އަދުގެ ޚާއްސަ

Print

ޒުވާނުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރެވޭނީ ކިހިނެއް؟

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފޮނުވީ: ޙުސައިން ޞަލާޙު

ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ އަގުހުރި ރައުސުލްމާލެވެ. ޤައުމެއް ކުރިއަރާ ތަރައްޤީވާނީ އެއްވެސް ޝައްކެތްނެތްގޮތުގައި އެޤައުމާއިގެން ތެދުވެ ހިންދަމާލެވޭވަރުގެ ހަރުދަނާ ޒުވާން ޖީލެއް އުފެއްދިގެންނެވެ. ޒިންމާދާރު، މަސްއޫލިއްޔަތު އުފުލުމުގައި ހީވާގި ދަރިންތަކެއް އުފެދިގެންނެވެ. އަޅުގަޑުމެންނަށް ލިބިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަން އަންނަން އޮތްޖީލްތަކާއިހަމައަށް ފޯރުކޮށްދެވޭނީ އަޅުގަޑުމެންގެ ޒުވާނުންނަކީ

އިސްލާމްދީނުގެ ދީނުގެ މަތިވެރި އާދަތަކަށް ލޯބިކުރާ އެދީނުގެ ތަރަހަ ތަކުގެ މަތީގައި ތަރުބިއްޔަތު ކުރެވިފައިވާ ބަޔަކަށް ހެދިގެންނެވެ. ކާބަފައިން އަޅުގަޑުމެންނާ ހަމައަށް ފޯރުކޮށްދީފައިވާ "މިނިވަން ދިވެހިރާއްޖެ" އެގޮތުގައި އަންނަން އޮތް ޖީލްތަކާއި ހަމައަށް ފޯރުކޮށްދެވޭނީ، މާތްވެގެންވާ އިސްލާމް ދީނާއި އަޅުގަޑުމެންގެ މުޖްތަމަޢު ޤަބޫލްކުރާ، ހަމަތަކާއި ރިވެތި އާދަތަކުން ބޭރުނުވެ، މިނިވަންކަމަކީވެސް ވަކިހުދޫދެއްގެ ތެރޭގައި އޮންނަންޖެހޭ އެއްޗެއްކަމަށް ޤަބޫލުކުރެވޭފަދަ ޒުވާނުންތަކެއް އުފެދިގެންނެވެ.

ޒުވާނުންނަކީ ހަރުދަނާ ޤައުމަށް ބޭނުންތެރި ދަރިންތަކެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކަށް މިހާރުވެފައިވަނީ މަސްތުވާތަކެއްޗެވެ. ޒުވާނުން މިނުރައްކާތެރި ވަބާގައިޖެހި އެއަށް އަޅުދާސްވަމުންދާލެއް ގިނަކަމެވެ. މިއަދު އެތައް ބަޔަކުވަނީ މިނުރައްކާތެރި ވަބާގެ ޝިކާރައަކަށް ވެފައެވެ. އަދި މިނުރައްކާތެރި ދަލުގައި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ފުލުސް އޮފީހުގެ ކުށުގެ ރެކޯރޑްތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ހިމެނޭ ޒުވާނުންގެ އަދަދުވެސް އަންނަނީ މީގެކުރިން ހީވެސްކުރެވިފައި ނުވާމިންވަރަށް އިތުރުވަމުންނެވެ. މަސްތުވާތަކެތި  ބޭނުންކޮށްގެން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުނު ޒުވާނުންގެ އަދަދަށްބަލާއިރު 2004 ވަނައަހަރު 764 ޒުވާނުން، 2005 ވަނައަހަރު 769 ޒުވާނެއްގެ މައްސަލަ ހުށަހެޅިފައިވާއިރު 2006 ވަނައަހަރުގެ ނިމުނުއިރު މިއަދަދު ވަނީ 1212 އަށް އަރާފައެވެ.  މިނަތީޖާތަކަށް ބަލާއިރު މިކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވަމުންދާކަން މިދަނީ ހާމަވަމުންނެވެ. އެހެންކަމުން މަސްތުވާ ތަކެތީގެ ނުރައްކަލުން މިޤައުމުގެ ޒުވާންޖީލް ސަލާމަތްކުރެވޭނެ ގޮތްތަކެއް ހޯދަން މިއަދުވަނީ މަޖުބޫރުވެފައެވެ. މުޅި ޤައުމުގެ ހެވައި ލާބަޔަށްޓަކައެވެ. ތިމާގެ އަމިއްލަ ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.


