އަދުގެ ޚާއްސަ

Print

ހަޖަމު ނުކުރެވުނު ވާހަކަ

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ ވާހަކަ


އަޙުމަދު ނާޞިރު - ޑައިމަންޑްވިލާ، ސ.ހިތަދޫ

ހުކުރު ވިލޭރެއެއްގެ އިރާކޮޅެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ހަމަހިމޭންކަމެވެ. އުޑުމަތީގެ ރީތި މަންޒަރުތައްވަނީ ކަޅުވިލާތަކުގެ ފުރަގަހުގައި ފަރުދާކުރެވިފައެވެ. ހިމަފޮދު ވާރޭގެ ކަނިތައް އައިސް ހަށިގަނޑުގައި ބީހިލާއިރު ހީބިހި ނަގާހެން ހީވެއެވެ. ގަސްތަކުގެ ފަތްތައްވެސް އެ ފަތްތަކުގެ އާދަކާދައިގެ މަތިން ނިދައިފިއެވެ. ދިރޭއެއްވެސް މަޚުލޫގެއްގެ ހިރިލުމެއްވެސް ނެތެވެ.

މިހިމޭން ކަމުގެތެރެއަށް ގެއްލިފައި އިންދައި ހޭވެރިކަމެއް އައީ ވިދާލިވިދުވަރެއް ހެން އައިސް ކުޑަކުއްޖަކު ކުރިމަތީގައި ހުއްޓުމުންނެވެ. ދެނަކާ ދެނެއް ނެތެވެ. ގަތީ އަމަށަކު ބިރެއްނޫނެވެ. ދެންވީގޮތެއް އެއްގޮތަކަށްވެސް ނޭގުނެވެ. ކުއްލިއަކަށް ހޭލެވުނު އިރު ފެނުނު މަންޒަރުތަކަކީ ދުވަހަކުވެސް ދުށްމަންޒަރުތަކެއް ނޫނެވެ. އަރާމު ގަނޑުވަރެކެވެ. ހިތްފަސޭހަ މާހައުލެކެވެ. ހީވީ ދިރިހުއްޓައި ސުވަރުގެ ދެވުނީހެންނެވެ. ބަލާކަށް ނުހުރެ ތެދުވެގެން ހިނގަންފެށީމެވެ.

ދޮރާށިން ބޭރަށް ނިކުތްތަނާ ފެނުނީ ބިޔަ ބަގީޗާއެކެވެ. އެބަގީޗާގައި ފަރިވެ ފޮޅިފައިވާ މާތަކުގެ މީރުވަހުން މުޅިތަންވަނީ ތާޒާކުރުވާފައެވެ. ބަގީޗާގެ ތެރެއަށް ވަދެގެން ހިނގައިގަތީމާ ފެނުނީ ވަރަށް ރީތިކުރެވިފައިވާ ކުޑަ އުނދޯލިގެއެކެވެ. މިގޭގެތެރޭގައި ހުރި އުނދޯލި މަތީގައި އޮތީ ވަރަށް ރީތި ރަންކުލައިގެ ސާލެކެވެ. އޭގެމަތީގައި ރަންކުލައިގެ ކުޑަފޮށްޓެއް ހުއްޓެވެ. އެފޮށި އޮމާންކަމުން ވިދާބަބުޅަމުންދެއެވެ.މިފަދަ ހިތްގައިމު ތަނެއްގައި ހުރެވުނު އިރު މިހުރެވުނީ ކޮންތާކުތޯ ވިސްނާލެވޭވަރަށްވުރެ ހައިރާންކަންވެސް ވަނީ ބޮޑުވެފައެވެ. އެހެންކަމުން ފަސްޖެހުމެއްނެތި އެއްކަލަ ކުޑަގޭގެތެރެއަށްވަދެ އުނދޯލީގައި އިށީނީމެވެ. ކައިރީގައިހުރި ރީތި ފޮށީގައި ބީހިލާނަމޭ ހިތާ އެއާގާތަށް ޖެހުނީމެވެ. މަޑުމަޑުން އެފޮށީގައި ބީހިލީތަނާ މުޅިތަން ވިދާލިވިދުވަރެއް ހެން ދިއްލިގެން ދިޔައެވެ. އަލިކަމުންގޮސް ދެލޯމަރާލެވުނެވެ. އިރުކޮޅަކުން ލޯ ހުޅުވާލެވުނުއިރު ލިބުނު ހައިރާންކަމެއްގެ ބޮޑުކަމާއެވެ.

