އަދުގެ ޚާއްސަ

Print

ފަކީރު ފަކީރުންނަށްވުރެ މުއްސަނތި ފަކީރުންގެ ޙާލު މާބޮޑުކަމަށް ފެނެއެވެ.

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

ބައެއް ބައެއް ފަކީރު ކަމާއެކު، ހިތްފަސޭހަ ވާގޮތާއި ރަނގަޅު ގޮތްތަކަށް އެދުންވެރި ވެވުމާއި ހިތަށް މަޑުމޮޅިކަން ލިބުމާއި ހުރެއެވެ.


މިހާރު އަހަރެމެން މިކިޔައިދޭ ވާހަކައިގައި މިވާފަދަ ނަސީބުދެރަ މުއްސަނތި ފަކީރުންގެ ފަކީރުކަމީ ލުއިވާންނެތް ވޭނެކެވެ. މަޑުނުވާނޭ ހިތާމައެއް މެއެވެ.  ނުފިލާނޭ ހުމެއްމެއެވެ.


މިބުނި މިސްކީނާގެ ޚަބަރު އަހުރެން ކަލެއަށް މިއަންގައި ދެނީ އަހުރެންގެ ގަލަމުންނެވެ. އޭނާ އަހުރެންނަށް ލިޔެފައި އެއޮތް ސިޓީގައި ހުރި ބަހުރަވަޔަކުން ކޮންމެހެން އެރާގަކުން ނޫނެވެ. އޭގައި އެހުރި ބަސްތަކަކީ އޭނާގެ ހިތާމައިގެ ބޮޑުކަމާއި ޙާލުގެ ދަތިކަމުން އެގޮތް މިގޮތަށް ލިޔެފައިހުރި ހިތާމައިގެ ބަސްތަކެކެވެ. ނޭވާ ހޮޅިޔަށް އެޅިގެން އުޅޭމީހުން ކިޔާ ކަހަލަ ރަނގަޅަށް ބަޔާންނުވާ ހާސަރުތަކެއް މެއެވެ. އެކަމަކު އެސިޓީގައި ހުރި ތަކެތީން ވިސްނުނު ތަކެތި ވިސްނުނު ގޮތަށް މިބަޔާން ކުރަނީއެވެ. މިތަކެތި ބަޔާންކުރުމުގެ ބޭނުމަކީ ގިނަގިނައިން އިންސާނުންނަށް ނިޢުމަތް ލިބުމާއި އެކުގައިމެ އެމީހުން އާބާއްޖަވެރިވެ ދުނިޔޭގައިވެސް ދަތިކަން ލިބެނީ އެމީހުންގެ އަމިއްލަ ކުށްތަކުންކަން އަނެކަކު ކުރާ ކަމަކުން ނޫންކަން އަދި މާތްރަސްކަލާނގެއީ ޢަދުލުވަންތަވެރި ކަލާނގެކަން އެމީހަކު ހޯދި އެއްޗެއް އެމީހަކަށް ދެއްވަނީކަން ވިސްނައި ފިކުރު ކުޅައުމަށެވެ.

ފަހެ އޭނާ އަހުރެނަށް ލިޔުނު ސިޓީގައި ގިނަ ސަލާމާއި ޝުކުރާއި އިޙްތިރާމް ލިޔެފައި ބުނެފައިވެޔޭ. އަޅުގަނޑު މިއެކަނިވެރި ކަމާއި ބަލިޙާލުގައި ވެއްޓިފައި އޮންނަ އަމިއްލަ ހުރަގޭގައި އޮއްވައި ކޮންމެވެސް ގޮތަކަށް ކަލޭގެފާނުން ޗާޕުކުރައްވައިގެން ތިޔަނެރުއްވާ ރިސާލަތެވެ. ކިޔޭ މަޖައްލާގެ (ދުނިޔޭގެ ހިތާމަތައް) މި ޢުންވާންގެ ދަށުގައި ލިޔުއްވާފައި އެހެރަ ނަސޭހަތްތަކާއި ތެދުވެރި ވަޢުދުތައް ލޮލަށް ފެނިއްޖެއެވެ. އަޅުގަނޑު އެމައްޗަށް ޙައިރާންވެ ބިރުވެތިވެ ދެން އަލުން ހެޔޮކަމެއް ކުރެވޭނެ ފަދަ ގޮތްނެތް ޙާލުގައި ހިތާމަކޮށް ވިސްނައިލިއިރު އަޅުގަނޑުގެ ޙާލަކީ އެގޮތްތަކުގެ ވަރަށް ސާފު ނަމޫނާއެކެވެ. އެހެންވެގެން ހަމަ އަންގައިލާ ހިތްވީއެވެ.

