އަދުގެ ޚާއްސަ

Print

ދިވެހީންގެ ދިވެހިބަހާއި މާދަރީބަސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިން ވާހަކަދައްކާ ބަހަކީ ދިވެހި ބަހެވެ. ދިވެހީންގެ ބަހެވެ. ދިވެހިންގެ ދިވެހިވަންތަކަން ރަމްޒުކޮށްދޭ ހަމައެކަނި މަޞްދަރެވެ. ދިވެހީންނަށް ލިބިފައިވާ ހަމައެކަނި ޚާއްޞިއްޔަތަކީ ދިވެހި ބަހެވެ. ދިވެހީންނަކީ ސައްތައިންސައްތަ މުސްލިމު ޤައުމެކޭ ބުނެ ޚާއްޞަވެވޭކަށްނެތެވެ. އެހެނީ އެފަދަ އެހެން ޤައުމުތައް އެބަހުއްޓެވެ. ދިވެހީންނަކީ ޢާރިޔަން ދަރިކޮޅުގެ ބަޔެކޭ ބުނާއިރު ދިވެހިންނާ ވައްތަރު އެތައް ބަޔެއް އެކި ޤައުމުތަކުގައި އެބަދިރިއުޅެއެވެ. އެކަމަކު ދިވެހިބަހަކީ އަހަރެމެންގެ ބަހޭ، އެއީ އަހަރެމެންގެ އަމިއްލަ ބަހޭ ބުނެ ފަޚުރުވެރިވެވެން އެބަ އޮތެވެ. އަދި އަހަރެމެންގެ ބަހުގެ އަކުރަކީ އަހަރެމެންގެ އަމިއްލަ އެއްޗެކޭ، އަމިއްލ އުފެއްދުމެކޭ ބުނެވެން އެބަ އޮތެވެ. އެހެންވީމާ، ދިވެހިބަހަކީ ދިވެހީންނަށް ލިބިފައިވާ ޚާއްޞިއްޔަތެކެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް ބަހާއެވެ. އެއީ ދިވެހި ކާބަފައިންގެ ބަހެވެ. ތާރީޚުގެ އެންމެ އިހުއްސުރެ ދިވެހީންގެ މާދަރީ ބަހެވެ. އެހެންވީމާ ދިވެހީންގެ މާދަރީބަހާމެދު ފަޚުރުވެރިވުން ޙައްޤެވެ.

ދިވެހިބަހަކީ އަހަރެމެންގެ މާދަރީބަހެވެ. މިޙަޤީޤަތާމެދު އިޢުތިރާޟްކުރާނެ ދިވެއްސަކު ނުހުންނާނެއެވެ. ނަމަވެސް ދިވެހިބަސް ދިވެހީންގެ މާދަރީބަހަށް ވީ ކީއްވެހެއްޔެވެ؟ އެއީ ދިވެހި ކާބަފައިންގެ ބަހަށް ވީތީހެއްޔެވެ؟ މާދަރީބަހުގެ މާނައަކީ މައިންބަފައިންގެ ބަސްހެއްޔެވެ. ނުވަތަ މަންމަގެ ބަސްހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ކުއްލިޔަކަށް ދިނުން ބައެއް މީހުންނަށް އުނދަގޫވެއެވެ. އާދޭހެވެ! މާދަރީބަހުގެ ޙަޤީޤީ މާނަ ބައެއް މީހުންނަށް ވަނީ ހިސާބަކަށް އޮޅިފައެވެ. ބައެއް މީހުންގެ ނަޒަރުގައި މާދަރީބަހަކީ އެ މީހެއްގެ މައިންބަފައިންގެ ބަހެވެ. މަންމަޔާއި ބައްޕަގެ ބަހެވެ. ނަމަވެސް މާދަރީބަސް މާނަކުރެވެނީ އެޔަށްވުރެ މާ ފުޅާ ދާއިރާއެއްގައެވެ.

ބައެއް ފަހަރު "ފުރަތަމަބަހާއި" "ދެވަނަ ބަސް" (ފަސްޓް ލެންގުވިޖާއި ސެކަންޑް ލެންގުވިޖް) ބޭނުންކުރަނީ ބަހުގެ އަހުލުވެރިޔާއަށް އެންމެ ރަނގަޅަށް އެނގޭ ބަހާއި ދެން އެނގޭބަސް އޮޅުންފިލުވައިދިނުމަށެވެ. ފުރަތަމަބަހާއި ދެވަނަ ބަހާއި ތިންވަނަބަހަކީ އެ މީހަކަށް އެކި ބަހުގެ ހުނަރުތައް އެނގޭ މިންވަރުގެ ތަރުތީބު އަންގައިދިނުމަށް ބޭނުންކުރެވޭ މަފުހޫމްތަކެކެވެ. ބައެއް ފަހަރު ޤައުމީ ބަސް ނުވަތަ ރަށުބަސް (ނޭޓިވް ލެންގވިޖް) ބޭނުންކުރަނީ އެ ތަނެއްގައި އެހެން ދެވަނަ ބަހެއް ނޭނގޭ އެންމެން ވާހަކަދެއްކުމަށް ބޭނުންކުރާ މައިގަނޑު ބަހުގެ މާނައިގައެވެ.

