އަދުގެ ޚާއްސަ

Print

މި ބިމަކީ، މުޤައްދަސް ބިމެކެވެ.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތިމާވެށި


ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


މިއީ އެމެރިކާގެ ދޮން މީހުން ގޮސް ރެޑް އިންޑިއަން ދަރިކޮޅުގެ މީހުން ގެ ބިން ގަންނަން އެދުނީމާ އެ މީހުންގެ ވެރިޔާ 1858 ވަނަ އަހަރު އޭނާގެ ރައްޔިތުންނާ މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާ އެކެވެ.

މި ތަޤްރީރު މިހާރުވެސް ވޮޝިންގޓަނުގައި ރައްކާކުރެވިފައި އެބަ އޮތެވެ. ތިމާވެށްޓާ ބެހޭ ގޮތުން އަޑު އިވިފައިވާ އެންމެ ރީތި، އެންމެ އަސަރު ގަދަ ވާހަކަ ތަކުގެ ތެރޭގައި މި ތަޤްރީރު ހިމެނެ އެވެ.


ވޮޝިންގޓަން ގައި ހުންނަވާ ބޮޑުވެރިޔާ އަހަރެމެންގެ ބިން ގަންނަން ބޭނުން ވާހަކަ އަންގަވައިފިއެވެ.ހެޔޮ އެދުމާއި ރަޙުމަތްތެރިކަމުގެ ބަސްތައް ވެރިޔާ ލިޔުއްވާފައި ވެއެވެ. މިއީ އޭނާގެ ހިތްހެޔޮ ކަމެވެ. އަހަރެމެންގެ ރަޙުމަތްތެރިކަމާއި، ގާތްކަމަކީ އޭނާއަށް އެހާ ބޭނުންތެރި ކަމެއް ނޫންކަން އަހަރެމެން ދަންނަމެވެ.އެހެންނަމަވެސް މި ހުށަހެޅުމާ މެދު އަހަރެމެން ވިސްނާނަމެވެ. އަހަރެމެން ބިން ވިއްކަން އެއްބަސް ނުވިއްޔާ ދޮން މީހުން އައިސް ބަޑީގެ ބޭނުން ކޮށްގެން ފޭރި ގަންނާނޭކަން އަހަރެމެންނަށް އެނގެއެވެ.މި ފަޒާއާއި، ބިމުގެ ހޫނުކަންގަނެ، ވިއްކޭނީ ކިހިނަކުން ހެއްޔެވެ؟ މިއީ އަހަރެމެންގެ ބުއްދި ޙައިރާން ކޮށްލާފަދަ ޚިޔާލެކެވެ. ވައިގެ ތާޒާ ކަމާއި، ފެނުގެ ވިދުވަރު އަހަރެމެންގެ މިލްކަކަށް ނުވާއިރު އެމީހުން ގަންނާނީ ކިހިނަކުން ހެއްޔެވެ؟މި ބިމުގެ ކޮންމެ ތަންކޮޅަކީ އަހަރެންގެ ރައްޔިތުންނަށް މުޤައްދަސް ތަންކޮޅެކެވެ. ވެލިން ފުރިފައިވާ ގޮނޑުދޮށްތަކާއި، ގަސްގަހުގައި ވިދަވިދާ ހުންނަ ކަށިތަކާއި ގަސްތަކުގެ ތެރެއިން ފެންނަ ދުންފިންޏާއި ހާމަ ފަޒާއާއި ދޫނި ސޫފާސޫފީގެ ގޮވެއްޔަކީ އަހަރެންގެ ރައްޔިތުންގެ ހަނދާނާއި، ތަޖުރިބާތައް ފަދައިން މުޤައްދަސް ތަންތަނާއި ތަކެއްޗެވެ.ގަސްގަހުގެ ގޮފިތަކުގެ އެތެރޭގައި ދަތުރުކުރާ ދިޔަވަރަކީ މިތާނގެ މީހުންގެ ހަނދާންތަކުގެ ކުލަވަރާއެކު ދަތުރު ކުރާ އެއްޗެކެވެ.ތަރިތަކުގެ ތެރޭގައި ދަތުރުކުރަން ފެށުމާއެކު ތިމާގެ އުފަން ބިމުގެ މަތިން ދޮން މީހުން ހަނދާން ނައްތާލައިފިއެވެ.

