Print

ދާއިމީ ހިތްހަމަ ޖެހުން ލިބޭނީ ކިހިނެއް؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ޢަޤީދާ


އިޔާޒު ނަސީމް

އަޅުގަނޑުމެން ދިރިއުޅެމުންދާ މިދުނިޔޭގެ ކަންތައްތަކަށް ފުންކޮށް ވިސްނާ މީހަކަށް އެތައް ކަމެއް ހާމަވެ ކަޝްފުވަމުން ދާނެއެވެ. ހަމަ އެކަނި އިންސާނާއާ މެދު ވިސްނާމީހަކަށް ވެސް ތަފާތު އެތައް ކަމެއް ފެނި ކަށަވަރުވެގެންދެއެވެ. ދުނިޔެއަށް އިންސާނަކު އުފަންވާ ގޮތެވެ. އުފަންވާ ވަގުތު އިންސާނާ އަށް އަމިއްލަ ބާރުގައި އެއްވެސް ކަމެއް ނުކުރެވޭ ކަމެވެ. މީހުންގެ އެހީތެރިކަމަށް ބޭނުންވާ މިންވަރެވެ. އޭގެ ފަހުން އެމީހާ ބޮޑުވެ ޒުވާނަކަށް ވާ ގޮތެވެ. ދެން މުސްކުޅިވެ ގައިބާރު ދޫވުމުން އަނެއްކާވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ ގޮތެވެ. ކެއުން ބުއިމުގެ ކަންތައްތައް ގެންގުޅޭ ގޮތާއި ބަލިވުމެވެ. ބަލިވުމުން ފަރުވާ ކުރަންޖެހޭ ގޮތެވެ. މިފަދަ އެތައް ކަމެކެވެ. 
 
މިއީ ދުނިޔެ ހިނގަމުންދާ ގޮތެވެ. ދުނިޔޭގެ ތާރީޚު އެނގެން ފެށީއްސުރެ މިއަދާ ހަމައަށް ވެސް އެއްވެސް އިންސާނަކު މި މަރުޙަލާތައް ކަޑައްތު ކުރަން ނުޖެހި ދުނިޔޭގައި އުޅެފައެއް ނުވެއެވެ. އިންސާނުންގެ ވެށި ތަރައްޤީވެ މިހިސާބަށް އައި އިރުވެސް އިންސާނާ ބޭނުންވާ އަސާސީ ކަންކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ވިސްނާ މީހާއަށް މި ޙަޤީޤަތް ހާމަވާ ވަގުތުން ފެށިގެން ވެސް އިންސާނާ އާއި އެހެނިހެން މަޚްލޫޤާތުތަކާއި އަދި ދުނިޔޭގެ ކަންތައްތައް ހިނގަމުން މިދާ ފުރިހަމަ ނިޒާމަކީ އެކްސިޑެންޓަކުން ވުޖޫދަށް އައިސްފައިވާ އެއްޗެއް ނޫންކަން އެނގިދެއެވެ. އަލަށް ވިހާ ތުއްތު ކުއްޖާއާ ބަޔަކު އަޅާ ނުލައިފިނަމަ ނުވަތަ އޭނާގެ ބަނޑު ފުރާނަ މުއްތިކޮށް ނުދީފިނަމަ އޭނާ އަށް އަމިއްލަ ޒާތުގައި އެކަމުން މިންޖުވެ ފުރާނަ ސަލާމަތް ކުރެވޭނެ މަގެއް ނުހޯދޭނެކަން ދަންނަ މީހާއަށް އިންސާނާއާއި މިކާއިނާތުގައިވާ މަޚްލޫޤާތުތަކަކީ އަމިއްލަ ޒާތުގައި ދިމާވި އެކްސިޑެންޓަކުން ބަދަލުވަމުން އައި އައުމަކުން ފައިދާވި ޕްރޮޑަކްޓެއް ނޫންކަން އެނގެއެވެ. މިއީ މާގިނަ ދިރާސާ ތަކަކަށް ބޭނުންވާ ކަމެއް ނޫނެވެ. ހަމަ އެހެންމެ މިޙަޤީޤަތް ދެނެގަތުމަށް ޓަކައި ބޮޑު ކުތުބުޚާނާއެއްގައި ދިރާސާ ތަކެއް ކުރާކަށް ވެސް ނުމެޖެހޭމެއެވެ. ދުނިޔެއާއި ދުނިޔޭގައިވާ މަޚްލޫޤާތު ތަކަކީ ކުޅަދުންވަންތަ ޚާލިޤަކު ޚަލްޤު ކުރައްވާފައިވާ ތަކެތިކަން ދެނެގަންނާކަށް މާގިނަ ވަޤުތުތަކެއް ބޭނުމެއް ނުވެއެވެ.
 
