އަދުގެ ޚާއްސަ

Print

ދޫނީގެ ބައެއް ސިއްރު

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތިމާވެށި


 ޝާކިރު


ދޫނި ނިސްބަތްވެ ހިމެނިގެންވަނީ ބައިލޮޖިކަލް ކުލާސް 'އޭވްސް' ގައެވެ. ކޮންމެވެސް އެއްބާވަތެއްގެ ދޫންޏެއް ދުނިޔޭގެ ހުރިހާތަނެއްގައިވެސް ދިރިއުޅެވެއެވެ. މިސާލަކަށް ކިވީ ބާރޑް އަކީ ނިވްޒީލެންޑް ގައި ދިރިއުޅޭ ނުއުދުހެވޭ ދޫންޏެކެވެ. ދޫންޏަކީ އެމިނޯޓްސް

(amniotes) އެކެވެ. މިގްރޫޕްގައި މަންމަލިތަކާއި ދޫންޏާއި ޑައިނޯސަރ އަދި ފަނިފަޚުސާ ވެއެވެ. ގާތްގަނޑަކަށް 9000 އަށް ވުރެ ގިނަ ވައްތަރުގެ ދޫނިއުޅެއެވެ. މިބައިކުރެވިފައިވަނީ 24 އޯޑަރ އަށެވެ. އަދި 146 ފެމެލީ އަށެވެ. މިހާރު އުޅޭ ގިނަ ދޫނި ނިސްބަތްވަނީ "ނިއޮގްނަތެ" (Neognathae) ފެމެލީ އަށެވެ. އަނެއްބައި ވައްތަރުގެ ދޫނި ނިސްބަތްވަނީ މާކުޑަ ގްރޫޕެއްކަމަށްވާ ޕަލެއިއޮގްނަތެއި
(Palaeognthae) އަށެވެ. މިދަރިކޮޅުގައި ހިމެނެނީ ގިނިކާމާދޫންޏާއި ކިވީ އަދި އެމޫ އައި ރެއަ އައި އަދިވެސް އެހެން މިބާވަތުގެ ދޫނިތަކެވެ.

ދޫންޏާއި ބެހޭ ހޯދުންތައް ހޯދާ ސައިންޓިސްޓުންނަށް ކިޔަނީ އޮނިތޮލަޖިސްޓް އެވެ. އޮނިތޮލަޖީއަކީ ދޫންޏާއި ބެހޭ ދިރާސާތައް ކުރާ ޢިލްމެވެ.

ވަހުމީ ގަބޫލު ކުރުމެއްް

ޑާވިންގެ މަޝްހޫރު އިވޮލިއުޝަން ތިއަރީ ގަބޫލުކުރާމީހުން ދެކޭގޮތުގައި ދޫނި އިވޯލްވީ މަސްކާ ޖަނަވާރު ތެހެރޮޕޮޑް (theropod) އިން ނެވެ. މެސޯޒޮއިކް (Mesozoic Era) އީރާގައެވެ. ގާތްގަނޑަކަށް މީގެ 150 މިލިއަން އަހަރު ކުރިންނެވެ. ކުރީ ޒަމާނުގެ އާޗެއޮޕްޓަރިކްސް (Archaeopteryx) ކަހަލަ ދޫނިތަކުގެ އަނގައިގައި ދަތްހުރެއެވެ. އަދި ފިޔަގަނޑުގައި ވަކިހުރެއެވެ.

މިޔުޒިކީ ފަންނާނެއް


ތަފާތު ރީތި ރާގުރާގަށް ދޫނި ލަވަކިޔައެވެ. ލަވަކިޔާ ބާވަތުގެ ގިނަ ދޫނި، އަހަރުން އަހަރަށް އަންނަނީ މަދުވަމުންނެވެ. ލަވަކިޔާދޫނި ނުވަތަ ސޯންގްބާރޑް ގެ އަރުތެރޭގައި ސައިރިންކްސް (syrinx) ކިޔާ ގުނަނެއް ވެއެވެ. މަހުގެ ފަށަލަތަކަކުން އުފެދިފައިވާ މިގުނަނު ގެ ދެބައި ވެއެވެ. ކޮންމެ ބައެއް ވައިބްރޭޓް ވުމުން އަޑު އުފެދެއެވެ. ދޫންޏަށް އެއްފަހަރާ ދެ ނޯޓްގެ އަޑުނެރުމުގެ ޤާބިލުކަން ލިބިގެންވެއެވެ. ދޫނި އަޑު އުފެއްދުމަށް ފުއްޕާމޭގެ ތެރޭގައި ހުންނަ ވައި ސައިރިންކްސް ތެރެއިން ބޭރަށް ފޮނުވައެވެ.