އަހަރެމެންގެ ކާބަފައިން މި ރީތި ފަސްގަނޑު ހަނދާންނައްތައެއް ނުލައެވެ. އެހެނީ މިއީ އަހަރެމެންގެ މާދަރީ ބިމެވެ.އަހަރެމެންނަކީ ބިމުގެ ބައެކެވެ. މި ބިމަކީ އަހަރެމެންގެ ބައެކެވެ. މީރުވަސް ދުވާ މާމެލާމެއްޔަކީ އަހަރެމެންގެ އުޚުތުންނެވެ. ފުއްލާއާއި އަހާއި ގާދޫންޏަކީ އަހަރެމެންގެ އަޚުންނެވެ. ފަރުބަދަ ތަކުގެ އުސް ކުންނުތަކާއި، ވިނަގަނޑުގެ ތެތްކަމާއި ތުއްތު ޖަނަވާރުތަކުގެ ހަށިގަނޑުގެ ޙަރާރަތާއި އިންސާނުންނަކީ މުޅިން އެއް ޢާއިލާއެކެވެ.ވުމާއެކު ބޮޑުވެރިޔާ އަހަރެމެންގެ ބިމަށް އެދުނީމާ އެ އެދެވުނީ ހާދަހާވާ ބޮޑު އެއްޗަކަށެވެ.ބޮޑުވެރިޔާ އަންގަވާ ގޮތުގައި އަހަރެމެން ހިތްހަމަޖެހުމާ އެކު ދިރިއުޅޭނޭ ތަނެއް ލިބި ދެވޭނެއެވެ. އޭނާ އަހަރެމެންގެ ބަފަޔަކަށް ވާނެއެވެ. އަހަރެމެން ވާނީ އޭނާގެ ދަރިންނަށެވެ.ވީމާ، މި ހުށަހެޅުމާމެދު އަހަރެމެން ވިސްނާނަމެވެ. އެހެންނަމަވެސް މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މި ބިމަކީ އަހަރެމެންނަށް މުޤައްދަސް ތަނަކަށް ވާތީއެވެ.ފެންގަނޑުތަކާއި ކޯރުތަކުގައި ދަތުރުކުރަމުންދާ ސާފު ވިދުވަރުގަދަ ފެނަކީ ހަމަ އެކަނި ފެނެއް ނޫނެވެ. އެއީ އަހަރެމެންގެ ކާބަފައިންގެ ލެޔެވެ. އަހަރެމެން މި ބިން ވިއްކިޔަސް މިއީ އަހަރެމެންނަށް މުޤައްދަސް ބިމެއްކަން ދޮން މީހުން ދަންނަން ވާނެއެވެ. އަދި އެމީހުންގެ ދަރީންނަށްވެސް އެކަން އަންގައިދޭން ވާނެއެވެ. ސާފު ފެންގަނޑަށް އެޅިފައިވާ ކޮންމެ ހިޔަންޏަކުން ކިޔައިދެނީ އަހަރެމެންގެ މީހުންގެ ހަނދާންތަކުގެ ވާހަކަކަން އަންގައިދޭން ވާނެއެވެ. ރާޅުބާންޏާ އެކު އުފެދޭ އަޑަކީ އަހަރެންގެ ބައްޕަގެ ބައްޕަގެ އަޑެވެ.

ކޯރުތަކަކީ އަހަރެމެންގެ އަޚުންނެވެ. އަހަރެމެންގެ ކަރު ހިއްކުން ފިލުވައިދެނީ އެކޯރު ތަކުންނެވެ. އަހަރެމެންގެ ބޮއްކުރާތައް އެއްތަނުން އަނެއް ތަނަށް ގެންގޮސް ދެނީ ކޯރެވެ. އަހަރެމެންގެ ދަރިންނަށް ކާންދެނީ ކޯރެވެ. އަހަރެމެން މި ބިން ވިއްކީމާ، މި ކޯރު ތަކަކީ އަހަރެމެންގެ އަޚުންކަން ދޮން މީހުން އެމީހުންގެ ދަރިންނަށް އަންގައިދޭން ވާނެއެވެ. އަދި އެއީ ދޮންމީހުންގެވެސް އަޚުންކަން އަންގައިދީ ކޯރުތަކާ މެދު އަޚުންނާމެދު ކަންތައް ކުރާހާ އޯގާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަންތައް ކުރަން ދަސްކޮށް ދޭން ވާނެއެވެ.

