Print

މަގޭ ދަރިފުޅު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ލިޔުނީ : ބިންމާ އިބްރާހީމް ވަޙީދު

އަހަރެންގެ ދަރިފުޅަކީ ފުޓްބޯޅަ ކުޅެން އެހާ މޮޅު ކުއްޖެއް ނޫނެވެ. އެކަމަކު ވަރަށް ފުޓްބޯޅަ ކުޅޭހިތް ވާނެ އެވެ. ނަސީބު ދިމާކުރި ގޮތުން، އަހަރެންގެ ހުންނަ، ނޭވާހިއްލުމުގެ ބަލި އޭނަގެ ވެސް ހުރެއެވެ. ގިނަ ފަހަރަށް ދަރިފުޅުގެ ނޭވާ އަށް އުނދަގޫކުރަނީ، ވަރުބަލިވާ ކަހަލަ މަސައްކަތެއް ކުރީމަ އެވެ. ދަރިފުޅު އެންމެ ދެރަވަނީ، ސްކޫލްގެ ޓީމަށް އޭނަ ނުނަގަފާނެތީ އެވެ. އާނއެކެވެ. ދަނޑުމަތީގައި އޭނަ އަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. އެކަމަކު، ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރުދޭން، އަހަރެންގެ ދަރިފުޅަށް ވުރެ ކުޅަދާނަ އެހެން ކުއްޖެއް ޓީމަކު ނުހުންނާނެ އެވެ. ސްކޫލަކު ވެސް ނުހުންނާނެ އެވެ.

އަހަރެން ބިރުން ހުރި ދުވަސް އައިސް ޖެހުނެވެ. ފުޓްބޯޅަ ކުޅޭ އުމުރުގެ ސްކޫލަކަށް ދެވުމާއެކު، ޓީމަށް ކުދިން ނަގަންފެށި އެވެ. އަހަރެންގެ ދަރިފުޅަށް ފުޓްބޯޅަ ނުކުޅެވުނަސް، އޭނަގެ ހާލުގެ މައްޗަށް ހަމްދަރުދީވެގެން ނަގަންޏާ، އެ ފަދަ ކިތަންމެ ކުދިންނެއް އެބަތިއްބެވެ. އެހެންކަމުން، ކޯޗު ގާތަށް ގޮސް އާދޭސް ކުރާކަށް ވެސް ނުކެރުނެވެ. ކެތްކޮށްލައިގެން ހުރީ އެވެ. އެ ދުވަހު ދަރިފުޅު ބަލާ ސްކޫލަށް އަހަރެން ދިޔައީ، ވަރަށް ހާސްވެފައި ހުރެގެންނެވެ. ދަރިފުޅު ފެނުނުއިރު އޭނަގެ މޫނުން އަހަންނަށް ފެނުނީ، އެހެންޏާ ނުފެންނަ ކަހަލަ އުފާވެރިކަމެކެވެ.

"އަހަރެން ޓީމަށް ނަގައިފި!" ދަރިފުޅު އައިސް އަހަރެންގެ ގައިގަ ބައްދާލާފައި ބުންޏެވެ.
ދަރިފުޅު ހޮވުނީ ޔަގީނުން ވެސް ބުންވަރު ހުރެގެނެއް ނޫނެވެ. އޭނަގެ ކިބައިގައި ހުރި، ކުދިންނަށް ހިތްވަރުދިނުމުގެ ހުނަރު ކޯޗަށް ފާހަގަކުރެވުނީ އެވެ. އެއީ އުފަލެކެވެ. އެހެންނަމަވެސް، އަހަރެން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އަހަންނަކަށް ނޭނގުނެވެ. އެނގޭ އެއްޗަކީ، ދަރިފުޅު އިންނާނީ ބެންޗުގައި ކަމެވެ. ދުވަހަކު ވެސް، ދަނޑަށް ނޭރޭނެކަން ދަރިފުޅަށް އެނގުމުން ދެން ވާނީ ކިހިނެތް ހެއްޔެވެ؟