ހަށިގަނޑުގެ ޠަބީޢަތް

ދޫންޏަކީ ވޯރމް – ބްލެޑް ވެޓެބްރޭޓެޑް، ފިޔަ ލިބިފައިވާ އެނިމަލް އެކެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ ދޫންޏަކީ ލޭ ހޫނު މައިކައްޓާއި ފިޔަ ލިބިފައިވާ ޖަނަވާރެކެވެ. ނޫނީ ސޫތްޕެކެވެ. ދޫންޏަށް ދޫނިފަތާއި ދަތްޕިލާ ނުވާ ތުނބެއް ލިބިފާ ވެއެވެ. ދޫނީގެ ކަށީގެ އޮނިގަނޑުގެ ގިނަ ކަށިތައްވަނީ އެއްކަށިގަނޑު އަނެއްކަށިގަނޑާއި ގުޅިލާމެހިފައެވެ. ނުވަތަ އެކަށިތައް އެސޫތްޕަށް ލިބިފައެއް ނުވެއެވެ. ދޫންޏަކީ އާދައާ ޚިލާފު ޤާބިލުކަން ލިބިފައިވާ "ވަން – ވޭ ބްރީތިންގ ސިސްޓަމް" އެއް ލިބިފައިވާ ޖަނަވާރެކެވެ. އުދުހޭ ދޫންޏަށް ހޮއި އުފެދިފައިވާ ގަދަފަދަ ކައްޓާއި ބާރުގަދަ ފްލައިޓް މަސްލްސް ލިބިފައި ވެއެވެ.
ގިނަދޫންޏަށް އުދުހުމުގެ ކުޅަދާނަކަން ލިބިފަވެއެވެ. ދޫންޏަށް ވަރަށް ބާރުގަދަ ހިތަކާއެކު ނޭވާލުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވެއެވެ. ދޫނި އުދުހުމަށް މިއީ ލާޒިމްކުރާ ސިފައެކެވެ. ދޫނި އުދުހުމުގައި ގިނަ އަދަދެއްގެ ހަކަތަ ބޭނުންވާތީ ފްލައިޓް ޕަވަރ ހޯދުމަށް ވަރަށް ގިނައިން ކާން ބޭނުންވެއެވެ.

އުދުހޭ ކޮންމެ ޖަނަވާރަކީ ދޫންޏެއް ނޫނެވެ. އަދި ހުރިހާ ދޫންޏަކަށް ނުއުދުހެވެއެވެ. ދުނިޔޭގެ ތާރީޚުގައި އެތައް ފަހަރެއްގެ މަތިން މުސްތަޤިއްލުކޮށް އުދުހުމުގެ ޤާބިލުކަން އިތުރުކޮށްފައި ވެއެވެ. ވާލަކީ އުދުހޭ މަންމަލި ޖަނަވާރެކެވެ. ބުނެވޭގޮތުގައި ޓެރެސޯރސް އަކީ ޑައިނޯސަރސްގެ ދުވަސްވަރުގަ އުޅުނު އުދުހޭ ސޫތްޕެކެވެ. އުދުހޭ ފަނިފަޚުސާތަކަކީވެސް ދޫންޏެއް ނޫނެވެ.

ޙަރަކާތްތެރިވުން: އުދުހުން، ދުވުން އަދި ފެތުން.

ގިނިކާ މާދޫންޏަކީ އެންމެ ބާރަށް ދުވާ ދޫންޏެވެ. އެކަމަކު މިދޫންޏަކަށް ނުއުދުހެވެއެވެ. ދެފައި ލިބިފައިވާ ޖަނަވާރުތަކުތެރެއިން އެންމެ ބާރަށް ދުވަނީވެސް ގިނިކާ މާދޫންޏެވެ. ބިމުގައިވާ ޖަނަވާރުތަކުގެ ތެރެއިން އެންމެ ބޮޑު ދޫންޏަކީވެސް ގިނިކާ މާދޫންޏެވެ. ބިމުގައިވާ ޖަނަވާރުތަކުގެ ތެރެއިން ގިނިކާ މާދޫންޏަކީ އެންމެ ބޮޑު ދޫންޏެވެ.