ކާއިނާތުގައި ކަންތައް ހިނގަމުންދާ ނިޒާމުގެ މި ޙަޤީޤަތް ދަންނަ ކޮންމެ މީހަކުވެސް ތިމާއާ ތިމާގެ ވަށައިގެންވާ ތަކެތި ހައްދަވައި ތިމާގެ ބޭނުންތައް ފުއްދުމުގައި ތިމާގެ ވަށައިގެންވާ ތަކެތި ބޭނުން ކުރެވޭ ގޮތް ހަމަ ޖެއްސެވީ ކާކު ކަން ދެނެގަންނަން ބޭނުން ވުމަކީ ފިޠްރީ ކަމެކެވެ. ކަންތައްތަކަށް ވިސްނައި ޙަޤީޤަތަކީ ކޮބައިކަން ހޯދުމުގެ ޝައުޤުވެރިކަން ހުރުމަކީ ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް ހުންނަ ސިފައެކެވެ. އެކި މީހުންގެ ކިބައިގައި މިސިފަ ހުންނަނީ އެކި މިންވަރަށެވެ. ތިމާގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ވަށައިގެންވާ ކަންތައް ތަކުގެ ޙަޤީޤަތް ދެނެގަތުމުގެ ޝައުޤުވެރިކަން ކުޑަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އޭނާގެ އަމިއްލަ ނަފްސު އޭނާއާ މި ސުވާލުތައް ކުރެއެވެ. އަހަރެން އުފަންވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މަންމަ އާއި ބައްޕައަކީ އަހަރެން އުފަން ވުމުގެ ސަބަބު ކަމުގައި ވެފައި އެމީހުން އުފަންވުމުގެ ސަބަބަކީ އެމީހުންގެ މައިންބަފައިން ކަމުގައިވާ އިރު މިސިލްސިލާ ނިމެނީ ކިހާ ހިސާބަކުން ބާވައެވެ؟ ޙަޔާތުގެ ޙަޤީޤަތާ މެދު އަހަންނަށް އެނގިފައިވާ ކަންތައްތަކާއި ބުނެދެވިފައި ހުރި ކަންތައްތަކާއި ޤަބޫލު ކުރެވިފައި ހުރިކަންތައްތަކުގެ ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟ މިފަދަ އެތައް ސުވާލެކެވެ. ބައެއް ފަހަރު ވާ ގޮތަކީ މި ސުވާލުތަކުގެ ޖަވާބު ހޯދާނީ ކިހިނަކުން ކަން ނޭނގިގެން އެމީހާ ގެ އަޞްލު ހޯދުމަށް ކުރަން ފެށި ދަތުރު ނިންމާލަން ޖެހުމެވެ. މި ހިސާބުން ހިތަށް ތަސައްލީއެއް ނުލިބުނު ކަމުގައި ވިޔަސް އެއީ ވެސް ދުނިޔޭގައި އިންސާނާ ދިރިއުޅެމުންދާ އިރު ބޭނުންވާ ބައެއް ކަންކަން ނުކުރެވޭ ފަދައިން ތިމާއަށް ނުކުރެވުނު ކަމެއްގެ ގޮތުގައި ކަނޑައަޅަނީ އެވެ. މިފަދަ މީހަކަށް ތިމާ ބޭނުން ކުރާ ތަފާތު ތަކެތީގެ ބޭނުމާއި އެތަކެތި ބޭނުންވަނީ ކޮން ވަޤުތަކުކަން އެނގޭ އިރުވެސް ތިމާގެ ބޭނުމަކީ ކޮބައިކަން ބުނެދޭކަށް ނޭނގެއެވެ. އަތުކުރީގައި ގަޑި އަޅަނީ ކީއްވެގެން ކަން، އައިނު އަޅަނީ ކީއްވެގެން ކަން ބުނެދޭން އެނގޭމީހާއަށް އެމީހާ ދުނިޔެއަށް އައިސް ހުރީ ކޮންބޭނުމަކު ކަން ބުނެދޭން ނޭނގުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. އެއީ އެންމެ ބޮޑު ހިތާމައެވެ. ތިމާގެ ވަށައިގެންވާ ކޮންމެ އެއްޗެއްގައި ވެސް ބޭނުމެއް އެކުލެވޭ އިރު ތިމާއަކީ އެއްވެސް ބޭނުމެއް ނެތް ބޭކާރު އެއްޗެއް ކަމުގައި ޤަބޫލު ކުރެވުމަކީ އިންސާނެއްގެ ޙަޔާތުގައި ލިބޭނެ އެންމެ ބޮޑު ދެރައެވެ. ދިރިހުރުމުގެ ޙަޤީޤަތް ހޯދަން އިންސާނާ މަސައްކަތް ކުރާ ސަބަބަކީ މިއީއެވެ. އެއީ އެކަން އޭނާއަށް ނޭނގުނު ކަމުގައި ވިޔަސް މެއެވެ. 
 
