އަދުގެ ޚާއްސަ

Print

ޢާއިލާ ރޫޅުނަސް ދަރިންގެ ޙައްޤާ ލޯތްބަށް ހުރަސްނާޅާށެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙުމަދު ނާސިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ 


ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެމަފިރިއަކާ ޙަވާލުކުރައްވާ އަމާނާތެކެވެ. ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމަކީ އެދެމީހުންގެ މައްޗަށް އޮތްވާޖިބެކެވެ. ކުޑަކުއްޖާ ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް ، ނަޞާރާއަކަށް ނޫނީ މަޖޫސީއަކަށްވެސް ހަދަނީ އޭނާގެ މައިން ބަފައިންނެވެ.


މަޔަކަށް ނޫނީ ބަފަޔަކަށް ދަރިއަކު ލިބުން އެއީ ދެފަރާތުންވެސް ނުހަނު އުފާކުރާކަމެކެވެ. ޒިންމާދާރު ދިރިއުޅުމެއް ވޭތުކުރާ ބަޔަކަށް މިއަށްވުރެ ބޮޑު އުފަލެއް ނުވެސް ލިބޭނެއެވެ. ދަރިޔަކު ލިބުމަށް އެދޭ ހިނދު ދެމަފިރިއެއްގެ ދޭތެރޭގައި އެއްވެސް ދެބަސްވުމެއް ނޯވެއެވެ. ނަމަވެސް ދަރިއަކު ނޫނީ ދަރިންތަކެއް ލިބުމަށްފަހު ދެމަފިރިންގެ ދޭތެރޭގައި ހަމަނުޖެމުއް އުފެދިދާނެއެވެ. އުފެދިފައިވެސް އެބަހުއްޓެވެ. މިފަދަ ޙާލަތްތައް ކުރތިމަތިވެ ޢާއިލާ ރޫޅިފައިވެސް އެބަހުއްޓެވެ. މިގޮތަށް ދިމާވިކަމުގައިވިޔަސް ކުދިންގެ ރަނގަޅަށްޓަކައި ދެފަރާތުންވެސް ދީނީގޮތުންނާއި ދުނިޔަވީ ގޮތުން ކުރުން ވާޖިބު ކަންތައްތަކެއް އެބަހުއްޓެވެ. ދީނީ ގޮތުން ވަކި ފަރާތަކަށް ކުއްޖާ ނުވަތަ ކުދިން ލެއްވުމަކީ އެއީ އަނެއްފަރާތަށް ލިބިގެންވާ އެކުއްޖާގެ ލޯތްބާއި ޙައްޤު ނިގުޅައިގަތުމެއްނޫނެވެ. މަންމައެއްގެ ބަނޑުގައި ބައްޕައަކާ ނުލައި ދަރިއަކު އުފެދުމަކީ ވާނެކަމެއްނޫނެވެ. 


ދަރިންގެ އުފަލަކީ ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. މައިން ބަފައިން ވަކިވީމާވެސް ދަރިން ގެންގުޅޭނެ އުސޫލުތަކާއި މަންމައާއި ބައްޕަގެ ފަރާތުންވެސް ދަރިން ނަށް ލިބިދޭން ޖެހޭ އެއްވެސް އުފަލެއް ނުވަތަ އަދާކުރަންޖެހޭ ކަމެއް ފުރިހަމަ ނުކުރުމަކީ، ނުވަތަ ކުއްޖާގެ މައްޗަށް އަނެކެއްގެ އޮންނަ ލޯބިން މަހުރޫމު ކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން އެގެން އެބައޮވެއެވެ. ޢާއިލާއަކީ ކުއްޖާގެ ދެފަރާތަށް ގޮފި ކަފިވެގެންދާ ގަހެކެވެ. ހަޟާނަތުގައި ދަރިން މައިންނަށް ލެއްވިޔަސް އޭގެމާނައަކީ ބައްޕަގެ އުފަލުން މަހުރޫމު ކުރުމެއް ނޫނެވެ. ބާރުގެ ބޭނުންކޮށްގެން މަންމަގެ އަތުން ދަރިން އަތުލުމަކީވެސް ކޮށްގެންވާނެކަމެއްނޫނެވެ. ދަރިން ލިބުމުގެ ކުރިން ދެމަފިރިންގެ ހިތުގައި އުފެދުނު ލޯބި މިފަދަ ޙާލަތްތަކުގައި ނެތަސް އޭގެމާނައަކީ ޒާތީ ހަސަދަ ފިލުވުމުގެ ގޮތުން ލިބިފައިވާ ހައްޤެއްގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމެއްވެސް ނޫނެވެ. ކުއްޖާގެ ޢާއިލާ ބިނާވަނީ ދެފަރާތަށްވެސް ހަމަހަމައަށެވެ. އެއްވެސް ޙާލެއްގައި ވަކިފަރާތަކަށް ބުރަވެފައެއް ނޯވެއެވެ.