ޒުވާނުން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރާއިރު މިފަދަ ނުރައްކާތެރިއެއްޗަކާއި ދިމާއަށް ޒުވާނުންގެ ހިތްތައް ލެނބެން މެދުވެރިވާ ސަބަބުތައް ހޯދަންޖެހެއެވެ. މިގޮތުން ފާހަގަކުރެވޭ މައިގަޑުއެއްކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ދަރިން ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރު އެކުދިންނަށް ދޭންޖެހޭ ސަމާލުކަން މައިންބަފައިންނަށް ނުދެވުމުގެ މައްސަލައެވެ.

 ކުދިން ހެދިބޮޑުވަމުން އަންނައިރު އެކުދިން ތަފާތު އާކަންތައްތައް އުނގެނި ދަސްކުރުމަށް މަސައްކަތްކުރެއެވެ. ޒަމާނުގެ ތަހުޒީބުތަކަށް ވަރަށް ފަސޭހައިން ހެއްލެވޭގޮތް ވެއެވެ. މުޖްތަމައުގައި އުޅޭ ވިޔާނުދާކުދިންނާއި ގުޅެވޭތަން އާދެއެވެ. ނަތީޖާއެއްގެގޮތުން، ކުދިންގެ އަޚްލާޤަށް ބަދަލުއައިސް އެންމެފަހުން ވިޔާނުދާ އެތައްކަމެއް ކުރުމަށް އާދަވާތަން އޮންނަނީ އައިސްފައެވެ. މިހިސާބަށް ކުދިންގެ ކަންތައްތައް ދިއުމުގެ ކުރިން މައިންބަފައިން އެކުދިން ހަމަ މަގަށް އަޅުވަން މަސައްކަތްކުރަން ޖެހެއެވެ. އެހެންކަމުން ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި، މައިންބަފައިން އެމީހުންގެ ވާޖިބްތައް ފުރިހަމައަށް އަދާކުރަންޖެހެއެވެ. އެފަދަ ކަންތައްތަކާއިމެދު ދީނުގައި އައިސްފައިވާ ހުކުމްތައް ދަސްކޮށްދޭން ޖެހެއެވެ. އެކުދިން އުޅޭނޫޅޭގޮތް ބަލަން ޖެހެއެވެ. އެކުދިން ރައްޓެހިންގެ ގޮތުގައި ގެންގުޅެނީ ކޮންބައެއްތޯ ބަލަން ޖެހެއެވެ. ރައްޓެހިން ހޮވުމުގައި ރަނގަޅު ކުދިން އިޚްތިޔާރުކުރުމަށް ނަޞޭޙަތްތެރިވާން ޖެހެއެވެ.