އިރުގެ ހޫނުކަން ފޯރުމާއެކު ފަރުބަދަތަކުގެ މަތީގައި ހުންނަ ތެތްކަން ފިލައިގެންދާ ފަދައިން ރެޑް އިންޑިޔަން ދަރިކޮޅުގެ މީހުން ކުރިއަރަމުން އަންނަ ދޮން މީހުންނަށް ބިރުން ފިލައެވެ. އެހެންނަމަވެސް އަހަރެމެންގެ މައިންބަފައިންގެ ކަށިތައް ދެކެ އަހަރެމެން ލޯބިވަމެވެ. އެމީހުންގެ މަހާނަތަކަކީ އަހަރެމެންނަށް މާތް ތަންތަނެވެ. މި ފަރުބަދަތަކާއި، ގަސްތަކާއި، ބިމުގެ މިފަޅި އަހަރެމެންނަށް ވަނީ މާތް ތަންތަނާއި، ތަކެއްޗަށް ވެފައެވެ.ދޮން މީހުންނަށް އަހަރެމެންގެ އާދަކާދަ ނޭނގޭކަން އަހަރެމެން ދަންނަމެވެ. ބިމުގެ އެއްފަޅިއާއި އަނެއްފަޅީގެ ތަފާތު އެމީހުންނަކަށް ނޭނގެއެވެ. އެހެނީ އެ މީހުންނަކީ ރޭގަނޑުގެ ފުރަމެންދަމު އަރައިގެން އަންނަ ބީރައްޓެހިންނެވެ. އަންނަ ގޮތަށް އައިސް ބިމުން އެމީހުން ބޭނުން ބައެއް ހިފައިގެން ދަނީއެވެ. މި ބިމަކީ އެމީހުންގެ އަޚެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ މިއީ އެ މީހުންގެ ހަތުރެކެވެ. މި ބައި އަތްދަށު ލެވުނީމާ އެހެން ދިމާ އަކަށް ފިރުކެން ފަށަނީ އެވެ.ދޮންމީހާ އޭނާގެ ބައްޕަގެ މަހާނަ ފަސްދީ ހިނގައިދެ އެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ. އޭނާ ބިމުގެ ދަރިންގެ ކިބައިން މި ބިން ފޭރިގަނެ އެވެ. އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ.