މަޔަކުވިޔަސް ބަފަޔަކުވިޔަސް ދަރިންގެ ޢާއިލީ ގުޅުންތަކުގެ ނާރު ބުރިކޮށްގެންނުވާނެއެވެ. މިފަދަކަންތައްކުރާއިރު މިކަމުގައި ޤާނޫނުތަކާއި ޤަވާއިދުތަކެއްވާކަމާއި އޭގެ އުސޫލީ ހުކުމްތައް ތަންފީޒު ކުރެވޭކަމަށް ވިސްނަންވެސް ޖެހެއެވެ. އެއްވެސް މީހަކަށް އިލާހީ ޤާނޫނުގެ ބާރު ކަނޑުވައެއްނުލެވޭނެއެވެ.


ވަރިވުމަށްފަހު ހިތުގައި އުފެދޭ ނަފްރަތަކީ ދަރިންގެ ހައްޤުތަކަށް އަރައިގަތުމެއްނޫނެވެ. ދަރިންނަށް ދެފަރާތުން ވެސް ލޯބިބޭނުންވެއެވެ. އެހީވެސް ބޭނުންވެއެވެ. ދަރިން ބަނޑު ފުރާނަ މުއްތިކޮށް އަންނައުނުދީ ބޭނުންވާތަކެތި ދިނުމަކީ ބައްޕަގެ މައްޗަށް ވާޖިބުކަމެކެވެ. އެތަކެތި ނުލިބޭކަމަށްވާނަމަ ހޯދުމަކީ މައިމީހާއަށް ކުރުން ލާޒިމުކަމެކެވެ. އެއްގޮތަކަށްވެސް އެފަރާތުން ކުއްޖާއަށް ލިބިދޭ އެއްވެސް އެއްޗެއް ލިބުން މަހުރޫމުކޮށް ނޫނީ ހަލާކުކޮށް ސުންނާފަތިކުރުމަކީ އެއީ ކުރުން ހެޔޮވެސް ނުވާނެކަމެކެވެ. މިފަދަކަމަކަށް ހިތްވަރު ދިނުމަކީވެސް ބޮޑުފާފައެކެވެ. ކުއްޖާއަކީ މަންމަގެ އެކަނި މިލްކެއްނޫނެވެ. ވާރުތަ އޮންނަނީ ބައްޕަގެ އަތުގައެވެ. ބެލުން ޝަރުޠުކުރަނީ މަންމައަށެވެ. އެއްގޮތަކަށްވެސް އެއީ ބައްޕަގެ ލޯބިން ކުދިން މަހުރޫމް ވުމެއް ނޫނެވެ. 