ދަރިން ވަކިވަރަކަށް ބޮޑުވުމުން، އެކުދިންނަށް ބައެއްކަަހަލަ ކަންތައްތައް ކުރުމުގެ މިނިވަންކަންވެސް ދޭންޖެހެއެވެ. ނަމަވެސް ހިތާމައަކީ މިދެންނެވި މިނިވަންކަމުގެ އިން ތަންކޮޅެއް ބޮޑުކޮށްލެވޭކަމެވެ. ކުދިންނަށް އަމިއްލަ ކޮޓަރި ދީފައި ހުންނައިރު އެކުދިން އެތަންތަނުގައި ގެންގުޅެނީ ކޮންކަހަލަ އެއްޗެއްސެއްތޯ ބަލައެއް ނުލެވެއެވެ. އެކުދިންނާއިއެކު އެތަންތަނަށް ވަދެހަދަނީ ކޮންކަހަލަ ބައެއްތޯ ބަލައެއްނުލެވެއެވެ. ދަރިން ރުޅިއަތުވެދާނެތީއެވެ. ދަރިފުޅު މިހާރު ކިޔަވައިނިމި ޒުވާނަކަށްވެފައިވާތީ އެކުދިންގެ ކަންތަކާ މިހާރު މަންމަ ނުވަތަ ބައްޕަ ބެހި ހެދުމަކީ މިހާރު ބޯދާކަމަކަށް ބެލެވިފައި އޮންނަނީތާއެވެ. ދަރިން ބޮޑެތިވުމުން އެކުދިން އުޅޭނެގޮތެއް މިހާރު އެނގޭނީ އެކުދިންނަށޭ ބުނެ ކަންފަސޭހަ ކޮށްލެވޭތީއެވެ. މިކަމުގެ ނަތީޖާއަކަށްވަނީ މިލިބިފައިވާ މިނިވަންކަމުގެ ބޭނުން ނަހަމަގޮތުގައި ދަރިން ހިފަންފެށުމެވެ. ވިޔާނުދާ ކުދިންނާއިގުޅި ފުރަތަމަ ފެށިގެންދަނީ ދުންފަތުގެ އިސްތިއުމާލު ކުރާ ހިސާބުންނެވެ. އެކަން އެހިސާބުން ބެލެވެންފަށާނީ ޒުވާނެއްނަމަ ތަބައަވާންޖެހޭ "ފެޝަނެއްގެ" ގޮތުގައެވެ. ފުރަތަމަ ފެށެނީ މައިންބަފައިންނަށް ސިއްރުންނެވެ. ފަހުން ފަޅާއެރުމުންވެސް މައިންބަފައިން އެކަންތަކާއިމެދު މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ނަތީޖާއަކަށްވަނީ ފާޅުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރަން ހިތްވަރު ލިބުމެވެ. އެއަށްފަހު ދެންމަޑުމަޑުން ރައްޓެހިންގެ ނުފޫޒާއިއެކު އެއަށްވުރެ ނުބައި އާދަތަކަށް ހެއްލެން ފަށައެވެ. އާޚިރު ނަތީޖާއަކަށްވަނީ ތިމާ ބޮޑުވެ ޒުވާނަކަށްވީދުވަހު މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދިއުމެވެ. މައިންބަފައިންނަށް ގިނަފަހަރަށް މިފަދަ ކަންތައްތައް ރޭކާލަނީވެސް ދަރިފުޅުދެން މުޖްތަމަޢަށް ނުގެނެވޭވަރަށް ކަންތައް ދާހިސާބުންނެވެ. ނަމަވެސް އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން މިއަދު މިފަދަ އެތައް ޒުވާނުންނެއް ވަނީ މިނުރައްކާތެރި ވަބާގެ ޝިކާރައަކަށްވެފައެވެ. އެހެންކަމުން މިޤައުމުގެ ޒުވާންޖީލް މިނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށްޓަކައި މައިންބަފައިން އެމީހުންގެ އެންމެހައި ވާޖިބްތައް ފުރިހަމައަށް އަދާކުރަންޖެހެއެވެ.

