އަދުގެ ޚާއްސަ

Print

ދިވެހި ނަސްލު ނެތިގެން ހިނގައިދާނެބާ؟

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ ތިމާވެށި


މުޙަންމަދު ޝާރިފު - ކިނާރާ / ޅ. ނައިފަރު

"އެއީ މީލާދީ ސަނަތުން ތިންހާސް ނުވަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހެވެ. އޮސްޓްރޭލިއާގެ އާރކިއޮލޮޖިސްޓެއްކަމަށްވާ ޖޯން ބްރައުން އޭނާގެ އިލެކްޓްރިކް ރޮބަޓްތަކުގެ އެހީގައި އޮސްޓްރޭލިއާގެ ވީރާނަވެފައިވާ ރަށްފުށުގެ ސަރަހައްދަކުން ފެނުނު އާދަޔާ ޚިލާފު އިންސާނުންގެ ކަށިތަކެއް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނީއެވެ. ޖޯން ބްރައުން އޭނާގެ އަމިއްލަ ގޭގައި އިނދެގެން ރޮބަޓްތައް ކޮންޓްރޯލް ކުރަމުން ގެންދަނީ އެކަމަށް ތައްޔާރުކުރެވިފައިވާ ހާއްޞާ މެޝިނަކުންނެވެ. ކުރިމަތީގައިވާ ކޮމްޕިއުޓަރތަކުން ވަރަށް ސާފުކޮށް ކަށިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވަގުތުން ފެންނަގޮތަށް ވަނީ ޤާއިމްކުރެވިފައެވެ.

"މިއީ މީލާދީ ސަނަތުން 20 ވަނަ ޤަރުނުގެ ތެރޭގައި އުޅުނު އިންސާނުންގެ ކަށިތަކެއް، އެވްރެޖްކޮށް އިސްކޮޅުން ކުރު، އެއްނަސްލަކަށް ނިސްބަތްވާ ބައެއްގެ ކަށިތަކެއް" ޖޯން ބްރައުންގެ ޓީމުގެ އެންމެ އިސްކޮށްހުރި ރޮބަޓް ކޮނެ ސާފުކުރަމުންދާ ކަށިތަކާ ބެހޭގޮތުން އެންމެ ފަހުގެ ތަފްޞީލު ޖޯން ބްރައުންނަށް ފޮނުވިއެވެ.

ދުވަހުގެ ނިއުސް ވެބްސައިޓްތަކުގައި މިވާހަކަ ފެތުރިގެން ދިއުމަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޮސްޓްރޭލިއާގެ ވީރާނާ ވެފައިވާ ރަށްފުށުގެ ސަރަހައްދަކުން މިފެނުނު އާދަޔާޚިލާފު އިންސާނުންތަކެއްގެ ކަށިތައް ކޮނެ ހޯދުމުގެ މަސައްކަތް ކުރަމުންދާގޮތް މުޅިދުނިޔެއަށް ދިޔައީ އިންޓަނެޓް މެދުވެރިކޮށް ވަގުތުން ފޮނުވަމުންނެވެ. މިކަށިތަކަށް ޖިއޮލޮޖިސްޓުންނާއި ދުނިޔޭގޭ މީޑިއާގެ ސަމާލުކަން  ކުޑަހިނދުކޮޅެއްގެ ތެރޭގައި ލިބިގެން ދިޔައީ، އެ ކަށިތަކަކީ އޮސްޓްރޭލިއާގެ އާންމު ރައްޔިތުންނަށްވުރެ އިސްކޮޅުންކުރު ބައެއްގެ ކަށިތަކަކަށްވެފައި، އެކަށިތައް ފެނުނު އާދަޔާޚިލާފު އެކަހެރި ސަރަހައްދުގެ ސަބަބުންނާއި ކަށިތަކުގެ ބޯ އުތުރު ފަރާތައްވާގޮތަށް ތަރުތީބު ކުރެވިފައިވާތީއެވެ.

