އަދުގެ ޚާއްސަ

Print

ދިގުމަސް މެރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް (2009)

އަޅުގަނޑު ކުޑަ އިރު، ރަށުން ވަރަށް ގިނައިން ދުށް މަންޒަރެކެވެ. ރަށުގެ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކެޔޮޅުކަމެކެވެ. އެ ކެޔޮޅުކަމަށް އެމީހުން ކިޔައި އުޅެނީ ދިގުމަސް މެރުމެވެ. ދިގުމަހަށް ދިޔުމޭ ވެސް ކިޔައި އުޅެއެވެ. ތޮއްޑޫ މީހުންގެ ބަސްމަގުގައި ދިގުމަހޭ ކިޔަނީ،  އާންމުކޮށް ރާއްޖޭގެ ގިނަ މީހުން ކުރުމަހޭ މި ކިޔާ މަހަށެވެ.

ދުލަށް ކުރު، ލޮލަށް ދިގު މަހެއް ދޮގެއްތޯއެވެ؟

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ، ދިގުމަސް، ނުވަތަ އާންމުކޮށް ދިވެހިން ދަންނަ ކުރުމަސް މެރުމުގެ ކެޔޮޅުކަން ކުރާ ގޮތަށެވެ. ޚާއްޞަކޮށް ތޮއްޑޫގައި މި ކެޔޮޅުކަން ކޮށް އުޅޭ ގޮތަށެވެ. އެހެންކަމުން، ލިޔުމުގައި ބޭނުންކުރެވޭ މަސައްކަތު ނަންތައްވެސް ބޭނުން ކުރާނީ، ރަށު މީހުން އެބަސްތައް ބޭނުން ކުރާތީ، އަޅުގަނޑަށް އިވިފައިވާ ގޮތަށެވެ.

މޫސުމާއި، މަސް އުޅޭ ހިސާބު:


އާންމުކޮށް ދިގުމަހަށް ނިކުމެ އުޅެނީ ކަނޑު މަޑު ދުވަސްވަރު އެވެ.  ކެޔޮޅުކަން އޮންނަނީ، ރަށުގެ ބޭރުމަތީގައެވެ.  އޮއިމަތީގައެވެ. އޮއިކަނު ދަނޑިފަށް، ފަސްދީ ކުޑަ ތަންކޮޅެއް ބޭރަށް ނެރެލައި އޮޑި ބާއްވަ އެވެ.

މީހުންގެ ޢަދަދު:


މި ކެޔޮޅުކަމަކީ، ދެމީހުން ވެގެން ކުރާ ކެޔޮޅުކަމެކެވެ. އެކަކީ،  މަހަށް ހަމަލަދޭ އިސް ކެޔޮޅެވެ. އަނެކަކީ، ހޭމަސް ކާއްތާ އަތްދަށު ކެޔޮޅެވެ. ފަލިޖެހައި އޮޑި ފަރާތްފަރާތަށް ގެންދިޔުމުގެ ބައި އަދާ ކުރާނީ ވެސް އަތްދަށު ކެޔޮޅެވެ. ބައެއް ފަހަރަށް ދެމީހުން އެކީ ވެސް ފަލި ޖަހާނެއެވެ.

ބޭނުން ކުރެވޭ ތަކެތި:


މި ކެޔޮޅުކަން ކުރަނީ، ގާތްގަނޑަކަށް ހަރިޔަނު ދޯންޏެއްގައެވެ. މަސައްކަތުގައި ބޭނުން ކުރެވޭ އާލާތްތަކުގެ އަދަދު މާގިނައެއް ނޫނެވެ.

1-    ދިގުމަހު ބުޅި
2-    ދިގުމަހު އޮނު
3-    ހޭމަސް
4-    ހޭމަސް ދަނޑި
5-    ހެތުރު
6-    ދެތިން ފަންވަތް
7-    ފުޅަނގި ބާނާ ސާމާނު (ބައެއް ފަހަރަށް)

ކެޔޮޅުކަން ކުރާގޮތް


ދިގުމަސް މަރާ މީހުން  އެ ކެޔޮޅުކަން ކުރުމަށް އާންމުކޮށް ނިކުމެ އުޅެނީ، ހެނދުނު ހަތެއް އަށެއް ޖަހާލީމައެވެ. އެންމެ ފުރަތަމަވެސް ދެމީހުންވެގެން ފަލި ޖަހާލާފައި ގޮސް އޮއިކަނު ގައި މަޑު ކޮށްލާނެއެވެ. ފުޅަނގި ބޭނުމަށެވެ. ދެ ފުޅަނތްގެއްވަރު ބޭވުނީމާ އެ އޮތީ ހޭމަހުގެ ގޮތުގައި ބޭނުން ކުރާނެ ރޯމަހެއް ލިބިފައެވެ. ފުޅަނތްގެއް ނުބޭވިއްޖެނަމަ، ދެން ބޭނުން ކުރާނީ ލަކުޑިން ހަދާފައިވާ ހޭމަހެވެ.