އަޅުގަނޑު ދޮގެއް ނަމެއް ނުގަންނަމޭ. އަޅުގަނޑަށް ފުރަތަމަވެސް މީހުނަށް ހެޔޮވުމާއި ނުބައިވުމުގައި. ކަމޭހިތުމާއި އިހާނާތްތެރި ވުމުގައި. ދީލަތިވުމާއި ދަހިވުމުގައި މިކަންކަމުގައި ވަކިވަކި މަޢުނަތަކެއް ހުރިކަން އެނގުނީ ޢުމުރުން ފަސްދޮޅަސް އަހަރަށްވުރެ ގިނަވެ. އަދި ވައުބަލިޖެހި ދެފައިގެ ޙިއްސުކެނޑި އަޅުގަނޑުގެ މިނިވަންކަމާއި މުއްސަނތިކަމާއި އަޅުގަނޑު ލޯމަތީގައި އެހެންބަޔަކުގެ އަތްމައްޗަށް ދިޔައިމާ. ދެނެވެ. ދެން ކުރާނީ ކީއްތޯއޭ. ދެނެވެ. ދެނެވެ. ކީމާވާނީ ކޮންފައިދާއެއް ތޯއެވެ.

އަޅުގަނޑަކީ އަޅުގަނޑުގެ މިޙާލަށް ވެއްޓުނުއިރު، ފަންސަވީސްހާސް ފައުނު ނަޤުދު ފައުނުގެ މުއްސަނތިކަން ހުރި މީހަކީމެވެ. ކުޑައެތިކޮޅެއް ތޯއެވެ. ފަންސަވީސްހާސް ފައުނު މިހާރު ދުލުން ކީމާވެސް ވަނީ ޢަޛާބަކަށެވެ. އިހަށްވާ ހާދަހާވާ ފޮނި އެއްޗެކެވެ. އަޖާއިބު! އެއިރު އަޅުގަނޑު ހީވަނީ ރަތުރަން ކަނޑެއްގައި ފަތާހެންނެވެ. އެއިރު އެހެރި ރަތްކަމީ ރަނުގެ ރަތްކަން ކަމެއް، ނުވަތަ ލެއިގެ ނުވަތަ މިއަންނަ ކަރުނުތަކުގެ ރަތްކުލަކަމެއް މިހާރަކު ވަތްކެއް ނުވިއެވެ.

އަޅުގަނޑުގެ ހިތް އެއިރު އޮންނަނީ މުޅީން އޮމާންވެ ބެދިފައެވެ. އެހިތުގައި އެއްވެސް ގޮތަކަށް އަނެކަކާއި މެދުގައި ވިސްނައިލުމެއް އަނެކެއްގެ މައްޗަކަށް ކުޑަވެސް ކުލުނެއްގެ ވިންދެއްވެސް ޖަހައެއް ނުލައެވެ. ވިންދުވެސް ޖަހާގޮތަކީ ފައުނު ފައުނު ފައުނު ފައުނު މިހެންނެވެ. މިގޮތުގައި އުޅެ ދުނިޔޭގެ ދިރިއުޅުމުގެ މަންޒިލުތައް ކަޑައްތުކޮށް އަތިރި މައްޗަށް ނުކުމެވެނުއިރު އެތާނގައި މިއޮތީ ފާރަލައިގެން މަރެވެ. ނުހިނގި. ފައިވައުވެފައި އޮނާންވީ ބައްޔެވެ. ޢަޒާބު ލިބޭ ޟަމީރެކެވެ. އަޅުގަނޑުގެ ހުރިހައި މުދައު އަޅުގަނޑު އަދި ބަލަހައްޓައިގެން އޮއްވައި ވާރުތަކޮށް އެމައްޗަށް ވެރިވެގެން އުޅޭ ބަޔެކެވެ. މަ އެއްކުޅަ ތަކެތީން މަ ބަލަހައްޓައިގެން އޮއްވައި އެމީހުން އެބަ މަޖާކޮށް ތަޅައި ވިއްސަތެވެ. ފަކީރުންގެ ދަތިކަމީވެސް ލޮލުން ކަރުނު އަޅާންވީ ކަމެއްކަން މިހާރު އެނގެއެވެ. އެއަށްވުރެ ބޮޑަށް އެނގުނީ މުއްސަނތި ފަކީރުންގެ ޙާލަކީ ހިތްފަޅައިގެން ދާވަރުގެ ކަމެއްކަމެވެ.

