Print

ފްރެޑް – އިސްލާމްދީނަށް އެމެރިކާ މީހަކު ކުރި ދަތުރު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ޢަޤީދާ


ތަރުޖަމާ: ޝަމްސުލް ފަލާޙް

އަހަރެންގެ ނަމަކީ ފްރެޑް އެވެ. އަދި މިއީ އަހަރެން އިސްލާމްދީނަށް ކުރި ދަތުރުގެ ވާހަކައެވެ. އެދަތުރަކީ، އާ ފެށުމަކާއެކު އިސްލާމްދީނަށް ލެނބުމުގެ ކުރިން، ޔަހޫދީ ދީނުންފެށުނު އަދި ދީނެއް ޤަބޫލުނުކުރުމާއި ނަޞާރާދީނަށް ލެނބުނު ދަތުރެކެވެ. މާނައެއްވާ ޢަޤީދާއެއް ހޯދުމަށް އެތައް އަހަރުތަކެއް ހޭދަކުރުމަށްފަހު، ދިރިއުޅުމުގެ ހުރިހާކަމެއް ޝާމިލުވާ، ދިރިއުޅުމުގެ މައްސަލަތަކުގައި މާނަވީ މުޖުތަމަޢަކާއި އެހީތެރިވާނޭ ބަޔަކު ހޯދައިދޭނޭ ޢަޤީދާއެއް ހޯދުމުގައި އަހަރެންނަށް ފެނުނީ، އަދިވެސް ދީންތަކުގެ ކުރިމަތިލުންތަކުގެ ކަނޑެއްގައި އަހަރެން އޮޔާދާ ތަނެވެ. ކޮންމެ ދީނެއްވެސް، ދަޢުވާކުރަމުންދަނީ އެދީނެއްފިޔަވާ އެހެންދީންތައް ބާޠިލްކަމުގައެވެ.
ފޮތުގެ ނަމަކަށް "ދަ ހޯލީ ޤްރުއާން" ޖަހާފައިވާ އެފޮތް އަހަރެން ބެލީ އޮހާއޯގެ ކޮލަމްބަސްގައިވާ ޢާންމު ލައިބްރަރީއެއްގައެވެ. ޤުރުއާނާބެހޭގޮތުން އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އަދި ހަމައެހެންމެ، އިސްލާމްދީނަކީ ހަމަނުޖެހުމާއި ޓެރަރިޒަމްގެ ދީނެއްކަމަށް ރަނގަޅަށް ޔަޤީންވުން ފިޔަވައި އިސްލާމްދީނާބެހޭގޮތުން އެނގެނީ ވަރަށް ކުޑަކޮށެވެ.

މި އަބުއި (މިތަނުގައި މާނައަކީ ބީރައްޓެހި) ފޮތުގައި އަހަރެން އިނގިލިތައް ކޮޅުކޮޅަށް ކާއްތާލީމެވެ. އަދި އަހަންނަށް ފެނުނީ އެފޮތުގެ ބަހުރުވައަކީ ބޯދާ ބަހުރުވައެއްކަމާއި ފަސޭހައިން ކިޔާލަން އުނދަގޫކަމެވެ. އެ ދެނެގަތުމަށްޓަކައި އުނގެނެން ޖެހޭނެކަމެވެ. އަދި އަހަރެން ފޮތްފިހާރަޔަކުން އޭގެ ފޮތެއް ގަނެގެން، މި ބީރަށްޓެހި ފޮތް އުނގެނެން ފެށީއެވެ. އަހަރެންނަށް ފެނުނު ކަންތައްތައް އަހަރެން މާޔޫސްކުރުވައި އަދި އެއަށް އަހަރެންގެ ހިތް ގަދަޔަށް ލެންބުވިއެވެ.

އެފޮތް އަހަރެން މާޔޫސްކުރުވީ، އެފޮތުގައި ސޫރަތޭކިޔާ އެ 114 ބާބު އެއީ އާ އެއްޗެއްނޫންކަމުގައި ވާތީއެވެ. އެއީ އޯލްޑް ޓެސްޓަމެންޓާއި ނިއު ޓެސްޓަމެންޓުގައި ހުރި އެއްޗެހިން ބޭނުންނެތް ކަންތައްތައް އުނިކޮށް އަލުންއެކުލަވާލައިފައިވާ ފޮތެއްކަމަށްވާތީއެވެ. "ދަ ހޯލީ ޤްރުއާން" މިފޮތަކީ، ދެ ޓެސްޓަމެންޓުގެވެސް މުހިންމު ބައިތައް ވަކިކޮށް އެއާއެކު އެކުލަވާލައިފައިވާ ފޮތެއްކަމުގައި ވާތީއެވެ.