އަހަންނަކީ އެކަނި އުޅޭ މަންމައެކެވެ. ދަރިފުޅަށް ފަސް އަހަރު ފުރުނުތަނާ، އޭނަގެ ބައްޕަ އަހަރެން ވަރިކޮށްފައި ގޮސް އެހެން މީހަކާ އިނދެއްޖެ އެވެ. މަންމަ ގާތުގައި އަހަރެން އުޅުނަސް، ދަރިފުޅާއި އަހަންނަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަނީ އަހަރެން އަމިއްލައަށެވެ. އިތުރުގަޑީގައި، އޮފީހަށް ނުގޮސް، ދަރިފުޅު ބޯޅަކުޅޭތަން ބަލަން ދިޔުމަކީ، ލިބޭ އާމްދަނީ މަދުވާނެ ކަމެކެވެ. އަނެއްކޮޅުން، ނުކުޅެ ދަރިފުޅު އިންނަތަން ބަލަން ދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކުޅެން އަރައިފި ނަމަ، އަނެއް ދުވަހު އޭނަ ބަލިވާނެ އެވެ. ރަނގަޅު އެއް ގޮތެއް ވެސް ނެތެވެ. އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟

"ކޮންމެ ކުޅިވަރެއް ވެސް ކުޅެންވާނީ ކުޅިވަރުގެ ހަގީގީ ފޯރީގަ.. މޮޅުވާން ކުޅޭނީ އެކަމަކު ދެރަ ގަބޫލުކުރަން ޖެހުނީމަ ދެރަ ވެސް ޖެހޭނެ ގަބޫލުކުރަން. ޓީމުގަ ވެރިއަކަށް ހުންނާނީ ކޯޗުހެން މަންމަ އަށް ހީވަނީ.. ކޯޗު ބުނާ ބަސް ވަގުތުން އަޑުއަހަންޖެހޭނެ." އަހަރެން ދަރިފުޅަށް ވިސްނައިދިނީމެވެ.

ކޯޗުގެ ބުއްދި ވަރަށް ރަނގަޅެވެ. ދަރިފުޅު ލައްވާ އޭނަ ކުޅުވަނީ، ވަރުބަލި ނުވާ ވަރަށެވެ. ދަރިފުޅު ދެކޭގޮތުގައި، އޭގެ ބޭނުމަކީ، ޕްރެކްޓިސްގައި ހުރިހާ ކުދިންނަށް ފުރުސަތު ދިނުމެވެ. މެޗް ކުޅޭއިރު، ދަރިފުޅަށް މެޗަށް އެރޭނެ އެވެ. އެ ޔަގީންކަން ދަރިފުޅަށް އަބަދު ވެސް އޮވެއެވެ. އެކަމަކު، ދަރިފުޅު މެޗަކަށް ނާރުވާނެ އެވެ. އަހަންނަށް އެކަން އެނގެއެވެ. އެ ޓީމުގައި، އަހަރެންގެ ދަރިފުޅު ބޭނުންކުރާނީ، ކުދިންގެ ހިތްވަރު އާކޮށްދިނުމަށެވެ. ރެފްރީ އާއި ލައިންސްމަން އަކީ، ދަނޑުގައި އެ މީހުން ކުޅޭ މަގާމެވެ. ފުޓްބޯޅަ ޓީމެއްގައި ވެސް، އެކި ކުޅުންތެރިން ކުޅޭނީ އެކި މަގާމަށެވެ. ކޯޗާއި ޑޮކްޓަރ ކުޅޭނީ ދަނޑުން ބޭރުގަ އެވެ. އަހަރެންގެ ދަރިފުޅަކީ ވެސް ދަނޑުން ބޭރުގައި މަގާމެއް އަދާކުރާ ކުއްޖެކެވެ. ޓީމު މޮޅުވުމުގައި، ހުރިހާ ކުދިންގެ ހިއްސާ އޮންނާނެ އެވެ. އަހަރެން ހުރީ އެކަން ގަބޫލުކޮށްގެންނެވެ. ދަރިފުޅަށް ގަބޫލުކުރެވޭނެ ހެއްޔެވެ؟

