Print

ޕަހަޕަހައިސް!!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


''މޫސަބޭގެ ކަޅުރަތްހާ" މި މައުޟޫޢުގެ ދަށުގައި އަޅުގަނޑު ތަންކޮޅެއް ކުރީން ފަންވަތުގެ އަހުލުވެރިންނާ ހާދިސާއެއް ހިއްސާކޮށްލީމެވެ. އެ މަޒުމޫނު ވިދާޅުވި ބޭފުޅުން މިހާރު މޫސަބޭގެ މިޒާޖަކަށް ބީރައްޓެއްސެއް ނޫން ދޮގެއްތޯއެވެ؟ މޫސާބޭގެ ވައްޓަވާޅިއާއި ދިރިއުޅުމުގެ ގޮތްބާވަތް ތަޞައްވުރުކޮށްލައްވާކަށް ދަތިފުޅެއް ނޫން، އެހެން ނޫންތޯއެވެ!

މި ފަހަރުގެ މި ފަތްފުށުގައި ވެސް މިހިމަނާލަނީ އެ މޫސަބޭގެ ވާހަކަ އެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެ މޫސާބޭ އަކީ، ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ. އުޅުންތެރި މަސައްކަތްތެރިި މީހެކެވެ. ކާބަފައިންގެ އާދަކާދަތަކާއި ގޮތްފޮތް ދަމަހައްޓަން ފިސާރި ވަރު ހުންނަ އަބުއި މީހެކެވެ. މާބޮޑު ތަޢުލީމެއް ލިބިފައިނެތަސް ދުނިޔޭގައި ހިނގާކަންކަމާމެދު ފިކުރުހިންގައި އެކަންކަމާބެހޭ މަޢުލޫމާތުތައް ހޯދުމަށް ވެސް ޝައުޤުވެރިކަން ބަހައްޓާ މީހެކެވެ.


މީނާގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އޭނާގެ ވާހަކަ ދެއްކުމުގައި އެ ހުންނަ ލޮނުހެޔޮވަރުކަމެވެ. މީހުންގެ ސަމާލުކަން އަތުލައިގަތުމުގައި ހުންނަ ކުޅަދާނަކަމެވެ. ޖަހާ މިސާލުތަކާއި ގެންނަ ޙުއްޖަތްތަކާއި، އޭނާ އެ ބުނާ ބުނުމެއް އަނެކުންގެ ދޭހައަށް ބޮޑަށް ތިލަ ކޮށްދިނުމަށްޓަކައި، އަތްފަަޔާއި މުޅިހަށިގަނޑުވެސް ހިމެނޭގޮތަށް ބައެއް ފަހަރަށް ތަމްސީލުކުރާ ޙަރަކާތްތަކުގައި ހުންނަ އޮލަކަމާއި ނަލަކަމެވެ.

މި ހުރިހާ ކަމަކާ އެކުވެސް، މޫސަބޭއަކީ، ކަމަކަށް ނުވާޒާތު ކަންކަމުގައި ވަރަށް ކުއްލި ސިނގު ރުޅިއެއް އަންނަ މީހެކެވެ. މިހެން އަންނަ ރުޅިގަނޑުގެ ހޫނުކަން ސާބިތުވާ އެންމެ ކަށަވަރުު ދަލީލަކީ، މޫސަބެއަށް، ކާވަންޏެއްގެ މަތީގައި ދެމިނުހުރެވޭކަމެވެ. ޢުމުރުން 45 އަހަރު ފަހަނަޅައި ފަންސާހުގެ އަހަރުތަކަށް ހަށިގަނޑު މިލަމުންދިޔަ ދުވަސްވަރުގައި ވެސް މޫސަބޭ ހުރީ ހުސްހަށިބައިވެފަ އެވެ.