އޭނާގެ ބައްޕަ ގެ މަހާނަ އާއި، ދަރިންގެ ޙައްޤުތައް ވަނީ ހަނދާން ނައްތާލާފަ އެވެ.އޭނާ، އޭނާގެ މަންމަ ކަމުގައިވާ މި ދުނިޔެއާއި، އެއްބަނޑު އެއްބަފާ އަޚެއް ކަމަށް ވެފައިވާ މި ފަޒާ އާ މެދު ދެކެނީ ގެރި ބަކަރީގެ އުސޫލުން ގަނެ، ކަތިލާ ހެދުން އެންމެ ރަނގަޅު އެއްޗެތި ކަމުގައެވެ.އޭނާގެ ހައިހޫނުކަން ފިލާއިރު ދުނިޔޭގެ ދިރުން ނެތިގެން ގޮސް ހަނަފަސް ހިކި ސަހަރާ އަކަށް ވެދާނެ އެވެ.އަހަންނަކަށް ނޭނގެ އެވެ. އަހަރެމެންގެ ގޮތާއި، އެ މީހުންގެ ގޮތާ މުޅިން ތަފާތެވެ. އެ މީހުންގެ ރަށްތައް ފެނުނީމާ އަހަރެމެންގެ ލޮލަށް އުނދަގޫ ވެއެވެ. އަހަރެމެން ތަރައްޤީ ނުވާތީ ނުވިސްނެނީ ކަމަށް ވެސް ވެދާނެ އެވެ.ދޮންމީހުންގެ ރަށްތަކުގައި ހަމަހިމޭންކަމެއް ނެތެވެ. ފަތްތަކުގެ ގައިގޯޅިވުމުގެ އަޑާއި، ދޫނި ފިޔަ ޖަހާލާ އަޑެއް ނީވެ އެވެ. އަހަރެމެން ތަރައްޤީ ނުވާތީ ނުވިސްނެނީ ކަމަށް ވެދާނެ އެވެ. އެ މީހުންގެ ރަށް ރަށުން އިވޭ އަޑުފަށްގަނޑުން އަހަރެމެންގެ ކަންފަތަށް އުނދަގޫ ވެއެވެ.ގާދޫނީގެ އެކަނިވެރި ރުއިމުގެ އަޑާއި، ބޮއްތަކުގެ ޒުވާބުގެ އަޑު ނީވޭ ނަމަ އިންސާނާގެ ޙަޔާތް ހުސް އެއްޗަކަށް ފަހެ ނުވޭ ހެއްޔެވެ؟ އަހަންނަކީ ރަތްބާގައިގެ (ރެޑްއިންޑިއަނުންގެ) މީހަކަށް ވާތީ ނުވިސްނެނީ އެވެ.ފެންގަނޑުގައި ބީހެމުން ދަތުރުކުރާ ވައިރޯޅި އާއި، އެ ވައިރޯޅީގެ ވަހާއި، ދުވާލު މެންދުރު ވެހޭ ވާރެއިން ސާފު ވެފައިވާ ވައިރޯޅި އާއި، ފެހި ގުލައިގެ ގަސް ގަހުން އަރާ މީރު ވަސް އަހަރެމެންނަށް މާ ރަނގަޅެވެ.ވަޔަކީ އަހަރެމެންގެ ގާތުގައި އަގު ހުރި، މާތް އެއްޗެކެވެ. ވަޔަކީ އެންމެންވެސް ޙިއްޞާ ކުރާ އެއްޗެކެވެ. ޖަނަވާރާއި، ގަސް ގަހާ ގެއްސާއި، އިންސާނުން ނޭވާ ލަނީ ހަމަ މި ވަޔަށެވެ. އެ މީހުން ނޭވާ ލާން މި ވައިގެ ބޭނުން ކުރާ ކަން ދޮންމީހުންނެއް ނުދަނެ އެވެ.
މަރުބަލީގައި ގިނަ ދުވަހު އޮންނަން ޖެހިފައިވާ މުސްކުޅިއެއްގެ ޙިއްސުތައް ފަދައިން އެ މީހުންގެ ޙިއްސުތައް ވަނީ ބަލިކަށި ވެފަ އެވެ.އަހަރެމެން މިބިން ވިއްކީމާ، މި ޖެހޭ ވަޔަކީ އަހެރެމެން ލޯބިވާ އެއްޗެއްކަން ދަންނަން ވާނެ އެވެ. އަހަރެމެންގެ ދިރުމަކީ ވައިގެ ދިރުންކަން ދަންނަން ވާނެ އެވެ. އަހަރެމެންގެ ކާފައަށް އޭނާގެ ފުރަތަމަ ނޭވާ ހަދިޔާ ކުރި ވައި، ކާފަ އެންމެ ފަހު ދުވަހު ދޮޅިއުފުރާ ދޫކޮށްލި ނޭވާވެސް ބަލައިގަތްކަން ހަނދާނުން ފޮހެވިޔަ ދީގެން ނުވާނެ އެވެ. އަދި އަހަރެމެންގެ ދަރިންނަށް ދިރުން ދޭނީވެސް މި ވައިން ކަން ދަންނަން ވާނެ އެވެ.އަހަރެމެން މި ބިން ވިއްކީމާ އެވައި ރައްކާތެރިކޮށް ބަލަހައްޓަން ވާނެ އެވެ. މާމެލާމެލީގެ ވަހާއެކު އަންނަ ވައިރޯޅީގެ ރާޙަތު ލިބިގަނެވޭ ފަދަ ގޮތަކަށެވެ.މި ހުށަހެޅުމާ މެދު އަހަރެމެން ވިސްނާނަމެވެ. އަހަރެމެން ބިން ވިއްކާނީ ޝަރުޠެއްގެ މަތިންނެވެ. ހުރިހާ ޖަނަވާރު ތަކަކީ ތިމަންމެންގެ އަޚުންކަމަށް ދޮންމީހުން ހިތުގެ އަޑިން ޤަބޫލު ކުރަން ވާނެ އެވެ. އަދި އަޚުން ފަދައިން ހެޔޮކޮށް ހިތަން ވާނެ އެވެ.އަހަންނަކީ ތަހުޒީބު ނުވާ މީހަކީމެވެ. މި ނޫން އެހެން ގޮތެއް އަހަންނަކަށް ނޭނގެ އެވެ. ދަތުރު ކުރަމުންދާ ރޭލު ތަކުގައި ތިބެގެން ދޮން މީހުން ބަޑި ޖަހާ މަރާފައިވާ އެތައް ހާސް ކަންބަޅިއެއް އަހަރެން ދެކެމެވެ. އަހަންނަކީ ތަހުޒީބު ނުވާ މީހަކީމެވެ. ދިރިއުޅުން ބާއްޖަވެރި ކުރަން މަރަމުންދާ ޖަނަވާރުތަކަށް ވުރެ ދުން އަރުވަމުން ދަތުރު ކުރާ ދަނގަޑު އަސް (ރޭލު) މުހިއްމު ވަނީ ކިހިނަކުން ކަމެއް އަހަންނަކަށް ނުވިސްނެއެވެ.ޖަނަވާރާ ނުލައި އިންސާނުންގެ އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ؟ ހުރިހާ ޖަނަވާރެއް މަރުވެ ހުސްވީމާ ރޫޙު އެކަނިވެރި ވެގެން ގޮސް އިންސާނާ މަރު ވެދާނެ އެވެ.

