Print

އިޞްލާޙުވާންވީ މީހުންނެވެ!

ޝާޢިއުކުރީ މުޙަންމަދު ޢިމްރާނު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ: މުޙައްމަދު އިމްރާން/ ސަމާމަންޒިލް- ހއ.އިހަވަންދޫ
 

ވައްކަމެއް ނުކުރާދުވަހެއް، މިދިވެހި ޖައްވަކުން ނުދެއެވެ. ކޮންމެވެސް މާރާ މާރީއެކެވެ. ބަދު އަޚްލާޤީ ޢަމަލެކެވެ. މިކަމުގެ ސަބަބުން ނަފުސާނީ އެތައް ގެއްލުންތަކެއް ދިވެހި މުޖުތަމަޢުއަށް މިދަނީ ކުރަމުންނެވެ. ޖިސްމާނީ ގޮތުން އެތައް ހަށިތަކަކަށް މިހިރަ ގެއްލުން ވަނީއެވެ. އެތައް ދިވެހިންނެއްގެ ފުރާނަތައް ގެއްލެނީއެވެ. ދެރަވާނީ ކިތައް މައިންބަފައިންތޯއެވެ؟ ހިތާމަކުރަނީ ކިތައް ދިވެހިން ތޯއެވެ؟

ހިތާމަހުއްޓެވެ.  މިހާހިސާބުންވެސް، އިނގިލި ދިއްކުރެވެނީ މި ޤައުމަށެވެ. ދިވެހި ރާއްޖޭގައި އަމާންކަމެއް ނެތެވެ. އިސްލާޙުވާންވީ ރާއްޖެތޯއެވެ؟ ނޫނީ މިކުޑަކުޑަ މުޖުތަމަޢު ހެއްޔެވެ؟ ވިސްނާބަލާށެވެ. ފިކުރު ހިންގާށެވެ. އަސަރުތައް ދެނެގަންނާށެވެ. ބަދަލު ތަކަށް ތަންދޭށެވެ. ބަދަލުތައް ގެންނާށެވެ. ފަހުމުވޭ ހެއްޔެވެ؟ ނުވިތޯއެވެ؟...... ޒަމާން ބަދަލު ވަނީއެވެ. ތަރައްޤީއޭ މިކިޔާ އޮއިވަރުގެ ތެރެއަށް މުޖުތަމަޢު ގެނބެނީއެވެ. ތަރައްޤީއަށް ތަންދޭށެވެ. ބަދަލުތައްވެސް މި މުޖުތަމަޢަށް،  ބޭނުންވެއެވެ. އެފަދަ ބަދަލުތަކަކީ ލާބަހުރި، މުޖުތަމަޢަށް މަންފާހުރި ބަދަލުތަކަކަށް ހަދާށެވެ.

ނިކަން މުޖުތަމަޢު ތެރެއަށް ޖެހިލާށެވެ. އަމާންކަން އެބައޮތްތޯއެވެ؟ ރަނގަޅު ބަދަލުތަކެއް ތިބާއަށް ފެނޭތޯއެވެ؟ ތިބާ ތިޔަހުރީ ކޮންތާކުހެއްޔެވެ؟ ތަރައްޤީއޭ މިކިޔާ އޮއިގެ ތެރެއަށް ނުރަނގަޅު އާދަތައް ވަދެ މައްސުނި ވެފައިވާ މުޖުތަމަޢު އެއްގައި ހެއްޔެވެ؟  ނިކަން އެފަދަ މުޖުތަމަޢެއްގެ ތެރެއަށް ނިކުމެލާށެވެ. ތިބާއަތުގައި ފޯނު އެބައޮތް ހެއްޔެވެ؟ ނިކަން އަހަރެންނާ ގުޅައިލާށެވެ. ކުރިއަށް ހިނގާށެވެ. ފަހަތުން ބަޔަކު ފާރަ ނުލާތޯއެވެ؟ ތިބާއާ ދިމާ އެބަ ބަލައި ނޫންތޯއެވެ؟ އެމީހުން އެބަލަނީ ތިބާއާއި ދިމާއަށްތޯއެވެ؟  ނޫނީ، ތިބާގެ ފޯނަށްތޯއެވެ؟