މި ސުވާލުތައް ޖަވާބު ހޯދުމަކީ އިންސާނާއަށް އެކަނި ކުރެވޭނެ ކަމެއް ކަމުގައި ނުވާތީއާއި އިންސާނާ އުފައްދަވާފައިވާ މަޤްޞަދު ޙާޞިލުކުރަން އިންސާނާ ބޭނުންވާނެތީ ކާއިނާތުގައިވާ ތަކެތި ޚަލްޤު ކުރެއްވި މަތިވެރި ޚާލިޤުވަނީ އިންސާނާއަށް އޭނާގެ މި ސުވާލުތަކަށް ޖަވާބު ހޯދޭނެ މަގު ފަހިކޮށް ދެއްވާފައެވެ. އަދި ހަމައެހެންމެ އިންސާނާއަށް އޭނާ އުފައްދަވާފައިވަނީ ކީއްވެގެންކަން އަންގަވައިދެއްވާފައެވެ. އެއިލާހުގެ ރަސޫލުން ވަނީ ޚާލިޤުވަންތަ އިލާހުގެ ރިސާލަތު މީސްތަކުންނަށް އިއްވާފައެވެ. އެބޭކަލުން ވަނީ ދުނިޔޭގައި އިންސާނާ އުޅެންޖެހޭ ގޮތުގެ ފުރިހަމ ނަމޫނާ ދައްކަވާފައެވެ. އެނަމޫނާއަށް ބަލައިގެން އެބޭކަލުންގެ ޙަޔާތް ދިރާސާކޮށްގެން އެގޮތަށް އުޅެވޭތޯ މަސައްކަތް ކުރުމަކީ ކާމިޔާބުގެ ރާސްތާއަށް އިންސާނާއަށް ވާޞިލުވެވޭނެ ހަމައެކަނި މަގެވެ. އޭނާގެ ހިތަށް ދާއިމީ އުފާވެރިކަން ވެރިވެގެންދާނޭ ހަމައެކަނި ގޮތް ވެސް މެއެވެ. 
 