އެފޮތް އަހަރެންގެ ހިތް ލެންބުވީ، އޭގައި އަހަރެން ކިޔަމުންދިޔައީ ދުނިޔެ ޚަލްޤުކުރެއްވުމާއި އާދަމުގެދަރިންގެ މައްޗަށް އެކަލާންގެ ލޯބިވެވޮޑިގަތުން އޮތްކަމުގެ ވަރުގަދަ ދަލީލުކަމަށްވާތީއެވެ. މިފޮތްކިޔުމަށްފަހު، ބިލިޔަނަކަށްވުރެ ގިނަ ފިރިހެންންނާއި އަންހެނުން ތަބާވާ އިސްލާމްދީނާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ.

މި ޔުނިޓެޑް ސްޓޭޓްސްގައި، ހަތް މިލިޔަނާއި 10 މިލިޔަނާ ދެމެދުގެ މުސްލިމުން އުޅޭކަން އެނގުމުން އަހަރެން އަޖައިބުވިއެވެ. އަދިހަމަ އެހެންމެ، އެ އަންހެނުންނާއި ފިރިހެނުންނަކީ ހަމަ އަހަރެންނާއި ތިބާފަދަ، ޓެރަރިޒަމަށް ނުރުހޭ، އަނބިންނަށް އަނިޔާނުކުރާ، އެހެންމީހުންގެ ޚިޔާލުތަކަށް އިޙްތިރާމްކުރާ މީހުންކަމުކަމުގައި ވީތީވެ އަހަރެން މާ އަޖައިބުވިއެވެ.

އެހެންކަމުން، އެމީހުން އަމިއްލަޔަށް މުސްލިމުންނޭ ކިޔައިގެން އުޅޭ މި މީހުންގެ ޒާތީ ވާހަކަތައް ދެނެގަތުމަށްޓަކައި އިތުރަށް ކޮންނަން އަހަރެން ބޭނުންވިއެވެ. އަހަރެންގެ މަސައްކަތުގައި ދަތުރުކުރިއިރު، އޮހާއޯގެ ކޮލަމްބަސްގެ މިސްކިތްތަކަށް އަހަރެން ޒިޔާރަތްކުރީމެވެ. އަދި ކެލިފޯނިއާގެ ސަކްރަމެންޓޯގައި މުސްލިމް ލީޑަރުންނާއި ވާހަކަދެއްކީމެވެ. އޮރެގަންގެ ޕޯރޓްލޭންޑުގައި ފެސްޓިވަލްތަކަށް ޙާޟިރުވީމެވެ. އެރިޒޯނާގެ ޓަކްސަންގެ މުސްލިމުންނާއެކު ސުފުރާތައް ޙިއްޞާކުރީމެވެ. އަހަންނަށް ފެނުނީ، އެއްވެސް ސުވާލެއް ކުރުމެއްނެތި، އެމީހުންގެ އަތުގައިވާ ހުރިހާ އެއްޗެއް އަހަރެންނާ ޙިއްޞާކުރަން ރުހިގެންތިބި، އަޅާލާ، ރަޙްމަތްތެރި ބަޔެކެވެ.

އަހަރުތަކެއްގައި އިސްލާމްދީނާބެހޭގޮތުން ދިރާސާތައްކުރުމަށްފަހު އަހަރެން ނިންމީ އެދީނަނީ އަހަރެންނަށްވާ ދީނެއް ކަމަށްވެދާނެ ކަމަށެވެ. އެހެންކަމުން، މުސްލިމަކަށް ވުމަށް އަހަރެން އެދުނީމެވެ. އަދި އަހަރެންނަށް އެންގުނީ، އަހަރެން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ " ﷲ ނޫން އިލާހަކުނުވާކަމާއި މުޙަންމަދަކީ ﷲ ގެ ރަސޫލާކަމަށް" ހެކިވާކަމަށް އިޢުލާނު ކުރުން ކަމެވެ.
މާތްﷲގެ ހަމައެކަނި ރަސޫލަކީ މުޙަންމަދުގެފާނެއް ނޫނެވެ. އިސްލާމްދީނުގައިވާގޮތުން، އާދަމްއާއި، ނޫޙްއާއި، މޫސާއާއި ޢީސާގެފާނަކީވެސް ﷲ ގެ ރަސޫލުންނެވެ. މުޙަންމަދުގެފާނަކީ އިލާހެއްނޫނެވެ. އެކަލޭގެފާނަކީ ﷲ ގެ އެންމެ ފަހު ރަސޫލާކަމަށް ޚިޔާރުކުރައްވާފައިވާ އިންސާނެކެވެ.