ކުރިމަތީގައި ހުރީ ރަނުން އަތްކަން އެޅިގެންވާ ފޭރާމެއްގައި ހުރި ރީތި ޕަރީއެކެވެ. ހޫރަލްޢީނެއްކަމަށްވެސް ހީކުރެވުނެވެ. ދުނިޔެއިން ވެސް އެފަދަ ރީތި އަންހެން ކުއްޖަކު އޭގެކުރިން ނުދެކެމެވެ. ހިރިލަންވެސް ނުކެރިފަ ހުއްޓައި ހިތްހަމަޖެހުނީ އެޕަރީ ވާހަކަ ދައްކަން ފެށުމުންނެވެ. ހާލުއަހުވާލުގެ ވާހަކައިން ސުވާލު ކުރުމުން ނުތަނަވަސްކަމެއްގައި ހުރެ ޖަވާބު ދިނީމެވެ. އެއްބަހަކުން ވާހަކަ ދައްކަން ފެށުމުން ކޮންމެވެސްވަރަކަށް ހިތްހަމަޖެހުމެއް ލިބުނުކަހަލއެވެ. އެހެނަސް މިހުރެވޭ ތަނަކާމެދު އަދިވެސް ޚިޔާލަށްވެސް ނާދެއެވެ. އިރުކޮޅަކުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. މިދައްކަނީ ކޮންވާހަކައެއްތޯއެވެ. ފުރާވަރު ކުދިން އެކަކު އަނެކަކަށް ދައްކާ ސިއްރުވާހަކަތަކެވެ. ސުވާލަކަށްފަހު ސުވާލެކެވެ. ހުށަހެޅުމަކަށްފަހު ހުށަހެޅުމެކެވެ. ޖަވާބު ލިބޭތޯ އިންތިޒާރު ކުރަމުންދެއެވެ. ދޭނީ ކޮންޖަވާބެއްތޯ މާގިނައިރު ވިސްނާކަށް ނުހުރެވުނެވެ. ދެކޮޅުހަދާކަށް ޒަމީރަކަށް ނުކެރުނެވެ.

އެންމެފަހުން ދުލުން ބަސް ބޭރުކޮށްލީމެވެ.ދެންފެނުނީ ކުރިމަތީގައި ސުފުރާއެއްތައްޔާރުވެގެން ދިޔަތަނެވެ. މީރުމޭވާތަކާއި ކާނާތަކެވެ. ހަމައެހާމެ މީރު ޝަރުބަތެވެ. ސަންގުމަރުމަރު ހިލައިން ޖަރީކުރެވިފައިވާ ދެގޮނޑި ދެފަރާތުގައި ބެހެއްޓުމާއެކު މޭޒުމަތީގައިވާ ކާތަކެއްޗަށް އިންސާފު ކުރަން އެކުގައި ފެށީމެވެ. އެފަދަމީރު މޭވާއެއް ނޫނީ އެފަދަ މީރު ބުއިމެއްގެ ރަހަ މީގެކުރިން ދުވަހަކުވެސް ނުބަލަމެވެ. މީރުކަމުން ކެވުނީ ކިހާ މިންވަރަކަށް ކަމެއްވެސް ނޭގުނެވެ. އެހެންނަމަވެސް ދެފަރާތުން އެއްފަހަރާ ހުއްޓާލުމަކީ އެންމެރަނގަޅުގޮތްކަމަށް ޤަބޫލުކޮށް ހުއްޓާލާފައި އެކުއެކީގައި މޭޒުދޮށުން ތެދުވީމެވެ. ކެއުމަށް ފަހަށް މިސްރާބު ބެހެއްޓުނީ ގަނޑުވަރުތެރެއާ ދިމާލަށެވެ. ބޭއިޚުތިޔާރުގައި ނަމަވެސް ފަހަތުން ހިނގައިގަނެވުނެވެ. ފެންޑާއަށް ވަނުމާއެކު ކުރިމަތިން ފެންނަންހުރީ ވަރަށް ރީތި ކޮޓަރިއެކެވެ. ޔާގޫތުން ހެދިފައިވާ މިކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. މަޑުމަޑުން ފަހަތުން ގޮސް ދޮރު ފަހަނަޅާ އެތެރެއަށް ވަދެވިއްޖެއެވެ. ހަމައެއާއެކު ދޮރުވެސް ލެއްޕުނެވެ. އިޝާރާތުން ކުރިމަތީގައި ހުރި އެނދު ދެއްކުމުން އެއެނދުގައި އޮށޯތީމެވެ. ވަރުބަލިވެފައިވެސް ހުރުމާއެކުއެވެ.

ނިދީގައި އޮއްވައި ހޭލެވުނީ ފަތިސްނަމާދަށްދިއުމަށް މަންމަ ގޮވުމުންނެވެ. ގޮވާލުމާއެކު ހޯދާލެވުނީ ވަށައިގެންވާ މާހައުލެވެ. މިއޮތީ ކޮންތާކުތޯއެވެ. ދެންމެ ހުރެވުނީ ކޮންތާކުތޯއެވެ. މއީ މިއަދަށްވެސް އުޅެއުޅެ ޤަބޫލުކުރަންދަތިވި ވާހަކައެކެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