އަދުގެ ޚާއްސަ

Print

އެއް ފުރާނައިގައި އެތައް ގިނަ ބަޔަކު!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް (2009)


ދަރީންނަށް ކިޔަވައި ދިނުމަށް ބޮޑެތި ހޭދަތަކެއް ކުރެވެނީ އެކުދީން މޮޅު މީހުންނަށް ހެދުމަށެވެ. ކުޅަދާނަ މީހުންނަށް ހެދުމަށެވެ. ތަފާތު ރޮނގު ރޮނގުންނެވެ. ތަފާތު ފަންނުތަކުންނެވެ. މިމަސައްކަތް އަޅުގަނޑުމެން ކުރާއިރު މޮޅު މީހުންގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވާ މީހުންނަކީ ކޮންކަހަލަ ބައެއްތޯ ވިސްނާލުން ކިހިނެއްވާނެތޯއެވެ؟ އަޅުގަނޑުމެންނަށް އެމީހަކާ ދިމާޔަށް މޮޅު މީހެކޭ ބުނެވޭ ގިނަ މީހުންނަކީ ކޮންގޮތަކުން، ކީއްވެ ''މޮޅު'' މި ''ލަޤަބު'' ދެވުނު މީހެއްތޯ ފިކުރު ހިންގާލަމާތޯއެވެ؟

މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި، ކުޑަކުޑަ އެހެންކަމެއް  ހަނދާނަށް ގެންނަންޖެހެއެވެ. އެއީ ކިޔެވުމުގައި ނުވަތަ ކިޔަވައި ދިނުމުގައި ބައެއް މީހުންނަށް ގެންގުޅެވޭ ކުށް ވިސްނުމެކެވެ. އެފަދަ މީހުން ދެކޭގޮތުގައި ޢިލްމާ ހުނަރުގެ ތެރޭން އޭނާޔަށް ބޭނުންވާނީ ވަކި ކަހަލަ ކަންކަމެވެ. ވަކި ކަހަލަ މަޢުލޫމާތެވެ. އެނޫން މަޢުލޫމާތާއި، ހުނަރަކީ ބޭނުންތެރި އެއްޗެއް ނޫނެވެ.

މި ސާލަކަށް، މީހަކީ ޤާނޫނީ ދާއިރާއިން ކިޔަވާ މީހެކެވެ. ނުވަތަ އިސްލާމީ ޝަރީޢާ ކިޔަވާ މީހެކެވެ. އެހެންކަމުން އޭނާއަށް ބޭނުންވާނީ، އެ އުނގެނޭ ދާއިރާއެއްގެ މަޢުލޫމާތު އެކަންޏެވެ. އިސްލާމީ ޝަރީޢާ ކަމުގައިވަނީނަމަ، އެދާއިރާގެ މާއްދާތައް އެކަންޏެވެ. ލިޔުންތެރިކަމާއި، އަދަބިއްޔާތުގެ ހަމަތަކާ ހުނަރުތައް އޭނާއަށް ކޮންމެހެން އެނގޭކަށް ނުޖެހެއެވެ. ބަހާއި ތާރީޚާއި ސަގާފަތާ ގުޅުންހުރި ޢިލްމުތައް އުނގެނޭކަށް ނުޖެހެއެވެ. އައި. ޓީ. އީ. ގެ ދާއިރާ އިން ދުނިޔެއަށް އަންނަ އިންޤިލާބުތައް މޭރުންވާކަށް ނުޖެހެއެވެ.

މިއީ މިރާއްޖޭގައި ވަރަށް ގިނަ ވިސްނުމެކެވެ. ބައެއް ފަހަރަށް ވަރަށް މަތީ ފެންވަރުގައި ވެސް ފާޅުކުރެވޭތީ އިވޭ ވިސްނުމެވެ. އެ ފަދަ ފަރާތްތަކުގެ ހުއްޖަތަކީ މި އެވެ. މިވެނި ކުއްޖަކު ކިޔަވަން ބޭނުންވަނީ މެޑިސިންނެވެ. ވީއިރު، ދެން އޭނާ ދިވެހި ބަހުން ފާސްވުން މަޖުބޫރުކަމަކަށް ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެންމެ ކަމެއް ހަނދާނަށް ގެންނަމާތޯއެވެ. ދިވެއްސަކު ޑަކްޓަރަކަށް ވެގެން ދިވެހިންނާ މުޢާމަލާތު ކުރަންޖެހެއެވެ. އޭނާގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދޭންޖެހެއެވެ. ނުވަތަ ފޮތްވެސް ލިޔެވިދާނެއެވެ. މި ތާނގައި ނުކުތާއަކީ އަދި މިއެއް ނޫނެވެ. ތެދުފުޅެކެވެ. އޭނާއަށް އެނގޭ ދިވެހި ބަހަކުން އޭނާ ވާހަކަ ދައްކައިފާނެއެވެ. އެެކަމަކު ވާހަކަ ދައްކަންޖެހޭ ޙާލަތުގައި އޭނާއަކީ ވާހަކަ ދެއްކުންތެރިޔަކަށް ވީނަމަ، އެ ޙާލަތުގައި އޭނައަކީ، ޑޮކްޓަރަކާއި، ވާހަކަ ދެއްކުންތެރިއެކެވެ. އޭނާ ފެންނާނީ އެކުލެވިގެންވާ ދެ ޝަޚްސިއްޔަތެއްގެ ގޮތުގައެެވެ. ޑަކްޓަރީ މަޢުލޫމާތާއި ވާހަކަ ދެއްކުންތެރި ކަމުގެ ހުނަރުން މުއްސަނދިވެފައިވާ ބަޔާންކުރުމެކެވެ.  ފުރިހަމަ ވީއެވެ. އެ ހުނަރު ނެތް ނަމަ، އެފަދަ މީހެކޭ މަޢުލޫމާތުން ފުރިފައި އޮތް ނުހުޅުވޭ  ސީޑީ އެކޭ ވަކި ތަފާތެއް ކޮބައި ތޯއެވެ؟ އޭނ އެހެން މިހަކަށް ފައިދާއެއް ކުރާނީ އެ ސީޑީ ހުޅުވި އެތެރޭގައި ހުރި އެއްޗެއް އެހެން މީހުންނާ ހަމަޔަށް ފޯރައިގެން  ނޫންތޯއެވެ؟