ދޫނީގެ ޙަރަކާތްތެރިކަން ދޫނީގެ ވައްތަރުތަކާއި އަދި އޭގެ އެކަތި އަނެކައްޗާވެސް ތަފާތެވެ. ގިނަ ދޫންޏަށް އުދުހުމުގެ ގާބިލުކަން ލިބިގެންވެއެވެ. ބައެއް ދޫންޏަށް ވަރަށް ރަނގަޅަށް ދުވެވެއެވެ. ބައެއްދޫނި ފަތައެވެ. އަދި އަނެއްބައިދޫންޏަށް ފެތުމާއި ދުވުމުގެ ގާބިލުކަންވެސް ލިބިގެންވެއެވެ. އަދި އަނެއްބައިދޫންޏަކަށް އެއްގޮތަކަށްވެސް ނުއުދުހެވެއެވެ.
ގިނަދޫންޏަށް އުދުހުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. އުދުހޭ ދޫނީގެ ފިޔަގަނޑު ފަރުމާކުރެއްވިގެންވަނީ ދޫނި ވައިގެތެރެއަށް އުފުލި އުދުހެވޭ ގޮތަށެވެ. މި ފްލައިޓް – ވެއިޓް އެނިމަލް ބަދަލުވެފަވަނީ އުދުހެވޭ މާހައުލާ އެކަށޭނަގޮތަށެވެ. އެކަމުން ޝިކާރަކުރުމުގެ ފަންނުވެރިކަމާއި ހުނަރުވެރިކަމާއި ގާބިލުކަން އެދޫނިތަކަށް ލިބިގެންވެއެވެ. މޫސުމަށް އަންނަ ރަގަނޅުނޫން ބަދަލުތަކާ ގުޅޭގޮތުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރެއެވެ.

ޕެރިގްރިން ފަލްކަން އަކީ ވަރަށް ހަލުވި ދޫންޏެކެވެ. އަދި ޖެހިގަތުމުގައި ގަޑިއަކު 90 މޭލު ބާރުމިނުގައި ތިރިއަށް އާދެއެވެ. ބައެއްމީހުން ބުނާގޮތުގައި ޕެރިގްރިން ފަލްކަންއަށް 200 އެމް.ޕީ.އެޗް.އަށް ވުރެ ބާރަށް ޖެހިގަތުމުގެ ގާބިލުކަން ލިބިފައިވެއެވެ.

ދޫނިފަތް:

ދޫނިފަތް ޚާއްޞަ ގޮތަކަށް ފަރުމާކުރެއްވިގެންވަނީ ހުޅުނބު (scales) ތަކެއްގޮތަށެވެ. ދޫންޏަށް ތަފާތު ވައްތަރުގެ ދޫނިފަތް، ތަފާތު ބޭނުންތަކުގައި ލިިބިފައިވެއެވެ. ދޫނީގެފަތް ބޭނުންކުރެވެނީ:

އުދުހުމަށް –

އުދުހުމަށް ބޭނުންވާ ދޫނިފަތް އުފެދެނީ ފިޔަފަތުގައާއި ފިނދުފަތުގައެވެ.

ފިންޏާއި ހޫނުން ސަލާމަތްތެރިކަން ލިބިގަތުމަށް –

ފިންޏާއި ހޫނުން ސަލާމަތްތެރިކަން ލިބިގަތުމަށްބޭނުންވާ ފުށްފަތްތައް އުފެދިފައިވަނީ ހަމާއި ގާތުގައެވެ. މިކަމުގެ ސަބަބުން ދޫންޏަށް ގަދަ ފިންޏާއި ހޫނުން ރައްކާތެރިކަން ލިބެއެވެ.

ކޮތަރު.

ކޮތަރެއްގެ ހަށިގަނޑުގައިވާ ހުރިހާ ފަތްތެއް އެކޮތަރުގެ ކަށީގެ އޮނިގަނޑަށްވުރެ ބަރުވާނެއެވެ.

