަދަށްވުރެ މިހާރު ރާއްޖޭގައި ރަށްރަށް ހުރި އަދަދު މަދެވެ. ބަލަބަލައި ތިއްބާ ރަށްތައް މިދަނީ ގިރައި ހުސްވަމުންނެވެ. ދުނިޔޭގެ ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުރިމަގުގައި ރާއްޖެ ނެތިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއަދު އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް ވާންވާނީ ދުރާލާ މިކަމަށް ސަމާލުކަން ދިނުމެވެ. ފިޔަވަޅު އެޅުމެވެ. ރައްކާތެރިވުމެވެ.

ފިޔަވަޅު އަޅަންވީ ވަކިފަރާތަކުން ވަކިމީހަކު ނޫނެވެ. އެންމެންނެވެ. އަޅަންވީ ފިޔަވަޅަކީ ވިޔާނުދާ ޢަމަލުތައް ހުއްޓާލުމެވެ. ގޮނޑުދޮށްތައް ޙިމާޔަތްކުރުމެވެ. ކުނިބުނިން ސަލާމަތްކުރުމެވެ. ގޮނޑުދޮށުން ވެލިނުނެގުމެވެ. ފަރުތަކުން ގާ ނުނެގުމެވެ. ލިބޭ ގެއްލުންތައް އެންމެންނަށް އަންގައިދިނުމެވެ. ހޭލުންތެރިކުރުވުމެވެ. މިފަދަ ބޮޑު ކަމަކާދޭތެރޭ ވިސްނާއިރު، އާދަޔާ ޚިލާފު ރީތި މި ނިޢްމަތް ލިބުނު ގޮތުގެ މައްޗަށްވެސް ވިސްނާލުން ހުއްޓެވެ. ނިޢްމަތް ދެމެހެއްޓުމަށް އެދި ޝުކުރުކުރުން ހުއްޓެވެ. ޝުކުރުކުރާ ބަޔަކަށް ނިޢްމަތުގެ ކޮޅެއް ނެތެވެ. މިންވަރެއް ނެތެވެ. ނިމުމެއް ނެތެވެ. ޝުކުރުކުރަންވީ ނިޢްމަތް ދެއްވި ފަރާތަށެވެ. ކީރިތި ﷲ އަށެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