ވަކި ރޮނގަކުން ކިޔަވައި ތަޚައްޞުޞު ވުމުން އޭނާ އެ މާއްދާ ކިޔަވައި ދޭ ނަމަ ޓީޗިން ހަދަން ޖެހެނީ ވެސް މި އުސޫލުންނެވެ. ޙިސާބު ކިޔަވައިގެން ހުންނަ މީހަކު، އެއީ ޙިސާބު ޢިލްމުވެރިއެކެވެ. އޭނާ ކިލާހަށް ވަނުމުން އޭނާ އެއީ ހިސާބު ޢިލްމުވެރިއެއްގެ އިތުރަށް  މުދައްރިސެކެވެ. އެހެންކަމުން އެވަގުތު މުދައްރިސެއްގައި ހުންނަންޖެހޭ ހުނަރު ނެތްނަމަ އޭނާ ފެންނާނީ އުނި މީހެއްގެ ގޮތުގައެވެ. އެހެންވީމާ އެހާލަތުގައި ވެސް އޭނާ ފުރިހަމަ މޮޅު މީހަކަ ވުމަށްޓަކައި ހިސާބު ޢިލްމުވެރިޔަކަށާއި، މުދައްރިސަކަށް ވާންޖެހެއެވެ.

ދީނީ ޢިލްމުވެރިޔަކު، ޚުޠުބާ ލިޔަން ޖެހިއްޖެ ނަމަ، އެ ޙާލަތުގައި އޭނާގެ ވަޒީފާއަކީ ލިޔުންތެރިއެއްގެ މަސައްކަތެވެ. އޭނާގެ ސިކުނޑީގައިވާ މަޢުލޫމާތު ގަލަމުން ބަޔާން ކުރުމަށްޓަކައި އޭނާ ވާންޖެހެނީ ލިޔުންތެރިޔަކަށެވެ. މިންބަރަށް އަރާ ޚުޠުބާ ދޭން ވެއްޖެ ނަމަ އަދި ތިންވަނަ މީހަކަށް އޭނާ ބަދަލުވާނެ އެވެ. އާދެ! ބަސްތެރި، ބަސްމޮށުންތެރިއަކަށެވެ.

ކުރުގޮތަކަށް ދަންނަވާނަމަ އަޅުގަނޑު މި ދަންނަވަނީ އިންސާނާގައި ލައްވާފައިވާކަމަށް އުނގަންނާ ދިނުމުގެ ނަފުސާނީ ޢިލްމުވެރިން އެވިދާޅުވާ ތޫނު ފިލިކަމުގެ ހަތް ދާއިރާ ވެސް  ތަރައްޤީ ކުރަންޖެހޭ ވާހަކައެވެ. އެއްވެސް އަސާސެއް   ދޫކޮށް ލެވެން ނެތް ވާހަކަ އެވެ.  ހަމަ އެހެންމެ ތިމާ އޭރަކު އެ ޚާއްޞަވާ ތަޚައްޞުޞު ފިޔަވައި އެހެން އެއްވެސް އެއްޗެއް ދަސްކުރަން ނުޖެހޭކަމަށް ގަބޫލުކުރެވިފައި އޮންނަ ގަބޫލު ކުރެވުން ދޫކޮށްލަންވީއެވެ.

އަޅުގަނޑުމެން އުންމީދުކުރާ ފަދަ ''މޮޅު'' އިންސާނަކު ބިނާކުރެވޭނީ، ތަފާތު ގިނަ ފަންނުތަކަށް ދަރީން އަހުލުވެރި ކުރުވައި، ތަފާތު  ޢިލްމުތަކުން ސިކުނޑި ފުރައިދީގެންނެވެ. އޭރުން އެ ދަރިފުޅު ވާނީ މޮޅު މީހަކަށެވެ.  ނޫނިއްޔާ ވާނީ ހޮޅު މީހަކަށެވެ.

މިލިޔުން ނިންމާލާނީ، ދިވެހި ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބާމެދު ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ލިޔުއްވާފައިވާ މިޒާތުގެ ބަސްކޮޅަކުންނެވެ. މި ފަދަ މައުޟޫޢަކަށް މި މަޒުމޫނު ލިޔުމުގެ ޚިޔާލު އަޅުގަނޑަށް ލިބުނީ،  އެމަނިކުފާނުގެ އެ ލިޔުންކޮޅު ކިޔާލުމުންނެވެ.

''ފަޟީލަތުއްޝައިޚަކީ، (ޙުސައިން  ޞަލާޙުއްދީނަކީ) މޮޅު އަދީބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. ސިޔާސީ ޙަކީމެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚުރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.

ދިވެހި ރާއްޖެއަށް އެކި ރޮނގު ރޮނގުން އެމަނިކުފާނު ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނައެވެ. ދިވެހީން އެމަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއް ނޫނެވެ. އެމަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެގެއްލުނީ ކުޅަދާނަ ކިތައް މީހުންތޯއެވެ؟ ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