ޖަނަވާރު ތަކަށް ވާ ގޮތް ވަރަށް އަވަހަށް އިންސާނުންނަށް ވެދާނެ އެވެ. ހުރިހާ އެއްޗެއް ވަނީ ގުޅި، ލާމެހިފަ އެވެ.އެ މީހުންގެ ފައިތިލަތައް ދަށުގައި މިވާ ބިމަކީ އަހަރެމެންގެ ކާބަފައިންގެ ކަށިތައްކަން ދޮންމީހުން އެ މީހުންގެ ދަރިންނަށް އަންގައި ދޭން ވާނެ އެވެ. އެ ކުދިން މި ބިމަށް ޤަދަރު ކުރާނީ އޭރުންނެވެ. މި ބިން މުއްސަނދި ވެފައި ވަނީ އަހަރެމެންގެ ކާބަފައިންގެ ފުރާނައިންކަން އަންގައި ދޭން ވާނެ އެވެ.އަހަރެމެން، އަހަރެމެންގެ ދަރިންނަށް އުނގަންނައިދިން ކަންތައްތައް އެ މީހުން، އެ މީހުންގެ ދަރިންނަށް އުނގަންނައިދޭން ވާނެ އެވެ. މި ބިމަކީ އަހަރެމެންގެ މަންމަ އެވެ. ބިމަށް މެދުވެރިވާ ކޮންމެ ޙާލަތެއް އެ ބިމުގެ ދަރިންނަށް މެދުވެރި ވާނެ އެވެ. ބިން މައްޗަށް ކުޅުޖަހާ މީހުން އެ ކުޅުޖަހަނީ އެ މީހުންގެ އަމިއްލަ މޫނަށެވެ.މި ކަން އަހަރެމެންނަށް އެނގެ އެވެ. ބިމަކީ އިންސާނުންގެ މިލްކެއް ނޫނެވެ. އިންސާނުންނަކީ ބިމުގެ މިލްކެކެވެ.

މިއީ އަހަރެމެން ދަންނަ ކަމެކެވެ. އެއް ޢާއިލާއެއް ލޭގެ ޒަރީޢާ އިން ގުޅިފައިވާ ފަދައިން ހުރިހާ އެއްޗެއް ވަނީ ގުޅިފަ އެވެ.ބިމަށް މެދުވެރިވާ ކޮންމެ ޙާލަތެއް އެ ބިމުގެ ދަރިންނަށް މެދުވެރި ވާނެ އެވެ. ޙަޔާތުގެ ވާތައް ފުރަނީ އިންސާނާއެއް ނޫނެވެ. އިންސާނާއަކީ އޭގެ ވާފަށެކެވެ. މި ވާފަށަށް ވާ ކޮންމެ ގޮތެއް އިންސާނާ އަށް ވާނެ އެވެ.އަހަރެމެން އުޅޭނޭ ތަނެއް ދޭނޭ ވާހަކަ އެ މީހުން އޮތީ ބުނެފަ އެވެ. އަހަރެމެން އެ ކަމާ މެދު ވިސްނާނަމެވެ. އަހަރެމެން ޞުލްޙަވެރިކަމާއެކު ވަކިން އުޅޭނަމެވެ. ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅު ހޭދަ ކުރަނީ ކޮން ތަނެއްގައިތޯ ބެލުމަކީ އެހައި މުހިއްމު ކަމެއް ނޫނެވެ.