އަޅުގަނޑު މި މުދައު އެއްކުޅަގޮތް ދެނެ ހުންނެވީމު ތޯއެވެ. އެ އެއްކުޅައީ އަރާމެއްނެތި މަސައްކަތް ކޮށްގެން ވަރުބަލިވާހައި ތަދުބީރު ކޮށްގެން އަބުރު ދާހައި މަކަރު ހަދައިގެން ކަށްވަޅު އަނދިރި ވާހައި ދޮގު ހަދައިގެން ބަނޑުފެޅޭހައި ސޫދުކައިގެން ކުޅުހިކި ލަގޮނޑީގައި ނާށިލާހައި ދަހިވެގެން ހަލާކުވާހައި ޚަރަދު ކުޑަކޮށްގެންނެވެ. އެމުދައު ގިނަވި ގިނަވިހެން އަޅުގަނޑުގެ ހިތުން ދިޔައީ މައިބަފައިކަމުގެ ކުލުނުވެރިކަމާއި. ގާތްތިމާގެ ކަމުގެ އޯގާވެރިކަމާއި. އިންސާންކަމުގެ އަބުރުވެރިކަމާއި މަރުވަމުންނެވެ. ދެން މުދައު ގިނަވެ ތަނަވަސްވެ މީހުންގެ ލޯތައް މަށާ ދިމާޔަށް ހުއްޓި މީހުން އަބަދުވެ އެބަހަރަވެއެވެ. އެހެން ވީވީހެން އަޅުގަނޑުގެ ހިތްދަނީ މީހުންގެ މައްޗަށް ކުޑައިވަމުން ފައުނުގެ މައްޗަށް ބޮޑާވަމުންނެވެ. މިކަހަލަ މުއްސަނތި ކަމަކުން ސުވަރުގެއާއި ބާއްޖަވެރިކަން ލިބޭނޭ ކަމަށްހޭ. އީމާންކަމަކާ ލަފާކަމެއް އަންނާނޭ ކަމަށްހޭ ތިޔަހެން ނަމަވާ ޤާރޫނުގެ ތަޅުދަނޑިފަތި މޫސާގެފާނުންގެ ޢަޞާކޮޅަށްވުރެ މޮޅުވީސްތާއެވެ.

އެކަމަކު ދިހަބާރަ ފައުނުން ވެވޭނޭ އެކިއެކި ކަންތައް އަޅުގަނޑަށް އެއިރު ހަމަ ހިލެއި ހުންނަނީ ވޭވެއެވެ. އެއީ. ފައުނު ހުންނާތީ އެމައްޗަށް ހިނގާ ބާރަކީތާއެވެ.

ހިތާނުވާ ރީތި އަންހެނެއް އަދަބުނުވާ މާތް ފިރިހެނެއް އުޅޭހެނެއް އެއިރަކު ހީއެއް ނުވެއެވެ.
ތިޔަހުރިހައި ކަމަކީ މީތާޔޭ ހިތަށް އަރައިފައި ވަރަށް އުފަލުގައި ޖީބުގައި އޮންނަ ޕެކެޓްގައި އަތުން ޖަހާލައިފައިމެ ހަމައެންމެ ފައުނެއްވެސް ނުނަގާ ދުވަސް އެއީ އެއިރު އުފާވެރިކަމުގެ ޢީދުދުވަސް ދުވަހެވެ.