ފިހާރައެއްގެ ތެރެއަށް ވަދެލާށެވެ. ތަރައްޤީގެ ކުލަ ހޭކިފައިވާ ޒުވާނެއް ފިހާރައިގެ ތެރޭގައި ނެތް ހެއްޔެވެ؟ އެފަދަ ޒުވާނެއް ހޯދާށެވެ. ފެނިއްޖެތޯއެވެ؟ އޭނާގެ ޢަމަލު ތަކަށް ފާރަލައި ބަލާށެވެ؟ އޭނަ، ފިހާރައިގެ ކެމެރާތަކާއި ފިލާ ކުދިކުދި އަގުހުރި ތަކެތި ނުފޮރުވާހެއްޔެވެ؟ ޖީބަކަށް ނުލާތޯއެވެ؟ ތިބާ ފިހާރައިގެ ކައުންޓަރު ކައިރިއަށް ދިޔުމުން ތިބާގެ ވޮލެޓަށް ނޫނީ އަތްދަބަހަށް އޭނާގެ ނަޒަރު ނުހުއްޓޭހެއްޔެވެ؟

ދެންނިކަން ﷲ ގެ ހުރުމަތް ތެރިވެގެންވާ ގެކޮޅަށް ތިބާގޮސްލާށެވެ. އެފަދަ ޒުވާނެއް އޮޅިގެންވެސް މިސްކިތަށް އަރައި ހުރެދާނެއެވެ. އަވަހަށް އެފަދަ ޒުވާނެއް ހުރި ސަފުގެ ކުރިމަތިން އޮތް ސަފުގައި އޭނާއާއި ސީދާ ވާނޭ ފަދައަކުން ހުއްޓޭށެވެ. ތިބާނަމާދަށް ފެށުމުގެ ކުރިން ތިބާގެ ފޯނު ނަގައި ގުދުވެ ތިބާގެ ކުރިމަތީ ބާއްވާށެވެ. ތިބާގެ ނަމާދު ކުރަމުންގޮސް ފުރަތަމަ ސަޖިދައިން ތެދުވާށެވެ. މިހާރު ތިބާގެ ފޯނު ކޮބައިތޯއެވެ؟ ނަމާދު ބާޠިލް ވީނަމަވެސް ފަހަތަށް އެނބުރި އެއްކަލަ ޒުވާނާ ހުރިތޯ ބަލައިލާށެވެ. ނެތްތޯއެވެ؟ އެޒުވާނާ އޭނާގެ ނަމާދުން އޭނާއަށް ލިބުނު ސަވާބު ހިފައިގެން އެދިޔައީއެވެ.  މީﷲ ގެ ގެކޮޅަށް ނަމާދަށް އަރާހުރެ ކުރާ ޢަމަލެވެ.

ވިސްނާށެވެ. އަދިވެސް އިސްލާހު ވާންވީ ޤައުމު ތޯއެވެ؟ އިސްލާހު ކުރަންވީ ޤައުމު ތޯއެވެ؟ ތިބާގެ ފޯނަށް ފާރަލަމުން ފަހަތުން އެހިނގަނީ ޤައުމުތޯއެވެ؟ ތިބާގެ އަތްދަބަހަށް ފާރަލައި ބަލަހައްޓައިގެން އެހުރީ ހަމަ މިޤައުމު ތޯއެވެ؟  ފިހާރައިގެ ކެމެރާތަކަށް ފިލަމުން އެއުޅުނީ ހަމަ މި ޤައުމުތޯއެވެ؟ ނަމާދަށް އަރާ ލިބުނު ސަވާބައިއެކު އެނބުރި ދިޔައީ ހަމަ މި ލޮބުވެތި ޤައުމުތޯއެވެ؟ އިޞްލާޙުވާންވީ ޤައުމުތޯއެވެ؟ ނުވަތަ މީހުންގެ މުދަލަށް އަރައިގަނެ، މީހުންގެ ގައިގާ ކަޓަރު އަޅަމުން ދުވާ މީހުންތޯއެވެ؟ މަގުފޭރޭ ވަގުންތޯއެވެ؟ ވިސްނާމީހާއަށް އިބުރަތްތައް ހުއްޓެވެ. އިސްލާހުވާންވީ މީހުންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