މާދަރީ ބަހަކީ އެ މީހަކު އުޅެ ބޮޑުވާ ގޭތެރެއިން (ޢާއްމު ގޮތެއްގައި) މަންމަގެ ފަރާތުން ދަސްވާ ބަހެވެ. ދެބަހަކުން ވާހަކަދައްކާ ޢާއިލާއެއްގައި ބޮޑުވާކުއްޖެއްގެ މާދަރީބަހުގެ ގޮތުގައި ދެ ބަސްވެސް ހިމެނިދާނެއެވެ. ބައެއް ބަސްވާރުން ބަޔާންކުރައްވާ ގޮތުގައި "މާދަރީބަހަކީ އެމީހަކު އެޅެބޮޑުވި ގޭތެރެއިން ޅަފަތުގައި ފުރަތަމަ ދަސްވެ، ރަނގަޅަށް އެނގި ހަނދާން ހުންނަ ބަހެވެ."

"މާދަރީބަސް" ނުވަތަ "މަދަރޓަންގ"އަކީ ކޮންމެހެން އެ މީހެއްގެ މަންމަގެ ބަސްކަމުގައި ވާކަށް ނުޖެހެއެވެ. މިސާލަކަށް ދެބަހަކުން ވާހަކަދައްކާ ދެމީހަކު ކާވެނިކޮށްގެން ލިބޭ ދަރިފުޅު ގޮވައިގެން ފިރމީހާގެ ރަށަށް ހިޖްރަކުރަންޖެހޭ ޙާލަތްތަކުގައި އެ ކުއްޖަކަށް ފުރަތަމަ ބަހެއްގެ ގޮތުގައި ދަސްވާނީ އެ ދިރިއުޅޭ ތަނެއްގެ އަހުލުވެރިންގެ ބަހެވެ. މިސާލަކަށް އުތުރުކަރައިގެ އަންހެނުން ރާއްޖޭގެ ފިރިހެނުންނާ ކާވެނީގެ ގޮތުން ގުޅިގެން ލިބޭ ދަރިން ދިވެހިރާއްޖޭގައި އުޅެ ބޮޑުވާނަމަ އެކުދީންނަށް އެކުދީންގެ ފުރަތަމަ ބަހަކަށް (މާދަރީބަހަކަށް) ވަނީ ދިވެހި ބަހެވެ. އަދި ބޭރުކަރައެއްގެ ދެމަފިރިންގެ ތުއްތު ދަރިފުޅުގެ ވަރަށް ޅަފަތުގައި ރާއްޖެއަށް ޒިޔާރަތްކޮށް ދިވެހި ޢާއިލާއަކާއެކު ދިރިއުޅޭނަމަ އެކުއްޖަކަށް ދިވެހިބަހާއި މައިންބަފައިންގެ ބަސް ހަމަ އެއްވަރަކަށް އެނގިދަސްވެދާނެއެވެ. މިފަދަ ޙާލަތްތަކުގައި އެފަދަކުދީންގެ މާދަރީބަހަކަށް ދެބަސްވެސް ވެދާނެއެވެ.

ބައެއް ޤައުމުތަކުގައި "މާދަރީބަސް" ނުވަތަ މަދަރޓަންގ ބޭނުން ކުރެވޭތީ ފެންނަނީ އެބަޔެއްގެ ނަސްލަށް ނިސްބަތްކޮށެވެ. މިސާލަކަށް ސިންގަޕޫރުގައި ފުރަތަމަ ބަހެއްގެ ގޮތުގައި އިނގިރޭސިބަސް ބޭނުންކުރާ ވަކި ފަރުދަކީ މެލޭދަރިކޮޅުގެ މީހެއްނަމަ އެމީހުންނާ ނިސްބަތްކޮށް ވާޙަކަދެއްކޭނީ އެދަރިކޮޅުގެޢާއްމު މާދަރީބަސްކަމުގައިވާ "މެލޭ" އަށް ނިސްބަތްކޮށެވެ. އަޔަރލޭންޑްގެ އައިރިޝް ދަރިކޮޅުގެ މީހެއްގެ މާދަރީ ބަހަކީ އިނގިރޭސިކަމުގައިވިޔަސް އެ ފަދަ މީހުންނަށް ނިސްބަތްކުރެވެނީ އެ ދަރިކޮޅުގެ ބަހަށެވެ. އޭނާގެ ފުރަތަމަ ބަހަށެވެ. މާދަރީ ބަހުގެ މާނަކަމަށް ދިވެހިބަސްފޮތުގައި "ތިމާގެ އަމިއްލަ ބަސް" ކަމުގައި އޮންނަނީ މިސަބަބުތަކާހުރެ ކަމަށް ވުން އެކަށީގެންވެއެވެ.