މި ގޮތުގައި ދުވަސްކޮޅަކު ހުރެފައި އެގޮތަކުން މިގޮތަކުން ފުރުޞަތެއް ހޯދައިގެން ބޯޓުދަތުރުކުރަން ރާއްޖޭން ބޭރަށް ދެމިގެންފިއެވެ. އެތައް އަހަރެއް ވަންދެން މި މަސައްކަތުގައި އުޅުމަށްފަހު ރަށަށް އައިސް ގެ އަޅައި ގެޔަށް ބޭނުންވާ އެނދުއަށްޓާއި، ގެވެހި ސާމާނު، ކަންވާރު، ފެހާމާނު، އެންމެ ޒަމާނީ ފެންވަރުގައި ހަމަކޮށްފިއެވެ. އޭނާ ގެ ބަހުރުވައިންނަމަ ގޯތީގައި ''ކެބަޅި'' ޖަހައިލައި ދުނިޔެއަށް ހިންދެމިލެވިއްޖެ އެވެ.

މިހާރު މޫސަބޭގެ ގެޔަށް މަދީހަމަ އެންމެ އެއްޗެއް ދޮގެއްތޯއެވެ! ތިޔަ ހީފުޅު ކުރެއްވީ ހަމަ ރަނގަޅަށެވެ. އެއެއްޗަކީ، މޫސާބޭގެ ހިތުގެ ރިހުންތަކަށް ލުޔެއްދޭނޭ، މޫސާބޭއަށް ހެޔޮއެދޭނޭ ވަފާތެރި، އަނތްބެކެވެ. އަޅުގަނޑުމެންނަށް ވުރެ ބޮޑަށް މިކާމާ މިހާރު ވިސްނަމުން ދާނީ ވެސް މޫސާބޭތާ އެވެ!

މޫސަބޭގެ ހުވަފެންތަކަށް ކުލައަންނާކަށް ދިހަބާރަ އަހަރެއްް ނުނެގިއެވެ. މާގިނަ ދުވަހެއް ނުވެ ތާކުން ގުރާފުޅެއް އަތުއަޅުވައިގެންފި އެވެ. މޫސަބޭއަށް ވުރެ އަށެއްކަ އަހަރު ޢުމުރުން ހަގު އަންހެނެކެވެ. އެކަމަކު، މި ކަނބުލޭގެ އަކީ، މީގެ ކުރިން ދެތިން ހަތަރު ކާވަންޏެއް ކޮށް، އެންމެ ފަހުން އިން މީހާ މަރުވެ ހުވަފަތްވެފައި އިންއަންހެނެކެވެ.
މޫސަބޭ ފަދައިން މީނާގެ ވެސް ދަރިޔަކު ނެތެވެ!

މި އަންހެންމީހާގެ ޙާލަތު މިފަދަ ގޮތަކަށް ހުއްޓަސް މީނާ އަކީ ވަރަށް އުފާވެރި މިޒާޖެއްގެ މީހެކެވެ. އަޑުވީއްލައި ބާރުބާރަށް އެހެރަ ޖަހާލާ ހިނގަނޑުން ގެއެއްގެ ''ފުރާޅުވެސް ބުރުއްސާލައިފާނެ'' އެވެ. އޭނާ ސާމާސާ ކޮށްނުލާނެ މީހެއް، އޭނާއާ ސަމާސާ ކޮށްނުލާނެ މީހެއް، އެ ރަށުގައި ވަރަށްމަދުވާނެއެވެ. އޭނާއަކީ، އެންމެންގެ ވެސް ރަށްޓެއްސެކެވެ. ރަޙްމަތްތެރިޔެކެވެ! އޭނާގެ މި ހިތްްހެޔޮ މިޒާޖުގެ ސަބަބުން ގިނަބަޔަކު ގަޔާވާ، މުނިފޫހިފިލުވައިދޭ ގޮތެއް ހުންނަ މާޖާ އަންހެނެކެވެ. ނަމަވެސް ސުލޫކާ އަޚުލާޤުގައި ކުންޏެއް މިލައެއް ޖެހިފައެއް ނެތެވެ.