އަލަށް މިފެނުނު ކަށިތަކަކީ ކޮންބައެއްގެ، ކޮން ނަސްލަކަށް ނިސްބަތްވާ ބައެއްތޯ ބެލުމަށް ޖޯން ބްރައުން ވަރަށްގިނަ މަސައްކަތް ކުރިއެވެ. މިގޮތުން ކުރި މަސައްކަތުގެ ތެރެއިން އޮސްޓްރޭލިއާގެ ނެޝަނަލް ލައިބްރަރީއިން ފެނުނު ފޮތަކުން ޖޯން ބްރައުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައިދިނެވެ. ވަރަށްބޮޑަށް ބާވެ، ގަނޑުތަކުގެ ކުލަ ރަތްކުލައަށް ބަދަލުވެފައިވާ މިފޮތަކީ ދެހާސް އައްސަތޭކަ ހަތަރުވަނަ އަހަރު އެމެރިކާގެ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޑޭވިޑް ހެމަން ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގެ ނަމަކީ " ދަ ވޯރލޑް އަންޑާ ތްރެޓް" އެވެ. މި ފޮތުގައި 20 ވަނަ ޤަރުނުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދުނިޔެއަށް އައި މައިގަނޑު ބޮޑެތި  ބަދަލުތަށް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދީފައިވެއެވެ. ފޮތުގެ 458 ވަނަ ޞަފްހާގައި "ދި އެފެކްޓްސް އޮފް ގްލޯބަލް ވާރމިންގ" މިސުރުޚީގެ ދަށުން ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެއެވެ.
          
"ޖައްވަށް ދޫކުރަމުން ގެންދާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، ދުނިޔޭގެ އުތުރު ތަނޑިއާއި، ދެކުނު ތަނޑީގައިވާ ގަނޑުފެންތަށް އަންނަނީ ވިރެ ހުސްވަމުންނެވެ. މިކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، ތިރި ޖަޒީރާ ރަށްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މިގޮތުން ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވީ އިންޑިޔާ ކަނޑުގައިވާ "ދުނިޔެމަތީގެ ސުވަރުގޭގެ" ނަމުން މަޝްހޫރުވެފައިވާ "މޯލްޑިވްސް" އޭކިޔުނު ކުދިކުދި ޖަޒީރާ ރަށްތަކެއްގައި އުޅުނު މީހުންނަށެވެ. ނަމަވެސް ޤުދުރަތީ ރީތިކަމުންނާއި، ޤުދުރަތީ މުއްސަނދިކަމުން  އެމީހުން ހޯދަމުން އައި ކާމިޔާބީ "ކަނޑުގެ އަޑިއަށް ފީނާންފެށީ" ދުނިޔެ ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އައި ބޮޑެތި ބަދަލުތަކަކާއި ގުޅިގެންނެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، ދުނިޔޭގެ އުތުރު ތަނޑިއާއި، ދެކުނު ތަނޑީގައިވާ ގަނޑުފެންތައް ވިރެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން ދެހާސް ހަތްސަތޭކަ އަށާރަވަނަ އަހަރު މި ރާއްޖޭގެ ރަށްތައް މީހުން ދިރިނޫޅެވޭ ވަރަށް ކަނޑުގެ އަޑިޔަށްދަމުންގޮސް ދުނިޔޭގެ ޗާޓުންވެސް ފޮހެވުނީއެވެ.
         
މިގޮތުން ދެހާސް ފަސްސަތޭކަ އަށްޑިހަ ވަނަ އަަހަރުން ފެށިގެން މިރަށްތަކުގެ އަހުލުވެރިންނަށް ހިމާޔަތް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަރަށް ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. އެކި އެކި ޤައުމުތަކުންނާއި، ޖަމާއަތްތަކުން ތަފާތު ބޮޑެތި އެހީތަށް މިމީހުންނަށް ދިޔައީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ދުނިޔޭގެ ބިންބޮޑު އެއްވެސް ޤައުމަކުން މި ރަށްތަކުގެ އަހުލުވެރިންނަށް ޖާގައެއްދޭކަށް ޤަބޫލެއް ނުވިއެވެ. ދީން ތަފާތުވުމުގެ ސަބަބުންނެވެ. ކަޅުނަސްލަކަށް ނިސްބަތްވާ ބަޔަކަށް އެބައިމީހުން ވާތީއެވެ.
      