ބައިވެރިއަކު ހޯދުމާއިދަރިމައިވުން –

ބައިވެރިއަކު ހޯދުމާއި ދަރިމައިވުމުގައި ދޫނީގެ އެއްވަތަރާ އަނެއްވައްތަރު ވަރަށް ބޮޑަށް ތަފާތެވެ.
ސާމަރާދޫނީގެ ފިރިހެންދޫނި އެވައްތަރުގެ އަންހެންދޫންޏަށްވުރެ ކުލަތައް މާރީއްޗެވެ. މި ރީތިކަން ލޯބިވެރިން ހޯދުމުގައި އަންހެންދޫންޏަށް ފަރިކަން ދެއްކުމަށް ބޭނުންކުރެއެވެ. އަންހެންދޫނީގެ ކުލަ މާބޮޑަށް ފަނޑުވާނެއެވެ. މިކަމުގެ ސަބަބުން އެދޫނީގެ ޅަދޫންޏަށް އެހީތެރިވުމުގައި ފިރިހެން ދޫންޏަށް ފިލައިގެން އުޅެވޭނެމަގު ތަނަވަސްވެއެވެ. ސާމަރާދޫނީގެ އަންހެންދޫނިތިބޭނީ ފަނޑު މުށިކުލައިގައެވެ.

ދޫނި ގިނަ ވަގުތު ހޭދަކުރަނީ ކާނާ ހޯދުމުގައެވެ. ގިނަ ދޫނި ކަނީ ފަނިފަޚުސާ އެވެ. ބާޒާއި ބަކަމޫނުފަދަ ބައެއް ދޫންޏަކީ މިނިކާވަގާއި ސިންގާފަދައިން ދިރޭތަކެތި  ޝިކާރަކޮށް އެތަކެތީގެ މަސްކާ ބާވަތްތަކެވެ. ހަމިންބާރޑާއި ގްރައުސް ފަދަ ބައެއް ދޫންޏަކީ ފިލާވެލި ކައިއުޅޭ ދޫންޏެވެ. ސްޓާރލިންގ ފަދަ އެހެނިހެން ދޫންޏަކީ ފިލާވެއްޔާއި ދިރޭސޫފީގެ މަސްކައި އުޅޭވައްތަރު ތަކެވެ. ޓޫކަން ފަދަ ދޫނިތަކަކީ މޭވާ ކައިގެން އުޅޭވައްތަރުގެ ދޫނިތަކެވެ.

ދޫނި ކާނާ ހޯދުމަށް ބޭނުންކުރަނީ އެތަކެތީގެ ތޫނު ލޮލެވެ. ދޫނި އެސޮރުމެންގެ ތުންގަނޑާއި ވަކިތައް ބޭނުންކޮށްގެން ކުދިކުދި ސޫފިތަކާއި ފަންޏާއި ކުދި މަންމަލިތަކާއި މަސް އަދި މޭވާއާއި މާމަލުގެ ކަރުގަނޑުން ކާނާ ލިބިގަނެއެވެ.
ބާޒުފަދަ އަލި ލޯ ލިބިފައިވާ ޙައިރާންކުރުވަނިވި ބައެއް ދޫނީގެ ލޯ އާދަމުގެ ދަރިއެއްގެ ލޮލަށްވުރެ ފަހެއް ހައެއް ގުނަ އައްޔެވެ. އެ ދޫނިތަކަށް އެތަކެތީގެ ޝިކާރަ މޭލެއްގެ ދުރުން ފެނެއެވެ.

ފިޠުރަތުގައި ފަނިފަޚުސާ ކޮންޓްރޯލްކުރުމަށް ދޫނި މުހިންމު ބައެއް އަދާކުރެއެވެ. އަދި ގަސްގަހުގެ އޮއްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަސައްކަތް ކުރެއެވެ. ހަމިންބާރޑް ފަދަ މާމަލުގެ ކަރުގަނޑުން ކާނާ ލިބިގަންނަ ބައެއް ދޫނިތަކަކީ މާއަޅާ ގަސްތައް މުޑުވައްކުރުވުމުގައި މުހިންމު ބައެއް އަދާކުރާ އެއްޗެކެވެ.

ހާލިހެދުމާއި ބިސްއެޅުން.

ދޫނިތައް އެސޮރުމެންގެ ޅައެތި ވިހަނީ ތޮށިހަރު ބިހެއް އެޅުމަށްފހު ދުވަސްތަކަކަށްފަހު އެބިސް ތުއްވައިގެންނެވެ. ކުކުޅުފަދަ ބައެއް ދޫނިތައް ކޮންމެ ދުވަހަކު ބިހެއްއަޅައެވެ. މެލޯ ފަދަ ބައެއް ދޫނިތައް އެއް ބިސްއެޅުމަށްފަހު ދެވަނަ ބިހެއް ނާޅާ އެތައް ދުވަހެއް ހިނގާދާނެއެވެ.