ދޮންއައިސަގެެ ކިބައިގައިވާ މި ސިފަތައް މޫސަބޭއަށް ނޭނގި އޮތީ، ރަށަކީ ބޮޑު، މާރަށަކަށް ވެފައި މި ދެމީހުންނަކީ ރަށުގެ ދެފަރާތުގައި އުޅޭ، އަދި ދެއަވަށަށް ނިސްބަތްވާ ދެމީހުންނަށް ވީމާކަމަށް ވެދާނެ އެވެ. ދިރިއުޅުމަށް މޫސަބޭ ކުރާ މަސައްކަތުގެ ބާވަތުން، ގިނައިން ރަށުންބޭރުގައި އުޅެވޭތީ ކަމަށް ވެސް ވެދާނެ އެވެ! އެދުވަސް ވަރުގެ އާދަކާދައިގެ މަތިން މީހަކު ފޮނުވައިގެން ވެވުނު އެއްބަސް ވުމެއްގެ ދަށުން ކާވަނީގެ ގޮށްޖަހައި ލެވުނީ އެހެންވެތާއެވެ! މާޒީގައި މި ދެ މީހުންގެ ވެސް ވީރާނަ ވެފައިވާ ލޯބީގެ ބަގީޗާއަށް އެ ގޮތް، އެ ދިމާވާންޖެހުނީ ކީއްވެތޯ، އެކަކު އަނެކަކަށް، ސުވާލު ވެސް ކޮށްނުލައި ކާވަންޏަކާ ހަމަޔަށް ދިޔައީ، ކުރިމަތީގައި އޮތް ތަނަވަސް ބާއްޖަވެރި ދިރިއުޅުމުގެ ހުވަފެނުގައެވެ. އޭރުގެ ހަނދާންތައް އޭރަށް ދޫކޮށްލައިފަ އެވެ. މީހުން ކޮށްފާނެ މަލާމާތަކަށް، ދިމާކޮށްފާނެ ދިމާކުރުމަކަށް ވެސް ބެލުމެއްނެތިއެވެ.

ކޮންމެއަކަސް ވެދިޔަތަން ވެދިޔަ ގޮތަކަށް ވެހިނގައްޖެއެވެ. ވެއްޖެ ކަމަކާ ޙައްޖާ ހަމަ ނޫންހެއްޔެވެ؟ މި ހާރު މޫސަބެއާ އޭނާގެ އަނބި ދޮން އައިސައާ ދެ މިތުރުންކުރެ އެކަކީ ވެސް އެމީހުންގެ މާޒީ ހަނދާން ކުރާނެ މީހެއް ނޫނެވެ. މޫސަބޭގެ މުއްސަނދި ކަމުގައި މުޅިރަށަށް ކިޔައިގެން ބޭއްވުނު ކާވަނި ޕާޓީން މިކަން ރަނގަޅަށް އެނގެއެވެ. މި ޖޯޑުގެ ލޯބީގެ ތާޒާކަން ހާމަ ވެ އެވެ.

ކާވަނި ކުރިތާ ތިންވަނައަށް ވީ ދުވަހެވެ. ދެވެރިން އެކީގައި ރަށުތެރެ ބަލައިލަން ހަވީރު ނިކުމެލިއެވެ. ފެންވަރައި ޒީނަތްތެރިވެ ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. ދެފަރާތުގެ ތިމާގެ ގޭގެއަށް ޒިޔާރަތްކޮށްލުމުގެ ވެސް ނިޔަތުގައެވެ.