ކޮންމެވެސް އެއްޗެކޭ ކިޔާފައި، ޓީމުން ދަރިފުޅު ކަނޑާލުމަކީ، އަހަންނަށް ކުރެވިދާނެ ކަމެކެވެ. އެކަމަކު، ދަރިފުޅަށް އަހަރެން ދޭން ބޭނުންވާ މެސެޖަކީ އެއެއް ނޫނެވެ. އަހަރެންގެ ދަރިފުޅަކީ، ކިތަންމެ ނިކަމެތި ކުއްޖަކަސް، ހަމަ އަހަރެންގެ ދަރިފުޅެވެ. މަންމަގެ ހައިސިއްޔަތުން، އަހަރެން ވާންޖެހޭނީ، ނަމޫނާއަކަށެވެ. ދަރިފުޅުގެ ހިތްވަރަކަށެވެ. ދަރިފުޅަށް އަހަރެން ހިތްވަރު ދޭންވާނީ، ފިލާ ރައްކާވެގެނެއް ނޫނެވެ. ކޮނޑާކޮނޑު ޖައްސައި، ސާބިތުވެ، ދަރިފުޅު ގާތުގައި ހުރެގެންނެވެ.
މުބާރާތް ފެށިއްޖެ އެވެ. ދަރިފުޅުގެ ޓީމު ކުޅެންޖެހިއްޖެ އެވެ.

"މަންމަ މިއަދު މެޗް ބަލަން އަންނާނަންތަ؟" ދަރިފުޅު ތައްޔާރުވަމުން އެހި އެވެ.
"އެހެންޏަ!" އަހަރެން ބުނީމެވެ. "މަންމަގެ ދަރިފުޅުގެ ޓީމު ފުރަތަމަ ކުޅޭ ދުވަހު މަންމަ ނުގޮސް ހުންނާނެތަ؟"
ދަރިފުޅު، ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވި އެވެ. އެ އަށް ވުރެ މާރަނގަޅަށް އަހަރެން ހުރީ މެޗަށް ތައްޔާރުވެގެންނެވެ.
"މިއަދު އަހަރެން ގޯލެއް ޖަހާނަން." ދަރިފުޅުގެ އުންމީދުތައް ވަރަށް ފޮންޏެވެ.
"އަހަންނަށް ހިތްވަރު ދެއްވާށި!" ހިތާހިތުން އަހަރެން ބުނެލީމެވެ.

މެޗު ފެށުނެވެ. ދަރިފުޅު އިނީ ބެންޗްގަ އެވެ. އިންޓަރވަލް ވީއިރު ވެސް ކަންތައް އޮތީ އެހެންނެވެ. އަހަރެން ދެކޭގޮތުގައި، ބެންޗުން ދަރިފުޅަށް ޖާގައެއް ލިބުން ވެސް އެއީ ޝްކުރުވެރި ވާންޖެހޭ ކަމެކެވެ. ދެން ބެންޗުގައި ތިބި ކޮންމެ ކުއްޖަކީ ވެސް، ހުނަރުވެރި، ކުޅަދާނަ ކުދިންނެވެ. އަހަރެންގެ ދަރިފުޅަށް ވުރެ މާ މޮޅު ކުދިންނަށް، ބެންޗުން ވެސް ޖާގަ ނުލިބުނެވެ.

މެޗުގެ ދެވަނަ ހާފް ފެށުނެވެ. މެޗު ނިމުނުއިރު ވެސް، ދަރިފުޅު އިނީ ބެންޗުގަ އެވެ. ތިނެއް ސުމަކުން މޮޅުވީ، ދަރިފުޅުގެ ޓީމެވެ. ގެ އަށް ދިޔުމަށްޓަކައި، ދަބަސް ހިފައިގެން ދަރިފުޅު އައެވެ. އަހަރެން ހިނިތުންވެގެން ހުރެ ދަރިފުޅުގެ ބުރަކަށީގައި ފުރުމާލީމެވެ.
"ސާބަހޭ ދަރިފުޅު ތި ކުރި ހިތްވަރަށް!" އަހަރެން ބުނީމެވެ. "ހާދަ މޮޅޭ!"
ދަރިފުޅު ކުޑަކޮށް ހައިރާންވި އެވެ. އަދި އަހަންނަށް ބަލައިލި އެވެ.