އިންސާނެއްގެ ދިރިއުޅުމުގެ މަޤްޞަދަކަށް ވާންވާނީ، ދުނިޔަވީ ޙަޔާތުގައި ބާއްޖަވެރި ދިރިއުޅުމެއް އުޅުމެވެ. ދިރިއުޅުން ބާއްޖަވެރިވާނީ، ތިމާއީ ދުނިޔެއަށް ބޭނުންހުރި މީހެއްކަން ދެނެގެންނެވެ. އެފަދަ މީހަކަށް ވެވިގެންނެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވެވީ، ވަކިއަދަދެއް ހަމަކުރުމަށް ކަމަށް ހީވެއްޖެ މީހަކީ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް، "މީހެއް" ނޫންކަން ކަށަވަރެވެ. ދިރިއުޅުމުގައި ދިމާވާ މުޞީބާތާއި ހަނގުރާމަކުރެވޭނީ، އެކަށީގެންވާ މިންވަރަކަށް ތަޢުލީމް ލިބިފައިވުމާއެކު މަސައްްކަތްތެރިއަކަށް ވެވިގެންނެވެ. ތިމާއީ މަސައްކަތްތެރިއަކަށް ނުވާނަމަ، އެހެންމީހުންގެ ކައިރީގައި ތިމާ ލަދުގަންނަން ޖެހުމުގެ އިތުރަށް ތިމާއަށް މެދުވެރިވާ އެންމެބޮޑު ނުރައްކަލަކީ، ހެޔޮކަމާއި، ތެދުމަގުން އެއްކިބާވެ، ނުބައިމަގަށް މީހާ ހެއްލުންތެރިވުމެވެ. ޝައްކެއްނެތެވެ. ތިމާ ހިލޭވާ ކޮންމެ ވަގުތަކީ ތިމާގެ ހިތް ހަވާނަފްސަށް ދަތުރުކުރާނޭ ވަގުތެއްކަން ކަށަވަރެވެ. ނުބައި އާދަތަކަށް މަގުފަހިވާނޭ ކަމެއްކަން ޔަޤީނެވެ. އެހެންކަމުން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ރަގަޅު އެއްފަރުވާއަކީ ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވާ، ޒިންމާދާރު ވަޒީފާއެއް އަދާކުރުންމަތީ ދެމިހުރުމަށް ބާރުއެޅުމެވެ. ކަމެއްނެތި ދެއަތްއުރާލައިގެން ތިބޭ ވަގުތުތައް ވީހާވެސް މަދުކުރުމެވެ. ހުސްވަގުތުތައް މަދުވާވަރަކަށް އެހެންކަންތައްތައް ކުރަން ލިބޭވަގުތުވެސް މަދުވާނެއެވެ.

މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމުގައި، އެފަދަ ތަކެއްޗާއިމެދު ޒުވާނުން ހޭލުންތެރިކުރުވުމަކީ މިކަމުގެ ނުރައްކަލުން ޒުވާނުންނާއި މުޖްތަމަޢު ސަލާމަތްކުރުމަށް އެޅެންއޮތް ވަރަށް މުހިންމު ފިޔަވަޅެކެވެ. މަސްތުވާ ތަކެއްޗަކީ ކިހާ ނުރައްކާތެރި އެއްޗެއްކަމާއި، އެބޭނުންކުރާ މީހުންނަށް ދިމާވެފައިވާ ކަންތައްތައް ޒުވާނުންނަށް އަންގައިދޭން ޖެހެއެވެ. އޭގެން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެކަން މީހުންނަށް ވިސްނައިދޭން ޖެހެއެވެ. މަސްތުވާތަކެތިން އެލިބޭ "އަރާމާއި" "މަޖާ" އެކަމުން ލިބޭގެއްލުމަށްވުރެ ބޮޑުކަމަށް މީހާއަށް ވިސްނިއްޖެނަމަ، ކުރިން ދެންނެވުނު ހޭލުންތެރި ކުރުވުމާއި އުނގަންނައިދިނުން ވެފައި އޮންނާނީ ބޭކާރު ކަމަކަށްވެފައެވެ. އެހެންކަމުން ދުރާލާ ފަރުމާކުރެވިގެން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި މުޖްތަމަޢުގައި ހިންގަންޖެހެއެވެ. އެފަދަ ނުބައި ޢަމަލްތައް ކުރުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއްކަން ދީނީ ޢިލްމުވެރިން މެދުވެރިކޮށް ޒުވާނުންގެ ސިކުނޑިތަކަށް ވައްދައިދޭންޖެހެއެވެ. ދީނީ ރިވެތި އާދަތަކަށް ޒުވާނުންގެ ހިތްތައް ލެންބުމަށް މަސައްކަތްކުރަންޖެހެއެވެ. މިނުރައްކާތެރި ވަބާއިން އަދުގެ ދަރިންނާއި މާދަމާގެ ޒުވާނުން ސަލާމަތްކުރެވޭނީ އޭރުންނެވެ.