ދޫނިތައް ބިސްއަޅާ ވިހައި ޅަދޫނި ބޮޑުކުރުމަށް ހާލިހަދަނީ ގަސްގަހުގައާއި އުސް ކުންނު ތަކުގައެވެ. ގިނަ ދޫނި އަބަދުވެސް އެސޮރުމެންގެ ޅަދޫނިތަކަށް އެހީތެރިވުމުގައި، ޅަދޫންޏަށް އުދުހި ގަނެވެންދެން އެހީތެރިކަން ފޯރުވައިދީ ކާނާ ގެނެސްދެއެވެ.
ގިނިކާމާދޫނީގެ ބިހަކީ ދޫނިބިސްތަކުގެ ތެރެއިން އެންމެ ބޮޑު ބިހެވެ. މިބިހުގެ ބޮޑުމިނަކީ ބިހުގެ ހުރަހަށް 7 x 4.5 (18 x 11 ސީއެމް) އިންޗި އެވެ. ބަރުދަނަކީ 3 (1400 ގ) ރާތަލެވެ.

ދޫނީގެ ވައްތަރުތަކުގެ ބިސް ފީކޮށް ވިހާމުއްދަތު ތަފާތެވެ. ޓެމްޕަރޭޗަރގެ ސަބަބުން މި މުއަދަތަށް ކުދިކުދި ބަދަލު އާދެއެވެ. ގިނިކާމާދޫނިފިޔޮއް ވިހަނީ 42 – 50 ދުވަހާ ދެމެދުންނެވެ. ސްވޯން ވިހަނީ 30 ދުވަހުންނެވެ. ގުރާގެ ވައްތަރުތައް ވިހަނީ 27 – 28 ދުވަހުންނެވެ. ކުކުޅުފިލާ ވިހަނީ 20 – 22 ދުވަހާ ދެމެދުންނެވެ. ކޮތަރުވިހަނީ 14 – 18 ދުވަހުންނެވެ. ޓްކަން ބިސް ފީކޮށް ފިޔޮއްވިހަނީ 18 ދުވަހުންނެވެ.

ކުކޫ ފަދަ ބައެއް ދޫންޏާއި ކަވްބާރޑް ބިސް އަޅަނީ އެހެންދޫނިތަކުގެ ހާލިތަކަށެވެ. އެއްވެސް ގުޅުމެއްނުވާ ދޫނި ކުކޫ ގެ ބިސްބަލައި ގަންނަނީ އެއްވެސް އެނގުމަކާ ނުލައެވެ. ބައެއް ކުކޫ އެއެތީގެ ދަރިއަށް ހާލީގެ ވެރިދޫނީގެ ސަމާލުކަން ހޯދު މަށްޓަކައި ހާލީގައި ހުންނަ ބިސްތައް ހަލާކުކުރެއެވެ.

ހިޖުރަކުރުން.

ދޫނީގެ ވަރަށް ގިނަ ވައްތަރުތައް ފިނި ހިސާބުތަކަށް ދަރިމައިވުމަށާއި ސަމަރ ފީޑިންގ އަށް ހިޖުރަކުރެއެވެ. އަދި ފިނި މޫސުމަށް ހޫނު ހިސާބުތަކަށް ހިޖުރަކުރެއެވެ.

ދޫނީގެ ކަކޫ ވޭހެއްޔެވެ.
ދޫނީގެ ފައި ފަހަތައް ލެބެނީ ކީއްވެ ހެއްޔެވެ.


ދޫނީގެ ކަކޫވެއެވެ. ދޫނީގެ ކަކޫވަނީ ޢާންމުގޮތެއްގައި ފަސޭހައިން ނުފެންނަ ގޮތަށް ނިވާވެފައި ދޫނީގެ ބަނޑުދޮށުގައިވާ ފުށްފަތްތަކުގެ ތެރޭގައެވެ. ދޫނީގެ ކަކުލުހުޅު މަސައްކަތްކުރަނީ އަހަރެމެން އިންސާނުންނެކޭވެސް އެއެްގޮތަށެވެ. ދޫނީ ހިނގާފަދާއިރު އެއިގެ ފައިން ފަހަތަށް ލެބެނީ ތަނބިހުޅުންނެވެ.