މައިން ބަފައިން ބަލިވެ، އިނދަޖެހުނު ތަން އަހަރެމެންގެ ދަރިންނަށް ވަނީ ފެނިފަ އެވެ. އަހަރެމެންގެ ހަނގުރާމަވެރިން ތިބީ ލަދުން އިސް ޖެހިފަ އެވެ. ނާކާމިޔާބީއާ ކުރިމަތި ވުމުން ފޮނި ކާތަކެއްޗާއި، ބާރުގަދަ، ވިހަ ބުއިމުން ހަށިގަނޑު ނަޖިސް ކުރަމުން ދަނީ އެވެ.އަހަރެމެންގެ ދިރިއުޅުމުގައި ބާކީ އޮތް ދުވަސްކޮޅު ހޭދަ ކުރަނީ ކޮން ތަނެއްގައިތޯ ބެލުމަކީ އެހައި މުހިއްމު ކަމެއް ނޫނެވެ. އެއީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. ދެ ތިން ހަތަރު ފިނި މޫސުމެކެވެ. މި ބިމުގައި ދިރިއުޅުނު ބާރުގަދަ ޤަބީލާ ތަކުގެ ދަރިންނެއް ދެނެއް ނުފެންނާނެ އެވެ. އެއް ދުވަސްވަރެއްގައި އާރާއި، ބާރާއި، ވަރުގަދަ އުއްމީދަކާ އެކު ދިރި އުޅުނު ކާބަފައިންގެ މަހާނަތައް ކައިރީގައި ހިތި ހިތާމައިން މޮޅި ވެފައި ތިބޭ މަދު މީސް ކޮޅަކަށް އެ ޤަބީލާތައް ވެދާނެ އެވެ.އަހަރެމެންގެ މީހުން ފަނާވެދާން ފެށީމާ ހިތާމަ ކުރަން ވީ ކީއް ކުރަން ހެއްޔެވެ؟ ޤަބީލާތައް އުފެދެނީ އިންސާނުން އެކުވެގެންނެވެ. އިންސާނުންނަކީ ކަނޑުގެ ރާޅުތައް ފަދައިން އައިސް، ގޮސްވާ ބައެކެވެ.ދޮންމީހުން ވެސް އެނބުރި ދާން އޮތް މަންޒިލަކީ އެއް މަންޒިލެކެވެ. އަހަރެމެން ދެބައި މީހުންނަކީ އަޚުން ކަމަށް ވެސް ވެދާނެ އެވެ. އަހަރެމެން ބަލާނަމެވެ.ކޮންމެވެސް ދުވަހަކުން ދޮންމީހުންނަށް ވެސް އެނގޭނޭ ކަމެއް މިހާރު އަހަރެމެންނަށް އެނގެ އެވެ. އެއީ އަހަރެމެން އެންމެންގެ ކަލާނގެއަކީ އެއް ކަލާނގެއެއް ކަމެވެ. އަހަރެމެންގެ މި ބިމަކީ އެ މީހުންގެ މިލްކެކޭ ހީވާ ފަދައިން ކަލާނގެއަކީ ވެސް އެ މީހުންގެ މިލްކެއް ކަމަށް ދޮންމީހުންނަށް ހީވެފައި އޮވެދާނެ އެވެ. އެހެން ނަމަވެސް އެއީ އެއް ގޮތަކަށްވެސް އެކަށީގެން ވާ ކަމެއް ނޫނެވެ.އެއީ ހުރިހާ އިންސާނުންގެ ކަލާނގެ އެވެ. ރަތްމީހުންނާއި، ދޮންމީހުން އެ ކަލާނގެ އަށް ހަމަހަމަ އެވެ.މި ބިމަކީ އެ ކަލާނގެ މާތް ކުރެއްވި ތަނެކެވެ. ބިމަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ކަލާނގެ ކޯފާ އަށް ހުރަހޮޅި ގަތުމެވެ. ދޮންމީހުންވެސް ފަނާ ވެދާނެ އެވެ. އެހެން ޤަބީލާ ތަކަށް ވުރެ އަވަހަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ތިމާ އަށް ލިބިފައިވާ އަގު ބޮޑު އެނދު (ބިން) ހަލާކު ކުރަމުން ދާށެވެ. އަމިއްލައަށް ޖެހި ކުނިފުނީގެ ތެރޭގައި ހަލާކުވެދާން ޖެހޭ ދުވަސް ދުރެއް ނޫނެވެ.