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރެވޭނީ، އެތަކެތި ލިބެން ހުރި ދޮރުތައް ބަންދުކުރެވިގެންނެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި މިކަންކުރެވޭނީ އަޅުގަޑުމެންގެ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަގުތައް ހޯދައިބަލައި އެމަގުތައް ފުރިހަމައަށް ބަންދުކުރެވިގެންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިކަންކުރުމުގައި އަދި މާއެދެވޭ ކާމިޔާބެއް ލިބިފައި ވާކަމަކަށް ދެންނެވޭކަށްނެތެވެ. ސަބަބީ އަދިވެސް ގިނައަދަދަކަށް އެފަދަ ތަކެތި ގެންގުޅޭމީހުންނާއި ބޭނުންކުރާމީހުން ފެންނަމުންދާތީއެވެ. އެހެންކަމުން ރާއްޖެއަށް މުދަލާއި، މީހުން ވަދެނުކުމެ ހަދާ ދޮރާށިތައް ބެލެހެއްޓުން ވަރުގަދަ ކުރަންޖެހެއެވެ. މިކަމަށް ޒަމާނީ އާލާތްތައް ބޮޑުއަގުގައި ހޯދައިގެން ނަމަވެސް މިކަން ފުރިހަމައަށް ކުރަން ވެއްޖެއެވެ. ޒުވާނުންގެ ސަލާމަތަށެވެ. އަންނަން އޮތް ޖީލުގެ ސަލާމަތަށެވެ. މުޅިޤައުމުގެ ސަލާމަތަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރެވިއްޖެނަމަ ދިވެހިން މަސްތުވާތަކެތި ބޭނުންކުރުން މުޅިންހުއްޓުވާ ލެވޭނެތޯއެވެ. ޖަވާބަކީ ނޫނެކެވެ. ސަބަބަކީ ދިވެހިންނަކީ މިހާރު ވަރަށްގިނައިން ބޭރުގެ ކަރަ ތަކަށް ތަފާތު ކަންކަމުގައި އައިސްގޮސްވާ ބަޔަކަށްވުމާއިއެކު، އެތަންތާ ތިބެގެންވެސް މިތަކެތީގެ ބޭނުން ފަސޭހަކަމާއިއެކު ކުރެވޭނެ މަގުތައް ބައެއް ޤައުމުތަކުގައި ފަހިވެފަ އޮންނާތީއެވެ. އެހެންކަމުން މިކަމުގައި އޮތް އެންމެ ކާމިޔާބު ފަރުވާއަކީ ހަމަ ދީނީގޮތުން މީ ކިހާވަރެއްގެ ކަމެއްކަން ވިސްނައިދީ އެންމެންގެ ކިބައިގައި އިސްލާމްދީނުގެ ހަމަތަކުގެ މައްޗަށް ލޯބި އިތުރުކުރުމެވެ. އަޤީދާ ވަރުގަދަކުރުމެވެ.