ހިތް ހިނގުމާއި ނޭވާލުން.

އުދުހުމަށްޓަކައި ދޫންޏަށް ވަރަށް ގިނަ އޮކްސިޖަން ބޭނުންވެއެވެ. މިއޮކްސިޖަން ދޫނި ހޯދަނީ ނޭވާލުމުގައި ފުއްޕާމޭ ބޭނުންކޮށްގެންނެވެ. ދޫންޏަށް ވަރުގަދަ ލޭދައުރުކޮށްދޭ ނިޒާމެއް، ސާރކިއުލޭޓާރީ ސިސްޓަމަކާއި އޮކްސިޖަން ދައުރުކުރުވުމަށް ވަރުގަދަ ހިތެއް ބޭނުންވެއެވެ. އިންސާނުންގެ ހިތަށްވުރެ އަވަހަށް ދޫނީގެ ހިތް ބީޓްވެއެވެ. ހަމިންބާރޑްގެ ހިތް މިނެއްޓަކު 1000 ފަހަރު ބީޓްކުރެއެވެ. އިންސާނުންގެ ހިތް ބީޓް ކުރަނި މިނެއްޓަކު 60 – 90 ދެމެދުގެ އަދަދަކަށެވެ.
ދޫނި ނެވާލާ ނިޒާމަކީ އާދައާއި ޚިލާފު ނިޒާމެކެވެ. މި ނޭވާލާ ނިޒާމުގައި ވައި ދަތުރުކުރަނީ ވަން – ވޭ ރޫޓަކުންނެވެ. މިނިޒާމު އިންސާނާ ނޭވާލާ ނިޒާމާ އެއްގޮތެއްނޫނެވެ. ދޫނި  ނޭވާލާ ނިޒާމުގައި ވައި ވަނުމަށްފަހު ވައި ހިފެހެއްޓެއެވެ. ދޫނީގެ ނޭވާލުމުގެ ނިޒާމުއަކީ އަހަރެމެން އިންސާނުންގެ ނޭވާލާ ނިޒާމަށްވުރެ މާފުރިހަމައެވެ.

ދޫންޏަށް ނިސްބަތުން ކުޑަ، ފުއްޕާމޭގެ ދެބައި ލިބިފައި ވެއެވެ. ފުއްޕާމެއަށް ވައިވަދެ އެއަރ ސެކްސް ތަކެއްފަދައިން ފުފި ބޮޑުވެއެވެ. ދޫނި ބޭރަށް ނޭވާލާހިނދުވެސް މި އެއަރ ސެކްތަކަށް ވައިވަދެ ފުރެެއެވެ. އިންސާނުން ނޭވާލާއިރު ފުއްޕާމެއަށް ވައިވަންނަނީ އެތެރެއަށް ނޭވާލާފަހަރުއެވެ. ދޫނީގެ ރެސްޕަރޭޓަރީ ސިސްޓަމް ދޫނީގެ ވޮލިއުމްގެ %20 ބޭނުންކުރެއެވެ. އިންސާނުން ބޭނުންކުރަނީ ވޮލިއުމްގެ %5 އެވެ.

ދޫނީގެ ނޭވާލާ ނިޒާމުގެތެރޭގައި ވައިފުރަތަމަ ތާޒާކަމާއެކު ދަތުރުކުރަނީ އެއަރ ސެކްސް ތެރޭގައެވެ. މިސާފުވައި ފުއްޕާމޭ ފަދަ "ހޮޅި" ޕާރާބްރޮންކައި (parabronchi) ތަކުގެ ތެރެއަށް ދެއެވެ. ދޫނި އެތެރެއަށާއި ބޭރަށް ނޭވާލާއިރުވެސް ޕާރާބޮރޮންކައި ތެރޭގައި ގޭސް ބަދަލުވެގެން ދެއެވެ.