މި ދަނޑިވަޅުގައި މިކަމުގެ ފައިދާނެގީ އޮސްޓްރޭލިއާއިންނެވެ. އޮސްޓްރޭލިއާގެ ސަރުކާރުން އެރަށްތަކުގެ އަހުލުވެރިންނަށް އޮސްޓްރޭލިއާއިން ހިޔާވަހިކަން ދިނުމަށް އެއްބަސްވިއެވެ. ނަމަވެސް ވަކި ޝަރުޠަކާއި އެކުގައެވެ. އެއީ އެ ރާއްޖޭގެ އަޑިޔަށް ގޮސްފައިވާ ރަށްތައް ކަނޑުއަޑީގެ ރިސޯޓް ތަކެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އޮސްޓްރޭލިއާއަށް ހިބަކޮށް ދޭގޮތަށެވެ. މި ތާރީޚީ އެއްބަސްވުމުގައި ދެޤައުމުގެ ފަރާތުން ސޮއިކުރުން އޮތީ ދެހާސް ހަސަތޭކަ ފަންސާސް ތިންވަނަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައެވެ. މި އެއްބަސްވުމުގެ ދަށުން އެރާއްޖޭގެ އެންމެން އޮސްޓްރޭލިއާގެ ރަށްވެހިންނަށް ވެގެންދިޔައެވެ.
           
އަމަލީގޮތުން އެމީހުން އޮސްޓްރޭލިއާގައި ދިރިއުޅެން ފަށާފައިވަނީ ދެހާސް ފަައްސަތޭކަ ތިރީސް ފަސްވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަަނަ ދުވަހުއެވެ. އޮސްޓްރޭލިއާގެ ސަރުކާރުން އެމީހުން ވަޒަންވެރިވާން ހުއްދަ ދީފައިވަނީ ހަމައެކަނި ރަށްފުށުގެ ސަރަހައްދުގައެވެ. އާބާދީގެ ތިންލައްކަ ހަމަނުވާ މިބައިމީހުންނަށް އޮސްޓްރޭލިއާގައި ދިރިއުޅެން ފަސޭހަކަމަކަށް ނުވިއެވެ. ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުންނެވެ. އެމީހުންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށްވާތީއެވެ. ކަޅު ނަސްލުގެ ބަޔަކަށް އެމީހުން ވާތީއެވެ. އޮސްޓްރޭލިއާގެ ގިނަ ރައްޔިތުން ދެކޭގޮތުގައި އެ ރާއްޖޭގެ އަހުލުވެރިންނަށް އޮސްޓްރޭލިޔާގެ މުޖުތަމަޢުއަކުން ޖާގައެއް ނުދެވޭނެއެވެ. މި ތަފާތުކުރުންތަކުގެ ސަބަބުން އެރާއްޖޭގެ އަހުލުވެރިންނަށް އޮސްޓްރޭލިއާގައި އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ހޯދުމުގައި ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެބައިމީހުން ވަޒަންވެރިވި ސަރަހައްދުގައި އޮސްޓްރޭލިއާގެ ސަރުކާރުން އެއްވެސް ވަޞީލަތެއް ގާއިމް ކޮށްދީފައެއްނުވެއެވެ. ކާން ބޯން ކުރާނޭ މަސައްކަތެއް ނުލިބުމާއި، ފައިސާ ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން މިބައިމީހުންނަށް އެހެން ގޮތެއްނެތިގެން، ވަލުތެރެޔަށް މިސްރާބުޖަހައި ވަލުން ލިބޭ ކާއެއްޗަކުން ބަނޑުފުރާނަ މުއްތިކޮށްލައިގެން އުޅެންފެށީއެވެ. ނަމަވެސް މިމީހުންގެ ޙާލަތު ދުވަހެއް ދުވަހެއް ދިޔައީ ދަށްވަމުންނެވެ. ފުރިހަމަ ކާނާ ނުލިބުމުގެ ސަބަބުން މީހުންތައް އަނަރޫފަވާން ފަށައިފިއެވެ. މަލްނިއުޓްރިޝަންގެ ސަބަބުން ކުޑަކުދިންނަށް ތަފާތު ބަލިތައް ޖެހެންފަށައިފިއެވެ. އަލަށް އުފަންވާ ތުއްތުކުދިންނަށް ފުރިހަމަ ކާނާއާއި ވެކްސިން ނުދެވުމުގެ ސަބަބުން ޅަފަތުގައި ކުދިން މަރުވާ ޢަދަދު އިންތިހާ ދަރަޖައަށް މައްޗަށް ހިނގައްޖެއެވެ. މީހުން މަރުވުމާއި، އާދަޔާާޚިލާފަށް ކުޑަކުދިން މަރުވަމުން ދިޔަ ރޭޓް ޔުނިސެފްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިބައިމީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 30 މީހުން މަރުވެއެވެ. މިގޮތުގައި ކާނާއާއި، އެންމެ އަސާސީ ޚިދުމަތްތަކާއި، ވަޞީލަތްތަކާއި، ބޭސްފަރުވާ ނުލިބުމުގެ ސަބަބުން މިބައިމީހުން މަރުވަމުންގޮސް، އެ ނަސްލުވެސް އެކީ އުވިގެން ދިޔައީއެވެ."
          