ޒުވާނުން މަސްތުވާ ތަކެތީގެ އަވައިގައި ޖެހުމަށް ދިމާވާ އަނެއް މައްސަލައަކީ ކުޑައިރު އާއިލާތައް ރޫޅުމުގެ ސަބަބުން ލިބެންޖެހޭ ފުރިހަމަ ލޯތްބާއި އަޅާލުން ނުލިބުމެވެ. ތިމާއަކީ މުޖްތަމަޢުގައި ބޭކާރު މީހެއްކަމަށްވިސްނި އެފަދަ ފިކުރުތަކުން ދުރުވުމަށް ބޭނުންކުރާ ފަރުވާއެއްގެ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރަންފެށުމެވެ. މިވިސްނުން އެފަދަމީހުން ގެންގުޅުމަށް ދިމާވާ ބައެއްސަބަބުތައް ހުރެއެވެ. އެގޮތުން މިޒަމާނުގެ ހުޅަނގުގެ ތަހުޒީބު ދުނިޔެއަށް ހަމަކޮށްދީފައިވާ ބައެއްކަންތައްތައް ހިމެނެއެވެ. އޭގެތެރޭގައި ތިމާ ބޯހާސްވެ ފިކުރުބޮޑުވާ ދަނޑިވަޅެއްގައި ސިގިރޭޓެއް ބޯލުމުން އެފަދަ ފިކުރުތައް ދުރުކޮށްދޭކަމަށް ވިސްނައިދޭން މަސައްކަތްކުރުމާއި، އެކަނިވެރިކަން ފިލުވާދިނުމުގެ ބައިވެރިއެއްގެ ގޮތުގައި ބަނގުރާފަދަ ބުއިންތައް އިސްތިހާރު ވެފައިހުރުން ހިމެނެއެވެ. މިފަދަ މާނަތައް ދޭހަވާފަދަ މަންޒަރުތައް ދައްކުވައިދޭ އެތައް ފިލްމެއް ކޮންމެއަހަރަކުވެސް ތައްޔާރުކުރެވި އަޅުގަޑުމެންގެ މިޤައުމާއި ހަމައަށް ވާޞިލުވުމަށް މާގިނަދުވަހެއް ނުނަގައެވެ.

 ދުނިޔެ މިހާރު ބަވަނަ ވެފައި އޮތުމުގެ ނަތީޖާއެއްގެގޮތުން ބޭރުގެ ކޮންމެކަމެއްވެސް އަޅުގަޑުމެންގެ މުޖްތަމަޢަށް ވަރަށް ފަސޭހައިން ފެތުރިގެން ދެއެވެ. ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު އެކަމުން ދުރުވުމަށް ރަލުގެ ބޭނުންކުރަމުންދާ މަންޒަރުތައް ދައްކުވައިދޭ ފިލްމްތައް އަޅުގަޑުމެންގެ ތެރެއިން ވަރަށްގިނަ މީހުން ބަލާފައި ހުންނާނެއެވެ. އެހެންކަމުން އަޅުގަޑުމެންގެ ރާއްޖޭގެ ޒުވާނުންނަށްވެސް ވިސްނިފައި އޮންނަނީ، މަސްތުވާތަކެއްޗަކީ ތިމާ މާޔޫސްކުރުވުމުން ދުރުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. މިފަދަގޮތްގޮތަށް ވިސްނުމަށް އެމީހުންނަށް ޖެހިފައިވަނީ އެމީހުންނަށް ދޭންވީ އަޅާލުމާއި އެއްބާރުލުން ނުދެވި ބާކީކޮށްލެވޭތީއެވެ. ދީނުގެ މުހިންމު މަސްދަރުތަކަށް އިހުމާލުވެވޭތީއެވެ. ތިމާގެ އަޤީދާ ބަލިކަށުކަމުންނެވެ. އެހެންކަމުން ޒުވާނުން މިނުބައި އަމަލުން ނެރެ ސަލާމަތްކުރުމަށްޓަކައި އާއިލީ ގުޅުންތައް ބަދަހިކުރަންޖެހެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މުޅިރާއްޖޭގައި ކުރި ކައިވެނީގެ ނިސްބަތް އޭގެ ކުރީ އަހަރައްވުރެ 12.4 އިންސައްތަ އިތުރެވެ. ނަމަވެސް ހިތާމަޔަކީ، މިދިޔަ އަހަރު ކުރެވުނު ވަރީގެ ނިސްބަތް އޭގެ ކުރީގެ އަހަރަށްވުރެ 19.5 އިންސައްތަ އިތުރުވެފައިވާތީއެވެ. ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި 33،919 ކައިވެނިކުރެވިފައި ވެއެވެ. އެމުއްދަތުގައި 14،439 ވަރިކުރެވިފައިވެއެވެ. މިހިސާބުތަކުން އެނގޭގޮތުން ވޭތުވެދިޔަ އަށްއަަހަރު ދުވަހުގެ ތެރޭގައި ކުރި ކައިވެނީގެ 42.72 އިންސައްތަ ކައިވެނި ވަނީ ރޫޅިގެންގޮސްފައެވެ. ހަމަޔަޤީނުންވެސް އެނގޭގޮތުގައި މީގެތެރޭގައި ދަރިން ލިބުނުފަހުން ރޫޅިފައިވާ އެތައް އާއިލާތަކެއް ވާނެ ކަމެވެ. އެހެންކަމުގައިވާނަމަ އެދަރިން ބޮޑުވަމުން އަންނާނީކީ މައިންބަފައިންގެ ފުރިހަމަ ތަރުބިއްޔަތުގެ ހިޔަލުގައި ނޫންކަމެވެ. މީގެ ނަތީޖާއަކަށްވާނީ މިފަދަކުދިން ބޮޑުވެގެން މުޖްތަމަޢުގެ ވިޔާނުދާކުދިންނާއި އެކުލަވައި އާޚިރުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި ދުރުނުވެވޭވަރަށް ހައްޔަރުވެގެންދަނީއެވެ. އެހެންކަމުން މަސްތުވާތަކެތި ފަދަ ނުރައްކާތެރި ވަބާ ތަކުން އަދުގެ ޒުވާނުން ސަލާމަތްކުރުމަށް އެޅެންއޮތް އެންމެއަގުހުރި އެއްފިޔަވަޅަކީ އާއިލާތައް ބަދަހިކަންމަތީ ދެމިތިބުމެވެ. ދަރިންނަށްޓަކައެވެ. މާދަމާގެ ޒުވާނުންނަށްޓަކައެވެ.

