އަދުގެ ޚާއްސަ

Print

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންނާއި މުދައްރިސުންގެ ޒިންމާ

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާޞިރު / ޑައިމަންޑް ވިލާ، ސ. ހިތަދޫ

މިއަދުގެ ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވެ ، މުޖުތަމަޢުގެތެރެއަށް ހަށިފޮޅާލާއިރު ވަދެވެނީ މަދުރަސާގެ ދޮރާށިންނެވެ. ގޭގެ ނުވަތަ ގޯތީގެ ހަތަރުފާރުން އެތެރޭގައި ، ގޮވާލީމާ އަޑުއިވޭ ހިސާބުވެސް ނުފެނި ހުރެ ގޮސް މިފަދަ މާޙައުލަކަށް ހޭނިގަންނަން ބައެއް ކުދިންނަށް ފަސޭހައެއް ނޫނެވެ. މިފަދަ މާޙައުލަކަށް ނިކުންނަ ކުއްޖާގެ ވިސްނުމަށް އަންނަ ބަދަލުތައް ދަނެގަންނަން ތިބޭނީ މުދައްރިސުންނާއި މައިން ބަފައިންނެވެ.

ސްކޫލަށް ކުއްޖާ ދާން ފެށުމުން މިދެފަރާތުންވެސް އަދާކުރަންޖެހޭ ޒިންމާ ވަރަށް ބޮޑެވެ. ހަމައެހެންމެ ދެފަރާތުގެ މެދުގައި އެކަކު އަނެކަކަށް އިތުބާރު ކުރުމާއި، އެހީތެރިވުމާއި، ހުށަހެޅުންތަކަށް އިހުތިރާމު ކުރުމުގެ ޒިންމާދާރު އުސޫލުތަކެއް އޮންނަން ޖެހެއެވެ. ސްކޫލަށް ކުއްޖާ ފޮނުވާއިރު ފޮތްތައް ހަމަކޮށްފައި ފޮނުއްވުމާއި ޚާއްސަގޮތެއްގައި ޚަތިމު ގެންދަން ހަނދާން ކޮށްދެއްވުުމާއި، ރަނގަޅު އިންޓަވަލް އެއް ދެއްވުމާއި، ބެލެނިވެރިންނާއި މުދައްރިސުންނަށް ދަންނަވާ ފޮތުގައި ސްކޫލްގެ ފަރާތުން ކަމަކަށް އެދިފައިވާނަމަ އެކަމަކީ ކޮބައިތޯ ބަލައި އެކަން ކޮށް ދިނުމާއި، ކުއްޖާގެ ފޮތްތައް ޤަވާއިދުން ބަލާ ، ގޭގެ މަސައްކަތްތައް ނިންމެވުމާއި، ދަސްކުރަން ދެވިފައިވާ ފިލާވަޅުތައް ދަސްވީތޯ ބެއްލެވުުމާއި، ކުއްޖާ ސްކޫލަށް ފޮނުވުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ނަސޭހަތް ދެއްވުމަކީ ބެލެނިވެރިޔާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. މިކަންތައް ތަކަށް ފަރުވާތެރިކަން ނުދެއްވައިފިނަމަ ކުއްޖާގެ ކިޔެވުމާއި ސުލޫކަށާއި ހެދިބޮޑުވުމަށްވެސް ބަދަލުތަކެއް އަންނާނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ.

ކުލާހުގައި ކުދިންތިބޭއިރު ، އެކުދިންގެ ތެރޭގައި ތަފާތު މިޒާޖުގެ ކުދިންނާއި ، ތަފާތު ފެންވަރުގެ ކުދިންނާއި، މިނޫނަސް އެކިމިންގަނޑުތަކުން ކުދިން ތަފާތު ވާނެކަން މުދައްރިސަށް އެނގެންވާނެއެވެ. ކުއްޖާގެ ޠަބީޢަތުގައި ހުންނަ ތަފާތު ކަންތައްތައް ދަނެ ކުއްޖާ ކުލާހަށް އަހުލުވެރި ކުރުވުމާއި، ފިލާވަޅު ބުނެދެވެމުންދާއިރު ކުއްޖާގެ ސަމާލުކަން މުދައްރިސަށް ލެންބެވުމާއި، ދެވޭ މަސައްކަތް ފުރިހަމަ ކުރޭތޯ ބެލުމާއި، ކުއްޖާގެ ފަރާތުން އުނިކަމެއް ފެންނަނަމަ އެކަމަށް ލޯހުޅުވުމާއި އެކަން ހައްލުކޮށް ބެލެހެއްޓެނިވި މާހައުލަކަށް ކުލާސް ހެއްދެވުމަކީ މުދައްރިސުގެ މަސްއޫލިއްޔަތެކެވެ.