ދުނިޔެއަށް ތަފާތު ދުވަސްވަރު ތަފާތު ރަސޫލުން ފެތުރުއްވި ރިސާލަތުތައް އިންސާނާ އޭނާގެ އަމިއްލަ ހަވާ ނަފްސާ އެއްގޮތަށް ބަދަލު ކުރުމުގެ ނަތީޖާއަކަށް ވަނީ އެ ރިސާލަތުން ދޭ ތަޢުލީމު އޮޅުން ބޮޅުން ވެގެން ދިއުމެވެ. މީގެ ސަބަބުން އިންސާނާއަށް އިތުރު ފުރުޞަތުތަކެއް ދެއްވުމުގެ ގޮތުން ޚާލިޤުވަންތަ އިލާހު އިތުރު ރަސޫލުން ފޮނުއްވިއެވެ. މި ބޭކަލުން ގެންނަވާ ރިސާލަތުތަކަކީ އައު އެއްޗެއް ނޫނެވެ. އައު އެއްޗެއް ކަމުގައި ހީވާ ސަބަބަކީ ތިމާމެންގެ އަމިއްލަ ހަވާ ނަފްސުގެ އެދުންތަކާ އެއްގޮތަށް ކުރީގެ ރިސާލަތުތައް ބަދަލުކޮށްލާފައިވުމެވެ. 
 
މިއަދު މުޅި ދުނިޔޭގައިވާ މިފަދަ ރިސާލަތުތައް ނުވަތަ ދީންތަކަށް ވިސްނައި ބަލައި ދިރާސާކޮށްފި ކޮންމެ މީހަކަށް ވެސް މިވަޤުތު ދުނިޔޭގައި ބަދަލުނުވެ އޮތް ހަމައެކަނި އިލާހީ ރިސާލަތަކީ އިސްލާމް ދީންކަން އޮޅުމެއް ނެތި އެނގިގެންދާނެއެވެ. ތިމާ އުފަންވީ މުސްލިމެއްކަމުގައިވާތީ ތިމާއަށް އެހެން ހީވަނީ ކަމުގައި ވިސްނޭ މީހާއަށް ވެސް އެއްވެސް ފަރާތަކަށް ނުޖެހި ވިސްނުމުގެ ތިލަފަތް ވަކިކޮޅަކަށް ބަރުނުކޮށް ވިސްނާލައިފި ކަމުގައިވާ ނަމަ ޙަޤީޤަތަށް ވާޞިލުވެވޭނެއެވެ. 
 
އިސްލާމްދީނަކީ ކޮބައިކަން އޮޅިފައިވާ ކަމަށް ބައެއް މީހުން ބުނަމުންދަނީ އެމީހުންނަށް އިސްލާމް ދީނުގެ ޙަޤީޤަތް ނޭނގޭތީއެވެ. އިސްލާމްދީނަށް ތަބަޢަ ވާން ޖެހެނީ ކިހިނެއް ކަން ނޭނގޭތީއެވެ. އިސްލާމް ދީނުގެ ސިފަތައް ބަޔާން ވެފައިވަނީ އިލާހީ ކަލާމްފުޅުގައި ކަމާއި އިސްލާމް ދީނަށް އުޅެންވީ ގޮތް އެނގޭނީ މާތް ރަސޫލާގެ ސުންނަތުން ކަން ދަންނަ އެއްވެސް މީހަކަށް އިސްލާމްދީނަކީ ކޮބައިކަމެއް ނޯޅޭނެއެވެ. އަދި ހަމަ އެހެންމެ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ކަމުގައިވާ އިލާހީ ކަލާމްފުޅާއި މާތް ރަސޫލާގެ ސުންނަތް މާނަ ކުރަންޖެހޭނީ މާތް ރަސޫލާގެ ޞަޙާބީންގެ ފަހުމަށް ބަލައިގެން ކަން އެނގޭ އެއްވެސް މީހަކު އިސްލާމްދީނުގައި އެކިކަންކަމާ މެދު ކަނޑައެޅިފައިވާ ޙުކުމްތަކަކީ ކޮބައިކަން ނޭނގިގެންނެއް ނުއުޅޭނެއެވެ. އެހެނީ ފުރިހަމަ މުސްލިމަކީ ޞަޙާބީންގެ ފަހުމާ އެއްގޮތްވާ ގޮތުގެ މަތިން ޤުރުއާނާއި ސުންނަތަށް ތަބަޢަވާ މީހާއެވެ. ދިރިއުޅުމުގެ މަޤްޞަދު ޙާޞިލުވީ ކަމުގެ ފޮނި ރަހަ ލިބޭނީ މިފަދަ މީހުންނަށެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