އާހް! މާފްކުރައްވާށެވެ! އަޅުގަނޑަށް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނދެވުނީއެވެ. ދިވެހި ނަސްލަށް މުސްތަޤުބަލުގައި ވެދާނެ ގޮތަކާއިމެދު ވިސްނާލެވުނީއެވެ. ފަހުގެ ޒަމާނެއްގައި ދިވެހިންނަށް ދިމާވެދާނެ މުސީބާތަކާއިމެދުގައި ފިކުރުކޮށްލެވުނީއެވެ. ދިވެހި ފަސްގަނޑަށް އުފަން މީހަކަށް ވާތީއެވެ. ދިވެހި ރުއްތަކާއި، ގަސްތަކުގައި ވައި އަޅައި ދެއަތަށް "ނަށާމަންޒަރު" ތާއަބަދަށް ފެނުން އެދެވޭތީއެވެ. އެގަސްތަކުން ހިޔާ ލިބުން އެދެވޭތީއެވެ. އެގަސްތަކުގައި ހާލިހަދައިގެން އުޅޭ ދޫނިތަށް ކިޔާ ލަވައިގެ މަސްތުގައި ޖެހިފައިވާތީއެވެ. މަޑު ދޮންވެލި ގޮނޑުދޮށްތަކަށް ބީއްސާ ރާޅުތަކުގެ އަޑު ކެނޑިނޭޅި އިވެން ބޭނުންވާތީއެވެ. ދިވެހިވަންތަކަމުގެ ރަހަ އަރުތެރޭގައި ހަރުލާފައި ހުރުމަށް އެދެވޭތީއެވެ. ދިވެހިންގެ ދިވެހިވަންތަކަން ދަރިންނާއި ހަމައަށް ވާޞިލުކޮށްދިނުމަށް ހިތްއެދި ގޮވާތީއެވެ.