މިނިޒާމުގައި ދޫނީގެ ނޭވާލުމުގެ ގާބިލުކަން އިތުރުވެ އުދުހުމަށް ބޭނުންވާ އޮކްސިޖަން ލިބިގެން ދެއެވެ.
ކަރަންޓް ނަރުގައި ދޫންޏަށް އިށީދެވެނީ ކީއްވެ؟

ދޫނި އެލެކްޓަރިކް ކަރަންޓްގައި ޖެހުމަކާނުލައި ސަލާމަތްތެރިކާއެކު ގިނަފަހަރަށް ކަރަންޓް ނަރުގައި އިށީނދެއެވެ. ދޫންޏަކަށް ނުވަތަ ޖަނަވާރަކަށްވިއަސް ކަރަންޓްގަ ޖެހުމަށް ހަށިގަނޑުގެ ދެތަނެއް (ދޫނީގެ ނިސްބަތުން އޭގެ ފައި) ޖެހެން ޖެހެއެވެ. ސިންގަލް ޕަވަރ ލައިންގައި އިށީންނައިރު ދޫނީގެ ފައިގައި ބޮޑުތަފާތެއް ނުހުރެއެވެ. މިހެންވުމުން އެއެތި ސަލާމަތްވަނީއެވެ. ދޫނި ނުވަތަ ޖަނަވާރު އެއްފަހަރާ ދެޕަވަރ ލައިންގައި ޖެހިއްޖެނަމަ ނުވަތަ ކަރަންޓް ލައިންގައާއި ގުރައުންޑް ވަޔަރ ނުވަތަ އާރތުގައި ޖެހިއްޖެނަމަ ކަރަންޓް އައިސް އެއްޗެއް މަރުވާނެއެވެ. ވަލްޗަރ އާއި ބާޒު ފަދަ  ބޮޑެތި ގިނަ ދޫނިތައް ޕަވަރ ލައިންގެ މަތިން އުދުހިފައި ދާއިރު ދޫނިތަކުގެ ފުޅާ ފިޔަގަނޑު އެއްފަހަރާ އެއްވަގުތެއްގައި ޕަވަރ ލައިން އާއި ގްރައުންޑް ވަޔަރ ގައި ޖެހި ދޫންޏަށް ކަރަންޓް އައިސްގެން މަރުވެއެވެ.

އަޅުގަނޑުމެން ކުޑައިރު މާލޭގެ މަގުތަކުގައި ކަރަންޓް ނަރު ދަމާފައި ހުންނަނީ މަތިންނެވެ. މި ދުވަސްވަރު އަޅުގަނޑުމެންވެސް ު ފަސޭހަކަމާއެކު ކާޅު އައިސް ކަރަންޓް ނަރުގައި އިށީންނަތަން ދުށީމުއެވެ. މިކާޅުވެސް އެހެންދަމާފައިވާ ކަރަންޓް ނަރުގެ ދެނަރު ދޭތެރެއިން ދާންއުޅޭފަހަރު ނަރުގައި ޖެހިފައި ބިންމައްޗަށް ވެއްޓޭތަން ފެނިފައިވެއެވެ.  
އެދުވަސްވަރު ރެއަކަށް އިރުއޮއްސިފައި އިރު އަރާއިރު ކަރަންޓް ނަރުގައި ޖެހިފައި ވާލެއް ދެވައު ނެއް ދުވަހަކަށް އިރު އެރުމަކީ ދާދިމަދުން ނޫނީ ދިމާނުވާ ނާދިރު ކަމެކެވެ. ކަރަންޓް ނަރުގައި ޖެހި މަރުވެފައި އޮންނަވައު ފެންނައިރު އަބަދުވެސް ފެންނަނީ ދެނަރެއްގައި ޖެހި އެލި މަރުވެފައި އޮއްވައެވެ.

މިސަބަބަށްޓަކައި ޕަވަރ ލައިން ކައިރީ ގުޑިއާއި މަޑިފަދަ ތަކެތި އެރުވުމަކީ ވަރަށް ނުރައްކާ ކަމެކެވެ. ގުޑިއާއި މަޑިފަދަ އެއްޗެއް ކަރަންޓް ނަރެއްގައި އަޅައިގަނެ އޮޅި ގޮތެއް ވެއްޖެނަމަ މަޑީގައި ޖަހާފައިވާ ރޮދި ވަނީ ގްރައުންޑް ލައިން އަށެވެ. މިހެން ދިމާވެއްޖެނަމަ އެރޮދީގައި ހިފައިގެން ހުންނަ މީހާ ކަރަންޓްގައި ޖެހިދާނެއެވެ. މިދުވަސްވަރު، މާލޭގައި ގަމުތެރޭގައި މަޑިއެއްލުންވަނީ މާލޭ މުނިސިޕަލްޓީއިން މަނާކުރައްވާފައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