އިސްލާމްދީނުގައި އަޅުކަންކުރުމާބެހޭގޮތުން އެތައް މުސްލިމުންކައިރިން އެހީމެވެ. އެމީހުން އަހަރެންގާތު ބުނީ، މުސްލިމުން ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ފަސްވަގުތު ނަމާދުކުރާކަމެވެ. ކޮންމެ މުސްލިމަކުވެސް، މީގެ ޒަރީޢާއިން ދުވާލަކު ފަސް ވަގުތު މާތްﷲ އާ ގުޅުވައިދިނުމަށް ނަމާދު މަގުފަހި ކުރާކަމެވެ. އަހަރެން އަސްލު ހީކުރީ އެއީ ހަމަ ބުރައެއްކަމަށެވެ. ނަމަވެސް، އެއީ ހޫނުގަދަ ދުވަހެއްގައި ހިޔަލުގައި އަރާމުކޮށްލުން ކަހަލަ، އަހަރެމެން އިންސާނުން މިއުޅޭ ތަކުލީފުތަކުގެ ދުނިޔޭން އެއްފަރާތްކޮށް ޗުއްޓީކޮށްދޭ ކަމެކެވެ.

ޓެރަރިޒަމަށް ބަލާއިރު، ކޮންމެ ބަޔެއްގެ ތެރޭގައިވެސް އެފަދަ މީހުން (ޓެރަރިސްޓުން) އުޅެއެވެ. ދީނީ ނުވަތަ ސިޔާސީ ނުވަތަ އެނޫނަސް، ކޮންމެ ބަޔެއްވިޔަސް އެބަޔެއްގެ ތެރޭގައި ބާކީ ދެންތިބޭ މީހުންނަށް އުނދަގުލަކަށްވާ އެފަދަ މީހުން (ޓެރަރިސްޓުން) އުޅެއެވެ. އުތުރު އަޔަރލޭންޑުގައި، އެބައިމީހުންގެ ދީނަށް ހަޑިނަން ލިބޭފަދަގޮތަކަށް ޕްރޮޓެސްޓެންޓުންނާއި ކެތޮލިކުންގެ މަދުބަޔަކު އުޅެއެވެ. ޔުނައިޓެޑް ސްޓޭޓްސްގައި، ނަސްލީގޮތުން މަތިވެރިވެގެންވާކަމަށް އަމިއްލައަށްދެކޭ ދޮން ނަސްލުގެ މީހުންނާއި ބަދަލުނުވުމުގައި ހައްދުފަހަނައަޅާފައިވާ ނަޞާރާއިން އުޅެއެވެ. ސައުތު އެފްރިކާގައި ނަސްލީ އިމްތިޔާޒުތަކުގައި ހިފަހައްޓާ ދޮން ނަސްލުގެ މީހުން އުޅެއެވެ. ފަނަރަވަނަ ޤަރުނުގެ ފަހުކޮޅު، ސްޕެއިންގައި މީހުންގެ އަސާސީ ޙައްޤުތައް ފޭރިގެންފައިވެއެވެ. ސްރީލަންކާގައި ތަމަޅަ ބާޣީންއުޅެއެވެ. އަހަރެން މި ލިޔުންލިޔާއިރު، ޢިރާޤުގައި 2005 ކުރީކޮޅު، މަދު އަދަދެއްގެ މުސްލިމުން، ޤައުމުގެ މުޅި އާބާދީއާ ދެކޮޅަށް ޢުދުވާންތައް އެބަ ހިންގައެވެ. އަހަރެން މިފާހަގަކުރި ނުކުތާއަކީ، މަދުބަޔެއްގެ ސަބަބުން އެބަޔަކަށް ނިސްބަތްވާ އެންމެންގެ ނަން ޚަރާބުވާކަމެވެ.

އަންހެނުންނާބެހޭގޮތުން ވާހަކަ ދައްކާއިރު، މާތްﷲ ޖިންސީ ތަފާތުތަކަށް ނުބައްލަވާކަން ވަރަށް ޞަރީޙަކޮށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައެވެ. ޚަބަރުން އަހަރުމެންނަށް މިފެންނަނީ އެކި ޤައުމުތަކުގައި ކީރިތި ޤުރުއާނުގެ ދަރުސްތައް އެބައިމީހުންގެ ސަޤާފަތުގެ ސަބަބުން ފަސާދަވެފައިވާތަނެވެ. އެއީ އިސްލާމްދީނެއް ނޫނެވެ.