މަގުމަތީގައި ހިނގައިފައި ދާއިރު ދިމާވާ އެކި އެކި މީސްމީހުންނާ ދޮންއައިސަ އާދައިގެ މަތިން ވާހަކަ ދައްކާލައި ހަދާލައެވެ. ބައެއް މީސް މީހުން ކުރިން އިސްވެ ދޮންއައިސަގެ ކަންފަތް ދޮށަށް ލެނބިލައި ކޮންމެ ވެސް ލާނެތް އެއްޗެއް ބުނެލައިފާނެއެވެ. ކާވަނިން ލިބުނު އާ ދިރިއުޅުމުގެ އުފާވެރިކަން ދޮން އައިސަގެ ޠަބީޢަތަށް އިތުރު ދިރުމެއް ގެނެސް ދީފައިވާތީ ވެސް ތޯއްޗެކެވެ! އޭނާަ ހަމަ ދަނީ ހިންޏާ ފަޅަފަޅައިގެންނެވެ. ބައެއް މީހުން މި ބުނެލާ ސަމާސާގެ ބަސްތަކާހެދި، އޭނާ އަށް ހަމަ، ކުޑަވެސް ހިފެހެއްޓުމެއް ނެތި ކަކަކަކަ އަޅައިފައި ހީނގަނެވެނީއެވެ. މިކަން ތަކުރާރުވަމުން ދިޔަވަރަކަށް މޫސާބޭގެ މޫނުގެ ކުލަވަރު އޮފުކެނޑެމުން ކިލަނބުވަމުން އެބަހަަރަގެން އާދެެއެވެ. ދޮން އައިސަޔާ މި ބައްދަލުވާ މީސް މީހުންނާމެދު މޫސަބޭގެ ހިތުގައި ކޮންވެސް އެހެން ޒާތެއްގެ ޝައްކެއްވެސް ހިނގަނީ ތޯއްޗެކެވެ. އެކަމަކު މިކަން ދޮން އައިސައަށް ރޭކާވެސް ލާނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެހިތް ހަމަ ސާފެވެ! އޭނާގެ މިޒާޖެވެ! ޠަބީޢަތެވެ!

ބުރު ނިންމާލައިފައި ގެޔަށް އައިސް ވަދެވުނީ އިރުއޮއްސި ޖެހުނު އަނދިރިޔާ އެކުގައެވެ. އޭރު މޫސަބޭގެ މޫނުވެސް ހަމަ އެހާ އަނދިރިއެވެ. ހުރީ ހަމަ އަލިފާންކަހަލަ ރުޅިއައިސް، ދެ ލޮލުން ކަނި ބުރާލާފަ އެވެ. ގެއަށް ހަމަ ވަދެވުމާ އެކު އޭނާ ދޮންއައިސަގެ ކުށުގެ މައްޗަށް ޙުކުމް ކޮށްފި އެވެ. ދޮންއައިސަބޭގެ އެ ހީނލުމުން މޫސަބެއަށް ކުރީ މާ ހިތްގައިމު އަސަރެއް ނޫންތާއެވެ! ހާޒިރު ކުރުޖަވާބަށްމޮޅު، ކަންކަން ތަރުޖަމާ ކުރުމުގައި އާދަޔާ ޚިލާފު ބަސްމަގެ ގެންގުޅޭ މޫސަބެ ދޮން އައިސަގެ ހުނުންގަނޑުގެ މައްޗަށް ފަހުގެ ނިންމުން އިޢުލާނު ކުރިއެވެ.

" މީ ކޮން ފާޑެއް. އެއް ފިރިހެނަކާ ދިމާވާއިރަށް ޕަހަޕަަހައިސް! އަނެއް ފިރިހެނަކާ ދިމާވާއިރަށް ހަހަހަހައިސް! އަނެއް ގެއެއްގެ ދޮރުމައްޗަށް ގޮސް ހުއްޓެވޭ އިރަށް ކަހަކަހަައިސް!.... މަށަކަށްނުވާނެ! ތިޔާއިނީ ވަރިކޮށްފާ! އަވަހަށް ނިކުމެގެންދާންއުޅޭ!"
----------------------------

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