ފުޅަނގި ބާނައިގެން މަޑު މަޑުން ފަލިޖަހާލާފައި، ދޯނި ގެންނާނީ އަތްދަށަށެވެ. ރަށުގެ އުރަފަށް، ނުވަތަ ހޭފަށް މައްޗަށް އަރަންދެންނެވެ. ބޭނުމަކީ، މޭރުމަތީގެ ގަދަ އޮއިން ސަލާމަތްވުމެވެ. ހޭފަށުން ޖަހާލައިފައި މަޑުމަޑުން ގޮސް ދެން އޮޑި ނެރޭނީ ރަށުގެ އޮއިމަތި ފަރާތަށެވެ. އެތާ އޮންނަ އޮއިކަނުގެ ބޭރަށް ޖެހިލައި، އޮޑި ބާއްވާލާނެއެވެ.

މަސްމެރުމުގެ ތައްޔާރީތައް:


މި ހާ ހިސާބުން ދެން އޮންނާނީ ފުޅަނގިވާލުމެވެ. ދިގުމަސް އޮނުނަގައި ދިގުމަސް ބުޅި ވެއްތުން ކުރިޔަށް ދާނެއެވެ. ފަންވަތުގެ ދެއަރީގެ މުއިވާ ނަގައި އެއްލައި ލުމަށްފަހު، ދިގުމަސް އޮނުގައި ބުޅިވައްތާނެއެވެ. ހެތުރު ނަގައި ދިގުމަހު ބުޅީގެ ކޮސަގަނޑުން މަޅިބައްދައި، ހެތުރުގެ ދަށުކޮޅު ދޯނީގެ ކޮޅުފަސްކޮޅު އިންނަ ފަތު ދަށުން ހަތްކަކަށް އައްސާނެއެވެ.
މި ކަންތައްތަކަށް ފަހު، އިސްކެޔޮޅު ހަމަނޭވައި ލައިފާނެއެވެ. ބިޑި ސުއްޓާ ސިނގިރޭޓުގެ ''ދުންބުރުވައި އުޅޭ'' މީހެއްނަމަ އެ ފަދަ އިސްތިޢުމާލެއް ކޮށްލައި ހަމަޖެހިލާނެއެވެ. އޭރު، އަތްދަށުކެޔޮޅު ހޭމަސް ނަގައި، ފެނުގައި ކާއްތަމުން ދާނެއެވެ.  މި ހުރިހާ ކަމެއް ހިނގާނީ ދޯނީގެ ކޮޅުފަސްކޮޅު މަޅު މަތީގައެވެ.

ހޭމަސް ކޭއްތުމާއި، އޮޑި ދަށަށް މަސް އައުން:


ހޭމަސް ކާއްތަން ފެށުމުން އެ ހިސާބުގައި ދިގުމަސް ތިބި ނަމަ ހޭމަހާ ދިމާޔަށް އަންނަން ފަށާނެއެވެ. ބައެއް ފަހަރަށް އަޑިންނެވެ. އަނެއްބައި ފަހަރަށް އަރިއަރިމަތިންނެވެ. ބައެއް މަސް މަޑުމަޑުން ނަލަޔަށް ދުވެލައިފައެވެ. އަނެއްބައި މަސް ރުޅިއައިސްގެން ކޮތަރި ނަގައިފަ އެވެ.

ހޭމަސް ކޭއްތުމަކީ، ވަރަށް ހުނަރު ބޭނުންވާ ކަމެކެވެ. އެއްގޮތެއްގައި ވަރަށް ނުރައްކާތެރިވެސް ކަމެކެވެ. ސަބަބަކީ، އެ އަންނަ ދިގުމަހުގެ ފާޑު (ޠަބީޢަތު) ދެނެ ނުގަނެވިއްޖެއްޔާ، ނުވަތަ އެ ފާޑާ އެއްގޮތަށް ހޭމަސް ބޭނުން ކޮށްގެން މަސް ކޮންޓުރޯލު ނުކުރެއްވިޖެއްޔާ، އަންނަ ގޮތަށް އައިސް ދޯންނަށްވެސް އަރައިފާނެއެވެ. މީގެ އަށެއްކަ މަސް ކުރިން، ތޮއްޑޫން ދިގުމަހަށް ނިކުތް ބައެއްގެ ދޯނި ތެރެއަށް މިގޮތުން ފުންމާފައި އައިސް ޖެހިގަތް ދިގުމަހެއްގެ ތުންގަނޑު އެއައި ގޮތަށް އައިސް ތޮރުފުނީ އަތްދަށު ކެޔޮޅުގެ ކޮލަށެވެ. ނަސީބަކުން އޭނާގެ ފުރާނައަކަށް ގެއްލުމެން ނުވެ އެވެ.