"މަންމަ ދުށިންތަ ތިންވަނަ ގޯލް ޖެހިތަން؟" ދަރިފުޅު އެހި އެވެ. "އެ އޯވަރހެޑް ހާދަ ސަޅިއޭ.. ދެވަނަ ގޯލްގެ ޕާސް ވެސް ވަރަށް ސަޅި.. އަހަރުމެން ކޮޅަށް ވަންނަންދިޔަ ގޯލް، ކީޕަރ ސޭވްކުރިތަން ދުށިންތަ؟ އަސްލުގަ އެ ބޯޅަ ވަނަސް ނުވާނެ ގޯލްއަކަށް.. އެއީ އޮފްސައިޑް ގޯލަކަށް ވާނީ.. ނޫންތަ މަންމާ؟"
"މަންމަ އަށް ހަމަ ދަރިފުޅު ވަރެއް ނެތް." އަހަރެން ބުނީމެވެ. "މެޗްކުޅޭތަން ދަރިފުޅު ބަލަން އިންނައިރު، ދަރިފުޅު އިންނަނީ ވަރަށް ކިކުގަ.. މަންމަ އަށް ވަރަށް މަޖާ.. އަދި ކުއްލިކުއްލި އަށް ދަރިފުޅު ފޯރިނަގާއިރު، ހީވަނީ ހަމަ މަންމަހެން.. ދަރިފުޅަށް އެނގޭތަ، ބާރަ ފަހަރު ދަރިފުޅު އިސްޓާކީނު މައްޗަށް އެރުވި.. ދަރިފުޅު ހިތްއަވަސްވެފަ އިންނަކަން ވެސް މަންމަ އަށް އެނގޭ.. އެހެންވެގެނެއްނު ފަސް ތަށި ފެން ބޮވޭނީ.. ތިން ފަހަރު މޫނުގަ ވެސް ފެން އުނގުޅީމެއްނުދޯ؟"

ދަރިފުޅު ހައިރާންވެގެން އަހަންނަށް ބަލާކަން އަހަންނަށް އެނގުނެވެ. އަހަރެން ވާހަކަ ކުރިއަށް ގެންދިޔާމެވެ.
"ބެންޗުން ކުޅެންއެރި، ނަންބަރު އަށަކާ، ފަހަކާ، ނުވައެއްގެ ކޮނޑުގަ ޖަހާލާފަ ދަރިފުޅު ހިތްވަރުދިންތަން ފެނުނީމަ މަންމަ ވަރަށް އުފާވި." އަހަރެން ބުނީމެވެ. "ހަތް ފަހަރު ދަރިފުޅު ފުންމައިގެން ގޮނޑިން ތެދުވި.. ހާދަހާ ފޯރިއެކޭ ދަރިފުޅު ދިނީ.. ދަރިފުޅަށް ހަމަ ސާބަސް!"
"މަންމަ އަށް ކިހިނެތް ތި ހުރިހާ އެއްޗެއް އެނގުނީ؟" ދަރިފުޅު އެހި އެވެ. "ކީއްވެ ތި ބުނީ ދަރިފުޅު ވަރެއް ނެތޭ؟ އަހަރެން ދަނޑަކަށް ނުވެސް އަރަމެއްނު!"
އަހަރެން ދަރިފުޅު ގަޔާ ކައިރިކޮށްލީމެވެ. އަދި ބުނީމެވެ.
"މަންމައަކަށް ނޭނގެ ދަރިފުޅު ތި ކިޔާ އޮފްސައިޑަކީ ކޯޗެއްކަމެއް. މަންމައަކަށް ނޭނގެ ފުޓްބޯޅައިގެ ޤަވާއިދެއް ވެސް.." ހިނިތުންވެލާފައި އަހަރެން ބުނީމެވެ. "މަންމަ އެ ތަނަށް އައީ ފުޓްބޯޅަ ބަލާކަށް ނޫން.. މަންމަ އައީ ދަރިފުޅު ބަލަން."

ދަރިފުޅު އަހަރެންގެ ގައިގަ ބައްދާލި އެވެ. އަހަރެންގެ މަގްސަދު ހާސިލްވީ އެވެ. ދަނޑަށް ނުދިޔަ ނަމަ، ނުވަތަ ދަރިފުޅު ޓީމުން ވަކިކުރި ނަމަ، އެ ދުވަހު ދަރިފުޅަށް ކުރެވުނު އުފާވެރި އިހްސާސް، ދުވަހަކު ވެސް އޭނައަކަށް ނުކުރެވުނީހެވެ. އަހަންނަށް ތަޖުރިބާ ކުރެވުނު ގޮތުގައި، ދަރިންނަސް ހިތްވަރު ދޭންވީ، ކަންކަމުން ރެކިގެނެއް ނޫނެވެ. ސާބިތުވެ، ދަރިފުޅު ގާތުގައި ހުރެގެންނެވެ. މަންމައިންނަކަށް ދުވަހަކު ވެސް ގޮތެއް ހުހެއްނުވާނެ އެވެ. (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