މިނުރައްކާތެރި ވަބާއިން އަޅުގަޑުމެންގެ ޒުވާނުން ސަލާމަތް ކުރެވޭނީ މުޅިޤައުމުގެ އެންމެން އެއްބައިވެ އެކަތިގަޑަކަށް ވެގެން މަސައްކަތްތަކެއް ކުރެވިގެންނެވެ. ހަމައެކަނި ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކުން، މިކަމަށް ޙައްލެއް ނާންނާނެއެވެ. މިޤައުމުގެ ޒުވާނުންނާއިގެން ސަލާމަތުގެ އައްސޭރިފަށަށް ދަތުރުކުރެވޭނީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފަރުދީ ވާޖިބް އަދާކުރެވިގެންނެވެ. ޤައުމަށް މިފަދަ ތަކެތި ވަދެ ނުކުމެހަދާ ދޮރުތައް ބަންދު ކުރެވިގެންނެވެ. މުދައްރިސުން އެމީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާކޮށްގެންނެވެ. ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ތިއްބެވި ފަރާތްތަކުން، ޤާނޫނީ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާކަމެއް ފަސްނުޖެހި ކުރެވިގެންނެވެ. ބަދަހި އާއިލާތަކެއް ހިމެނޭ މުޖްތަމަޢެއް ޤާއިމްކުރެވިގެންނެވެ. މައިން ބަފައިން އެމީހުންގެ ޒިންމާތައް ފުރިހަމައަށް އަދާކުރެވިގެންނެވެ. ޝައްކެއްނެތްގޮތުގައި ރިވެތި އަޚުލާޤާއި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އާދަތަކާއި އުޞޫލްތަކުގެ މައްޗަށް އެކުލެވިގެންވާ ހަރުދަނާ ބިންގަލެއް ދަރިންނަށް އަޅާދޭ ބަޔަކީ ހަމަ މައިން ބަފައިންނެވެ. މިދެންނެވި ބިންގާ ކަތިވެއްޖެނަމަ ޒުވާނެއްގެ އުމުރަށް އަޅާއިރުވެސް ހުންނާނީ ހަމަމަގުން ކަސިޔާރުވެފައެވެ. ނަމަވެސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެހެންކަމުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މިދެވިހި ޤައުމުގެ ޒުވާނުން ސަލާމަތްކުރުމަށްޓަކައި، ވަގުތުފާއިތު ވުމުގެކުރިން ހަމަކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުގައިވެސް މަސައްކަތްތަކެއް ކުރަން މިހާރވަނީ ޖެހިފައެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