މަސްމެރުން:


މީގެ ހައެއްކަ މަސް ކުރިން ކުރުމަހަށް ނިކުތް ބަޔަކު ބުނާ ގޮތުގައި އެމީހުން ހޭމަސް ފެނަށް ވާޓާލާފައި ކަނާތަށް ފިރާލާފައި، ވާތަށް މަސް ފިރާލި އިރު ބޮޑު،  ދިގުމަހެއް  ހުރީ އަރާ ހިކިފައެވެ. އެކަމަކު ރުޅި އައިސް ރަތްވެފައެވެ. ދެން ކުއްލިއަކަށް ހޭމަސް ފެނުން ކަނޑުވާލަން ޖެހެއެވެ. ހަމަ އެ ވަގުތު ފެނު ޖައްސާލަންވެސް ޖެހެއެވެ. މި ގޮތަށް ދެތިން ހަތަރު ފަހަރު ހަދާލުމުން، އެސޮރު ހަމަޔަކަށް އެޅި، ރުޅިމަޑުވެގެން ދާނެ އެވެ. ދެން ހިމޭންކަމާއެކު ވާތަށް ހޭމަސް ދަމާލީއެވެ. އޭރު ހޭމަސް ދަމާ މީހާ (އަތްދަށު ކެޔޮޅު) ހުންނާނީ އިސްކެޔޮޅުގެ ފަހަތަށް ޖެހިލައެވެ. ދެ މީހުންވެސް އެނބުރި ތިބޭނީ، ކޮޅުފަސްކޮޅު މައްޔަލާ ދިމާއަށެވެ. އިސްކެޔޮޅު ތައްޔާރުވަމުން ދާނީ، ދިގުމަސްބުޅި ނަގައި އަތަށް ހެޔޮވަރު ކޮށްލާށެވެ. ދިގުމަސް އޮނުގައި ހިފާނީ ކަނާތްތެރިޔަކު ނަމަ ވާތް ކުރިޔަށް ވާގޮތަށެވެ. ބުޅިޔާ ވީ ކޮޅުގައި ހިފަހައްޓާނި ވާތުންނެވެ. އޮނުގެ ފުލާވީ ކޮޅުގައި ހިފަހައްޓާނީ، ކަނާއަތުންނެވެ.  އާންމުކޮށް މަހަށް ހަމަލާ ދޭނީ، ހުރަސް މައްޗަށް އެރުމުންނެވެ. ހުރަސް މައްޗަށް އެރުމަކީ، އިސްވެ ދެންނެވި ގޮތަށް މަޅުމަތީގައި ދެމީހުން ތިބޭއިރު، ކޮޅުފަހު މައްޔަލުން ވާތަށް ހޭމަހުގެ ފުލުން ދިގުމަސް ފިރާލުމެވެ. އޭރު އޮނު އޮންނާނީ ހެޔޮ އަތް މައްޗަށެވެ. ނުއަތްމައްޗަކަށް ނޫނެވެ.

އަހަނ ތަކުރާ ދެންދެން!!


މިހާރު ހޭމަހު ފުލުން ދިގުމަސް މަޑުމަޑުން އެހެރަގެންގޮސް ހުރަސްމަތި ވަނީއެވެ. ހަމަލާދޭން އެންމެ ފަސޭހަ ހިސާބާ އަރާ ހަމަވަނީއެވެ. ހޭމަސް ދަމާމީހާ މަޑުމަޑުން ހޭމަސް ފެނުތެރެއަށް ހުއްޓުވާލަނީއެވެ. މި ވަގުތު އަނހާ ހުތް، ކިޔާފައި އިސްކެޔޮޅު ދިގުމަހުގެ ކޮތަރިމަތިން މައިކަށްޓަށް ބުޅިން ހަމަލާދެއެވެ. ގައިހުރި ބާރަށް ޖަހާ ގަޅާލައެވެ. ހަމަލާ ދިނުމާއެކު، ބަޑިއަޅަައިފައި މަސްތެޅިފޮޅިގަންނާނެއެވެ. ދުވެގަނެވޭތޯ އުޅޭނެއެވެ. އެވަގުތު ދިގުމަސް އޮނުގައި ވައްތައިފައި އޮތް ބުޅި، ފަންވަތްތައް ކެނޑިކެނޑިގެން ގޮސް އޮނުން ނެއްޓިގެންދާނެއެވެ. ކެޔޮޅުގެ ޚުޝިޔާރުކަމުން، އޮނު ދޯނިތެރެއަށް އެއްލާނެއެވެ. އަނެއް ކޮޅުން މަސްވެސް ލަސްނުވެ ދޯނީވަތުތެރެއަށް ޖަހާ ކަހާލައިފާނެއެވެ.

