އަދުގެ ޚާއްސަ

Print

ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އަޙުމަދު ނާޞިރު، ޑައިމަންޑްވިލާ. ސ. ހިތަދޫ

ދިވެހިންނަކީ، ޒަމާނުއްސުރެވެސް ޤައުމު ދެކެ ލޯބިވާ ބައެކެވެ. ޤައުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއްވި ބައެކެވެ. އުތީމު މުޙައްމަދު ތަކުރުފާނާއި މުލީގޭ ދޮން ޙަސަންމަނިކުފާނާއި ޢަލި ރަސްގެފާނު ފަދަ ބަޠަލުންނަކީ ޤައުމަށްޓަކައި ޖިހާދުކުރެއްވި ހިތްވަރުގަދަ ދިވެހި ދަރިންނެވެ. މިނޫނަސް މިފަދަ ކުޅަދާނަ އެތައް ބަޠަލުންނެއްގެ ވާހަކަ ދިވެހި ތާރީޚުގައި ލިޔެވިފައިވެއެވެ. ޤައުމަށް ޚިދުމަތް ކުރުމަކީ ދިވެހިންގެ ގިނަބަޔަކަށް ލިބޭ އުފަލެއްކަމުގައި އެމީހުން ދެކެއެވެ. ދިވެހިންގެ އެއްބައިވަންތަކަމަކީ އެހެން ޤައުމުތަކުގެ ރައްޔަތުންނަށް ނަމޫނާއެކޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ.

ދުނިޔެ ދަނީ ދައުރުވަމުންނެވެ. ޒަމާންދަނީ ބަދަލުވަމުންނެވެ. ދިވެހިންގެ ވިސްނުމާއި ފިކުރަށްވެސް ވަނީ ބަދަލު އައިސްފައެވެ.މިއަދު މިއޮތް ބޮޑު ދުނިޔެވެސް އިންސާނާގެ ގޮށްމުށުތެރެއަށް ލެވޭހާ ކުޑަވެފއިވާ ދުވަސްވަރެއްގައި އިންސާނީ ވަސީލަތްތަކުގެ ކުރިއެރުމަށް ބަލާއިރު، އަމިއްލަ އުފެއްދުންތަކެއް ނެތަސް ދިވެހިންވެސްވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީޑިޔާގެ ކުރިއެރުން ވީ ދިވެހިންގެ ހަޔާތަކަށް އައި ބޮޑު އިންޤިލާބަކަށެވެ. މިވަސީލަތުގެ ބޭނުން އެއްބަޔަކަށް ރަނގަޅަށް ހިފުނު އިރު އަނެއް ބަޔަކަށް ހިފުނީ ރަނގަޅަކަށް ނޫނެވެ.

މިފަދަ ބޮޑު އިންޤިލާބެއް އައުމާގުޅިގެން ދެންވީގޮތް ބަލަމާ ހިނގާށެވެ. ފޯރުންތެރިކަމާއި ތަނަވަސްކަން ލިބި ފަސޭހައިން އާމްދަނީ ހޯދޭނެ ގޮތް މެދުވެރިވިއެވެ. މުވާޞަލާތީ ގޮތުން ދުރު ގާތްކޮށްދިނެވެ. ނުދަންނަ އެތައް ކަންތަކެއް މީޑިއާގެ އެހީގައި ޤައުމަށް ތަޢާރަފްވިއެވެ. ބައިނަލް އަޤުވާމީ މަސްރަހުގައި ރާއްޖޭގެ ނަން އުފުލިގެންދިޔައެވެ. ޒަމާނީ ތަޢުލީމާއި ތަރއްޤީގެ ކުރިއެރުން ލިބުނެވެ. މިއީ މިއަދު ދިވެހިންނަށް ލިބިފައިވާ ކުރިއެރުން ކަމުގައި ނޫނީ ނުވެއެވެ.