ޝައްކެއްވެސް ނެތެވެ. އިސްވެދިޔައީ ދިވެހިލޭ އެހަށިގަނޑެއްގައި ހިނގާ ކޮންމެ ސިނކުޑިއެއްގައިވެސް ކެކިދާނޭ ޚިޔާލީ ފޮލާއެކެވެ. އަވަހަށް މައުޟޫއާއިގެން ކުރިޔަށް ވަޑައިގަންނަވަމާ ހިންގަވާށެވެ. މައުޟޫއަކީތޯއެވެ! އަޅުގަނޑުވެސް ހަނދާންނެތިއްޖެއެވެ. އަދި އެއްފަހަރު އަޅުގަނޑަށް މަައުޟޫ ހަނދާން ކޮށްދެއްވައި ބައްލަވާށެވެ. އާދެ! ދިވެހި ނަސްލު ދެއްތޯ އެވެ! ދިވެހި ނަސްލު ނެތިގެން ހިނގައިދާނެތޯއެވެ؟ މި މައުޟޫ ދޮގެއްތޯއެވެ! އެހެންކަމަށްވާނަމ މައުޟޫއާއިގެން އަވަހަށް ކުރިޔަށް ހިންގަވާށެވެ. ނަމަވެސް އަދިވެސް އަޅުގަނޑުގެ ހިތާއި، ސިކުނޑިއަށް އެއްކަލަ ދިވެހިވަންތަ ޚިޔާލު ބާރުފޯރުވަމުން އެބަދެއެވެ. އިންޒާރުގެ މެސެޖެއް ފަދައިންނެވެ. އެހެން ވެއްޖެނަމަ....؟ އެހެންް ވެދާނެތޯއެވެ.....؟ ދިވެހި ނަސްލު ހަމަ އެކީއެކަށް ނެތިގެން ހިނގައިދާނެތޯއެވެ؟ އަޅުގަނޑުމެންގެ ރާއްޖެ ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެ ބާވައެވެ؟ އެހެން ވެއްޖެނަމަ އެއިރު އުޅޭ ލާނެތް ކުދިން ބުނާނެ ތޯއްޗެކެވެ. "ދިވެހި ރާއްޖެއޭ މިކިޔާ ތަނަކީ ދުނިޔޭގައި އޮތްތަނެއްނޫނެވެ. އެއީ މުޅިން ފްލޯކް ވާހަކައެކެވެ. އެކަން އެހެންވީ ދުނިޔޭގެ ޗާޓު އެންމެ ފުރަތަމަ ކުރެހި މީހާ، ޗާޓު ކުރަހަމުންގޮސް ގަލަމުން ދެލި ނުހިނގައިގެން ގަލަން ފޮޅާލި ވަގުތު އިންޑިޔާކަނޑުގެ މައްޗަށް، އިންޑިޔާގެ ތިރިން ދިގަށްވާގޮތަށް އޭނާގެ ގަލަމުން ދެލިތިކި ތަކެއް ބުރީއެވެ. ޗާޓު ކުރެހިއިރު އޭނާއަށް އެކަން ފާހަގަނުކުރެވި ދިޔައީއެވެ."
           
ހުރި ލަދެއްގެ ބޮޑުކަމާއެވެ. މިހެން މިކަންތައްވުމަށް އެއްވެސް ދިވެއްސަކު ބޭނުންވާނެތޯއެވެ. އެހެންކަމަށްވާނަމަ މިފަދަ ބޮޑު ލަދަކުން ސަލާމަތްވުމަށް އަވަހަށް މަސައްކަތް ފަށަންވީއެވެ. އެކުދިން އެހެން ބުންޏަ ދީގެން ނުވާނެއެވެ. ދިވެހި ނަސްލު އުވި ދިޔަދީގެން ނުވާނެއެވެ. މަސައްކަތް ފަށްޓަވާށެވެ. އަޅުގަނޑުމެންގެ ފެންވަރުގައެވެ. މޫދަށް އެއްގޮތަކަށްވެސް ކުނި ނާޅުއްވާށެވެ. ނަންގަވާށެވެ. މޫދަށް އެޅިފައި އެހެރަ ކުނިތަށް ނަންގަވާށެވެ. އަޅުގަނޑުމެންގެ ނާޒުކު ރަށްތަށް ވަށައިގެން ބިންދަމުން އެދާ ބިޔަ ރާޅުތަކުން އެ ރަށްތަށް ހިމާޔަތްކޮށްދޭ މުރަކަތައް ވަށައި ބައްދައިގެން އެވާ ޕްލާސްޓިކް ކޮތަޅުތައް ނަންގަވާށެވެ. މުރަކަތައް ހެދުނަ ދޭށެވެ. އެއީ އަޅުގަނޑުމެންގެ ރައްކަލެވެ.