 (ނިމުނީ)




ކުރުމަހާބެހޭ ޚާއްޞަ އިތުރު މަޢުލޫމާތު:

ކުރުމަސް(އިނގިރޭސި ބަހުން: Acanthocybium solandri)ނުވަތަ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އުޅޭ ގަދަ ނޫކުލައަކަށް ހުންނަ މަހެކެވެ. މިއީ ދިގުކޮށް ހިމަކޮށް އިންނަ މަހެކެވެ. މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކުރު މަހުގެ ދިގުމިނުގައި 8 ފޫޓް ބަރުދަނުގައި 83 ކިލޯ ގްރާމް ހުރިކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

ކުރު މަސް ގަނޑިއަކު 47 މޭލަށް ދަތުރުކުރާކަން ފާހަގަ ކުރެވިފައި ވެއެވެ. ކުރު މަހަކީ ވަރަށް އަވަހަށް ބޮޑުވާ މަހެކެވެ. އެއް އަހަރުގެ ތެރޭގައި 11 ޕައުންޑް އިން މަހުގެ ބަރުދަން 33 ޕައުންޑް އަށް އުފުލިގެން ގޮސްފައިވާ ކަމަށް ދިރާސާއެއް ހެދުމަށް ފާހަގަ ޖެހި ކުރުމަހަކުން ސާބިތުކުރެވިފައި ވެއެވެ.

ކުރުމަސް އަކީ އާންމު ގޮތެއްގައި އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ ވަރަށް ހަލުވި މަހެކެވެ. އެންމެ ބޮޑު ކުރުމަހެއްގެ ގޮތުގައި ދުނިޔޭގައި ރިކޯޑް ކުރެވިފައިވަނީ 2.1 މީޓަރުގެ ދިގުމިން ހުރި، 80 ކިލޯ ގްރާމްގެ ކުރުމަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ އަނގަޔަށް މީރު މަހެކެވެ.

ކުރު މަހަކީ ދިގު މަހެކެވެ. އަނގަ ވަަރަށް ބޮޑެވެ. އެއްބަރިއަށް އުފެދިފައި ހުންނަ ގަދަފަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮަތަރިބައިގައި 27-23އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ މަތީ ބައިގަޔާއި، ބަނޑު ދަށްފަރާތުގައި ވަކިވަކިން ހުންނަ ކޮތަރި ބައިގެ އަދަދަކީ 8 ނުވަތަ 9 އެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައަކަށްދާ ފެހި ކުލައެކެވެ. މަހުގެ ދެފަރާތުގައި 24އާއި 30 އާއި ދެމެދުގެ އަދަދަކަށް ކަޅުކުލައެއްގެ ރޮނގުތަކެއް ހުރަހަށް ދެމިފައި ހުރެއެވެ.

ކުރުމަސް ކަނޑުގެ ދެފެން ދޭތެރޭގައި މަދު އަދަދަކަށް ބަައިބަޔަށް އައިން ހަދައިގެން އުޅެއެވެ. މިގޮތަށް އައިން ހަދައިގެން އުޅެނީ އާންމުކޮށް އެއް އިސްކޮޅެއްގެ މަހެވެ. ކުރުމަހުގެ ކާނާއަކީ ކަނޑުމަހުގެ ކުދި ބާވަތްތަކާއި، ފުޅަނގި އަދި ކަނޑުގެ މަތީބައިގައި އުޅޭ އެހެނިހެން މަސްމަހާއި، ބޯވަ ދިލަ މަހެވެ. ރާއްޖޭގައި ވަދުއަޅައިގެންނާއި، ހޭމަސް ހަދައިގެން ކުރުމަސް ބާނައި އުޅެއެވެ.


Retrieved from "http://dv.wikipedia.org/wiki/%DE%86%DE%AA%DE%83%DE%AA_%DE%89%DE%A6%DE%90%DE%B0"

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