މިކަން މިހެން އޮތް އިރު ފަރުދާގެ އަނެއްފަރާތްވެސް އެބަބަލާލެވެއެވެ. މިކުރިއެރުންތައް ލިބިގެން ދިޔައިރު ގެއްލިގެން ދިޔަ ކަންތައްތަކުގެ ވާހަކަވެސް ދައްކަން ޖެހެއެވެ. ދަންނަވާލަން ޖެހެނީ ދިވެހިންގެ އަމިއްލަ ޘަޤާފަތެއް އޮންނަ ވާހަކައަކީ ބިލާހެއްނޫން ކަމެވެ. ކުރީ ޒަމާނުގައި

ދިވެހިންގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ރާއެރުމާއި، ބޮނބިތެޅުމާއި، ކަނބުރުވެރިކަމާއި، ތިލޭރުކަމާއި ،ފޭރާން ވިޔުން ފަދަކަންތައް މިއަދު ކުރަނީ ދިވެހިންގެ ތެރެއިން ކިތައްމީހުން ބާވައެވެ؟ ދިވެހިން ރަށްތަކުގެ ހޭޅިފަށުގައިވާ ރީތިކަން ދަމަހައްޓާ އެތަނުގެ ސަލާމަތްކަމާމެދު ވިސްނަނީ ކިތައް މީހުން ބާވައެވެ؟ ދިވެހިންގެ އަމިއްލަ އަކުރު ތާނައިން ރީތިކޮށް ލިޔަން އެނގެނީ ކިތައް މީހުނަށް ބާވައެވެ؟ ދިވެހި ތާރީޚުގެ ކުރީގެ ސަފްޙާތައް އަންނަން އޮތް ޖީލަށް އެންމެ ރަނގަޅަށް ކިޔާލަދެވޭނީ ކިތައް މީހުންނަށް ބާވައެވެ؟ މިއީ ހަމަ ދިވެހިން ކުރަމުންނދާ ސުވާލުތަކެވެ. ވިސްނަމުންދާކަންތައްތަކެވެ.

މިހިސާބަށް އައިސް މާނޭވާއެއްލާފައި ބަލާލާއރު ދިވެހިންގެ ޘަޤާފަތާއި އާދަކާދައިގެ ބޮޑުބައެއް ވެއްޔާއި މޮޑެވިގެން ހިނގައްޖެކަން އެނގިއްޖެއެވެ. ދިވެހިބަސް މިހާރު ދަނީ ސަލާމަތްވުމަށްޓަކައި ގަދަކަނޑެއްގައި ފަތަމުންކަންވެސް ވިސްނިއްޖެއެވެ. ދިވެހި ޒުވާނުންގެ ޙާލަތު އޮތީ ނާޒުކު ފައްތަރެއްގެ މަތީގައިކަންވެސް ޔަޤީންވެއްޖެއެވެ. ދިވެހި ރާއްޖޭގެ ރަށްތަކުގެ ސަލާމަތަށް ވިސްނަންވެއްޖެކަން ހާމަވެއްޖެއެވެ. މިކަންތަކާ މެދު ވިސްނަނީވެސް ހަމަ ދިވެހިންނެވެ. ޤައުމުގެ ފައިދާއާއި ލާބައަށް މަސައްކަތް ކުރެވިއްޖެނަމަ ދިވެހިންނަކީ މާޒީ އިޢާދަ ނުކުރެވޭނެބައެއްވެސް ނޫނެވެ.

ހަމަގައިމުވެސް ދިވެހިން، ދިވެހިޤައުމިއްޔަތާއި އިސްތިޤްލާލާއި އިސްލާމީ ޝިޢާރު މިބިމުން ފޮހެވިގެން ދިއުމަކަށް ނޭދޭނެއެވެ. އޭގެ ހެކިތަކެއްވެސް ފެނިފައި އެބަހުއްޓެވެ. ޤައުމީ އަބްޠާލުން ކުރިން ކުރެއްވި ޖިހާދުތަކުގެ އިތުރަށް، ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައިޔާއި ސުނާމީ ކާރިޘާގައި ދިވެހިންގެ އެއްބައެއްވަންތަކަމުގެ ނަމޫނާ ފެނިގެން ދިޔައެވެ. ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރިރޭ ދިވެހިންނަކީ އެއްބައެއްކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ދިޔައެވެ. ސިޔާސީ ގޮތުންނާއި އަދި އެހެނިހެން ގޮތުން ޚިޔާލުތަފާތުވުންތައް ހުއްޓަސް ޤައުމީ ރޫޙާއި ޤައުމީ ލޯބި ދީގެން ޤައުމީ ކަންކަމުގައި ނިކުންނަން ޖެހޭ ހިނދު ދިވެހިންގެ އޮންނަ އެއްބައިވަންތަކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މިކަމުގައި ޙަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ. ޙަޤީޤަތްވާނީ ހަމަ ހަޤީޤަތަށެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