އަދުގެ ޚާއްސަ

Print

ފަންސުރުގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އަސްލު ލިޔުއްވީ: ޕައުލޯ ކޮއެލްހޯ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ކުޑަ ކުޑަ ފިރިހެން ކުއްޖަކު އޭނާގެ މާމަ ސިޓީއެއް ލިޔާތަން ބަލަން އިނދެފައި އަހައިލިއެވެ. "މާމަ ތިޔަ ލިޔަނީ އަހަރެމެން ކުރި ކަންތައްތަކުގެ ވާހަކަ ހެއްޔެވެ؟ ތިޔައީ އަހަރެންގެ ވާހަކަ ހެއްޔެވެ؟"

މާމަ ލިޔުން ހުއްޓާލާފައި އޭނާގެ މާމަދަރިޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "މާމަ މި ލިޔަނީ ދަރިފުޅުގެ ވާހަކައެވެ. އެކަމަކު މާމަ މި ލިޔާ ވާހަކައަށް ވުރެ ލިޔަން މި ބޭނުން ކުރާ ފަންސުރުގެ ވާހަކަ މާ މުހިންމެވެ. ދަރިފުޅު ބޮޑު ވެގެން މި ފަންސުރު ކަހަލަ ކުއްޖަކަށް ވާނެ ކަމަށް މާމަ އުންމީދު ކުރަމެވެ."

އެ ކުއްޖާ ޙައިރާން ވެފައި ފަންސުރާ ދިމާއަށް ބަލައިލިއެވެ. އެއީ މާ އާދަޔާ ޚިލާފު ފަންސުރެއް ނޫނެވެ. "ތިޔައީ އަހަރެން އާދަކޮށް ދެކޭ ކަހަލަ ފަންސުރެކެވެ." އެ ކުއްޖާ ބުނެލިއެވެ.

"ތިޔައީ އެ މީހަކު ބަލާ ގޮތަކަށް ބިނާ ވެފައި އޮންނަ ކަމެކެވެ. މި ފަންސުރަށް ލިބިފައިވާ ފަސް ޚާޞިއްޔަތެއްގައި ދަރިފުޅު ހިފަހައްޓައިފިއްޔާ މި ދުނިޔޭގައި ހަމަޖެހިގެން ދިރިއުޅެވޭ ގޮތް ވާނެއެވެ. ފުރަތަމަ ޚާޞިއްޔަތުގެ ވާހަކަ ބުނަން ހެއްޔެވެ؟ ދަރިފުޅަކީ ވަރަށް މޮޅު ކަންތައްތަކެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުއްޖެކެވެ. އެކަމަކު ދަރިފުޅު ގެ އަތުގައި ހިފައިގެން މަގު ދައްކާ ބާރެއް އެބައޮތްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެ ބާރަށް އަހަރެމެން ކިޔާ ނަމަކީ ކަލާނގެއެވެ. އެކަލާނގެ އިރާދަ ކުރައްވާ ގޮތަކަށް އަބަދުވެސް އަހަރެމެން އަނބުރުއްވައެވެ. ދެވަނަ ޚާޞިއްޔަތު އަޑު އަހާށެވެ. ދޭތެރެ ދޭތެރެއިން މާމައަށް ޖެހެނީ ލިޔުން ހުއްޓާލާފައި ފަންސުރުޖަހާ ދަތީގެ ބޭނުން ކުރާށެވެ. އޭގެ ސަބަބުން ފަންސުރަށް ކުޑަކޮށް އަނިޔާވެއެވެ. އެކަމަކު ފަންސުރު ޖަހައިލީމާ އަނެއްކާވެސް ތުނޑު، ތޫނުވެއެވެ. މި ބީދައިން ދަރިފުޅަށްވެސް ޖެހޭނީ ބައެއް ކަހަލަ ނޭދެވޭ ކަންތައްތަކަށް ކެތް ކުރާށެވެ. ރަނގަޅު މީހަކަށް ވެވޭނީ އޭރުންނެވެ. ތިން ވަނަ ޚާޞިއްޔަތު އަޑު އަހާށެވެ.

އަހަރެމެންނަށް ލިޔެވޭ ކުށްތައް ފޮހެލެވޭނޭ ރަބަރެއް ފަންސުރުގައި ހުރެއެވެ. މީގެ މާނައަކީ އަހަރެމެންނަށް ކުރެވޭ ނުބައި ކަމެއް، ބަދަލުކޮށް ރަނގަޅުކޮށްލުމަކީ ކޮށްގެން ނުވާނެ ކަމެއް ނޫންކަމެވެ. މި ގޮތަށް ބަދަލު ކުރުމުގެ ސަބަބުން އަހަރެމެންނަށް އިންސާފުގެ މަގުން އެއްކިބާ ނުވެ ތިބެވޭގޮތް ވެއެވެ. ހަތަރުވަނަ ޚާޞިއްޔަތު އަޑުއަހާށެވެ. ފަންސުރުގެ ރީތިކަމަކީ އޭގެ ތޮށިގަނޑެއް ނޫނެވެ. އޭގެ ރީތިކަމަކީ އެތެރޭގައި އޮންނަ ތުނޑެވެ. އެހެންވީމާ އަބަދުވެސް ދަރިފުޅުގެ ހަށިގަނޑުގެ އެތެރޭގައި (ސިކުނޑީގައި) ހިނގާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އެންމެ ފަހުން މި އޮތީ ފަސްވަނަ ޚާޞިއްޔަތެވެ. ފަންސުރަކީ އަބަދުވެސް އޭގެ ނިޝާން ދޫކޮށްފައިދާ އެއްޗެކެވެ. ހަމަ މި ފަދައިން ދުނިޔޭގައި ދަރިފުޅު އުޅޭ އިރު ކުރާ ކޮންމެ ކަމެއްގެ ނިޝާން ނުފޮހެވި ހުންނާނެކަން ހަނދާން ކުރާށެވެ. އެހެންވީމާ ކުރާ ކޮންމެ ކަމެއް ފަރުވާތެރިކަމާއެކު ވިސްނައިގެން ކުރަން އާދަ ކުރާށެވެ

އިދާރާ

އެނގޭތަ؟

ވާހަކަ