މައިންބަފައިންގެ ހިތުގައި ދަރިންނަށް އޮންނަ ލޯބި އެއީ ކިހާ މަތިވެރި އެއްޗެއްތޯއެވެ. މިފަދަ މަތިވެރި ނިޢުމަތަކުން މަހުރޫމު ކުރުވުމަކީ ފަސްނަމާދުކޮށް ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައިގެން ތިބި އެއްވެސް ބަޔަކު ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މިފަދަކަމަކުން ނިކުމެދާނެ ދެރަޔަކަށް އާޚިރަތުގައި އޮތީހީ ކޮންފަދަ އަޛާބެއްތޯއެވެ. މަޔަކާ ނުވަތަ ބަފަޔަކާ ދަރިން ދުރުކޮށް ހަމައެކަނި މަރުވާ ދުވަހަކުން ސަންދޯކުގައި ހިފާލާނެ ފުރުސަތު ލިބުމަކީ ކިހާ ހިތާމަހުރިކަމެއްހެއްޔެވެ. ތިމާގެ ދަރިއަކަށް މިފަދަ އަނިޔާއެއް ދިނުމަކީ މަޔެއް ނުވަތަ ބަފައެއްގެ ލަގޮނޑިއަށް ކެތްކުރެވޭނެކަމެއް ހެއްޔެވެ؟ ޒާތީ ހަސަދއިގައި ހަތިޔާރަކަށް ދަރިން ބޭނުންކުރުމަކީ އެދަރިންނަށް ދެވޭ ކިހާބޮޑު ނިކަމެތިކަމެއް ހެއްޔެވެ؟


މިހިރީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައިވެސް ހިނގާ ކަންތައްތަކެވެ. މިފަދަ ކަންތައްތައް ހިނގާއިރު މިކަމުގައި ހައްލު ހޯދުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދެފަރާތުގެ މެދުގައި ސުލްހަވެރިކަމާއެކު ދަރިންގެ ހައްޤުތައް އެކެއްގެ ފުށުން އަނެކަކަށް ލިބޭނެގޮތް ހަމަޖެހިފައި އޮތުމެވެ. އެއްގޮތަކަށްވެސް އެއީ ކުއްޖާ ކޮށްޓަކަށްލާފައި ބެއިންދުމެއްނޫނެވެ. ނުވަތަ އަނިޔާކުރުމެއްނޫނެވެ. މިފަދަ ބޮޑު ކުށެއް ކުރުމުން އެކަމުގެ ދެރަހީވާންވީ ހިސާބުބައްލަވާ ދުވަހަކުން ތިމަންނައަށް ކުރެވުނު ކުށުގެ ޖަޒާ ލިބެންވީމައެއްނޫނެވެ. މީހަކު ބުންޏަސް މިފަދަ ބޮޑު ދެރައެއް އަނެކަކަށް ނުވަތަ ކުއްޖާއަށް ދިނުމަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްކަން ތިމާގެ ބޮލުން ވިސްނަންޖެހެއެވެ. މިފަދަ ބޮޑެތި ކުށްތައް ކޮށްފައި ހެޔޮޢަމަލު ކުރިޔަކަސް އޭގެ ފައިދާއެއް ނެތެވެ. އޭއަޚުންނޭވެ! އޭ އުޚުތުންނޭވެ.! އޭ ލޮބުވެތި ދިވެހި މުވާޠިނުންނޭވެ! ދެންފަހެ ތިޔަބައިމީހުން މިފަދަ ކަންތައް ނުކުރާހުށިކަމެވެ. އަދި ކުރުމަށް ހިތްވަރު ނުދޭހުށިކަމެވެ. މިއީވެސް ބޮޑުކުށެކެވެ. ބަޤަރާސޫރަތުގެ 24 ވަނަ އާޔަތުގެ މާނައިގައިވެއެވެ. " ނަރަކައަށް ބިރުވެތިވާށެވެ. އެނަރަކައަކީ މީހުންނާއި ހިލަ އޭގެ ދަރުކަމުގައިވާ ނަރަކައެވެ." ސުބުޙާނަﷲ.

އިދާރާ

ވާހަކަ