މިދެފަރާތަކީ ކުއްޖާގެ އެންމެ ގާތް ދެފަރާތް ކަމުގައިވުމުން، ކުއްޖާގެ ކުރިއެރުމަށް ދެފަރާތުން ކުރަމުންދާ މަސައްކަތަކީ އެއްފަރާތުން އަނެއް ފަރާތަށް އެނގޭ މަސައްކަތަކަށްވުން މުހިއްމެވެ. އޭރުން ޖިސްމާނީ ގޮތުންވެސް ، ނަފުސާނީ ގޮތުންވެސް، އަދި އިޖުތިމާޢީ ގޮތުންވެސް ކުއްޖާއަށްް އެއްވެސް ގެއްލުމެއް ނުލިބި ހަފަރާތުންވެސް ރައްކާތެރިކަން ލިބިދޭނެއެވެ.

ކުއްޖާގެ ކިބައިން މައްސަލައެއް ފެނިއްޖެ ނަމަ އެކަން ހައްލުކުރަން ދެފަރާތުގެ މެދުގައި ވާހަކަ ދެކެވޭއިރު ކުއްޖާއަށް އަމާޒުކޮށް ދެފަރާތުން ކުރެފަރާތަކުން ބުނާ ބަހަކަށް މެނުވީ ތިންވަނަ ފަރާތަކަށް ކުއްޖާ އެތަނުގައި ބެހެއްޓުން ރަނގަޅެއްނުވާނެއެވެ. އަދި ދެފަރާތުންކުރެ ފަރާތަކުންވެސް ކުއްޖާ ގާތު އަނެއް ފަރާތަށް ނިސްބަތްވާގޮތަށް ބަދުބަހެއް ބުނެގެން ނުވާނެއެވެ. އެހެނީ ކުއްޖާއަށް އަޑުއިވޭގޮތަށް މިފަދަ ވާހަކައެއް ދެކެވިއްޖެނަމަ ކުއްޖާގެ ހިތުގައި އެފަރާތަކަށް އޮންނަ އިތުބާރު ގެއްލޭނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ކުއްޖާގެ އިސްލާހަށް ވާހަކަ ދެކެވޭތަންތާނގައި މިދެންނެވި ފަދަ ވާހަކައެއް ކުއްޖާއަށް ބާރު ލިބޭ ފަދަ ގޮތަކަށް ދެކެވިއްޖެނަމަ އިސްލާހުވުމުގެ ބަދަލުގައި ނުސީދާ މަގު އިޚުތިޔާރު ކުރަން ހިތްވަރު ލިބި ކޮންމެވެސް އެއްފަރާތަކާމެދު ކުއްޖާގެ ހިތުގައި ނަފުރަތު އުފެދޭގޮތވާނެއެވެ.

މިއީ މއަދު މައިން ބަފައިންނާއި މުދައްރިސުން ވިސްނަންވީ ކަންތައްތަކެވެ. ފުރަތމަ ދުވަހު ރަނގަޅު ބިންގަލެއް އެޅ،ި އެބިންގަލުގެ މަތީގައި ސީދާ މަގުން ދެފަރާތް ގުޅިގެން ކުއްޖާގެ ރަނގަޅަށާއި ކުރިއެރުމަށް މަސައްކަތް ކޮށްފިނަމަ އޮތީހީ ކާމިޔާބެވެ. ކުއްޖާއަށް މަދުރަސީ ދައުރުގައި ލިބޭ ކާމިޔާބު ސިފަކުރުމުގައި ހުރިހާ ޝަރަފެއް ލިބޭ ބަޔަކީ އާއިލާކަމަށް ވެ، ނާކާމިޔާބު ލިބި މަގު އޮޅިގެން ދާ ކުއްޖާ އެއީ ވަކި އާއިލާއެއްގެ ކުއްޖެއްގެ ބަދަލުގައި ވަކި މަދުރސާއެއްގެ ކުއްޖެއްކަމަށް ސިފަކުރުންވެސް އެއީ އިންސާފެއްނޫނެވެ. މަދުރަސީ ދައުރުގައި ކުއްޖާއަށް ލިބޭ ކޮންމެ ކާމިޔާބަކާއި ނިކަމެތިކަމެއްގައިވެސް މަދުރަސާއާއި ޢައިލާ އެއްހަމައެއްގައި ޒިންމާ އުފުލާންޖެހެއެވެ.

އަޅުގނަޑުމެންގެ ޅަދަރިން ތަރުބިއޔްތު ކުރުމުގައި އަޅުގަނޑުމެންގެ ޒިންމާތަކެއް ވެއެވެ. ކުއްޖާއުޅޭ މާހައުލުގައި އަޅުގަނޑުމެންގެ ސުލޫކީ މިންގަޑެއް މިންގަޑެއްވެސް އޮވެއެވެ. ގެއްލުން ހުރި ކަންތަކާއި ފައިދާހުރިކަންތައް ވިސްނައިދޭން ޖެހެއެވެ. ދީނީގޮތުން ކުއްޖާއަށް ލިބިދޭން ޖެހޭ އަސާސީ މައުލޫމާތުތައް ދިނުމުގައި މަދުރަސާގެ ރޯލު އޮތްކަމަށް ނުބައްލަވައި މައިންބަފައިން އެކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. މިކަންތައްތަކަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި " ފުރަތަމަ ފިޔަވަޅު" ކަމުގައި ދެކެންޖެހެއެވެ. މާދަމާއަށްޓަކައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ އޭރުންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