މިކުޑަަ ރާއްޖޭގައި އަދި އެހާމެ ކުޑަކުޑަ ރަށެއްގައި "ގެއިން ބަދިގެއަށް" ދާން ތިޔަ ބޭނުންކުރަށްވާ އިންޖީނުލީ އުޅަނދުގަނޑު ދޫކޮށްލައްވާށެވެ. އެ އުނޅަދުތަކުން ބޭރުވަމުންދާ ވިހަ ގޭސްތަކުން ޖައްވު ތަޣައްޔަރުވަމުން ދަނީއެވެ. މިކަމާއި ގުޅިގެން ވައި ނުސާފުވެ، ނޭވާލާ ނިޒާމަށް ތަފާތުބަލިތައް ޖެހެމުން އެބަދެއެވެ. ބައިސްކަލް ޚިޔާރުކުރެއްވުން ކިހިނެއް ވާނެތޯއެވެ؟ ހަށިގަނޑަށް އިތުރު ކަސްރަތެއްވެސް ލިބުނީއެވެ. ގެންގުޅުއްވާ ސައިކަލް ނުވަތަ ކާރެއް ދޫކޮށްލުމަކީ ދަތިކަމަކަށް ވާނޭކަމަށް ޚުދު އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް ޤަބޫލުފުޅު ކުރައްވާށެވެ. އެ އުޅަނދުތަކުން ބޭރުވާ ކާބަންޑް އޮކްސައިޑްގެ ސަބަބުން ދުނިޔެ ހޫނުވަމުން ދަނީއެވެ. މިހޫނުގެ ސަބަބުން ދުނިޔޭގެ އުތުރު ތަނޑިއާއި ދެކުނު ތަނޑީގައި ޖަމާވެފައިހުރި ގަނޑުފެންތައް ވިރެ ހުސްވަމުން ދަނީއެވެ. މި ފެންތައް ކަނޑަށް ބޭރުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި އަޅުގަޑުމެންގެ ރަށްތައް ކަނޑުގެ އަޑިޔަށް ފައްތަމުން އެހެރަ ދަނީއެވެ.

ދުނިޔޭގެ ކޮންމެ ހިސާބަކަށް ނަޒަރު ހިންގާލިޔަަސް  ފެންނަނީ ޤުދުރަތީ މުސީބާތުގެ މަންޒަރުތަކެވެ. އިވެމުންދަނީ އެ މުސީބާތްތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންގެ ވޭނީ އާހުގެ އަޑެވެ. އެއްޤައުމަކަށް ބޯކޮށް ވާރޭވެހި އެޤައުމުގެ ކޯރުތައް ބަންޑުން ވެގެން އުޅޭއިރު އަނެއް ޤައުމަކަށްވަނީ ހަނަފަސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެއްޤައުމަކަށް ވަރުގަދަ ތޫފާނެއް އައިސްގެން އުޅޭއިރު އަނެއް ޤައުމެއްގައި ހޫނުގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވެ އަނދާ ހުލިވަމުން ދަނީއެވެ. މިއީ ހައްތާވެސް ދުނިޔެ ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެވެ. އިންސާނީ ހަރަކާތްތަކުގެ ސަބަބުން އިންސާނުންގެ "ގޮވަތި" ހަލާކުގެ ތެރެއަށް ހުށަހެޅެމުންދަނީއެވެ.

ވިސްނާ ފިކުރު ކުރައްވާށެވެ. ތިބާގެ ވެށީގައި ތިބާ އަކީ ބީރައްޓެއްސަކަށް ނުވާށެވެ. ތަހުމަތްތެރިއަކަށް ވާށެވެ. މިއީ ތިމާގެވެސް އަމިއްލަ ވެއްޓެވެ. ތިމާވެއްޓެވެ. އެހެންނޫންތޯއެވެ. އެހެންކަމަށްވާނަމަ އެޔަށް ހިމާޔަތާއި ރައްކާތެރިކަން ދޭށެވެ. ޚުދު ތިމާގެ އަމިއްލަ ނަފްސަށްވެސް ރައްކާތެރިވާ ފަދައިންނެވެ. އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ މަސްޢޫލިއްޔަތެކެވެ. ހަމައެކަނި ތިބާ އެކަމަށް ފޫގަޅައިގެން މަސައްކަތް ކުރެއްވިޔަސް ކާމިޔާބެއް ނުވާނެއެވެ. ދަތުރު ލިބޭނީ ރައްކާވެ ތިބިއްޔާކަން ޤަބޫލުފުޅު ކުރައްވާށެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