އަދުގެ ޚާއްސަ

Print

އަނބީންދެކެ ބިރުގަންނަ ކޮންމެ މީހަކު ޙިމާރެއް ދޭންވީއެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން

އެންމެންގެ ތެރޭގައި ނަން މަޝްހޫރުވެގެންވާ އަބޫނަވާސް އެއްދުވަހަކު ގޮސް ޚަލީފާ ހާރޫނުއްރަޝީދުގެ ދަރުބާރަށް ވަންއިރު މިތާނގައި އެންމެން ތިބެގެން ރަސްގެފާނުންގެ އަރިހުގައި ދައްކާ ވާހަކައަކީ އަނބީން ދެކެ ބިރުގަންނަ ފިރިހެނުންގެ ވިޔަޔާނުދާކަމުގެ ވާހަކައެވެ.

ރަސްގެފާނުވެސް މިވާހަކަޔާ ވަރަށް ހިތްޕުޅާ ހަމަކުރައްވައިގެން އިންނަވާ ކަހަލައެވެ. އަބޫނަވާސް ހަމަ އެކައްޗެއް ނުދަންނަވައި އިންދައި،  ވިދާޅު ބަސްފުޅު އިއްވައައިފިޔޭ.  ބަލަބަލަ ކަލޭގެ މިވާހަކަޔާ ހަމައެކައްޗެއް ނުބުނެ ތިޔަ އިންނަނީ ކީއްވެފައި ހެއްޔެވެ. އަބޫނަވާސް ދަންނަވައިފިޔޭ. އަޅުގަނޑު މިއިނީ ތިޔަ ވާހަކަޔާ ހިތާވީ ވަރުން އަލުނ ް އެއްޗެއް ނުކިޔާން އިނީއެވެ. އަޅުގަނޑުގެ ހިތުން އަނބީންދެކެ ބިރުގަންނަ ފިރީންނަކީ އަނބީންނެވެ. އެމީހުންގެ އަނބީންނަކީ އެއީ ފިރީންނެވެ. މިހެންވީމާ ދެންވަކީން ކިޔާނީވެސް ކީކޭތޯ އެވެ.

މިދުވަހުގެ ދަރުބާރު ނިމިގެން ރަސްގެފާނުން އާދައިގައިވާ ފަދައިން އެމީހަކު ބޭނުންކަމެއްގެ ވާހަކަ އައްސަވައި އަކަމެއް ފުއްދަވައި ދެއްވަމުން އައިސް އަބޫނަވާސް ކުރެން ކަލެއަށް ބޭނުންވެފައިވަނީ ކޮންކަމެއްތޯ އެއްސެވީމާ ދަންނަވައިފިޔޭ. މިއަދު އަޅުގަނޑު ބޭނުންވާ ކަމަކީ އަނބީންދެކެ ބިރުގަންނަ ކޮންމެ ފިރިއަކު އަޅުގަނޑަށް ޙިމާރެއް ދިނުމަށް ފަތްކޮޅެއް ދެއްވުމެވެ. އަޅުގަނޑު އެމީހުން ބަލައި ސާބިތުކޮށް އެމީހުން އަތުން ޙިމާރު އަތުލައި އުޅޭނަމެވެ. އެފަދަ ވިޔަޔާނުވާ މީހުންނަށް އަދަބަކަށްވެސް ފުދޭނެއެވެ. ރަސްގެފާނުން ވަރަށް ހިތްޕުޅާއި ހަމަކުރެއްވުމާ އެކުގައި މިފަތްކޮޅު ދެއްވައިފިއެވެ. މީނާ މިހިފައިގެން ގޮސްފައި އެވާހަކަ ނުވެސްދައްކައި ގަނޑުވަރަށްވެސް ނައިސް އަށެއްކަދުވަހު ހުރެލައިފައި އެއްރެއަކު އިރުއޮއްސި ކުޑައިރުކޮޅަކުން ރަސްގެފާނު، އައްސައްޔިދާ ޒުބައިދާގެ ގަނޑުވަރުގައި ފަރީކޮޅަށް އިންނަވަނިކޮށް އައިސް އެބަވަނެވެ.

ރަސްގެފާނު:    ބަލަބަލަ މިހާރު ނާންނަނީ ކީއްވެތަ.
އަބޫނަވާސް:    ނިކަމެތި އަޅާ ކުޑަކޮށް ބަލިވެ އުޅެނީއެވެ. މިއަދު އަންނާންކަމަށް ގޭން ނުކުމެގެން ވީގޮތަކުން މިއީ ހަމަ އާދެވުނު އިރޭ.
ރަސްގެފާނު:    އެޔޯ. އެޔޯ.

އަބޫނަވާސް:    މާތްރަސްކަލާނގެ މަނިކުފާނުންގެ ޢުމުރުފުޅު ދަމަހައްޓަވާނދޭވެޔޭ. އަޅުގަނޑު އައި މަގުމަތީން ކަރަޚުގެ ބާޒާރުގައި ވިކެވެނިކޮށް އެފެނުނު ޖާރިޔާއެއް - ވާވާޔޭ. ހުތުރީ ކޮންތަނެއްތޯޔޭ. ހެދިހުރި ހަށިގަނޑޯ. ރޫފަޔޯ. ކަޅިރަވަޔޯ. އެހެރެ ކުލަވަރެކޯ. ހިނިތުންވެލީމާ އެފެންނަ ދަތްޕިލަޔޯ. އަޅުގަނޑުވާ..... މިހިސާބަށް ދާއިރަށް ރަސްގެފާނުން އަތްޕުޅުން ހޯހޯޔޭ ވިދާޅުވެ އަންގަވައިފައި މިތާހުރި ފަރުދާކޮޅަށް އިޝާރަތް ކުރައްވައިފިއެވެ.

އަބޫނަވާސް:    ފުންމައިގެން ތެދުވެ، ކުރުނީސްކޮށް ފަތްކޮޅު ނަގައިފައި ދެންނެވިޔޭ މަނިއްޕުޅުވާނީ ދެޙިމާރު ދެއްވާށޭ. ރަސްގެފާނު ވަރަށް ހިނިފުޅު ވަޑުވައިފައި ހާސްދީނާރު ދެއްވައިފިއެވެ. ޒުބައިދާ ހިނިފުޅު ވަޑުވާ އަޑުފުޅު ބޭރަށްވެސް އިވުނެވެ.

އަބޫނަވާސް:    އަޖާއިބެއް ފަހެ ނުވާނޭހޭ. ކިތަންމެ މޮޅު މީހަކު ނަމަވެސް ތިމާގެ އަނބިމީހާ ދެކެ ހިސާބަކަށް ވާނީ ބިރުވެސް ގަންނާށޭ. އެމީހާއީ ފިރިމީހާގެ ދުނިޔެ އުޅުމުގެ އެއްބައި ވިއްޔާޔޭ.

މިހައިތަނަށް ދާއިރަށް ޒުބައިދާގެ ޚައްދާމަކު އައިސް އަބޫނަވާސްގެ އުނގަށް ދެހާސް ދީނާރުގެ ރަންހުރި ކީސާއެއް ވައްޓައިލައިފިއެވެ. ކުއްލިއަކަށް ތިންހާސް ދީނާރު ނަގައި ކޮނޑަށްލައިގެން އާ އާ އެންމެ ރަނގަޅުތާޔޭ ކިޔަމުން ހިނގާއްޖެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