އާދޭހެވެ! މާދަރީ ބަހަކީ ހަމައެކަނި ތިމާގެ މަންމަގެ ބަހެއްނޫނެވެ. އެއީ ތިމާގެ ބަހެވެ. ތިމާގެ އަމިއްލަ ބަހެވެ. ތިމާއަށް ޅަފަތުގައި ދަސްވެ އެނގޭ ތިމާގެ މައި ބަހެވެ. ތިމާގެ ހިތުގައި އުފެދޭ ޚިޔާލާއި ޝުޢޫރުތައް އެ ބަހަކުން އުފެދިގެން އަންނަ، ތިމާގެ މައިގަނޑު ބަހެވެ. ތިމާ ބޮޑުވެ ދިރިއުޅޭ މުޖްތަމަޢުގެ އަހުލުވެރީންގެ އަޞްލު ބަހެވެ. އެއީ ތިމާ އެ ބަހަކަށް ކޮށިވެއްޖެނަމަ ތިމާގެ ޚިޔާލާއި ފިކުރު ހާމަކުރުމުގައި ދަތިތަކެއް ދިމާވާނެ، ތިމާގެ އަމިއްލަ ބަހެވެ. ތިމާގެ އަހުލުވެރީންގެ ބަހެވެ. ތިމާގެ މާދަރީބަހަކީ އެއީއެވެ.

މާދަރީބަހަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެހެނީ އެއީ ޢިލްމާއި މަޢުލޫމާތުގެ ދޮރޯއްޓެވެ. އެންމެ ޅަފަތުއްސުރެ، އޭނާގެ ހިތުގައި ޚިޔާލާއި ޝުޢޫރުތައް އުފެދިގެން އަންނާނީ މާދަރީބަހުންކަމަށް ބަސްވާރުން އެއްބަސްވެވަޑައިގަންނަވައެވެ. އަދި މާދަރީބަހަށް މޮޅުވެ ކުރިއަރައިދިޔުމަކީ އެހެން ބަސްތައް ދަސްކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންވާ ކަމެއްވެސްމެއެވެ. ވީމާ ކުދިންގެ ޅަފަތުގައި ކުއްޖާގެ މާދަރީ ބަހުގެ ހުނަރުތައް އިތުރުކުރުމަށް ސަމާލުކަން ނުދެވި އެހެން ބަހަކަށް މާބޮޑަށް ސަމާލުކަން ދެވިއްޖެ ނަމަ އެއީ ކުއްޖާގެ ތަޢުލީމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ނޫނީ ނުވާނެއެވެ. މިސާލަކަށް ދިވެހިންގެ މާދަރީބަހުގެ އަހުލުވެރިކުއްޖަކަށް ދިވެހިބަސް ހެޔޮ ގޮތުގައި ދަސްކޮށްދިނުމަށް ސަމާލުކަން ނުދެވި، ދިވެހި ބަސް އެނގޭނެކަމަށް ބަލައިގެން ބޭރުބަހެއް ދަސްކޮށްދިނުމަށް ހަމައެކަނި ސަމާލުކަން ދެވިއްޖެ ނަމަ، އެކުއްޖަކަށް ދެ ބަސް އެނގުނުކަމަށް ވިޔަސް އެ ދެބަހުންކުރެ އެއްވެސް ބަހަކަށް އޭނާ މޮޅުވެ، އޭނާ ކުރިއަރައިދިޔުމަށް ދަތިތަކެއް ހުންނާނެއެވެ. ތަޢުލީމީ ގޮތުން ކުރިއަރައިދިޔުމަށް ދަތިތަކަކާ ކުރިމަތިވާނެއެވެ.

ކަން މިހެން ހުރުމާއެކު، ޢިލްމީ ގޮތުން ކުއްޖަކު ކުރިއަރައި ދިޔުމަށް އެދޭނަމަ އެކުއްޖެއްގެ މައިން ބަފައިންގެ މައްޗަށް ލާޒިމުވެގެންވަނީ މާދަރީބަހަށް ކުއްޖާ އަހުލުވެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. ދެވަނަ ބަހެއް ދަސްކޮށްދިނުމަށް މަސައްކަތްކުރުން އަންނަން ޖެހޭނީ އިސްކަންދޭ ތަރުތީބުން ދެވަނައަށެވެ. ކުއްޖާގެ ޚިޔާލާއި ފިކުރު ތަރައްޤީވެ ކުރިއަރައިދިޔުމަށް ފަސޭހަވާނީ މި ގޮތުގައެވެ. އެހެންވީމާ، އެންމެން ދިވެހިބަހުން ބަސްމޮށެ އުޅޭ މި ދިވެހިރާއްޖޭގައި އުފަންވެ ބޮޑުވެ ދިރިއުޅޭ ކޮންމެ ކުއްޖެއްގެ މާދަރީބަހަކީ ދިވެހިބަސް ނޫން އެހެންބަހެއްކަމުގައި ވިޔަ ނުދިނުމަށް މައިންބަފައިން ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ދަންނަވައިލާ ހިތް ވެއެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