އަޅުގަނޑުގެ ރައުސްމާލަކީ އަޅުގަނޑު އަޒްހަރުގައި ކިޔަވާން އުޅުނުއިރު ޚަރަދުން ލިބޭ އެތިކޮޅުން އިތުރުކުރަމުންގޮސް އެއްވީ އަށެއްކަ ފައުނެވެ. ދެން ރަށަށް އައިސް އެއެތިކޮޅުން ފަށައިގެން ކުރިއަރުވާން ފަށައިފީމެވެ. ދަތި ޙާލު ބޮޑުވެ އެއްގޮތަކަށް ނުފޯރައިގެން އުޅޭ ދަނޑުގޮވާން ވެރީންނަށް އެތިއެތިކޮޅު ދެނީ ނުކުޅަދާނަ ސޫދު ލައިފައެވެ. ބަނޑަށް ޖެހިގެންމެ ލަދުބޮޑުކަމުން ސަލާން ޖަހާން ނުކެރިގެން އަތުގައި ހުރި ރަނގަޅު އެއްޗެއް ފައުޅުގައި ވިއްކާން ނުކެރިގެން އުޅޭ އަންހެނުންގެ ތަކެތި ސިއްރުން ބަހައްޓަނީ ނުއަގުގައެވެ. ގޭގެ ދޮރުމަތީ ހެދީ ކުކުޅު ކޮށްޓަކަށެވެ. ގެ މަތިހެދީ ތަރުކާރީ އިންދައިގެން މަސައްކަތްކުރާ ބަގީޗާ އަކަށެވެ. ކުކުޅު ބިހާއި. ކުކުޅާއި. ކުކުޅުފައިތާއި. މޮޅާ. ކަރުނަބު. ރެވިފަތް. ގަރްގީރު ވިއްކާން ހިނގަމެވެ. ހަށިގަނޑުގެ ޝަހްވަތްތެރިކަން ހިފަހައްޓައިފައި ހުރީ މީރުމޭވާ ފެނުނީމާ ނުބައިވަސް ދުވާވަރަށެވެ. މަހުގެ ޒާތްޒާތުގެ ކަވާބު ފެނުނީމާ ހޮޑުވެސް ލަވައެވެ.

މީހެއްގެ ގެއެއްގެ ޖާފަތަކަށް ކާވަނި މަޖިލީހަކަށް ވަދެވިއްޖެއްޔާ އެކަހަލަ ތަކެތި ކެވެނީއަކީ މަދެއްކޮށް ނޫން މެއެވެ. ދެން ގެދޮރު ދަނޑުފަނގު މިލްކުވަމުން އަންނާން ފަށައިފިއެވެ. އެއިގެ ގިނަ ތަކެތި ހޯދިފައި ހުރީ މީހުންނަށް ދަތިޙާލު ޖެހިގެން ދަރަންޏަށް ނަގާ ތަކެތި އަނބުރައި ނުދެވިގެން އެމީހުންގެ މިލްކު ދޫކޮށްލާ ގޮތުންނެވެ. ބައެއް ތަންތަން ގަނެފައިވެސް ހުންނާނޭ ތޯއްޗެކެވެ. މިގޮތް ހަމަވުމުން އެތަންތަން ކިރިއްޔާ އިންދެނީ އަޅުގަނޑު ގޭގެ ޚަރަދަށް ބޭނުންވާނޭ ތަކެތި ދިނުން ޝަރްޠުކުރުމާއި އެކުގައެވެ. އެއީ ފައިސާ ދީދީފައި އެއްޗެތި ގަތުން ހިތްމައްޗަށް ބުރަކަމުންނެވެ. ދެން އެތަންތާނގެ ކުލިތަކާއި ފައިސާތައް އެކީ އެކައްޗަކަށް އެއްވާން ފަށައިފިއެވެ. ގޮދަން އަޅައި ސިކާރަވެފައި ހުންނަ ގުދަންތައް ހުންނާން ފަށައިފިއެވެ.
ދެން އަޅުގަނޑުގެ ހިތުގައި ޖެހިއްޖެޔޭ. މިވަރުވީމާ ދެން މި މުދައުތަކަށް ރައްކައުތެރިވުމަށް ސަރުކާރުގެ ޢިއްޒަތްތެރި ނަމެއްވެސް ވާނީ ހޯދާށެވެ.

އިސާހިތަކު (ބޭ) ކަން ހޯދައިފީމެވެ. އެދުވަސް ވަރަކީ ސަރުކާރުގެ އެކަހަލަ ނަންނަން ދާދިކުޑަ އަގެއްގައިވެސް ލިބޭ ދުވަސްވަރެއް ވިއްޔާޔޭ.