ފަނާވެ ނިމިގެންދާއިރު ކަލާނގެ ކުޅަދުންވަންތަކަން ފެންނާނެ އެވެ.ދޮންމީހުން އުފައްދަވައި، ކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ޙިކުމަތް އެނގިގެން ނުވާ ސަބަބަކަށް ޓަކައި މި ބިމުގެ މައްޗަށާއި، ރަތްބާގައިގެ މައްޗަށް އެ މީހުންގެ ބާރުގަދަ ކުރެއްވި އެވެ.މި ހުރިހާ ކަމެއްގެ ނިމުން އަހަރެމެންނަށް ވަނީ އަރަތަކަށް ވެފައެވެ. ހުރިހާ ކަންބަޅިތައް މަރާ ހުސް ކުރެވޭ އިރު ވެސް އަހަރެމެންނަކަށް ނުވިސްނެ އެވެ. ބޯޖަންގަލިތައް ހުސްވެ، އެ ތަންތާނގައި އިންސާނުން ވަޒަންވެރިވެ، ފުރި ތޮއްޖެހޭ އިރުވެސް އަހަރެމެންނަކަށް ނޭނގެ އެވެ. ތާޒާ، ރޯ ފަރުބަދަތައް ކޮށައި، ވާހަކަ ދައްކާ ނަރުތައް (ފޯނު ނަރު) ދަމަނީ ކީއް ކުރަން ކަމެއް އަހަރެމެންނަކަށް ނޭނގެ އެވެ.ޖަންގަލީގައި ފުނިޖެހިފައި ހުރި ގަސްތައް ކޮބައި ހެއްޔެވެ؟ ހުސް ވެއްޖެ އެވެ. ގާދޫނި ކޮބައި ހެއްޔެވެ؟ ހުސް ވެއްޖެ އެވެ. ގެރި ބަކަރިއަށް އަލްވަދާޢު ކިޔުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިއީ ޙަޔާތުގެ ނިމުމާއި، ހަލާކުން ސަލާމަތްވާން ކުރާ މަސައްކަތުގެ ފެށުމެވެ.ރަތްބާގައިގެ އެންމެ ފަހު މީހާ މަރު ވުމުން ވެސް އަހަރެމެންގެ ހަނދާނާއި، ރޫޙު މި ތާނގައި ދެމި ހުންނާނެ އެވެ. އަލަށް އުފަންވާ ތުއްތުކުއްޖާފުޅު މަންމަގެ ހިތުގެ ހިނގުން ދެކެ ލޯބިވާ ފަދައިން އަހަރެމެން މި ބިން ދެކެ ލޯބި ވީމެވެ.އަހަރެމެން މި ބިން ވިއްކީމާ އަހަރެމެން ލޯބިވީ ފަދައިން މި ބިން ދެކެ ލޯބިވާން ވާނެ އެވެ! އަހަރެމެން ބެލެހެއްޓި ފަދައިން މި ބިން ބަލަހައްޓަން ވާނެ އެވެ! ބިން ލިބިގަންނައިރު ބިމުގެ ހަނދާންތައް ސިކުނޑީގައި ބިންވަޅު ނަގާށެވެ! ލިބިފައި އޮތް ހުރިހައި އާރަކާއި، ބާރެއްގެ ބޭނުން ކޮށްގެން ވިސްނުންތެރިކަމާއި، އިޚްލާޞްތެރިކަމާ އެކު އަންނަން އޮތް ޖީލަށްޓަކައި މިބިން ރައްކާތެރި ކަމާ އެކު ބަލަހައްޓާށެވެ! މިބިން ދެކެ ލޯބި ވާށެވެ! ކަލާނގެ އަހަރެމެން އެންމެން ދެކެ ލޯބިވެވޮޑިގެންވާފަދައިންނެވެ.އަހަރެމެންނަށް ކަށަވަރުވާ އެއް ކަމެއް އެބަ އޮތެވެ. އަހަރެމެންގެ ކަލާނގެއަކީ އެންމެންގެ ކަލާނގެ އެވެ.

މިބިމަކީ އެކަލާނގެ މާތް ކުރެއްވި ތަނެކެވެ. ދޮންމީހުން ވެސް އެނބުރި ދާން އޮތް މަންޒިލަކީ އެއް މަންޒިލެކެވެ. އަހަރެމެން އެންމެންނަކީ އަޚުން ކަމަށް ވެސް ވެދާނެ އެވެ. އަހަރެމެން ބަލާނަމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