އީސާގެފާނާބެހޭގޮތުން ބަލާއިރު، ކީރިތި ޤުރުއާނުގައި އީސާގެފާނާއި މަރްޔަމްގެފާނާ މުޚާޠިބުކުރައްވާފައިވަނީ ޙުރުމަތްތެރިކޮށްކަމަށްވެފައި، އީސާގެފާނަކީ ﷲގެ ރަސޫލެއްކަމަށާއި ބަލިތައް ފަސޭހަކުރުމުގެ މުޢުޖިޒާތް ﷲ ދެއްވާފައިވާ މެދުވެރިއެއްކަމަށް ބަޔާންކުރައްވާފައިވާތީ، ޣައިރު މުސްލިމުން އަބަދުވެސް ހައިރާންވެއެވެ. އެހެންނަމަވެސް، އީސާގެފާނަކީ ކަލެއްކަމަށް އިސްލާމްދީން ސިފައެއް ނުކުރެއެވެ.

ޖުމްލަގޮތެއްގައި، އިސްލާމްދީނަކީ، ޔަހޫދީދީނާއި ނަޞާރާދީނުގެ އިތުރުކުރުމެކެވެ. އެ ދެ ޢަޤީދާގެ އަހުލުވެރީންނަށްވެސް އިޙްތިރާމްކުރާ ދީނެކެވެ. ޤުރުއާން ބައިބަލްގެ ދެ ޓެސްޓަމެންޓުގައި ބަޔާންކޮށްފައިވާ ތެދުތައް ފާޅުކޮށްދެއެވެ. އަދި ސައެންސާ ފުރިހަމައަށް ދިމާވެއެވެ. އަދި އަމުދުން، ޤުރުއާނުގައި އޭގެ އެއްބަޔާއި އަނެއްބަޔާ އެއްވެސްކަހަލަ ތަޢާރަޟުވުންތަކެއް ނެތެވެ.

އިސްލާމްދީނަކީ އަހަރެން މިހޯދާ ދީންކަމަށް އަހަރެންނަށް ފެނުނެވެ. އަދި ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމުގެ އެޖުމްލަ އަހަރެން ކީމެވެ. އަހަރެން ފަސްވަގުތު ނަމާދުކުރަންތަ؟ އާއެކެވެ. އަހަރެން ޒަކާތްދައްކަންތަ؟ އާއެކެވެ.  އަހަރެން އަބަދުވެސް އެނބުރި ރުޖޫޢަވަނީ މާތްﷲ ގެ އޯގާވަންތަކަމާއި ރަޙްމަތްވަންތަކަމުން، އަހަރެންނަށް މަގުދައްކަވައިފިކަމުގެ ޙަޤީޤަތަށެވެ. އަދި ނަތީޖާއެއްގެގޮތުން އަހަރެންނަށް އިޙްސާސްކުރެވެނީ އަހަރެންގެ ގޭގައި އަހަރެންގެ މީހުންނާއި ކަލާންގެއާ އެކީގައިވާކަމަށެވެ.

އަރަހުށި ﷲ ގެ ސަލާމަތް ތިބާއާއެކު ލައްވައިފާންދޭވެ!

ފްރެޑް
އެމެރިކާނު މުސްލިމެއް


ނޯޓް: މިއީ، އަޅުގަނޑު ތަރުޖަމާކޮއްފައިވާ ލިޔުމެކެވެ. އެހެންކަމުން، ލިޔެފައިވާ ހުރިހާ ޢިބާރާތެއްވެސް ލިޔުމުގައި އަޅުގަނޑު ބަލާފައިވާނީ، އޭގެ އަސްލު ނުގެއްލޭނޭހެން ލިޔެވޭތޯއެވެ. ފަހަރެއްގައިވެސް، އަޅުގަނޑުގެ އަމިއްލަ ވާހަކަތަކެއް މިލިޔުމުގައެއް ނުވާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ކީރިތިﷲ އެވެ. ނުބައި ވަހުމްތަކުންނާއި ކަންތައްތަކުން މިއަޅާ ދުރުކުރައްވާންދޭވެ. އާމީން!

ހަމަމިގަލަމުން

އިދާރާ

ވާހަކަ