ދެންވާ. މީހުން އަޅުގަނޑަށް ކަމޭ ހިތާވަރުގެ ކޮޅެއްވެސް ނެތެވެ. ބުނިހައި އެއްޗަކަށް ލައްބަ ނުކިޔާ މީހަކު ހަނދާނެއްވެސް ނެތެވެ. މިހުރިހައި ކަމަކީ (ފައުނު) މިނަންކިޔާ އެއްޗެތި އަޅުގަނޑު އަތުގައި ހުންނަ ކަމެވެ. އަޅުގަނޑުގެ ހިތުގެ ލޯ މުޅީން ކަނުވެ އަޅުގަނޑު ޙުރުމަތްތެރިކޮށް ހިތާންވީ ދީނެއް ޙައްޤު އަދާކުރާންވީ އަންބެއް ރަނގަޅަށް ތަރުބިއްޔަތު ކުރާންވީ ދަރީނެއް ކަމޭހިތާންވީ މީހެއް އޮންނަކަމެއް ނުވެސް ދަންނަމެވެ. ދަންނާނޭ ކަމެއް ނުވެސް ނެތްތާޔޭ. އެންމެން އުޅޭތަން ފެންނަނީ މި (ބޭ) ރުޅި ދުރުވެދާނޭތީ ބިރުން ވިއްޔާޔޭ. މިހެން އުޅެ ޢުމުރުން ފަސްދޮޅަސް އަހަރުވީތަނާ މިޖެހުނު ބައްޔެއް ޖެހި އުނަގަނޑުން ތިރި ވާވެ އޮތްތަނުން ނުތެދުވެވި ހަމަ. ވުމުން އަޅުގަނޑަށް މިޖެހުނީ ގޭގެ ވަކި ފަރާތަކުން ކުޑަކޮޓަރި ގަނޑެއްގައި ސޯފާ އެނދަކަށް ވެއްޓިފައި އޮންނާށެވެ. ރެޔާއި ދުވާލު ތެރޭގައި ދެފަހަރަކު ޚައްދާމަކު ކޮންމެވެސް ކާއެއްޗެއް ހިފައިގެން ގެނެސް ބަހައްޓައެވެ. ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނިއްޔާ އެބުނި އެއްޗެއް ނޫން އެހެން އެއްޗެއް ނޫނީ ނުގެންނާނެތެވެ. މިޙާލުގައި އޮންނައިރު އިހަށް ކޮށްފައިހުރި ހުރިހައި ނުބައި ކަންތައްތައް އައިސް މޫނުމަތީގައި ހީވަނީ އަބަދު އެނބުރޭ ހެންނެވެ. ކިތައް ފިހާރަ ނީލަން ކިޔުއްވީން ހެއްޔެވެ. ކިތައް ގެ ބަންދު ކުރުވީން ހެއްޔެވެ. ކިތައް މީހުންގެ އަނބިދަރީންގެ އަތްފައިގައި ހުރި ގަހަނާ ބޭލުވީން ހެއްޔެވެ. މިޙާލުގައި އޮއްވައި މުދައުކޮޅުވެސް މަދުވަމުން ސާފުވަމުން އެހެރަ ދަނީއެވެ. ހިތަށް އަރަޔޭ އަދި އެއްފަހަރު ގަދަވެގެން ތެދުވެވޭނޭ ނަމަ މިއުޅޭ މީހުނަށް ކުޅިދައްކައި ލާނަމެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ. މިއޮތީ އަޅުގަނޑުގެ ދެބައިކުޅަ އެއްބައިގެ ފުރާނަ ގެންދަވައިފައި ކަން ހިނގާގޮތާއި މުދަލުގެ ހުރި ނުބައިކަން ދެއްކެވުމަށް އަނެއްބައި ބާއްވަވާފައެވެ. ހީވަނީ ކަށްވަޅަށްދާނީ ކަފުނެއްވެސް ނުލިބި ހެންނެވެ. والسلام

މިސިޓީގެ ޒުވާބަކަށް އަހުރެން ލިޔުނީމޭ. އޭ މާތް ބޭ. އެވެ. މާތްރަސްކަލާނގެ ރަޙްމަތުން އެދުންކަނޑައިފުމީ އޮތްކަމެއް ނޫނެވެ. ދެންވެސް އެކަލާނގެ ކިބައަށް ބިރުވެރިތިވެ އެކަލާނގެ ކިބައަށާއި މީސްތަކުންނަށް ހިތްހެޔޮ ކުރައްވައިގެން އޮންނަވައި ފަސޭހައިގައި ނިޔައުވާށެވެ. والسلام

މިއީ 8 މުޙައްރަމު 1358 ސަނަތު މިދުވަހު މިޞްރުގައި ޗާޕުކުރެވުނު [އައްރިސާލަތު] އެވެ. ކިޔޭ މަޖައްލާގައި އޮތް ފުރަތަމަ ވާހަކައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